ގާނޫނީ ވަކީލް ނާޒިމް ސައްތާރު.

ފުލުހުން

ނާޒިމް ސައްތާރު ރަސޫލާއަށް ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ވެސް ބަލަނީ

ނާޒިމް ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯއެއްގެ މައްސަލަ ވެސް އަންނަނީ ބަލަމުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު، ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހުން ބަލަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި، ނާޒިމް ރަސޫލާއަށް ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިއަދު އެވެ. ނަމަވެސް، އޭނާ އެ ވާހަކަތައް ދެއްކީ ކޮން ތަނަކު ކަމެއް އަދި އޭނާ ދެއްކި ވާހަކައެއް ވެސް އަދި ސާފެއް ނުވެ އެވެ.

ބުނީ ކީކޭ؟ - ފުލުހުންގެ ތަރުޖަމާނަކު މިއަދު ވިދާޅުވީ ނާޒިމް ރަސޫލާއަށް ފުރައްސާރަކުރި ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ތަރުޖަމާނު ނުދެއްވަ އެވެ.

އެނގުން މުހިންމު - އެފަދަ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފެށި އިރު، ނާޒިމް ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯއެއްގެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.

ނާޒިމް ކަމަށް ބެލެވޭ މީހަކާއި ބިދޭސީ ފިިރިހެނަކު ކޮޓަރިއެއްގެ ތެރޭގައި ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯ އިއްޔެ ޝޯޝަލް މީޑިއާއަށް ވަނީ ލީކްކޮށްލާފަ އެވެ. އެކަމަކު، އެ ވީޑިއޯ އިން ފެންނަނީ އޭނާ ނޫން ކަމަށް ބުނެ ނާޒިމް ވަނީ ހުރިހާ ތުހުމަތެއް ދޮގުކުރައްވައިފަ އެވެ.

އެ ވީޑިއޯއާ ގުޅިގެން ބައެއް މީހުން ދަނީ ނާޒިމް ހައްޔަރު ކުރުމަށާއި އޭނާގެ ވަކީލުކަމުގެ ހުއްދަ ބާތިލު ކުރުމަށް ގޮވާލަމުންނެވެ. އިދިކޮޅުން ވެސް ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ. އެގޮތުން، އެ ވީޑިއޯ އިން ފެންނަނީ ނާޒިމްކަން ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށާއި އެ ވީޑިއޯގެ ހަގީގަތް ދެނެގަތުމަށްޓަކައި ފުރިހަމަ ތަހުގީގެއް ހިންގުމަށް އިދިކޮޅުން ގޮވާލާފައިވެ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް