Majlis 2024

ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ: ޓެރައިޒަމް އޮޕަރޭޝަންގައި ހައްޔަރު ކުރި އެންމެންގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައި (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓެރަރިޒަމް

ބޮމެއް ގޮއްވާލުން އުޅުން: 14 މީހުންގެ ތެރެއިން 5 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ބައެއް މީހުންނަށް 30 ދުވަސް އަދި 15 ދުވަސް ވެސް ވަނީ ޖަހާފައި

ގޮވާތަކެތި ބޭނުންކޮށްގެން ގިނަ ބަޔަކު މަރުވާނެ ފަދަ ގޮތަކަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ހުއްޓުވައި އެކަމުގެ ތުހުމަތުގައި ހައްޔަރުކުރި 14 މީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. އޭގެ ތެރެއިން، ފަސް މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފަ އެވެ.

ވީ ކިހިނެއް؟ - ބައިނަލްއަގުވާމީ ޓެރަރިސްޓު ޖަމާއަތް، އައިއެސްއަށް ތާއީދުކުރާ ކަމަށް ބުނާ ބަޔަކު ދޭން އުޅުނު މި ހަމަލާގެ މައުލޫމާތު ލިބުމާ އެކު، ފުލުހުންނާއި ސިފައިން ގުޅިގެން މި މަހުގެ 11ގައި ބޮޑު އޮޕަރޭޝަނެއް ފެށި އެވެ. މިއަދު ފުލުހުން ވަނީ، އެ އޮޕަރޭޝަންގައި ހައްޔަރުކުރި 14 މީހުންގެ އުމުރާއި އެ މީހުންގެ ބަންދުގެ މުއްދަތު ހާމަކޮށްފަ އެވެ.

ތަފްސީލު - މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރާއި 46 އަހަރާ ދެމެދުގެ މީހުންނެވެ. މި މީހުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދަށް ޖަހާފައި ވަނީ:

  • 20 އަހަރުގެ މީހެއް

  • 27 އަހަރުގެ މީހެއް

  • 30 އަހަރުގެ މީހެއް

  • 35 އަހަރުގެ މީހެއް

  • 37 އަހަރުގެ މީހެއް

ބާކީ ތިބި މީހުންގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހާއި 30 ދުވަހެެވެެ. އެއީ:

  • 19 އަހަރުގެ މީހެއް (30 ދުވަސް)

  • 27 އަހަރުގެ ދެ މީހުން (30 ދުވަސް)

  • 28 އަހަރުގެ މީހެއް (30 ދުވަސް)

  • 18 އަހަރުގެ މީހެއް (15 ދުވަސް)

  • 33 އަހަރުގެ ދެ މީހުން (15 ދުވަސް)

  • 35 އަހަރުގެ މީހެއް (15 ދުވަސް)

  • 46 އަހަރުގެ މީހެއް (15 ދުވަސް)

އެނގުން މުހިންމު - މި ހަމަލާ ކާމިޔާބުވި ނަމަ، ގިނަ ބަޔަކު މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ. އެހެންވެ، ފުލުހުންނާއި ސިފައިން ގުޅިގެން މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ، ފުލުހުން ބުނެފައިވާ ގޮތުގައި، 'ޑިސްޓްރަޕްޓިވް' އޮޕަރޭޝަނެއްގެ ގޮތުގަ އެވެ.

"ފުލުހުންނާއި ސިފައިންގެ މި އޮޕަރޭޝަނުގެ މަގްސަދަކީ ވެސް އާއްމުންގެ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާނެ ގޮތަކަށް ރާވަމުން ދިޔަ ރޭވުން ނާކާމިޔާބުކޮށްލުން،" މިދިޔަ ހޯމަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އިންސްޕެކްޓަރު އުސްވަތު އަހުމަދު ވިދާޅުވި އެވެ.

ނުސްވެރިންގެ ބައްދަލުވުމުގައި އުސްވަތު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ)

މިއީ މިހާރު ވެސް ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވާތީ، ހަމަލާ ދޭން އުޅުނު ތަނެއް އަދި ހަމަލާ ދޭން އުޅުނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ކަމެއް ފުލުހުން އަދި ނުބުނެ އެވެ. އެކަމަކު ފުލުހުން ބުނީ:

  • ހަމަލާ ރޭވުމުގައި ބޭރު ބައެއްގެ ބައިވެރިވުން ހިމެނޭ ކަމަށް ނުބެލެވޭ ކަމަށް ބަލާ ފާސްކުރި

  • ގެތަކުން ގޮވާތަކެތި ފެނުނު އިރު، އެއީ ކޮން ބާވަތެއްގެ ތަކެތިތޯ މިހާރު ތަހުލީލުކުރަމުންދާ ކަމަށް

ކޮމެންޓް (4)

އަހުމަދު

20 ނޮވެމްބަރު 2022
ބަންދުގައި ބައިތިއްބާފައި ޝަރީއަތް ނިމޭ އިރު ދޫކޮށްލާނެ
0 0

ތަކުރު

20 ނޮވެމްބަރު 2022
ކީއްވެ ތަ ނަން ހާމަ ނުކުރަނީ؟ އުމުރާއި ޖީންސް ހާމަ ކުރާ އިރު
0 0

ދޮންކޮ

20 ނޮވެމްބަރު 2022
އަދި ގޮއްވަން އުޅުނީ ތަ؟
0 0

މަމޫ

20 ނޮވެމްބަރު 2022
ބޮމެއް ގޮއްވާލަން އުޅުނު ކަން ސާބިތު ވެއްޖެ ތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް