ކޮވިޑަށް ފަހު ފުރަތަމަ ހައްޖު ދަތުރު: އުފަލުން ރޮވިފައި

މިއަދަކީ އަނެއްކާވެސް މިލިއަނެއްހާ ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވެ، ހައްޖުގެ އަޅުކަން އަދާކުރާ މަންޒަރު ފެންނާނެ ދުވަސް

މުހިންމު ނުކުތާތައް

ރާއްޖެއިން 453 ހައްޖުވެރިން މައްކާއަށް ވަނީ ދަތުރުކޮށްފައި

ބައެއް މީހުން ސިފަކުރީ 'މިއީ ހަޔާތުގެ އެންމެ ބޮޑު ދުވަސް' ކަމަށް

މިއީ މިހާތަނަށް ރާއްޖެއަށް ވެސް އެންމެ މަދުން ކޯޓާ ލިބުނު އަހަރު

މިއަދު އަރަފާތުގެ މާތް ބިމުގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން އިހުރާމް ބަދެގެން ތިބި މިލިއަނެއްހާ ހައްޖުވެރިންގެ ތެރޭގައި ދިވެހި 450 އެއްހާ ހައްޖުވެރިން ވެސް ހިމެނެ އެވެ. ދިވެހި އެ ހައްޖުވެރިންނަށް ލިބޭ އުފާ ވެސް ވަކި ކުޑައެއް ނުވާނެ އެވެ. މިއީ ކޮވިޑް-19ގެ ސަބަބުން ހައްޖުގެ އަޅުކަމަށް އެޅުނު ދެ އަހަރުގެ ހުރަހަށް ފަހު އެހާ ގިނަ ބަޔަކު ހައްޖަށް ދިޔަ ފުރަތަމަ ފަހަރެވެ.

މިދިޔަ ހަފްތާގައި އެކި ގްރޫޕު ގްރޫޕަށް ސައުދީއަށް ދިވެހި ހައްޖުވެރިން ފުރި އެވެ. އޭގެ ތެރެއިން އެއް ދުވަހު 'ދައުރު'ގެ ނޫސްވެރިން ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ)އަށް ދިޔަ އިރު، ހައްޖުގެ ދަތުރު އެރެހެއްޓުމަށް ދިވެހިން އަބަދުވެސް ދެމުން އައި ސަމާލުކަން ފެންނަން އޮތެވެ: މުޅި އެއާޕޯޓް ތޮއްޖެހިފަ އެވެ. އިހުރާމްގައި ތިބި ހައްޖުވެރިންނާއި އެމީހުންގެ އާއިލާތަކެވެ. އެންމެ ތުއްތު ކުދިން ފެށިގެން، ކިރިޔާ ވެސް އެއާޕޯޓަށް އާދެވޭނެ ހާލަތެއްގައި ތިބި އާއިލާގެ އެންމެ ދޮށީ މީހުން ވެސް ހިމެނެ އެވެ. 

ދިވެހި ހައްޖުވެރިޔަކު ގާތް މީހަކާ ފޯނުން ވާހަކަ ދައްކަނީ: މިދިއަ ހަފުތާގައި އެއާޕޯޓް ތޮއްޖެހުނު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ފުރަންވެގެން ޓާމިނަލްއަށް ވަނުމުގެ ކުރިން ހައްޖުވެރިޔަކު ފޯނެއްގައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މިއީ އެތައް ދުވަހެއްގެ ދިގު އިންތިޒާރުގެ ހުވަފެން ހަގީގަތަކަށް ހަދަން މައްކާއަށް ކުރި ދަތުރުގެ ފެށުމެވެ.

އެ ދުވަހު ނޫސްވެރިންނާ ބައްދަލުވި އެކަކީ، އުމުރުން 56 އަހަރުގެ ސޮފިއްޔާ އެވެ. ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއުގައި ޖެހިގެން އޭނާއަށް އަސްލު އެ ދަތުރު ލައްވާލަން އޮތީ 2029ގަ އެވެ. ނަމަވެސް އާއިލާ އެހެން މީހަކަށް ލިބުނު ދަތުރެއްގެ ނަސީބު އޭނާގެ ހަޔާތުގައި ލިއެލެވުނީ އެވެ.

"ވަރަށް އުފާވެފައި މިހުރީ. އެ އިހުސާސް ބަޔާން ކޮށްދޭކަށް ވެސް އަސްލު ނޭނގޭ،" އަންހެން ފަސް ދަރިންނާއި މާމަ ކުދިިންނާ އެކު އެއާޕޯޓްގައި ހުރި ސޮފިއްޔާ ބުންޏެވެ.

"ދަރިންނާ [މިވަގުތަށް] ވަކިވާން ޖެހޭތީ ވަރަށް ދެރަވޭ. އެކަމަކު އަނެއްކޮޅުން އެކޮޅަށް ދެވޭތީ ވަރަށް އުފާވޭ."

ދިވެހި ހައްޖުވެރިންގެ ބަޔަކު ދަރިންކޮޅު އުނގަށް ލައިގެން: މި ހައްޖުވެރިން ވެސް މިއަދު ތިބީ އަރަފާތު ބިމުގައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

 މިއީ ތިން އަހަރުގެ ތެރޭގައި ރާއްޖެއިން ވެސް ބަޔަކު ހައްޖަށް ދާ ފުރަތަމަ ފަހަރެވެ. ކޮވިޑާ ގުޅިގެން މިދިޔަ ދެ އަހަރު މައްކާ ވެސް އޮތީ ފާޑަކަށް ބަންދުކޮށްފަ އެވެ. އެ ބަލިމަޑުކަމުގެ ސަބަބުން ހައްޖަށް ނުދެވި ހުރި ދެ މީހުންނަކީ، ހަސަން ރަޝީދު 61 އާއި އޭނާގެ އަންހެނުން އައިމިނަތު ހުސައިން 53 އެވެ. މި ދެމަފިރިން ފުރަން އެއާޕޯޓްގައި ތިބި އިރު "ލިބޭ އުފަލުގެ ކޮޅެއް ވެސް ނެތެ"ވެ. 

"ވަރަށް އުފާވޭ. ﷲއަށް ހަމްދުކުރަން މި ފުރުސަތު ލިބުނީތީ،" އެމީހުންގެ އަލަތު ހައްޖު ދަތުރާ ގުޅޭ ގޮތުން އައިމިނަތު ބުންޏެވެ.

މުޅި އާއިލާ އެކުގައި: ކޮވިޑަށް ފަހު ހައްޖަށް ދިޔަ ދިވެހިންގެ ތެރެއިން އާއިލާއެއް ވީއައިއޭގައި ފޮޓޯއަކަށް ހުއްޓި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސަމިއްޔާ އަހްމަދަށް ވެސް އެއީ ވަރަށް ހާއްސަ ދުވަހެކެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަކީ އޭނާ ކުރިންސުރެ ދެކެމުން އައި ހުވަފެނެކެވެ. މިއީ ހައްޖުގެ އަޅުކަމަށް މައްކާއަށް އޭނާއަށް ދެވޭ ފުރަތަމަ ފަހަރެވެ. އޭނާ ވެސް ހުރީ އުފަލުން ރޮވޭވަރު ވެފަ އެވެ.

"މި ދުވަސް ލިބުމަށް އެދި ގަދައަޅާ މަސައްކަތް ކުރިން ހުއްޓުމެއް ނެތި. އެ މަސައްކަތާ އެކު އަދި މި ދަތުރު ލިބުނީމަ ވަރަށް އުފާވި،" މިފަހަރު ރާއްޖެއަށް ލިބުނު ކޯޓާގެ ތެރެއިން ހައްޖު ކޯޕަރޭޝަނަށް މިހާތަނަށް ފައިސާ ދައްކާފައި ނެތް މީހުންނަށް ހާއްސަކުރި 100 ޖާގައިގެ ތެރެއިން ގުރުއަތުން ލިބުނު ފުރުސަތެއްގައި ފުރަން ގޮސް ހުރި ސަމިއްޔާ ބުންޏެވެ.

ގުރުއަތުން ސަމިއްޔާ ހޮވުމާ އެކު އޭނާއަށް ބުނެވުނީ "އަލްހަމްދުލިއްލާހި" އެވެ. އެ އުފާވެރިކަން އިތުރަށް ބުނެދޭން ވެސް ދަތިވި އެވެ.

"ގަދައަޅާ މަސައްކަތް ކުރާށޭ. އުއްމީދު ކަނޑާ ނުލާށޭ. އުއްމީދަކީ ވަރަށް ބޮޑު އެއްޗެއް، އުއްމީދު ކަނޑާ ނުލާ ގަދައަޅާ މަސައްކަތް ކުރާ މީހުންނަށް ކާމިޔާބު ލިބޭނީ،" ސަމިއްޔާ ބުނެލި އެވެ.

ހައްޖަށް ފުރި ދިވެހި އާއިލާތައް ވީއައިއޭގައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ހައްޖަށް ފުރަން ތައްޔާރުވެފައި ހުރި ދިވެހި ހައްޖުވެރިއެއް އެއާޕޯޓްގައި ފުރުމުގެ އިންތިޒާރުގައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މިއީ މިހާތަނަށް ރާއްޖެއަށް ވެސް އެންމެ މަދުން ހައްޖު ކޯޓާ ލިބުނު އަހަރެވެ. އިތުރު ޖާގަ ލިބޭތޯ ސަރުކާރުން މަސައްކަތްކުރި އެވެ. އެކަމަކު ކޮވިޑާ ގުޅިގެން ސައުދީން އެޅި ފިޔަވަޅުތަކަށް ލުއި ދީ، މުޅި ދުނިޔެއަށް އަލުން ހައްޖު ދަތުރަށް ހުޅުވާލި ފުރަތަމަ ފަހަރުކަމުން، 453 ޖާގައަށް ވުރެ ކޯޓާ އިތުރެއް ނުކުރެވުނެވެ.

އެ މަދު ފުރުސަތު ލިބުނު ނަސީބުވެރިންގެ އެއް ގްރޫޕް ފުރަންވެގެން ވީއައިއޭ ޓާމިނަލް ތެރެއަށް ވަންނަން ޖެހޭ ގަޑި ކައިރިވަމުން އައިއިރު ބައެއް މީހުން ރޯ އަޑު އިވުނެވެ. އެއް ބަޔަކު އުފަލުންނެވެ. އަނެއް ބަޔަކު އާއިލާއާ ދުވަސްކޮޅަކަށް ވަކިވާތީ ދެރަވެގެންނެވެ. ފަހަރެއްގައި ދެން ބައްދަލު ނުވެދާނެ ކަމަށް ހީކޮށް، 'ފަހު ވަސިއްޔަތް' ވެސް ބައެއް މީހުން ކުރި އެވެ. ދަރިންނަށް ދެވެން އޮތް ހެޔޮ ނަސޭހަތެއް ވިއްޔާ ދެމުން ގެންދިޔަ އެވެ.

އެ ހުރިހާ ހައްޖުވެރިން ވެސް މިއަދު އެ ތިބީ އަރަފާތު ބިމުގަ އެވެ. މިއީ ހައްޖުގެ އެންމެ މުހިންމު ދުވަހެވެ. ކޮވިޑްގެ ސަބަބުން އެހާ ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ އުޅުމާއި ދަތުރުފަތުރަށް އައި ހުއްޓުމުގެ ސަބަބުން އަރަފާތު ބިމަށް ހައްޖުގެ އަޅުވެރިން ޖަމާވުން ވެސް މިދިއަ ދެ އަހަރު އޮތީ ވަރަށް މަދުކޮށްފަ އެވެ. 

މުޅި ދުނިޔެއަށް އަނެއްކާވެސް މުސްލިމުންގެ ބޮޑު ޖަމާއަތް މިއަދު ފެންނާނެ އެވެ. ދިވެހި ހައްޖުވެރިންގެ އާއިލާތައް ވެސް ގައުމުގައި ތިބީ އެ މަންޒަރު ބަލާށެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް