މާލޭގެ ފިހާރައެއްގައި ވިއްކަން ހުރި ފިޔާތަކެއް: ގިނަ ފަހަރަށް ލިބެން ހުންނަނީ ހަލާކުވެފައި ހުންނަ ފިޔާ

އަހަރެމެން މި ގަންނަނީ ކުނި ފިޔާ؛ ރާއްޖެއަކީ ކުނި ގޮނޑެއްތަ؟

އިންޑިއާ ފިޔާ ރާއްޖެ އެތެރެކުރާ އިރު އަގު ހެޔޮވަނީ ކުނިވެ، ހަލާކުވެފައި ހުންނަ ފިޔާ ދިވެހި ވިޔަފާރިވެރިން ގަބޫލުކުރާތީ ބާ؟
23 ސެޕްޓެމްބަރު 2021
1

ދިވެހިރާއްޖެއަކީ ރަށްވެހި އުފެއްދުން މަދު ގައުމަކަށް ވާތީ، ޒަރޫރީ ބޭނުންތަކުން ފެށިގެން އިހުތިޔާރީ ބޭނުންތަކަށް ދާންދެން އެންމެހައި ތަކެއްޗެއް ހެން މި ޖެހެނީ އިންޕޯޓުކުރާށެވެ. ޗާޓު 1 އިން އެ ދައްކަނީ އަހަރެމެންގެ އިގުތިސޯދު އިންޕޯޓަށް ބިނާވެފައިވާ ވަރެވެ.

ހިސާބުތަކަށް ބަލާ ނަމަ 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދު އިންޕޯޓު އެންމެ ދަށްވީ ކޮވިޑް-19ގެ ފުރަ ބަންދުގެ އަހަރު، 2020 ގަ އެވެ. އެ އަހަރު އިންޕޯޓުކޮށްފައި ވަނީ 1.8 ބިލިއަން ޑޮލަރުގެ މުދަލެވެ. މިއީ 2015 ވަނަ އަހަރު އިންޕޯޓުކުރި ވަރަށް ވުރެ ވެސް މަދު އަދަދެކެވެ. އިންޕޯޓުކުރާ ވަރު ޖީޑީޕީ ނިސްބަތުން ބަލާއިރު، އެ އުޅެނީ އަބަދުވެސް %50އިން މަތީގަ އެވެ. އެންމެ މައްޗަށް ގޮސްފައި ވަނީ 2018ގައި %63 އަށެވެ. މިއީ މުދާ އިންޕޯޓުކުރާ ވަރު އެކަންޏެވެ. ހިދުމަތްތަކަށް އަހަރެމެން ކުރާ ހޭދަ މިޔަކު ނުހިމެނެ އެވެ.

ޗާޓު 2 އިން އެ ދައްކަނީ އިންޕޯޓުކުރާ މުޅި ޖުމްލަ އަދަދުގައި ހިމެނޭ އިންޕޯޓުކުރާ ކާނާގެ ބާވަތްތަކުގެ މުޅި ޖުމްލަ އާއި ބާވަތްތަކުގެ ގިންތީގެ ޖުމުލަ އެވެ. އެގޮތުން 2015 އިން 2020 އަށް ބަލާ އިރު އެންމެ ގިނަ އަދަދަކަށް ކާބޯތަކެތި އިންޕޯޓުކުރީ 2019 ވަނަ އަހަރު އެވެ. އެއީ 546 މިލިއަން ޑޮލަރުގެ މުދަލެވެ. ބާވަތްތަކުގެ ގިންތިތަކަށް ބަލާ އިރު އެންމެ ގިނަ އިން އިންޕޯޓުކުރަނީ ސަރުބަތު ބުއިންތަކާއި ފޮނިކާ އެއްޗިއްސާއި މަހާއި އެހެނިހެން ބާވަތްތަކެވެ. ޖެހިގެން އަންނަނީ ތަރުކާރީ ހިމެނޭ ގިންތި އާއި މޭވާ ހިމެނޭ ގިންތި އެވެ.

އިންޕޯޓުކުރި ބާވަތެއް ވިޔަސް ނުވަތަ ރަށްވެހި އުފެއްދުމެއް ކަމަށް ވިޔަސް، ފިހާރަ ހަރުގައި ހުންނަ ބަންދުކުރި ކާނާގައި އިންތިހާއީ ތާރީހު ޖަހައިފައި ހުންނާތީ ފެނެ އެވެ. މި އިން އެއްޗެއްގެ އިންތިހާއީ ތާރީހު ފަހަނަޅައި ހިނގައްޖެ ނަމަ ވިޔަފާރިވެރިން އެ އެއްޗެހި ހަރަތަކުން ނަގަ އެވެ. އެއިން އެއްޗެއްގެ ކުލަޔަށް ތަގައްޔަރުކަމެއް އައިސްފައި ވާކަމަށް ފެންނަންޏާ ވެސް، އެ ނަގަތެވެ. މިއީ ކާނާއާ ބެހޭ ގަވާއިދެއްގެ ދަށުން ކުރަން ޖެހޭ ކަމެކެވެ.

ޗާޓު2: އިމްޕޯޓްކުރާ ކާބޯތަކެތި، މިލިއަން ޑޮލަރު

ނަމަވެސް ބަންދު ނުކޮށް ވަކިން ހުންނަ ތަރުކާރީ އާއި މޭވާއަކީ ކުލަޔާއި ވަސް ތަގައްޔަރުވެ ކުނިވާ އެއްޗެތި ކަން އަންގަން ތާރީހު ޖަހައިފައި ހުންނާތީއެއް ނުފެނެ އެވެ. މި އެއްޗެތީގެ ވަސް ނުބައިވެ، ކުލަ ބަދަލުވެ، ފޫޖަހައި، ކޫޑިއަޅައި ނުވަތަ ލޮނދިހިލިފައި ހުއްޓަސް، އެވެރިންގެ ކަހާ ތަން ހިރުވައިލާ ހެން ވެސް ހީނުވާ ފަހަރު ދެ އެވެ.

ކާބޯތަކެތި ގަންނަން ނުކުމެ އުޅޭ އިރު، ކޫޑިއަޅައިފައި ހުންނަ ފިޔާ، ގިނަ ފިހާރަތަކެއްގައި ހުންނާތީ ފެނެ އެވެ. މިހިރީ ހަލާކުވެފައި ހުރި ފިޔައޭ ބުނެފިއްޔާ ސޭޓު ނުވަތަ ވިއްކުންތެރިން ބުނަނީ ތިމަންމެންނަށް ލިބޭ އިރު ވެސް ނުވަތަ އިންޕޯޓުކުރާ އިރު ވެސް ހުންނަނީ އެހެން ކަމަށެވެ. ގިނަ ފިހާރަތަކެއްގައިމެ ކޫޑި އަޅައިފައި ހުންނަ ފިޔާ ހުންނާތީ، އިންޕޯޓުކުރާ އިރު ވެސް ހުންނަނީ އެހެންނޭ އެ ބުނާ ވާހަކަ އަކީ ތެދެއް ކަމަށް ވެދާނެ އެވެ. އެހެންވިއްޔާ އުފެދޭ ސުވާލަކީ އިންޕޯޓުކުރާ އެންމެހައި ފިޔާ ވެސް ހުންނަނީ މި ހާލަތުގައި ހެއްޔެވެ؟ ނުވަތަ މިއީ ވަކި މަސްދަރަކުން އިންޕޯޓުކުރާ ފިޔާ ހުންނަ ހާލަތު ހެއްޔެވެ؟ މިއީ ބަޔަކު ބަލާ ނުވަތަ ބަލައިފައިވާ ކަމެއް ކަމެއް ޔަގީނެއް ނޫނެވެ. އެހެންކަމުން މި ހާލަތުގައި ހުންނަ ފިޔާ ގިނަކަމުން، މީގެ މަސްދަރާއި، އެންމެ ގިނައިން އިންޕޯޓުކުރާ މިންވަރާ ގުޅުމެއް އޮވެދާނޭ ކަމަށް ފެނެ އެވެ.

ޗާޓު 3 އިން އެ ދައްކަނީ ބަރުދަނުން ދިވެހިރާއްޖެ އަށް ފިޔާ އިންޕޯޓުކުރާ މައި މަސްދަރުތަކުގެ ހިއްސާ އެވެ. އެގޮތުން 2019 އާއި 2020 ވަނަ އަހަރު ވެސް އެންމެ ގިނަ އަދަދަކަށް އިންޕޯޓުކޮށްފައި ވަނީ އުތުރުކަރަ، އިންޑިއާ އިންނެވެ. އަދި 2019 ވަނަ އަހަރު އިންޕޯޓުކުރި މުޅި ޖުމްލަ 11.5 މިލިއަން ކިލޯ ފިޔާއިން %87.3 އައީ އިންޑިއާ އިންނެވެ. އަދި ކޮވިޑް-19ގެ ފުރަބަންދުގެ އަހަރު 2020ގެ މުޅި ޖުމުލަ 12 މިލިއަން ކިލޯގެ ތެރެއިން %81.1 ޕަސެންޓްގެ ފިޔާ އެތެރެކުރީ އިންޑިއާއިންނެވެ. ދެވަނަ އަށް އެންމެ ގިނަ އިން ރާއްޖެއަށް ފިޔާ އިންޕޯޓުކުރާ މަސްދަރަކީ ޕާކިސްތާނެވެ. މި ދެ ގައުމުން އިންޕޯޓުކުރާ އަދަދުތައް އަޅައިނުކިޔޭހާ ތަފާތެވެ. އެގޮތުން 2019ގައި އިންޑިއާގެ އަދަދު ޕާކިސްތާނުގެ އަދަދަށް ވުރެ ބާވީހަކަށް ގުނަ އިތުރެވެ؛ އަދި 2020 ގައި ނުވަ ގުނަ އިތުރެވެ.

ރާއްޖެ އަށް އެންމެ ގިނައިން ފިޔާ އިންޕޯޓުކުރާ ގައުމަކަށް އިންޑިއާ ވެފައި ވަނީ ކީއްވެ ހެއްޔެވެ؟ އެތައް ސަބަބު ހުރެ ދާނެ އެވެ. އެއިން އެންމެ ބަރުދަން ބޮޑީ އަގުގައި ކަމަށް ވެދާނެ އެވެ. ޗާޓު 4 އިން އެ ދައްކަނީ ރާއްޖެ އަށް އެންމެ ގިނައިން ފިޔާ އިންޕޯޓުކުރާ މަސްދަރުތަކުން އިންޕޯޓުކުރުމުން ސީއައިއެފް (އަގު، އިންޝުއަރެންސް، ނާލު) އަސާސުން ކިލޯއަކަށް ޖެހޭ ދިވެހި ރުފިޔާގެ އަގެވެ. މިއިން އެނގެނީ 2019 އަދި 2020ގައި ވެސް އެންމެ ހެވީ އިންޑިއާގެ އަގުކަމެވެ. އެގޮތުން 2019 ވަނަ އަހަރު ކިލޯއެއް ހަތް ރުފިޔާ އަދި 2020ގައި ކިލޯއެއް 8 ރުފިޔާ އެވެ. ދެން އެންމެ ހެވީ ޗައިނާ، މިސްރު، ޕާކިސްތާނުގެ އަގުތަކެވެ(މިއީ އިންޕޯޓުކުރާ މަސްދަރުތައް ފުޅާކުރުމުގެ ސިޔާސަތެއްގެ ދަށުން އަގު ވާދަވެރިކަމުގެ ނަޒަރަކުން ބަލައި އަމާޒުކުރެވި ދާނެ މަސްދަރުތަކަކަށް ވެދާނެ އެވެ).

މާރެކޭޓް ސަރަހައްދުގައި ބިދޭސީއަކު ފިޔާތަކެއް ސާފުކުރަނީ: އާންމުންނަށް ލިބޭ ފިޔާގެ ފެންވަރު ދަށް

އިންޑިއާގެ އަގުތައް މިހައި ހެވީ ކީއްވެ ހެއްޔެވެ؟ އިންޑިއާއަކީ އުފެއްދުމުގެ އަގު ހެޔޮ އިގުތިސޯދެއް ކަމަށް މަޝްހޫރު ގައުމެކެވެ. މީގެ އިތުރުން، އެހެން ގައުމަކުން އެތެރެ ވިޔަ ނުދޭނޭ ދަށް ފެންވަރުގެ، ނުވަތަ ބަލިޖެހިފައި ހުރި، މުދާ ބަލައިގަންނާނޭ ގައުމަކަށް ވިއްކަން ވެސް އަގު ހެޔޮކޮށްފާނެތާ އެވެ. މިފަދަ އިން އެހެން ގައުމަކަށް މުދާ އެކްސްޕޯޓް ކުރާ ނަމަ އެކަން ދުނިޔޭގެ ވިޔަފާރި ޖަމިއިއްޔާގެ ގަވައިދުތަކުގެ ދަށުން މާނަކުރެވިފައި ވަނީ އެއީ ޑަމްޕިންގް (ކުނިއެޅުން) ކަމަށެވެ. މި ހެން މި ކަން ކުރުން މަނާކުރުމަށް އެ ޖަމިއްޔާގެ އެންޓިޑަމްޕިންގް (ކުނިއެޅުމާ ދެކޮޅު) ގަވައިދެއް ވެސް އޮވެ އެވެ.

މި ސާދާ ދިރާސާއަށް ބަލާ އިރު، ކޫޑި ފިޔާ އަންނަ މަސްދަރަކީ ވަކި ގައުމަކަށް ވެދާނޭ ކަމަށް ބަލާނޭ ޖާގަ އެބަ އޮތެވެ. މިހެން ކޫޑިއަޅައި، ފޫޖަހައި، ލޮނދިހިލިފައި ހުންނަ އެހެނިހެން ތަކެތި ކިޔާ ނަމަ، ބޮނޑިކޮޕީ، އަލުވި، ލީކުސް، ލޮނުމެދު، އަދި މި ނޫނަސް އެހެން ބާވަތްތައް ހިމެނޭނެ އެވެ. މިއީ ހައްތާ ވެސް އިންޕޯޓު ކުރާ ބާވަތްތަކެވެ.

ބައެއް ފިހާރަތަކުން ކުރާ ކަމަކީ ކޫޑިއަޅައިފައި ހުންނަ ފަށަލަ ނޮޅައިލައިފައި ބަހައްޓަނީ އެވެ. އެހެންކަމުން ހަމަ ލޮލަށް ނުފެނުނަކަސް، ކައިރީ އޭގައި އަދިވެސް ކޫޑި ހުރުމާ އެވެ. އެހެން ވިއްޔާ، އެއްކަލަ ކޫޑި އަހަރެމެން އެބަ ކަމު އެވެ. ކޫޑީން އުފެދޭ ސިއްހީ ގިލަންވެރިކަމަކުން ނޭވާލާ ނިޒާމަށް ދެމިދާ ބަލިތައް ޖެހޭ ކަމަށް ވެއެވެ. އެހެންވިއްޔާ މިއީ އާއްމު ސިއްހަތުގެ މައްސަލައެއް ވެސް ތާ އެވެ. އެހެންވެ، މި ކަމާ ސިއްހީ ހާއްސަވެރިން ވެސް އަދި އާއްމު ސިޔާސަތުގެ އޮފިޝަލުން ވެސް އުޅޭނެ ނުވަތަ އުޅޭން ވާނެތާ އެވެ. އެކަމަކު އަޑެއް ނުއިވެ އެވެ.

އިންތިހާއީ (މުއްދަތު ހަމަވާ) ތާރީހު ފަހަނަޅައި ހުންނަ ބަންދުކުރި ކާނާ ވިއްކުން މަނާ ހެން، އެ ތަކެތި އިންޕޯޓުކުރުމަކީ ވެސް މަނާ ކަމަކަށް ވާން ޖެހޭނެ އެވެ. މިއީ ދުނިޔޭގެ ވިޔަފާރި ޖަމިއްޔާގެ ސެނިޓަރީ އެންޑް ފައިޓޯ ސެނިޓަރީ އެއްބަސްވުމުގެ ދަށުން އެ ޖަމިއްޔާގެ ކޮންމެ ގައުމަކަށް މެ ލިބިދީފައިވާ އިހުތިޔާރީ ހައްގެއް ވެސް މެ އެވެ. ދިވެހިރާއްޖެ އަކީ އެ ޖަމިއްޔާގެ މެންބަރު ގައުމެކެވެ.

ގާނޫނާއި ގަވާއިދު ހަދައިފައި ހުރުމާއި އެ ކަންކަން ތަންފީޒުކުރުމާ މިއީ ދެ ކަމެކެވެ. ހެޔޮ ނިޔަތުގެ އުސޫލުން ގާނޫނާއި ގަވާއިދު ތަންފީޒުކުރެވެމުން ނުދާ ނަމަ، ގާނޫނުގެ ހެޔޮނުބައި ރޮނގު ދާނީ އަނދިރި ފަރާތަށް ފަހިވާނޭ ހެން، އެ ފަރާތަށް ޖާގަ ބޮޑުވާނޭ ހެން ގާނޫނާއި ގަވާއިދުގެ އިން ކުޑަވާނޭ ހެން ހެލެމުންނެވެ. މިއާ އެކު، ކަމުގެ މުއައްސަސާތަކަށް ކުރެވޭ އިތުބާރު ވެސް ދާނީ ކުޑަވަމުންތާ އެވެ.

އަހަރެމެން ދެންތިބީން ވެސް ވާޖިބުތައް އަދާކުރާން ޖެހެ އެވެ. އޭގައި، ބުނުން ހިމެނެ އެވެ. ފިހާރައިގައި ކޫޑި ފިޔާ ވިއްކާން ހުންނަ ނަމަ، އެ ވާހަކަ ސޭޓަށާއި ވިއްކުންތެރިންނަށާއި އިދާރާތަކަށް އަންގާންވީ އެވެ. އެއްވެސް މީހަކު ނުބުނާ ނަމަ، ވިޔަފާރިވެރިންނާއި އިދާރާތަކުން ބަލާނީ ކަސްޓަމަރުންނަށް ފިހާރައާ މެދު މައްސަލައެއް ނެތީ ކަމަށެވެ. ކޫޑި ފިޔާ ހުރުމުން ކަމުނުދާ، އެކަމަކު ނުގަނެ ވެސް ވާން ނެތުމުން އެ ގަންނަ މީހާ އެޝަކުވާ އެ ފަރާތްތަކުގައި ކޮށްފި ނަމަ، އެ ހުށަހެޅުނީ އެކަކުގެ ޝަކުވާ އެވެ. ދެން އަންނަ ހަ މީހުން ވެސް އެ ޝަކުވާ ކޮށްފި ނަމަ، އެ ލިބުނީ ހަތް ޝަކުވާ އެވެ. ފިހާރަވެރިންނާ ހަމަޔަށް މައްސަލަ ދާނެތެވެ. ސިޔާސީވެރިންނާ ހަމަޔަށް ވެސް މައްސަލަ ދާނެތެވެ. އެކަމަކު ހަމަ ވަގުތުން މައްސަލަ ހައްލުވާނޭ ކަމަށް ބަލައިގެން ނުވާނެ އެވެ.

އެޑިޓަރުގެ ނޯޓު

ޑރ. ފަޒީލް ނަޖީބަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ގަވަރުނަރެވެ. ސަރުކާރުގެ ވަޒީފާގައި އުޅުއްވަމުން 1980ގެ އަހަރުތަކުގެ މެދުތެރެއިން ފެށިގެން 1990ގެ އަހަރުތަކުގެ ކުރީކޮޅާ ޖެހެންދެން ފަޒީލް ވަނީ 'ހަވީރު'އަށް ބޭރުގެ ކުޅިވަރު ކަވަރުކޮށްދެއްވައިފަ އެވެ. މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެއް ބާނީއަކީ ވެސް ފަޒީލެވެ. އޭނާއަކީ ސްކޫލް ދައުރުން ފެށިގެން ލިއުންތެރިކަމަށް ހާއްސަ ލޯތްބެއް ބަހައްޓަވަމުން ގެންދަވާ ބޭފުޅެކެވެ.

ކޮމެންޓް (1)

ޑަމްޕަރު

23 ސެޕްޓެމްބަރު 2021
ކުނިވަމުންދާ އަދި ކުނިވެފައިވާ ކާބޯތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކާއިރު އަދި ޑަމްޕްކުރާއިރު މިކަމާމެދު ރެގިއުލޭޓަރީ އިދާރާތަކުން ކުރެނީ ކޮންކަމެއް. އާންމުންގެ ސިއްހީ އަދި އިޖްތިމާއީ ހާލަތާމެދު ކަހެރުވަކެކޭވެސް ހިތަށް ނާރާ. އެކްޕަޔާ ވެ ހަލާކުވެފަި ހުންނަ ތަކެތި އުކާ މާރުކޭޓަކަށް ރާއްޖެވަނީ ބަދަލުވެފައި. މިކަން ރާއްޖެއަށް އެކްސްޕޯޓްކުރާ ގައުމުތަކަށްވެސް އެނގޭ، ކޮންމެ ކަހަލަ އެއްޗެއްވެސް ރާއްޖެއަށް އުކާލެވިދާނެކަން. އެކި ނަންނަމުގައި ގެންނަ ބޭހާއި ކުކިން އޮލްފަދަ ތަކެތީގެ ވެސް ފެންވަރެއް ނޭގެ. ގޭ ބިއްދޮށު ފެކްޓަރީއަކުން ހަދާ އެއްވެސް މިންގަޑަކަށް ނުފެތޭ ތަކެތި ރާއްޖެއަށް ގެނެސް އިތުރު ޗޮއިސް އެއް ނެތް ބަޔަކަށް މަޖްބޫރުން ވިއްކަނީ. މިއީ ވަރަށް ރަގަޅު ލިއުމެއް. މިކަމާ މެދު ވެރިން ވިސްނާނެކަމަށް ހީކުރަން.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް