މަޖީދީމަގު ހީނާމާގޭ ޕާކިން ޒޯނަށް އިތުރުކުރި ބައިގައި ގާ އަތުރަނީ. (ފޮޓޯ/މާލޭ ސިޓީ ކައުންސިލް)

ޕާކިންއަށް ކޮށްފައި ނުކުރާނެ ކަމެއް މިހާރު ނެތީބާ؟

5 ސެޕްޓެމްބަރު 2022

މުހިންމު ނުކުތާތައް

ތާރީހާއި އިޖުތިމާއީ ފޭރާމާއި އާބާދީގެ އަސްލާއި އުފެދުމަށް ހެކިދޭ އެންމެ ވަރުގަދަ ނިޝާންތައް ހުރީ އަވަށު ގަބުރުސްތާނުތަކުގައި

ހުރިހާ ހުސް ޖާގައެއްގައި ޕާކިން އެޅިޔަސް، ވެހިކަލް ކެރީން ކެޕޭސިޓީ ކަނޑަނާޅައި އޮންނަހައި ހިނދަކު އަބަދު ޖެހޭނީ ޕާކިން ޖާގަ ހަދަން

ގަބުރުސްތާނުތަކަކަކީ ގާ ނުވަތަ ކޮންކުރީޓު ނުވަތަ ތާރު ނާޅައި ރަށުތެރޭގައި ހުރި ހަމައެކަނި ބިންތައް

ކޮންމެ ނަގަރެއް، ސަހަރެއްގައިމެ، އެ ތަނުގައި އިހު ދިރިއުޅުނު މީހުންގެ އަސަރުތަކުގެ އަލާމާތަކަށް ފުދޭ ގަބުރުސްތާނުތައް ހުރެ އެވެ. މާލޭގައި މި ހުރި އަވަށު ގަބުރުސްތާނުތަކަކީ މި ރަށުގެ އަހުލުވެރިންގެ އެންމެ ޒާތީ ހަނދާންތަކާއި އަލަމާތްތައް ފެންނަން ހުރި މި ދެންނެވި ފަދަ ތަންތަނެވެ. ތިން ހަތަރު ފަހަރު މަތިމައްޗަށް ވެލި އަޅައި ބިން ހަމަކޮށްގެން، ކޮންމެ އަވަށެއްގެ ގަބުރުސްތާނުގައި މާލޭގެ އަހުލުވެރިން ކުރެ ދިރިތިބީންގެ މުސްކުޅި، ހޫރު، މުނި މާމަ ކާފައިން ފެށިގެން، މަންމަ ބައްޕައާ ހަމައަށް، މަތިކޮޅުން ކިތަންމެ ޖީލެއް ވަޅުލާފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި މާލޭގެ އެތައް މި ތަނުގައި މިސްކިތްތަކާ އިންވެގެން ހުރި ގަބުރުސްތާނުތައް އުވާލައި، ގަބުރުތައް ކޮނެ ނަގައި މަހާނަ ގާތައް މުގުރައި ހެދި ފަހުން، މާލޭގެ ހަތަރު އަވަށުގައި މި ހުރި ގަބުރުސްތާނުތަކަކީ (ހުކުރު މިސްކިތު ގަބުރުސްތާނު ފިޔަވައި) ދެން މި ސިޓީގައި މިހާރު ހުރި އެންމެ ދުވަސް ވީ ގަބުރުސްތާނުތަކެވެ.

މިއަދު މި އިވެނީ ކޮން ފަދަ ވާހަކައެއްތޯ އެވެ! މިނީ ބަހުގެ ހިދުމަތް ފަށަން މަޖީދީމަގު ހިމެނޭހެން ބައެއް މައި މަގުތަކުގެ ދެ ފަރާތުގައި ހުރި ޕާކިން ޒޯންތައް ނަގަން ޖެހޭތީ، އޭގެ ބަދަލުގައި މާފަންނުން، މާފަންނު ސަހަރާ ހުރި ބިމުގައި ޕާކިންއެއް ހަދާ ވާހަކަ އެވެ. އެ ސަހަރާގައި ހުރި ގަބުރުތައް ކޮނެ ނެގުމުގެ ހުއްދައަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި މާލޭ ސިޓީ ކައުންސިލުން އެދިފައިވެ އެވެ. އެ ހުއްދަ އެ މިނިސްޓްރީން ދީފައިވެ އެވެ.

މާލޭގެ ތާރީހާއި އިޖުތިމާއީ ފޭރާމާއި އާބާދީގެ އަސްލާއި އުފެދުމަށް ހެކިދޭ އެންމެ ވަރުގަދަ ނިޝާންތައް ކަމަށް އަދު ފެންނާން ހުރި އަވަށު ސަހަރާތައް އުވާލައި ގަބުރުސްތާނުތައް ހުރި ބިމުން ވެސް މާލީ މަންފާއެއް ނުނަގައި ފަރުނުޖެއްސޭނެ ވާހަކައަކީ ލަދު ވާހަކައެކެވެ. އަގުހުރި އެއްޗަކީ މާލީ މަންފާއެއް ލިބޭ އެއްޗެއް އެކަނި ކަމުގައި ދުށުމީ ކޮން ފަދަ ވިޔާނުދާ ވިސްނުމެއްތޯ އެވެ.

ޝައްކެއް ނެތެވެ! އެ ތަން ތަނުގައި ހުރި މާލޭގެ އިހުގެ ޖީލުތަކުގެ ގަބުރުތައް، އަދުގެ ވަގުތީ ބޭނުމަކަށް، ކޮނެ ނަގައި އެ އަގުހުރި މައުނަވީ ތަރިކަ ނައްތާލުމަކީ ހުތުރުވެގެންވާ އަދި ގޮތްކުޑަ އަމަލެކެވެ. އެހެނީ އިންސާނީ ކަރާމާތް ދެމިގެންވަނީ ދިރިތިބީންގެ މައްޗަށް އެކަންޏެއް ނޫނެވެ. މި ފަނާވަނިވި ދުނިޔެއާ ވަކިވެގޮސްފައިވާ އިންސާނުންގެ ކައްޓާއި މަހާއި ގަބުރުތަކާއި ހަނދާންތަކަކީ ވެސް އިންސާނީ ކަރާމާތުގެ ދާއިރާގެ ތެރެއިން ހުރުމަތްތެރިވެގެންވާ، ހިމާޔަތްވާން ޖެހޭ އެއްޗެކެވެ.

ކަން މިހެން އޮތް އިރު، މާދަމާ ވެސް ހަގީގީ މާނައިގައި ދުޅަހެޔޮކަމާއި ތަރައްގީ މާލެއާ އެއްތަންވެ، މި ރާއްޖޭގެ ލާމަރުކަޒީ ހުވަފެން ހާސިލުވީމާ މި ފުރަ މާލޭގެ ތޮއްޖެހުން އޮންނާނީ ނުހަނު ކުޑަވެފަ އެވެ. މަގުތައް ހުންނާނީ ހިނގާމަގު (ޕެޑެސްޓްރިއަނައިޒް) ކުރެވިފަ އެވެ. އުޅަނދުތައް އަމުދުން މަދުވެފައި އާންމު ދަތުރުފަތުރުގެ ނިޒާމު އޮންނާނީ ފައްކާވެފަ އެވެ. ކާބަފައިންގެ ގަބުރު ކޮނެ، ކަށިތައް ފިސްކޮށްފައި ހެދި ޕާކިން އޮންނާނީ ހުހަށް ނޫން ބާވަ އެވެ؟

މާފަންނު ސަހަރާ. (ފޮޓޯ/ނާޖިހް ދީދީ)

ޕާކިން އަކީ ހައްލެއްތޯ އެވެ؟ މާލޭގެ ހުރިހާ ހުސް ޖާގައެއްގައި ޕާކިން އެޅިޔަސް، ވެހިކަލް ކެރީން ކެޕޭސިޓީ ކަނޑަނާޅައި އޮންނަހައި ހިނދަކު ހައްތަހާވާނީ ޕާކިން އަޅާހައި ނޫންތޯ އެވެ؟ ކުދި ގޮޅިތަކެއް ފަދަ މާލޭގެ ކޮއްލަވާނިތަކުގައި ބެދި ތާށިވެފައި ފުމެލައި، ދުވެލާނެ ގޮތެއް ނުލިބި ތިބި ކުޑަކުދިންނާއި މަގުތަކުގައި ހިނގުން ނުކުޅަދާނަވެ، ވައިޖައްސާލާން ވެސް ބޭރަށް ނުނިކުމެވިފައި، ގޭބަންދުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ ހައްގު ކޮބައިތޯ އެވެ؟ މާލެއިން ހުސްކޮށް އޮތް ކޮންމެ ޖާގައެއްގައި ޕާކިންއެއް އަޅަން ޖެހެނީ ކީއްވެގެންތޯ އެވެ؟ ޕާކިން ނޫން ބޭނުމެއް މި މާލެއަށް ނެތީތޯ އެވެ؟ އާންމު ހުސް ޖާގަތަކާއި ބިންތައް އެކި ބޭނުމަށް އެކަށައެޅުމުގައި ހަމައެއް، އުސޫލެއް، އިންސާފެއް އޮންނަން ވާނެ އެވެ.

ހަމަ އެހެންމެ، މާލޭގެ އަވަށު ގަބުރުސްތާނުތަކަކީ ފެން ހިންދުމަށާއި ދޫނިސޫފާސޫތްޕަށް ރަމަތަވެލާން މާލޭގައި ފެހިކަން ހުރި، ހިމޭން ހަމައެކަނި ހުސް ޖާގަތަކެވެ. ގާ ނުވަތަ ކޮންކުރީޓު ނުވަތަ ތާރު ނާޅައި ރަށުތެރޭގައި ހުރި ހަމައެކަނި ބިންތަކެވެ. އެ ތަންތަން ނައްތާލުމަކީ މާލޭގެ ގުދުރަތީ ތަރިކައަށް ދެވޭ ގެއްލުމެއްގެ އިތުރުން، ރަށުގެ ވިލުންވެރިކަމަށް ވެސް ދެވޭ ހަމަލާއަކަށް މެނުވީ ނުވާނެ އެވެ.

ޒުވާބުގައި ބުނެފާނެތެވެ. މިއީ ދީނީ ގޮތުން ވެސް ހުއްދަ ކަމެކެވެ. ދީނީ ގޮތުން ހުއްދަ ކޮންމެ ކަމެއް ކުރަން ޖެހޭތޯ އެވެ؟ ވަރިއަކީ ވެސް ހުއްދަ ކަމެކެވެ. ހަރާމް - ހަލާލު، ހުއްދަ - މަނާ، މިއީ މި ބާވަތުގެ ކަންކަން މިނުމުގެ ހަމައެކަނި ތަރާދުކަމުގައި ދުށުމީ ކަންކަމުގެ ދެކޮޅު ނުބެލުމާއި ވިސްނުން ނުފޯރުވުމުގެ އިންތިހާ އެވެ. ހިސާބަކަށް ހެއްވާ ކަމެއް ވެސް މެ އެވެ. މާލޭގެ އިހުގެ ޖީލުތަކަށް ކައްވަޅުގައި ތިއްބަކަ ދެއްވާށެވެ.

މާލޭގެ އަވަށު ގަބުރުސްތާނުތައް ނައްތާލުމަކީ ފޫނުބެއްދޭވަރުގެ ގެއްލުން ރަށުގެ ގުދުރަތީ، ސަގާފީ، ތާރީހީ އަދި މައުނަވީ ތަރިކައަށް ލިއްބައިދޭނެ އަމަލެކެވެ. މިކަން ހުއްޓުވައިދެއްވުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގައި އެދެމެވެ. މިކަމުގައި އަޑު އުފުއްލެވުމަށް ތާރީހާއި ތަރިކައަށް ލޯބިކުރާ އެންމެހާ ފަރާތްތަކުގެ ކިބައިން އެދެމެވެ. އަދި އަމިއްލަ ނަފްސާ ކޮންމެ މީހަކުމެ ސުވާލުކުރުން އެދެމެވެ؛ ޕާކިންއަށްޓަކައި ކޮށްފައި ނުކުރާނެ ކަމެއް މިހާރު ނެތީބާވަ އެވެ؟

އެޑިޓަރުގެ ނޯޓް: މުހައްމަދު ސައިފް ފާތިހް އަކީ މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް