އީލޮން މަސްކު. (ފޮޓޯ/ ނިއުޔޯކް ޓައިމްސް)
ބޮޓުތަކާ ގުޅޭ ގޮތުން މަސްކާއި ޓުވިޓާގެ ސީއީއޯގެ ބަހުސެއް
ޓުވިޓާގައި ހިމެނޭ ސްޕޭމް އެކައުންޓުތަކާ ބެހޭ ގޮތުން އެ ކުންފުނީގެ ސީއީއޯ ޕަރަގް އަގަރްވާލް އާއި އެ ކުންފުނި ގަތުމަށް ހުށަހަޅުއްވާފައިވާ އީލޮން މަސްކާ ދެމެދު ބޮޑު ބަހުސެއް ފެށިއްޖެ އެވެ.
ސްޕޭމް އެކައުންޓުތަކާ ބެހޭ ގޮތުން ޓުވިޓާއިން އަމަލުކުރާ ގޮތާއި އެފަދަ އެކައުންޓުތަކުގެ ސަބަބުން ޓުވިޓާއަށް ކުރިމަތިވާ ގޮންޖެހުންތައް ސީއީއޯ އަގަރްވާލު އިއްޔެ ތަފްސީލުކޮށް ހާމަކުރައްވާފަ އެވެ.
ޓުވިޓާ އިން "ދުވާލަކު ބައި މިލިއަނެއްހާ ސްޕޭމް އެކައުންޓު" ސަސްޕެންޑް ކުރާ ކަމަށް އަގަރްވާލު ޓުވީޓު ކުރައްވާފައި ވެއެވެ. އަދި ޓުވިޓާގައިވާ މިފަދަ ސްޕޭމް އެކައުންޓުތަކުގެ އަދަދު %5 އަށް ވުރެ ދަށްވާނެ ކަމަށް ވެސް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ޓުވިޓާ ކުންފުނި ގަތުމަށް ހުށަހަޅުއްވާފައިވާ ޑީލު ވަގުތީ ގޮތުން މަޑުޖައްސާލުމަށް މިދިޔަ ހުކުރު ދުވަހު މަސްކު ނިންމެވީ މިފަދަ ސްޕޭމް އެކައުންޓުތަކުގެ ތަފްސީލުތައް ހޯއްދެވުމަށް ކަމަށް ވިދާޅުވެ އެވެ.
ޓުވިޓާގައިވާ ސްޕޭމް އެކައުންޓުތަކުގެ އަދަދުގެ އަންދާޒާތައް ބިނާވެފައި ވަނީ އެތައް ހާސް އެކައުންޓެއްގެ ސާމްޕަލެއް ނަގައި މުވައްޒަފުން ލައްވައި ބަލުވައިގެން ކަމަށާއި މި ގޮތަށް ކޮންމެ ދުވަހަކު ބަލާ އެކައުންޓުތަކުގެ ތަފްސީލުތައް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އަގަރްވާލް ވިދާޅުވި އެވެ.
އަގަރްވާލް އިއްޔެ ކުރެއްވި 13 ޓުވީޓަށް ރައްދު ދެއްވަމުން މަސްކު ވަނީ ސުވާލުތަކެއް އުފައްދަވާފަ އެވެ.
"އިޝްތިހާކުރާ ފަރާތްތަކަށް ކިހިނެއް އެނގެނީ އެ މީހުން ހަރަދުކުރާ ފައިސާއަށް ހަގީގަތުގައި ލިބެނީ ކޯއްޗެއް ކަމެއް؟ މީ ޓުވިޓާގެ މާލީ ހާލަތަށް އަސާސީ ކަމެއް،" މަސްކު ވިދާޅުވި އެވެ.
ޓުވިޓާގައިވާ ބޮޓުތަކާއި ސްޕޭމް އެކައުންޓުތަކާ ދެކޮޅަށް މީގެ ކުރިން ވެސް މަސްކު ވަނީ އެތައް ފަހަރަކު ވާހަކަދައްކަވާފަ އެވެ. ނަމަވެސް މި މައުލޫއު މަސްކު މިހާރު ނަންގަވައިގެން އުޅުއްވަނީ ޓުވިޓާ ގަތުމަށް ހުށަހަޅުއްވާފައިވާ އަގަށް ވުރެ ހެޔޮ އަގެއްގައި އެ ކުންފުނި ގަނެވޭތޯ ބެލުމަށް ކަމަށް ބައެއް މާހިރުން ދެކެވަޑައިގަންނަވަ އެވެ.
މަސްކު ހުށަހަޅުއްވާފައިވާ އަގަށް ވުރެ ދަށް އަގެއްގައި ޓުވިޓާ ގަތުމަކީ ނުވާނެ ކަމެއް ނޫން ކަމަށާއި، ޓުވިޓާގައިވާ ފޭކް އެކައުންޓުތަކުގެ އަދަދު %20އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މަސްކު ވަނީ އިއްޔެ ވިދާޅުވެފަ އެވެ.
ޓުވިޓާ ބައްލަވައިގަތުމަށް މަސްކު ހިއްސާއަކަށް ހުށަހެޅުއްވީ 54.2 ޑޮލަރު ނުވަތަ ޖުމްލަ 44 ބިލިއަން ޑޮލަރެވެ. އޭގެ ބަދަލުގައި މިހާރު އެ ކުންފުނީގެ ހިއްސާއެއްގެ އަގު ހުރީ 37.39 ޑޮލަރުގަ އެވެ.