Majlis 2024

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ. ތޮއްޑޫގައި. (ފޮޓޯ/ކެމްޕޭން ޓީމް)

ރައީސް ތޮއްޑުއަށް ދެއްވީ އިތުރު 100 ގޯތީގެ އުފާވެރި ހަބަރު

ތޮއްޑޫއިން ދޭ ގޯތި އިތުރުކޮށް 200 އަށް ހައްދަވާނޭ ކަމަށް ރައީސް ވައުދުވެވަޑައިގެން
23 ޖެނުއަރީ 2023

އއ. ތޮއްޑޫ - މި ރަށުން އިތުރު 100 ގޯތި ދޫކުރާނެކަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މި ރަށުގައި ވަޑައިގެން އިއުލާންކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހު މިއަދު މި ރަށަށް ވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށެވެ. މި ރަށުގެ ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން ބަނދަރު ސަރަހައްދުން އެމަނިކުފާނަށް މަރުހަބާ ދެންނެވި އެވެ.

ވިދާޅުވީ ކީކޭ؟ - ތޮއްޑޫ ބަނދަރުގައި އެމްޑީޕީގެ މެމްބަރުންނާ މުހާތަބު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މި ރަށުގައި ބޯހިޔާވަހިކަމަށް ރައްޔިތުން އެދޭ މިންވަރު އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ތޮއްޑޫއިން 100 ގޯތި ދޫކުރަން ސަރުކާރުން ނިންމާފައި އޮތް ނަމަވެސް ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މި ރަށުން އެއަށްވުރެ މާ ގިނަ މީހުން ގޯއްޗަށް އެދިފައި އެބަހުއްޓެވެ. 

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަނެއްކާވެސް މި ޔަގީންކޮށް އަރުވަނީ އެ 100 ގޯއްޗަށް ފަހުގައި އިތުރު 100 ގޯތި މިއަހަރުގެ ތެރޭގައި ތޮއްޑޫއިން ތިޔަބޭފުޅުންނަށް އިތުރުކުރާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކަންކަން ކުރަނީ ރައްޔިތުންގެ އަޑުއަހައިގެން. ރައްޔިތުންގެ ހުރި މިކަހަލަ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން."

ރައީސް ވިދާޅުވީ މި ސަރުކާރުން ތަރައްގީ ގެންނަނީ ރައްޔިތުންނާއި ކައުންސިލްތަކާއި އެ ރަށެއްގެ ނުވަތަ ދާއިރާއެއްގެ މެމްބަރާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

"ތެދުފުޅެއް، މި ދާއިރާގެ [މަޖިލީހުގެ] މެންބަރު އަޅުގަނޑާ އެހާ ކައިރިއަކު ނޫން ހުރީ. އެހެން ނަމަވެސް އެއީ މި ދާއިރާ ބާކީވެގެންދާނެ ކަމެއް ނޫން. ޝައްކު ނުކުރައްވާ،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - ރައީސް އެ ވިދާޅުވި 100 ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ ފެބްރުއަރީ 2020 ގަ އެވެ. އެ ފުރުސަތުގައި:

  • 450 އަށްވުރެ ގިނަ މީހުން ގޯއްޗަށް އެދި ފޯމު ހުށަހެޅި

  • ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓުގައި 330 މީހުން ހިމެނުނު

  • ގޯތި ދޫކުރަން 'ގެވަޅު ކޮމެޓީ'އެއް އެކުލަވައިލި

އިތުރު އާޓިކަލް

އިތުރު އާޓިކަލް