އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ނޭންސީ ޕެލޯސީ. (ފޮޓޯ/ ރޮއިޓާސް)

ޓެކްނޮލޮޖީ

ޕެލޯސީގެ ދަތުރާ ގުޅިގެން ޓައިވާނަށް ގިނަ ސައިބާ ހަމަލާތަކެއް

ސައިބާ ހަމަލާތަކުގައި އެއްވެސް ގެއްލުމެއް އަދި ލިބިފައި ނުވާ ކަމަށް ޓައިވާނުން ބުނޭ

އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރާ ގުޅިގެން ޓައިވާނަށް ގިނަ ސައިބަ ހަމަލާތަކެއް އަރައިފި އެވެ.

ޓައިވާނުގައި އޮޕަރޭޓު ކުރަމުން އަންނަ 11-7ގެ ބައެއް ފިހާރަތަކުގައި ހުންނަ ސްކްރީނުތަކަށް "ފަސާދަކުރާ ޕެލޯސީ، ޓައިވާނުން ނުކުމޭ" ލިޔެފައިވާ މެސެޖުތަކެއް ބުދަ ދުވަހު ވަނީ އަރުވާފަ އެވެ. 

މަޝްހޫރު 11-7 ފިހާރަތަކަކީ ޓައިވާނުގައި އެންމެ ގިނައިން ކޮންވީނިއަންސް ފިހާރަތައް ހިންގާ ކުންފުންޏެވެ. އެ ކުންފުންޏަށް ދީފައިވާ ސައިބަ ހަމަލާތަކުގެ އިތުރުން، ޓައިވާނުގެ ރައީސްގެ އޮފީހަށާއި ހާރިޖީ އަދި ދިފާއީ ވުޒާރާ ހިމެނޭ ގޮތަށް ސަރުކާރުގެ ގިނަ ވެބްސައިޓުތަކަށާއި ރޭލު ސްޓޭޝަންތަކުގެ ސްކްރީންތައް ފަދަ ތަންތަނަށް ވެސް ސައިބަ ހަމަލާތައް ދީފައިވާ ކަމަށް ޓައިވާނުގެ ވުޒާރާތަކުން ވަނީ ބުނެފަ އެވެ.

ޓައިވާނުގެ އެކި ހިދުމަތްތަކަށާއި ސަރުކާރުގެ ވެބްސައިޓުތަކަށް ދީފައިވާ މި ސައިބާ ހަމަލާތަކަކީ ޗައިނާއިން ކޮށްފައިވާ ކަމެއް ކަމަށް ޓައިޕޭއިން ތުހުމަތުކޮށްފައި ނުވި ނަމަވެސް، މި ހަމަލާތައް އައިސްފައި ވަނީ ޗައިނާ އާއި ރަޝިޔާގެ ސަރަހައްދުތަކުން ކަމަށް ޓައިޕޭއިން ވަނީ ބުނެފަ އެވެ.

ޓައިވާނުގެ ޑިޖިޓަލް ކަންކަމަށް ކަނޑައަޅާފައި ހުންނަވާ ވަޒީރު އޯޑްރީ ޓޭންގް ވިދާޅުވި ގޮތުގައި، ޕެލޯސީގެ ދަތުރުގެ ކުރިންނާއި އޭނާގެ ދަތުރުގެ ތެރޭގައި ޓައިވާނުގެ ސަރުކާރުގެ ތަންތަނަށް އަރަމުން ދިޔަ ސައިބާ ހަމަލާތައް ވަނީ 15،000 ގިގަބިޓަށް ވުރެ މައްޗަށް އަރާފަ އެވެ. މިއީ މީގެ ކުރިން ދުވާލެއްގެ މައްޗަށް އެންމެ ގިނައިން ޓައިވާނާ ދެކޮޅަށް ހަމަލާދީފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާ މިންވަރާ އަޅާބަލާއިރު 23 ގުނަ މަތީ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓައިވާނަށް ކުރިމަތިވެފައިވާ ސައިބާ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ އެއާޕޯޓުތަކާއި ކަރަންޓު އުފައްދާ ތަންތަނާ އަދި މި ނޫން ވެސް މުހިންމު ތަންތަނުގައި ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް ޓައިވާނު ސަރުކާރުގެ ތަރުޖަމާނު ލޯ ޕިންގް-ޗެންގް ވަނީ ބުދަ ދުވަހު ވިދާޅުވެފަ އެވެ. އަދި މިހާތަނަށް މި ހަމަލާތަކުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

ކޮމެންޓް

Placeholder

ޓެކްނޮލޮޖީ

ޓެކްނޮލޮޖީ