ފަރަށް އެރި ފުރާގު ބޯޓު

130 މީހުންނާ އެކު ފޯކައިދޫން ދަތުރު ކުރި ބޯޓެއް ފަރަށް އަރައިފި

ފަސިންޖަރުން ނައިފަރަށް ގެންދިޔުމުގެ މަސައްކަތް އަންނަނީ ކުރަމުން

މިއަދު މެންދުރު ފަހު ށ. ފޯކައިދޫން ފުރައިގެން މާލެ ދަތުރު ކުރި ބޯޓެއް، ޅ. ފެލިވަރު ފަރަށް މިރޭ އަރައިފި އެވެ.

ވީ ކިހިނެއް؟- މާލެ ދަތުރު ކުރާ 'ފުރާގު' ނަމަކަށް ކިޔާ ބޯޓުގައި، ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން، 130 މީހުން ތިއްބެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ބޯޓު ފަރަށް އެރި ކަމުގެ މައުލޫމާތު އެތަނަށް ލިބުނީ މިރޭ 8:30 ހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ ފަރަށް އެރި ބޯޓުގައި ތިބި މީހުން، އެ އަތޮޅު ނައިފަރަށް ގެންދިޔުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ބުނީ ކީކޭ؟ - ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވީ މިއަދު މެންދުރު ފަހު 2 ޖެހި އިރު ރަށުން ފުރި ވެސް މޫސުން ރަނގަޅު ކަމަށާއި ފަރަށް އެރި ސަބަބު އަދި ނޭނގޭ ކަމަށެވެ. ބޯޓު ފަރުމަތީގައި އޮތް އިރު، އުޅަނދަށް ވެސް އަދި އެއްވެސް މީހަކަށް ވެސް އަނިޔާއެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގައި ގިނަ ވާނީ އީދު ޗުއްޓީ ނިންމާލާފައި މާލެ ދާ މީހުން. ފަރަށް އެރި ނަމަވެސް އޭގައި ތިބި މީހުންގެ ހާލު ރަނގަޅު،" އާސިފް ވިދާޅުވި އެވެ. 

އެމްއެންޑީއެފުން މިހާރު އަންނަނީ ބޯޓު އޮތް ސަރަހައްދަށް ދަތުރުކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް