(ވ-ކ) ސައުދީ ވަލީއަހުދު މުހަންމަދު، އުރުދުންގެ ރަސްގެފާނު އަބްދުﷲ އަދި އެ މަނިކުފާނުގެ ދަރިކަލުން ވަލީއަހުދު ހުސެއިންއާ އެކު. (ފޮޓޯ/ އޭޕީ)

ސައުދީ ވަލީއަހުދު މުހަންމަދު އުރުދުންއަށް ވަޑައިގެންފި

މުހަަންމަދުގެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ހީނަރުވެފައި އޮތް ގުޅުން ރަނގަޅުވާނެ ކަމަށް ވަނީ ބެލެވިފައި

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހަންމަދު ބިން ސަލްމާން އުރުދުންއަށް ވަޑައިގެންފި އެވެ.

ވަލީއަހުދު މުހަންމަދު އުރުދުންއަށް ވަޑައިގެންފައި މި ވަނީ ސައުދީ އާއި އުރުދުންގެ ގުޅުން ފާއިތުވެދިޔަ އަހަރުތަކެއްގެ ތެރޭގައި ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށެވެ. މިއީ ފަސް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތެރޭގައި އުރުދުންއަށް މުހަންމަދު ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށުނު ކޮވިޑުގެ ބަލިމަޑުކަމާއި މިދިޔަ ފެބްރުއަރީ މަހު ފެށުނު ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އުރުދުންގެ އިގްތިސާދަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

"މިއީ އުރުދުން އާއި ސައުދީ އަރަބިއްޔާގެ ގުޅުމުގެ އާ ހަރުފަތެއް ފެށުމަށާއި އިގްތިސާދީ މަޝްރޫއުތަކާއި އާ އިންވެސްޓްމަންޓުތައް ގެނައުމަށް ލިބިފައިވާ ފުރުސަތެއް،" އުރުދުންގެ އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވި އެވެ.

ވަލީއަހުދުގެ ދަތުރުފުޅާ އެކު ފާއިތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ސައުދީން އުރުދުންގައި އިންވެސްޓްކުރަން ކަނޑައަޅާފައިވާ 3 ބިލިއަން ޑޮލަރުގެ އެކި ޕްރޮޖެކްޓުތައް ފެށޭނެ ކަމަށް އުރުދުންގެ ވިޔަފާރިވެރިންނާއި އޮފިޝަލުން އުއްމީދުކުރައްވަ އެވެ.

ސަރަހައްދީ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިދިޔަ ހޯމަ ދުވަހު މުހަންމަދު ވަނީ މިސުރަށް ވަޑައިގެންފަ އެވެ. އަދި މިހާރު އުރުދުންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މުހަންމަދު ދެން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ތުރުކީ އަށެވެ.

ސައުދީ ވަލީއަހުދު މުހަންމަދު ސަރަހައްދީ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅޭ. (ވީޑިއޯ/ ވީއޯން)

އިޒްރޭލު-ފަލަސްތީނު މައްސަލަ އާއި ސަރަހައްދީ ސަލާމަތީ ކަންތައްތަކުގައި އުރުދުން އާއި ސައުދީން ވަނީ ޒަމާންތަކެއް ވަންދެން ގާތް ގުޅުމެއް ގެންގުޅެފަ އެވެ. ނަމަވެސް ފާއިތުވެދިޔަ އަހަރުތަކުގައި މި ދެ ގައުމުގެ ގުޅުން ހީނަރުވެފައި ވަނީ ޔަމަންގެ ހަނގުރާމަ ފަދަ ސައުދީގެ ބައެއް ސިޔާސަތުތަކަށް އުރުދުން އިން ފުރިހަމައަށް ތާއީދު ނުކުރާތީ އެވެ.

އޭގެ އިތުރުން، ސައުދީން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރާ އެކު ބޭއްވި ގާތް ގުޅުމުގެ ސަބަބުން އަރަބި-އިޒްރޭލު ސުލްހައިގެ މަސައްކަތަށް އުރުދުން އިން ކުރަމުން ދިޔަ މަސައްކަތްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވިކަމަށް އުރުދުން އިން އޭރު ދެކުނެވެ.

ނަމަވެސް އީރާނުގެ ނިއުކްލިއާ މައްސަލަ ފަދަ ބައެއް ކަންކަމުގައި މި ދެ ގައުމުން ގެންގުޅެމުންދާ ވިސްނުން އަދިވެސް އެއްގޮތެވެ. އީރާނުގެ ނިއުކްލިއާ މަސައްކަތްތަކުގެ ސަބަބުން މެދުއިރުމަތީގައި ސުލްހަމަސަލަސްކަން ގެއްލެމުންދާ ކަމަށް ރިޔާދާއި އައްމާން އިން ދެކެ އެވެ.

ވަލީއަހުދު މުހަންމަދުގެ ދަތުރުފުޅާ އެކު ސައުދީ އާއި އުރުދުންގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަވެ، އުރުދުންގެ އިގްތިސާދު ކޮޅަށް ޖެހުމަށް ސައުދީން އެހީތެރިވެދޭނެ ކަމަށް އުރުދުން އިން އުއްމީދު ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް