Majlis 2024

ގާސިމްގެ ވިލާއަށް ދޫކުރި ފެންފުށީ ފަޅު: އެ ފަޅުގައި އެއްވެސް މަޝްރޫއުއެއް ނުހިންގުމަށް ޖަމިއްޔާތަކުން ވަނީ ގޮވާލާފައި

ތިމާވެށި

ގެއްލުން ބޮޑުވާނެ ކަމަށް ބުނެ، ފެންފުށީ ފަޅުގައި ރިސޯޓު ނުހަދަން ހަތް ޖަމިއްޔާއަކުން ގޮވާލައިފި

ސަރުކާރުން ވަނީ ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުންޏަށް ފެންފުށީ ފަޅުގެ ބޮޑު ބައެއް ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައި

އދ. ފެންފުށީ ފަޅަކީ އާންމު ރައްޔިތުންނާއި ތިމާވެށްޓާއި ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް މުހިންމު ފަޅަކަށްވާތީ އެ ފަޅުގެ ބޮޑު ބައެއް ހިއްކައިގެން ރިސޯޓު ހަދައިފި ނަމަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބުނެ އެ ފަޅުގައި އެއްވެސް މަޝްރޫއުއެއް ނުހިންގުމަށް މަދަނީ ހަތް ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

މައްސަލައިގެ ފެށުން - ސަރުކާރުން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެދިވަޑައިގަތް ގޮތަށް އޭނާގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުންޏަށް ފެންފުށީ ފަޅުގެ ބޮޑު ބައެއް ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފަ އެވެ. ފެންފުށީ ފަޅު ދޭން މިދިޔަ އޮގަސްޓް މަހު ގާސިމް އެދިވަޑައިގަތީ އޭނާގެ ކުންފުންޏަށް ދޫކުރި ތ. އެލާ ހިމަނައިގެން އެ އަތޮޅު ވޭމަންޑު އާއި ކިނބިދުއާ ދެމެދު ކޯޒްވޭ އެޅުމަށް ސަރުކާރުން ނިންމާފައިވާތީ އެލާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުންނެވެ.

ތަފްސީލް - ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނީ ގާނޫނީ ގޮތުން ހިމާޔަތްކުރެވިފައިވާ ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަންޕާ) އޮތް މުހިންމު ސަރަހައްދާ ކައިރިން ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދިމުމަށް ފަޅެއް ދޭއިރު، ތިމާވެށްޓަށް ލިބިދާނެ ގެއްލުންތަކަށް ރިއާޔަތްކޮށް އެ ފަޅަކީ އެއްވެސް ކަހަލަ މަޝްރޫއުއެއް ހިންގުމަށް ދެވިދާނެ ފަޅެއްތޯ ބަލައި ޔަގީން ކުރަން ޖެހޭ ކަމަށެވެ. އަދި ސަންޕާއާ އިންވެގެން އޮތް އެ ފަޅުގެ ބޮޑު ބައެއް ފަތުރުވެރިކަމަށް ދިނުމަކީ ޖަމިއްޔާތަކުން ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

އެ ފަޅު ފަތުރުވެރިކަމަށް ދިނީ އެކަމާ ދެކޮޅަށް ކަމާގުޅުންހުރި މާހިރުން އަޑުއުފުލައި ޓޫރިޒަމް މިނިސްޓްރީއަށް އެކަމުގެ ޝަކުވާ ހުށަހަޅާފައި ވަނިކޮށް އެކަމަށް ވެސް އަދި ސަންޕާއަށް ލިބިދާނެ ގެއްލުމަކަށް ވެސް ބެލުމެއް ނެތި ކަމަށް ބަޔާނުގައިވެ އެވެ. ގެއްލުންތަކުގެ އަސަރު ކުޑަކުރުމަށް ދުރާލާ އެއްވެސް ކަހަލަ ފިޔަވަޅެއް އެޅިކަމެއް ނުވަތަ އަޅާނެ ކަމަކަށް ވެސް މިނިސްޓްރީން ބުނެފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޖަމިއްޔާތަކުން ވަނީ އެ ތަން ޓޫރިޒަމަށް ތަރައްގީ ކުރުމުގެ ސަބަބުން ފެންފުށީ ރައްޔިތުންނަށާއި މިހާރު ހުރި ޓޫރިޒަމް ވިޔަފާރިތަކަށް ވެސް ނޭދެވޭ އަސަރު ކުރާނެކަން ފާހަގަކޮށްފަ އެވެ. އަދި އެ ފަޅު ތަރައްގީ ކުރަން ސަރުކާރުން ނިންމާފައި ވަނީ ފެންފުށީ ރައްޔިތުންގެ ގިނަ ބޭނުންތަކަކަށް ބޭނުންކުރަމުން އަންނަ ފަޅެއްގައި ކަމަށް ވުމުން، ފަޅުން ބައެއް ހިއްކައިގެން ރިސޯޓެއް އެޅުމަކީ އެ ރަށު ރައްޔިތުންނާއި ކައުންސިލުން ދެކޮޅުހަދާ ކަމެއް ކަމަށް ކައުންސިލުން ބުނެފައި ވަނިކޮށް ކަމަށް ވެސް ވެ އެވެ.

އެނގުން މުހިއްމު - މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ދައުރު'އިން ޓޫރިޒަމް މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީން ފޯރުކޮށްދިން މައުލޫމާތުތަކުގައިވާ ގޮތުން:

  • ފެންފުށީ ފަޅުން ބޮޑުފިނޮޅުގެ ހުޅަނގަށް އޮންނަ ބައި ގާސިމްގެ ވިލާ ޝިޕިންއަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައި ވަނީ މިދިޔަ އޭޕްރީލް 18ގައި

  • އެ ފަޅު ދިނީ އެލާ ސަރުކާރަށް ނަގާތީ އޭގެ ބަދަލުގައި ކަމަށް ވެސް މިނިސްޓްރީން ބުނި

  • ޓޫރިޒަމް މިނިސްޓްރީން އެ ތަން ވިލާއަށް ދޫކޮށްފައި ވަނީ 99 އަހަރަށް

ފެންފުށީ ފަޅުގައި ރިސޯޓު އެޅުމާ ދެކޮޅަށް ގުޅިފައިވާ ބަޔާން ނެރުނު ޖަމިއްޔާތައް:

  • ސޭވް މޯލްޑިވްސް

  • ޓްރާންސްޕޭރެންސީ މޯލްޑިވްސް

  • އީކޯކެއާ މޯލްޑިވްސް

  • މޯލްޑިވްސް ރެޒިލިއަންޓް ރީފްސް

  • ސޭވް ދަ ބީޗް

  • ލޭންޑް ސީ މޯލްޑިވްސް

  • ޒީރޯ ވޭސްޓް މޯލްޑިވްސް

ޖަމިއްޔާތަކުން ބުނި ގޮތުގައި ފެންފުށީ ފަޅު މުހިންމުވާ ސަބަބުތައް

  • ފެންފުށީގެ ރައްޔިތުން ފަރު މަސްވެރިކަމާއި ހުއިފިލަނޑާ ނެގުން ފަދަ އިގުތިސާދީ މަސައްކަތްކޮށްގެން މަހެއްގެ މައްޗަށް ތިން ލައްކައެއްހާ ރުފިޔާ ހޯދުމަށް އެހީތެރިވެދޭ ވަސީލަތެއް

  •  ކޯމަސް ބެލުން ފަދަ ފަތުރުވެރިކަމާ ގުޅުންހުރި މަސައްކަތްތަކެއް ވެސް ކުރަމުންދާ ސަރަހައްދެއް

  • ފަޅު ހިއްކައިފިނަމަ، ފެންފުށީގެ ގިނަ ރައްޔިތުންތަކެއް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ

  • ކޯމަހާއި ޒިބްރާ ޝާކް އަދި އެހެނިހެން މަސްމަހާމެހި އާލާވެ އެ ދިރުންތައް ބޮޑުވުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއް

  • ފެންފުށީ ފަޅަށް ސީދާ ގޮތުގައި ގެއްލުން ލިބި، ކައިރި ސަރަހައްދުތަކުގެ ފަރުތައް ރަނގަޅު ސިއްހަތެއްގައި ދެމިއޮތުމަށް ބޭނުންވާ މޫދުއަޑީގެ ދިރުންތަކަށް އަސަރުކުރާނެ

  • ކައިރީގައި އޮންނަ ސަންޕާއަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ރާއްޖެއިން ފެހުރިހި ފެންނަ ހަމައެކަނި ސަރަހައްދު

އެ ފަޅު އޮންނަނީ ރާއްޖޭގައި އެންމެ ގިނަ ރިސޯޓުތައް ހުރި ސަރަހައްދުކަން ފާހަގަކޮށް، ޖަމިއްޔާތަކުން ބުނީ، ގެސްޓްހައުސް އާއި ޑައިވް ވިޔަފާރި ފުޅާދާއިރާއެއްގައި އެ ސަރަހައްދުގައި ހިންގޭ އެންމެ ބޮޑު އެއް ސަބަބަކީ އެ ސަރަހައްދުގައި ސަންޕާ އޮތުން ކަމަށެވެ.

ފެންފުށީ ފަޅަކީ ސަންޕާ އާއި އިންވެގެން އޮންނަ ފަޅަކަށް ވުމުން، އެ ފަޅު ހިއްކައިފި ނަމަ، ސަންޕާއަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، އެ ސަރަހައްދުގެ ނާޒުކު ތިމާވެށި އިތުރަށް ހީނަރުވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި މީގެ ކުރިން ވެސް ހިންގި ބިން ހިއްކުމުގެ ނޭދެވޭ އަސަރު އެތަނަށް ކުރިކަން ފާހަގަ ކުރި އެވެ.

"ސަންޕާގެ ވަށައިގެންވާ ބަފަރޒޯންގައި މީގެ ކުރިން ހިންގާފައިވާ ބިންހިއްކުމުގެ މަޝްރޫއުތަކުގެ ނޭދެވޭ އަސަރު ވަނީ ސަންޕާއަށް ކޮށްފައެވެ. މިގޮތުން، ވިލާ ކުންފުނިން ހިންގާ މާމިގިލީ އެއާރޕޯޓް ބޮޑުކުރުމުގެ މަޝްރޫއަށް ބިންހިއްކުމުގެ ސަބަބުން، ސަންޕާގެ ލޮނުގަނޑު ތަގައްޔަރުވެ، އޭގޭ ނޭދެވޭ އަސަރު އެތަށް މަހެއްވަންދެން ކޮށްފައިވެ އެވެ،" އެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން، ކްލައިމެޓް އިމަޖެންސީގެ ހާލަތެއް ރާއްޖޭގައި އިއުލާނުކޮށްފައިވާއިރު އެ ފަޅު ހިއްކުމުގެ ޕްރޮޖެކްޓް ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް އެދި ޓޫރިޒަމް މިނިސްޓަރަށް ފޮނުވި ސިޓީގެ ޖަވާބުގައި، ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާނީ އީއައިއޭއެއް ހެދުމަށް ފަހުގައި ކަމަށް މިނިސްޓްރީއިން ބުނެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެކަމަކު، ރާއްޖޭގައި އީއައިއޭ ބޭނުން ކުރަނީ ގެއްލުމަށް ނުބަލައި މަޝްރޫއުތައް ހިންގަން ބޭނުން ކުރާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

"ފާއިތުވި އަހަރުތަކުގައި ކަންހިނގާފައިވާ ގޮތަށް ބަލާލާއިރު، ރާއްޖޭގައި އީއައިއޭ ބޭނުން ކުރަނީ ހަގީގަތުގައި ވެސް ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރަށް ބެލުމެއްނެތި، މަޝްރޫއުތައް ހިންގުމަށް ފެހި ސިގުނަލެއް ދޭ ސިޔާސީ ހަތިޔާރެއްގެ ގޮތުގަ އެވެ،" ބަޔާނުގައިވެ އެވެ.

ފަސްމަންޒަރު - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2017ގައި ވިލާއަށް ދީފައި އޮތް ތ. އެލާ، ގދ. ގަޒީރާ، ރ. މާނެންފުށި، ކ. ބޮލިދުއްޕަރުފަރު އަދި އެ އަތޮޅު ވާވެއްދިފަޅު އަތުލަން ނިންމައި އެ ތަންތަނަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެ ކުންފުނިން 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ދައްކަން އެންގި އެވެ. ނަމަވެސް ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ފަސް ރަށް ސަރުކާރުން އަތުލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެ ފަސް ރަށުގެ މައްސަލަ ވިލާ ކުންފުންޏާ އެއްކޮޅަށް ސުޕްރީމް ކޯޓުން އޭޕްރީލް 2018ގައި ވަނީ ހުކުމްކޮށްފަ އެވެ.

ފެންފުށީ ފަޅުން ގާސިމަށް ދޫކުރި ބަޔަކި ވިލާގެ ސަން އައިލެންޑް ރިސޯޓަށް ވުރެ ފަސް ގުނަ ބޮޑު ސަރަހައްދެކެވެ. އެ ފަޅު މިހާރު ދޫކޮށްފައިވާ ނަމަވެސް، އެތަނުގައި ރިސޯޓް ހެދުމުގެ މަސައްކަތް ވިލާ އިން އަދި ފަށާފައެއް ނުވެ އެވެ.

ގުޅުންހުރި -  ބޮޑު ފަޅެއް އޮންނަ ފެންފުށީގެ ރައްޔިތުން އެ ފަޅު ހިއްކުމާ އަބަދު ވެސް ދެކޮޅު ހަދަ އެވެ. އެގޮތުން، ފެންފުށީ ފަޅު ހިއްކައިގެން ބޮޑުފިނޮޅު ރިސޯޓް ތަރައްގީ ކުރަން ފެށުމުން ވެސް މީގެ ކުރިން އެ ރަށުގެ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް