ފުވައްމުލަކަށް އަންނަނީ މާހެފުމެއް ނޫން، މާހިބުން ދުއްވުން

މާހިބުން ދުއްވާ ދުވަހާ ގުޅިފައި އޮންނަ މުނިފޫހިފިލުވުމުގެ އެންމެ ބޮޑު ހަރަކާތަކީ ރާޅާ އެޅުން
8 އޭޕްރީލު 2022
4

މުހިންމު ނުކުތާތައް

ވެލި ހޮވަން ދިއުމުގެ ސަގާފަތް. ވެލި އެއްކުރުމުގެ މަސައްކަތްކުރަނީ މުޅިން ވެސް އަންހެނުން. ނަމަވެސް ދަމާ ގާޑިޔަލުގައި ވެލި ގެއަށް ގެނައުމުގެ މަސައްކަތް ކުރާނީ ފިރިހެނުން.

އެކި ކޮޓަރިތަކަށް އެކި ސައިޒްގެ ވެލި. އެންމެ ބޮޑެތި ވެލިލަނީ ބަދިގެއަށް

މާހިބުން ދުއްވަން ދިއުން. މާހިބުން ދުވަހު ގޭގެ އެކި މަސައްކަތް ނިމުމުން އެންމެން ދާނީ ގެއާ އެންމެ ކައިރިން އަތިރި މައްޗަށް.

މިހާރު މާހެފުން ސިފަކުރެވެނީ މީހުން އެއްތަނަކަށް އެއްވެ ކެއިން ބުއިމުގެ އީދެއްގައި ބައިވެރިވުން ފަދަ ކަމެއްގެ ގޮތުގައި ނަމަވެސް، ކުރީ ޒަމާނުގައި ރޯދަމަހަށް ހަނދުބެލުމުގެ ދެތިން ދުވަސް ކުރިން ނުވަތަ ހަނދުބަލާ ދުވަހު ފުވައްމުލަކުގައި އޮންނަ އިޖްތިމާއީ ހަރަކާތަކީ 'މާހިބުން ދުއްވު' މެވެ. ރަށުގެ ދެކުނުގެ ބައެއް އަވަށްތަކުގައި 'މާހިފުން' ދުއްވުމޭ ވެސް ކިޔަ އެވެ.

މި ރޯދަމަސް ފެށުމުގެ ކުރިން ފުވައްމުލަކު މީހުން ތުނޑީގައި (ފޮޓޯ/ ސާރިމް ފޮޓޯސް/ފުވައްމުލައް)

މީގެ 50 ވަރަކަށް އަހަރު ފަހަތަށް ބަލާއިރު ފުވައްމުލަކުގައި މާހިބުން ދުއްވުމާ ގުޅިފައިވަނީ ރޯދަމަހަށް ގޯތިގެދޮރު ސާފުކުރުމާ އެވެ. މާހިބުން ދުއްވަންދިއުމުގެ ދުވަސްތަކެއް ކުރިން ކުރާ އެންމެ ބޮޑު އެއް މަސައްކަތަކީ ގެއަށް ކަށިވެލި ލުމަށް ވެލި ނަގަން ދިއުމެވެ. ކަށިވެއްޔަކީ އާންމު ގޮތެއްގައި ރަށުގެ ދެކުނު ފަރާތުގެ އަތިރިމަތިން ނަގާ ރާޅުކޮށް ހުންނަ ވެއްޔެވެ.

1970ގެ އަހަރެއްގައި ނަގާފައިވާ ފުވައްމުލަކުގެ މި ފޮޓޯއިން ފެންނަ އުނދޯލިގެއަށް އެވަނީ ކަށިވެލި ލާފައި. (ފޮޓޯ/ ފޭސްބުކް)

 އެހެންކަމުން ރޯދަމަސް ކައިރިވުމުން އަތިރިމަތިން ވެލި އެއްކުރުމުގެ މަސައްކަތް ފަށަ އެވެ. ވެލި ހޮވަން ދަނީ އެކަމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.

  • "ފަތިހު މަސްވެރިން މަހަށް ދާ ގޮަތަށް ކުރާ ކަމެއް. ވެލި ހޮވާ އެއްކުރަން ދިއުމަށް ފަތިހު ވަރަށް ގިނަ މީހުން ދާނެ. އާންމުކޮށް ވެލި ހޮވަން ދަނީ ރަށުގެ ދެކުނު ކޮޅަށް [މިހާރު ބަނދަރު އޮންނަ ސަރަހައްދު]،" ފުވައްމުލަކުގެ ސަގާފީ އަދި ތާރީޚީ ކަންކަމަށް ޝައުގުވެރިވާ މީހަކު ބުންޏެވެ.

ވެލި އެއްކުރުމުގެ މަސައްކަތްކުރަނީ މުޅިން ވެސް އަންހެނުންނެވެ. އެކި ސައިޒުގެ ވެލި އެއްކުރާނެ އެވެ. ވެލި އެއްކޮށް ފުނިޖަހާފައި ބަހައްޓަނީ އެވެ. ވެލި ފުނިޖަހާތާ މާ ގިނަ ދުވަހެއް ނުވެ، އަވީގެ ސަބަބުން، ވެލި ހުދުވުމުން ދަމާ ގާޑިޔާތަކުގައި ވެލި ގޭގެއަށް ގެންދަނީ އެވެ. ގޭގެ ކުރިމަތީ ވެލި ފުނި ޖެހުމަށް ފަހު، ގޭގެ އެކި ކޮޓަރިތަކަށް ވެލި ލާނީ މާހިބުން ދުއްވަންދާ ދުވަހު އެވެ. ބައެއް ފަހަރަށް ދެތިން ދުވަސް ކުރިން ވެސް މި މަސައްކަތް ކޮށްފާނެ އެވެ.

ފުވައްމުލަކު ދެކުނުގެ ރަށިކެޑެ ސަރަހައްދުގެ އަތިރިމަތި. ކުރީ ޒަމާނުގައި ކަށިވެލި އެއްކުރަނީ ރަށިކެޑެ ސަރަހައްދުން. (ދައުރު ފޮޓޯ/ އަލީ ރަފީގު)

 ގޭތެރޭގައި ހުންނަ ބާވެލި ބޭރުކުރުމަށް ފަހު އާވެލި އެކި ކޮޓަރިތަކަށް ލާނީ ވަކި ތަރުތީބަކުންނެވެ. އެންމެ ހިމުން ވެލި ލަނީ ބޭރެގޭ ކޮޓަރި އަށެވެ. ކުރީ ޒަމާނުގައި ގޭގެ އެތެރެ ބައިކުރެވިފައި ހުންނަނީ އެކި ނަން ދީފައި ހުންނަ ކޮޓަރިތަކަކަށެވެ. އެ ކޮޓަރިތަކަކީ:

  • 1-

    އެތެރެބުރި

  • 2-

    މާވަލްގެ

  • 3-

    ބޭރެގެ

ބަދިގެ ހުންނާނީ ގޭ ކުރިމަތީ ކަހަލަ ގޮތަކަށް ވަކިންނެވެ.

ކުރީ ޒަމާނުގައި ފުވައްމުލަކުގެ ބައެއް ގޭގޭގައި ކޮޓަރިތައް ބެހިފައިވާ ގޮތް

ފުވައްމުލަކުގެ ގެތައް ކުރީ ޒަމާނުގައި އިމާރާތްކޮށްފައި ހުންނަނީ، އާންމު ގޮތެއްގައި ގެއަށް ވަންނައިރު ވާތް ފަރާތުގައި އެތެރެބުރި ހުންނަ ގޮަތަށެވެ. އެތެރެބުރީގައި އެނދަކާއި އުނދޯއްޔެއް ހުންނާނެ އެވެ. ކާނާތް ފަރާތުގައިވާ ކޮޓަރިތަކަކީ މާވަލްގެ އާއި ބޭރެގެ އެވެ. މާވަލްގެ އަކީ މީހުން ވިހާ ކޮޓަރި ވެސް މެއެވެ. މާވަލްގޭގައި ކުޑަ އަށްޓަކާއި އެނދެއް ހުންނާނެ އެވެ. ބައެއް ފޮށިފޮށްޓާއި އަލަމާރި ފަދަ ތަކެތި ހުންނާނީ ބޭރެގޭގަ އެވެ.

އެކި ކޮޓަރިތަކަށް ލަނީ އެކި ސައިޒްގެ ވެއްޔެވެ. މިގޮތުން އެންމެ ބޮޑެތި ވެލި ބޭނުންކުރަނީ ބަދިގެ އަށެވެ. ތިރީގައި މިވަނީ އެކި ވެލިތަކަށް ކިޔާނަމެވެ؛ އެންމެ ބޮޑެތި ވެލިން އެންމެ ހިމުން ވެއްޔަށެވެ.

  • 1-

    ބަދިގެ ވޭލި (ބޮޑެތި ސައިޒްގެ ވެލި)

  • 2-

    މާވަލްގޭ ވޭލި / މާވަލްގޭ ކުދުވޭލި

  • 3-

    ބޭރެގޭ ވޭލި

ކޮޓަރިތަކުން ނަގާ ބާ ވެލި އަޅާނީ ގޯތި ތެރެއަށެވެ. އަދި ބައެއް ފަހަރަށް މަގުމައްޗަށް ވެސް އެ ވެލި އަޅާނެ އެވެ.

ގެއަށް ވެލިލުމުގެ އިތުރަށް ގޭތެރޭގައި ހުންނަ ބައެއް ތަކެތި ދޮވެ ސާފު ވެސް ކުރުން އޮންނާނެ އެވެ. އަދި ރޯދަމަހަށް ހަނދު ބަލާރޭ ކޮޓަރީގައި ދުންދަނޑި ރޯކުރުމަކީ ވެސް ވަރަށް ގިނަ ގޭގޭގައި ކުރާ ކަމެއްކަމަށް ވެއެވެ.

ފުވައްމުލަކުގެ ރަސްގެފަންނު ބަނދަރު 1979ގައި: މާހިބުން ދުއްވަން ކުރީ ޒަމާނުގައި ރަށުގެ މީހުން ދަނީ މިފަދަ ދޯނި ލަފާ ބަނދަރު ނުވަތަ ފަންނުތަކަށް (ފޮޓޯ/ފޭސްބުކް)

މާހިބުން ދުވަހު ގޭގެ އެކި މަސައްކަތް ނިމުމުން އެންމެން ދާނީ ގެއާ އެންމެ ކައިރިން އަތިރި މައްޗަށެވެ. ދަޑިމަގު އަވަށު މީހުން އެންމެ ގިނައިން ދަނީ ދަނޑިމަގޮފަންނޮ އަދި ނެރެގަނޑަށެވެ. ދިނގުވާޑު މީހުން އަރުއްފަންނު އަށެވެ. ދެން ފާހަގަކުރެވޭ ތަންތަނުގެ ތެރޭގައި ރަސްގެފަންނު، މާނޭރެ، އަނބުލް ހިމެނެ އެވެ. އެ ދުވަސްވަރު ތުނޑިއަށް މާހިބުން ދުއްވަން ދިއުމަކީ ކުރާ ކަމެއް ނޫނެވެ.

މި ރޯދައިގެ ކުރިން ފުވައްމުލަކު ތުނޑީގައި މީހުން މާހިބުން ދުއްވަން ގޮސް މޫދަށް އެރެނީ (ފޮޓޯ/ ސާރިމް ފޮޓޯސް/ފުވައްމުލައް)

މޫދަށް ދާއިރު، މިހާރާ ޚިލާފަށް، އެ ދުވަސްވަރު އެއްވެސް ކާބޯތަކެއްޗެއް ނުގެންދާނެ އެވެ. މާހިބުން ދުއްވާ ދުވަހާ ގުޅިފައި އޮންނަ މުނިފޫހިފިލުވުމުގެ އެންމެ ބޮޑު ހަރަކާތަކީ ރާޅާ އެޅުމެވެ. ފުވައްމުލަކީ ވަށައިގެން ރާޅު އަރާ ރަށަކަށް ވުމާ އެކު ރާއްޖޭގައި ރާޅާއެޅުމުގެ އެންމެ ދިގު ތާރީޚެއް އޮތީ ފުވައްމުލަކުގައި ކަމަށް ވުން އެކަށީގެންވެ އެވެ. ރާޅާ އެޅުމަށް ދަނީ އެނދުގައި ހުންނަ ބަނބުކެޔޮ ފިލާ ހިފައިގެންނެވެ. އަދި ބައެއް މީހުން އަތިރީމަތީގައި އެހަލާފައި ހުނަނަ ދޯނި ފަހަރުން ވެސް ފިލާ ނަގަ އެވެ. ދޯނިފަހަރުގެ ކެޔޮޅުންނަށް އެނގިއްޖެ ނަމަ މިކަން މައްސަލައަކަށް ވާ ފަހަރު ވެސް އާދެ އެވެ.

ގޭގެ މަސައްކަތްތައް ނިންމުމަށް ފަހު އަންހެނުންނަށް މޫދަށް ދެވެނީ ހަވީރުކޮޅު އެވެ.

އަންހެނުން މޫދަށް ދާނީ އިސްތަށިގަނޑު ދޮވުމަށް ޚާއްސަ 'ޝޭމްޕޫ" އެއް ހިފައިގެންނެވެ. އެއީ ދަރު އުނދުނުގައި އުފެދި ހަރުވާ އަޅިއަށް ފެން އަޅައިގެ އުފައްދާ އެއްޗެކެވެ. ދެތިން ދުވަސް ކުރިން ހަރުކޮށް ހުންނަ އަޅި (ފުވައްމުލަކު ބަހުން ނަމަ ގަންޑެޅި) ފެނަށް އަޅާފައި ބަހައްޓާނެ އެވެ. އެއް ދުވަސްތެރޭ ފެނުގެ ކުލަ ރަތަށް ބަދަލުވެ އެވެ. މި ފެން ބޭނުންކުރާއިރު ވަރަށް ބޮޑަށް ފޮނުއަރާ އަދި އިސްތަށިގަނޑު ސާފުވެގެންދާކަމަށްވެ އެވެ.

މާހިފުން ނުވަތަ މާހިބުން ދުއްވުމުގެ ސަގާފަތް މިހާރު ވަނީ ފުވައްމުލަކުގައި ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ފުވައްމުލަކުގައި މިހާރުވެސް ރޯދައަށް ގޭތެރެ ސާފުކޮށް ރީތި ކުރެ އެވެ. ނަމަވެސް ވެލިލުމެއް ނޯވެ އެވެ. އަދި ވެލި ނެގުމަކީ މިހާރު މަނާ ކަމެއް ވެސް މެއެވެ.

ފުވައްމުލަކު ތުނޑީގެ ވެލި: މިއީ އޮމާންކޮށް ހުންނަ ވެއްޔެއް. ކުރީ ޒަމާނުގައި ގޭގެއަށް އެޅުމަށް ތުނޑިން ވެލި ނުނަގާ. ތުނޑީ ވެލި ބޭނުންކުރަނީ ހަމައެކަނި ގެއް މިސްކިތަށް އެޅުމަށް (ދައުރު ފޮޓޯ/ އަލީ ރަފީގް)
ފުވައްމުލަކު ތުނޑީގެ ވެލި: ކުރީ ޒަމާނުގައި ގޭގެއަށް ލާ ވެލީގެ ތެރޭގައި މި ވެއްޔެއް ނުހިމެނޭ  (ދައުރު ފޮޓޯ/ އަލީ ރަފީގް)

ކުރީގެ ދުވަސްތަކުގައި، ގޭގެއަށް ލަމުން އައިސްފައިވަނީ ރާޅުކޮށް ހުންނަ ކަށިވެއްޔެވެ. ރަށުގެ ތުނޑީގައި ހުނަނަ ރީތި، އޮފު އަރާ ވެލި އެއްގޮަތަށް ވެސް އެ ދުވަސްވަރު ބޭނުމެއް ނުކުރެ އެވެ.

"ތުނޑީ ވެލި ގޭތެރެއަށް އަޅައިފި ނަމަ ގެ ފަޅުވާނެޔޭ އެއިރު ކިޔާނެ. ތުނޑި ވެލި ހުންނާނީ ހަމައެކަނި ތުނޑީ ކައިރީ ހުންނަ ގެއްމިސްކަތުގެ ތެރެއަށް ލާފައި،" ފުވައްމުލަކުގެ ދުވަސްވީ މީހަކު ބުންޏެވެ.

ރޯދައިގެ ކުރިން ފުވައްމުލަކު ތުނޑީގައި މީހުން މާހިބުން ދުއްވަން ގޮސް މޫދަށް އެރެނީ (ދައުރު ފޮޓޯ/ އަލީ ރަފީގް)

ކޮމެންޓް (4)

ހަދީ.

10 އޭޕްރީލު 2022
ތިޔަކިޔާ އެއްޗެއް ދުއްވުމާ ބެހޭގޮތުން އެއްޗެއް ލިޔެލި ނަމަ ދޮގޭ
0 0

ހަސަނު

9 އޭޕްރީލު 2022
އަހަރިއެތެރެއޭ އެންމެ މަޖާ އެއް ދުވަހަ.
3 0

މުޙައްމަދު

9 އޭޕްރީލު 2022
ތަފާތު ގޮތެއް
1 0

އަހުމަދު

8 އޭޕްރީލު 2022
ކުރިއެން ނީ އެނގޭ ބައިވަރޮ އެއްތެތި އެނގީގެ. ޝުކުރިއްޔާ ރަފީގު
9 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް