ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމް ގޯސް ކަމަށް ގޮވާލައި، އެމަނިކުފާނު މިނިވަންކުރަން އަޑުއިއްވަން ރޭ ޕީޕީއެމް ކޯލިޝަނުން އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުން (ފޮޓޯ/ޕީޕީއެމް)

ރޭގެ ދެ އެއްވުމާއި އާޓިފިޝަލް ބީޗުގެ މާޒީ

އެމްޑީޕީ ހަރުގޭގައި ރައީސް ސޯލިހު ވާހަކަފުޅު ދެއްކެވި އިރު ޕީޕީއެމްގެ ބައިވެރިންގެ އަޑުއިއްވުން އެތަނާ ކައިރީގައި ކުރިއަށް ގެންދިޔަ
5 ޖެނުއަރީ 2023

ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި އޮތީ މާޒީގެ ތެރެއަށް ވަދެލައި، ކަންކަން ހަނދާންކޮށްލަން ރަނގަޅު، ސިޔާސީ ދެ ބައްދަލުވުމެކެވެ؛ އާޓިފިޝަލް ބީޗުގެ އެއް ފަޅީގައި ޕީޕީއެމް ކޯލިޝަންގެ މެމްބަރުން، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ހުކުމް، 'ހަރާމްކަމަށް' ގޮވައި، އެމަނިކުފާނު ދޫކޮށްލަން އަޑުއިއްވުމެވެ. އާޓިފިޝަލް ބީޗުގެ ކުރިމައްޗަށް ވާ ގޮތަށް ހުރި އެމްޑީޕީގެ މައި ހަރުގޭގައި، ރައީސް އިބްރާހިމް ސޯލިހު، އެމަނިކުފާނުގެ ޕްރައިމަރީ ކެމްޕޭންއާ އަލަށް ގުޅިވަޑައިގަތުމުގެ ޖަލްސާ އެވެ.

ސިޔާސީ މި ދެ ހަރަކާތް ތަފާތު ގޮތަކަށް ފެންނަނީ، ހުރިހާ ބާރެއް ބޭނުންކުރައްވައިގެން ރާއްޖޭގެ ވެރިކަމުގައި ޔާމީން ހުންނެވި އިރު، އިދިކޮޅު ޕާޓީއެއްގެ ގޮތުން އެމްޑީޕީއަށް ނުވަތަ އޭރުގެ އިދިކޮޅު ހަރަކާތަށް އެގޮތަށް އެއް ސަރަހައްދެއްގައި، ސިޔާސީ 'ދެ ހަޅޭއްލެވުން' ބޭއްވޭނެ އެއްވެސް ފުރުސަތެއް ނެތީމަ އެވެ.

ޔާމީންގެ ސަޕޯޓަރުން، އެހެން މީހުންނަށް ގަބޫލުނުކުރެވޭ ކިތައްމެ ސަބަބެއް، އެމަނިކުފާނުގެ ދިފާއުގައި ދައްކާނެ އެވެ. ނަމަވެސް ޕީޕީއެމްގެ އެ ވެރިކަން މާޒީއަށް ވަދެފައި ވަނީ، އާ ގާނޫނުއަސާސީގެ ދަށުން ލިބިފައިވާ އެތައް މިނިވަންކަމެއް ހިފަހައްޓައި، އިދިކޮޅު ހަރަކާތަށް އެންމެ ބޮޑަށް ހުރަސްއެޅި ފަސް އަހަރުގެ ގޮތުގަ އެވެ. އެއީ މިހާރު ކިތައްމެ ރީތިކުރަން އުޅުނަސް ފޮހެލެވޭނެ ސަފުހާއެއް ނޫނެވެ.

އެމްޑީޕީ އާއި އޭރުގެ އިދިކޮޅު އިއްތިހާދުން، އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި ހަވީރު ސައި، ފުލުހުން ނުކުމެ 29 ޖުލައި 2016ގައި ރޫޅާލަނީ (ފޮޓޯ/އެމްޑޕީ)

ރޭ ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އަދި އޭރު ރައްޔިތުންގެ މަޖިލިހުގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އެ ހަނދާންތައް އާކުރެއްވި އެވެ. އޭނާ ވިދާޅުވީ އޭރު މި ހަރުގޭގައި ބޮނޑިބަތްކޮޅެއް ވެސް ކާނުލެވޭ ކަމަށާއި ތެލިތަކާއި ސްޕީކަރުތައް ވެސް ފުލުހުން ގެންދިޔަ ކަމަށެވެ.

އެވާހަކަތަކުގެ ބައެއް ހަނދާންތަކަށް ވަދެލާއިރު 29 ޖުލައި 2016ގައި އެމްޑީޕީ ހަރުގޭގެ ބޭރުގައި ރޭވި އިދިކޮޅު އިއްތިހާދުގެ ސައިގެ މަންޒަރުތައް ސިފަވެ އެވެ. އޭރު އިދިކޮޅުގެ އެކަހަލަ އެއްވެސް ހަރަކާތަކަށް ޖާގައެއް ނުލިބެ އެވެ. އެ ދުވަހުގެ ހަވީރު ހަރުގޭގެ ކުރިމަތީގައި މޭޒުތައް އަތުރާލައި، 'ސިޔާސީ ސައި' ބޯން ފެށި ތަނުން ފުލުހުން ގޮސް ރޫޅާލައި، އެއްޗެހިތައް ގެންދިޔަ އެވެ.

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ކްރިމިނަލް ކޯޓުން ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ސަޕޯޓަރުން، އެ ހުކުމުގެ ފަހުން މިހާރު ވެސް ކޮންމެ ރެއަކު މާލޭގެ މަގުތަކަށް އެއްވެ އެވެ. އަދި ފުލުހުން އެ އެއްވުންތައް ރޫޅާލައި، ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް ބައިވެރިން ގެންދެ އެވެ. އެރޭ ނުވަތަ އަނެއް ދުވަހު އެ އެންމެން ދޫކޮށްލަ އެވެ.

މިހާރު ވެސް ބައެއް ފުލުހުން، އިދިކޮޅު މުޒާހަރާތަކުގެ ބައިވެރިންނާ ދިމާއަށް ވަރަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ވެސް، ބައެއް ފަހަރަށް ކުރެ އެވެ. އޭގެ ޝަކުވާތައް ޕީޕީއެމުން ފާޅުކުރެ އެވެ.

ރައީސް ސޯލިހުގެ ޖަލްސާއެއް އާޓިފިޝަލް ބީޗު ސަރަހައްދުގައި އޮންނަ އިރު އެމަނިކުފާނު ބޭނުންފުޅު ނަމަ މުޅި ސަރަހައްދު ބަންދުކޮށް، އިދިކޮޅު އެއްވެސް މީހަކަށް އަޑު ނީއްވޭ ގޮތަށް ވެސް ތަން ސާފުކުރެވިދާނެ އެވެ. ނަމަވެސް އާޓިފިޝަލް ބީޗުގެ އެއް ފަޅީގައި ޕީޕީއެމްގެ މެމްބަރުން ޔާމީންގެ ހުކުމަށް ފާޑުކިޔައި، ރައީސް ސޯލިހު އާއި ސަރުކާރަށް ވެސް އެއްޗެހި ގޮވަމުން ދިޔަ އެވެ.

ރައީސް ސޯލިހު ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުރި އެމްޑީޕީ ހަރުގޭގައި ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

ރައީސް ވާހަކަފުޅު ދެއްކެވި އިރު ވެސް އިދިކޮޅު ސްޕީކަރުތަކުގެ އަޑު ގަދަ އެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން މި އޮތީ ތަންމިނަށް ހުޅުވާލާފައި،" ރައީސް ވިދާޅުވި އެވެ.

"ޖެހިގެން މި އޮތީ، ކުރިއަށް ގެންދަނީ އެ އޮތް، ކުރިއަށް ގެންދަނީ އެއޮތް،" އިދިކޮޅު ހަރަކާތަށް އިޝާރަތްކުރައްވައި، ރައީސް ތަކުރާރުކުރެއްވި އެވެ.

"އެއްވެސް މީހަކު ބަންދުކުރޭތޯ އެބަ. އަޅުގަނޑުމެންގެ ޖަލްސާ ނުބޭއްވިގެން މި އުޅެނީ. އެހެންވިޔަސް އެ މިނިވަންކަމާ އެކީގައި އެ ބޭފުޅުންގެ ހިޔާލު ފާޅުކުރަން މި އޮތީ ޖާގަ ދީފައި. ހައްޔަރު ނުކުރިޔަސް، ބަންދު ނުކުރިޔަސް ވެރިކަން ކުރެވޭނެކަން އަޅުގަނޑުމެން މިދަނީ ދައްކަމުން."

އެކި ވެރިންގެ ވެރިކަން ކުރުމުގެ ސްޓައިލް ތަފާތެވެ. އިދިކޮޅު ހަރަކާތްތަކަށް ހުރަސްއަޅާ ގޮތް ވެސް ތަފާތެވެ. އެކަމަކު ރޭ އާޓިފިޝަލް ބީޗުގައި އޮތް ދެ ހަރަކާތުން އެނގެނީ، އަޑުއުފުލަން ޖާގަ ދިނުމަކީ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ވެސް ކެތްކުރެއްވިދާނެ ކަމެއް ކަމެވެ. އެފަދަ ހަރަކާތެއް ހަމަނުޖެހުމަކަށް ބަދަލުނުވެ، ނުވަތަ ސަރަހައްދުގައި ގަޑުބަޑު އުފެދިގެން މީހުން ދުރަށް ޖައްސަން ޖެހޭ ފަދަ ހާލަތެއް ނެތް ނަމަ، ސިޔާސީ ދެ ފިކުރެއްގެ އަޑުއިއްވުން، އެއްބަޔަކު އަނެއް ބައެއްގެ ކަންފަތުގައި ޖެހޭ ހިސާބުގައި ވެސް ބޭއްވިދާނެ ކަމެވެ.

އާޓިފިޝަލް ބީޗަކީ ރާއްޖޭގެ ސިޔާސީ މިނިވަން ހަރަކާތުގެ ވަރަށް މުހިންމު ބައިވެރިއެކެވެ. އާ ގާނޫނުއަސާސީގެ ދަށުން 2008ގައި އޮތް ރިޔާސީ ފުރަތަމަ އިންތިހާބުގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެމްޕެއިން ފަހު ޖަލްސާ އޮތީ އެތަނުގަ އެވެ. އެމްޑީޕީ ކޯލިޝަންގެ ފަހު ޖަލްސާ ބޭއްވީ އޭރުގެ އުސް ފަސްގަނޑުގަ އެވެ.

އޭރުގެ އިދިކޮޅު ލީޑަރު ޔާމީންގެ ގެކޮޅު ދޫވައްސަށް 2010ގައި އެމްޑީޕީގެ ހަރަކާތްތެރިން ޖަމާވީ، އާޓިފިޝަލް ބީޗުގައި އޮތް ބޮޑު އެއްވުމުގައި ދެއްކި ރުޅިވެރި ވާހަކަތަކާ ގުޅިގެންނެވެ. އެރޭ ޔާމީން ހައްޔަރުކޮށް، ސިފައިންގެ ބެލުމުގެ ދަށުގައި ބެހެއްޓި އެވެ.

ޑީއާރުޕީން ވަކިވެ، ވަހިދު 2010 ގައި އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ އުފަލުގައި އޭރުގެ ރައީސް ނަޝީދު، އޭނާގެ ގައިގައި ބައްދާލައްވައިގެން

ޑީއާރުޕީގެ ޒުވާން މެމްބަރު އަލީ ވަހީދު، އެމްޑީޕީއަށް 'އުފުރާލައި' އެ ޕާޓީއާ ގުޅިވަޑައިގަތުމުގެ ފޯރިގަދަ ޖަލްސާ ވެސް އާޓިފިޝަލް ބީޗުގަ އެވެ. އަދި 23 ޑިސެމްބަރު 2011ގައި ހެންވޭރު ޕާކް ސަރަހައްދުގައި އިދިކޮޅުން އެއްވި ބޮޑު އެއްވުމަށް ރައްދުދެއްވަން، އޭރުގެ ރައީސް މުހައްމަދު ނަޝީދު ބޭއްވެވި 'ކުޑަ އެއްވުން' ވެސް އޮތީ އާޓިފިޝަލް ބީޗުގަ އެވެ.

ތާރީހުގައި އެންމެ ވަރުގަދަ ސިލްސިލާ އެއްވުންތައް، 3 ފެބްރުއަރީ 2012 އިން ފެށިގެން ވެސް ކުރިއަށް ދިޔައީ އެތަނުގަ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް، ސިފައިންގެ ބެލުމުގެ ދަށުގައި ބެހެއްޓި ބެހެއްޓުން ކުށްވެރިކުރަން އިދިކޮޅުން ކުރިއަށް ގެންދިޔަ އެ އެއްވުންތައް 6 ފެބްރުއަރީ 2012ގައި، ހަމަނުޖެހުމަށް ބަދަލުވެ، އެމްޑީޕީ މެމްބަރުންނާއި އިދިކޮޅު މީހުންގެ ކުރިމަތިލުމަކަށް ދިޔަ އެވެ.

ނަޝީދުގެ ވެރިކަން ވެއްޓުމުގެ އަމަލީ އެއްވުން ފެށުނީ، އެ ހަމަނުޖެހުމުގެ ތެރެއިންނެވެ.

ތާރީހުގެ މި ހަނދާންތައް ފޮހެވިގެންނެއް ނުދާނެ އެވެ. އެހެންކަމުން ރާއްޖޭގެ ސިޔާސީ ހަރަކާތުގައި އާޓިފިޝަލް ބީޗުގެ ދައުރު ވަރަށް ބޮޑެވެ.

ރޭ ވެސް އެ ފެނުނީ އޭގެ ހެއްކެކެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ރައީސް ސޯލިހުގެ ފުރަތަމަ ޖަލްސާ، އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ. އިދިކޮޅު ލީޑަރުގެ ހުކުމް 'ހަރާމް' ކަމަށް ގޮވައި، އެމަނިކުފާނު މިނިވަންކުރުމުގެ އަޑު، ރައީސް ސޯލިހަށް އިއްވުން ވެސް ހަމަ އެ ސަރަހައްދުގަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް