އެރިކްސެން ޔުނައިޓެޑަށް ކުޅެން އެއްބަސްވެއްޖެ

ހިތަށް ދިމާވި މައްސަލައަށް ފަހު އޭނާ އަންނަނީ އަނެއްކާ ވެސް މޮޅަށް ކުޅެމުން

ބްރެންފޯޑްގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސެން ހިލޭ ޓްރާންސްފާއެއްގައި ގެންނަން މެންޗެސްޓާ ޔުނައިޓެޑުން އެއްބަސްވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ވަނީ ޔުނައިޓެޑާ އެކު އަނގަބަހުން އެއްބަސްވުމަކަށް އައިސްފަ އެވެ. އޭނާ ވަރަށް އަވަހަށް މެޑިކަލް ޓެސްޓް ހަދައި އެއްބަސްވުމުގައި ސޮއިކުރާނެ އެވެ.

އެރިކްސެން ބްރެންފޯޑާ ގުޅުނީ މިދިޔަ އަހަރުގެ ޔޫރޯގައި ހިތަށް ދިމާވި މައްސަލައަކާ ގުޅިގެން ޑިވައިސްއެއް ލައްވައިގެން ކުޅެން ޖެހޭތީ، އޭރު ކުޅެމުން ދިޔަ އިންޓަ މިލާނުން ދޫކޮށްލުމުންނެވެ. އިންޓަ އިން ދޫކޮށްލީ އެ ޑިވައިސް ލައްވައިގެން ކުޅެން އިޓަލީ އޮލިމްޕިކް ކޮމިޓީން ހުއްދަ ނުދިނުމުންނެވެ.

އެރިކްސެން ވަނީ މިދިޔަ ސީޒަނުގައި ބްރެންފޯޑާށް 11 މެޗު ކުޅެދީ، ހަތަރު ގޯލް ޖަހަން އެހީވެދީ އެއް ގޯލް ޖަހައިފަ އެވެ. އޭނާ މޮޅު ކުޅުމެއް ދައްކަން ފެށުމުން ބްރެންފޯޑުން އޭނާގެ ކޮންޓްރެކްޓް ދާއިމީކުރަން މަސައްކަތްކުރި އެވެ. އަދި ކުރީގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް އިން ވެސް އޭނާ ގެންދަން މަސައްކަތްކުރި އެވެ. އެކަމަކު އެރިކްސެން ނިންމީ ޔުނައިޓެޑުގެ އޮފާ ގަބޫލުކުރާށެވެ.

އެރިކްސެން ވެގެންދާނީ ޔުނައިޓެޑުގެ އާ ކޯޗު އެރިކް ޓެން ހާގްގެ ދައުރުގައި ގެންނާނެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

އެ ޓީމު ވަރުގަދަނުކުރާތީ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ކްލަބް ދޫކޮށްލަން ނިންމައިފަ އެވެ. އެކަމަކު އޭނާ ވިއްކާލަން އެ ކްލަބުން ބޭނުމެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް