Majlis 2024

އަބްދުﷲ ނިޔާޒް (ޖޭމްއައްލޯ) ދައުރުގެ ސީދާ ޕްރޮޑްކާސްޓްގައި ވާހަކަ ދައްކަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ހަށިގަނޑަކީ ގަންނަން ލިބޭ އެއްޗެއް ނޫން، އެ ޖެހޭނީ ބަލަހައްޓައިގެން ގެންގުޅެން

އުމުރުން 55 އަހަރުގައި ވެސް އަބްދުﷲ ނިޔާޒުގެ ހަށިގަނޑު ހުންނަލެއް ރީތިކަމުން އެތައް ބަޔަކު ސުވާލުކުރޭ
2 ޖޫން 2022

މުހިންމު ނުކުތާތައް

ކަސްރަތުކުރަންވީ ދަންނަ މީހުންގެ އިރުޝާދު ހޯދައިގެން

ނަތީޖާއެއް ނުފެންނަނީ މުޅިން ގޯސްކޮށް ކަސްރަތުކުރާތީ

ކުރިއާ އަޅާބަލާއިރު ކަސްރަތުކުރާ މީހުންގެ އަދަދު ގިނަ

"ރީތި ހަށިގަނޑެއް ގަންނަން ލިބޭ ނަމަ [ނަން ކަނޑާލާފައި] ހުންނާނީ މިހާރު ގަނެފަތާ."

ރާއްޖޭގެ މުއްސަނދިންގެ ތެރޭގައި ހިމެނޭ އެކަމަކު ހުންނަން ޖެހޭ ވަރަށް ވުރެ ބަރުދަން މާ މައްޗަށް ދިއުމުގެ އުނދަގޫތަކާ ކުރިމަތިވެފައިވާ ވިޔަފާރިވެރިޔަކަށް އިޝާރަތްކޮށް، އަބްދުﷲ ނިޔާޒު، މަޝްހޫރު ނަމުން ނަމަ ޖޭމްއައްލޯ، ބުންޏެވެ.

އެކަމަކު އެއީ މީގެ 15 އަހަރު ކުރިން 2008 ގައި، އޭރު އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އިމާރާތުގެ ތެރޭގައި ހުންނަ އަލްފްރެސްކޯގައި އަޅުގަނޑާ އެކު ކޮފީއެއް ބޯން އިނދެ އޭނާ ބުނި ވާހަކައެކެވެ.

ރީތިކޮށް ހަށިގަނޑު ބެހެއްޓުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން ހިތަށްއަރާ ކޮންމެ ފަހަރަކު އެ ވާހަކަ މަތިން އަދިވެސް ހަނދާންވެ އެވެ. ރީތި ހަށިގަނޑަކީ ވިއްކަން ހުންނަ އެއްޗެއް ނަމަ ގަނެވިދާނެ އެވެ. އެކަމަކު އެއީ ވިއްކަން ހުންނަ އެއްޗެއް ނޫނެވެ. އެހެންކަމުން، އުމުރުން ދުވަސްވާ ވަރަކަށް އިންސާނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަ އިރު، އެ ބަދަލުތަކާ ދުރުވާނެ ގޮތްތައް އެނގޭ މި ޒަމާނުގައި، އެކަން ކުރެވެން އޮތީ ހިތްވަރުލައިގެންނެވެ. ހަށިގަނޑަކީ ބަލަހައްޓައިގެން ގެންގުޅެން ޖެހޭ އެއްޗެކެވެ. އެކަމަކު އެއީ ހަމައެކަނި ތިމާގެ އަމިއްލަ މަސައްކަތުންނެވެ.

ފިޓްނަސް އިންސްޓްރަކްޓަރު އަބްދުﷲ ނިޔާޒު (ޖޭމްއައްލޯ) ޖިމްގައި ވެއިޓް ޓްރެއިންއަށް ފަހު: އުމުރުން 55 އަހަރުގައި ވެސް އޭނާގެ ހަށިގަނޑަށް މާ ބޮޑު ބަދަލެއް ނާދޭ

ނުލެވެނީ އެ ހިތްވަރެވެ. ކުރަން ބޭނުންވިޔަސް ގަވާއިދުން ނުކުރެވެނީ އެ މަސައްކަތެވެ.

މީގެ 15 އަހަރު ކުރިއާ އަޅާބަލާއިރު ޔަގީނުން ވެސް ރާއްޖޭގައި ނިސްބަތުން ފަލަ މީހުން ގިނަވާނެ އެވެ. އެ ދުވަހު އެ ވާހަކަ ދެއްކި އިރު، 2000ގެ އަހަރުތަކުގެ ކުރިން ދިވެހިން ތިބި ހަށިގަނޑުގެ ރީތިކަން ދިޔައީ ގެއްލެމުންނެވެ. ހަރަކާތްތެރިކަން ކުޑަ ދިރިއުޅުމަކާ އެއްވަރަށް ސަރުބީ ގިނަ ކާނާގެ ތެރެއަށް ވެސް މި ތިބެވެނީ ވަދެވިފަ އެވެ.

ކަސްރަތުކުރަންވީ ރަނގަޅަށް، އަދި އެނގޭ ބައެއްގެ އިރުޝާދާ އެކު

މިދިއަ އާދިއްދުވަހުގެ ރޭ އަބްދުﷲ އިނީ އަޅުގަނޑުގެ ކުރިމަތީގައި، 'ސީދާ' ޕޮޑްކާސްޓް މެދުވެރިކޮށް އޭނާގެ ތަޖުރިބާ އާއި ނަސޭހަތްތައް ކިޔައިދޭށެވެ. މިއަދު ވެސް ހަމަ އެ ދުވަހު ދެއްކި ވާހަކަ އެވެ. ހަށިގަނޑު ރީތިކޮށް ބެހެއްޓުމަކީ ގިނަ މީހުންނަށް އުނދަގޫ ކަމެއް ކަމެވެ. ނަމަވެސް ރަނގަޅު އިރުޝާދާ އެކު ހިތްވަރުކޮށްފި ނަމަ، އެހާމެ ފަސޭހަ ވެސް ކަމެއް މެ އެވެ.

އޭނާއަށް އެއް ކަމެއް ޔަގީނެވެ: ރަނގަޅު ސިއްހަތެއްގައި ތިބެން، ރީތިކޮށް ހަށިގަނޑު ބަހައްޓަން ބޭނުން މީހުންގެ އަދަދު ކުރިއާ އަޅާބަލާ އިރު ގިނަ ކަމެވެ.

"ޖިމްތައް ގިނަވުމާއި ޓްރެކް [ދަނޑު] ފުރުމާއި ދުވަން ދާ މީހުން ގިނަވުން، ފަތިހު ހިނގަން ދާ މީހުން ގިނަވުން،" މިސާލު ދައްކަމުން އަބްދުﷲ ބުންޏެވެ.

މިއީ އެއް ފަޅި އެވެ. އަނެއް ފަޅިއަކީ، ތަކުރާރުކޮށް ވެސް އޭނާ ބުނި ގޮތުން ނަމަ، ކަސްރަތަކީ ކޮބައިކަން އެނގޭ ބައެއްގެ އިރުޝާދުގެ ދަށުން ކުރުމެވެ. ކޮންމެ ކޮންމެ މީހެއް ކައިރިއަށް ގޮސް، ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުއްމީދުނުކުރުމެވެ. މިއީ އަބްދުﷲ ކަހަލަ ތަޖުރިބާކާރަކު ދޭ ރަނގަޅު މެސެޖެއްކަން ޔަގީނެވެ.

އޭނާ ބުނި ގޮތުގައި މިހާރު ބޮޑު އަގު ދީގެން ޖިމްތަކަށް، ނުވަތަ ބޭރުތެރޭގައި ހިންގާ ކްލާސްތަކަށް، އެތައް ބަޔަކު ދެ އެވެ. އެކަން ފަށަނީ ވަރަށް ބޮޑު އުއްމީދެއްގަ އެވެ. ކަސްރަތުކުރުމަކީ ދިރިއުޅުމުގެ އާދަޔަކަށް ނުހެދޭ މީހުން ދުވަސްކޮޅަކުން ހުއްޓާލަ އެވެ. އާދަޔަކަށް ހަދަން ބޭނުން އެކަމަކު ރަނގަޅު ނަތީޖާއެއް ނުފެންނަ މީހުން ފޫހިވަނީ އެވެ.

އަބްދުﷲ ނިޔާޒް 'ދައުރު'އާ ވާހަކަ ދައްކަން ކުރިން ބޭއްވި ބައްދަލުވުމެއްގައި (ދައުރު ފޮޓޯ)

އަބްދުﷲ ބުނި ގޮތުގައި ކަސްރަތު ދެކެ ފޫހިވާ ގިނަ ބަޔަކަށް ދިމާވާ އެއް މައްސަލައަކީ ޓްރޭނަރުގެ ކިބާގައި އެ ފެންވަރު ނެތުމެވެ. އޭނާގެ ބަހުން ނަމަ "ހަތަރު ހަފުތާގެ ކޯހެއް ހަދާލައިގެން" ފިޓްނަސް އިންސްޓްރަކްޓަރަކަށް ނުވެވޭނެ އެވެ. އެއީ އެއަށް ވުރެ މާ ބޮޑަށް ކަންކަން އެނގި، ތަޖުރިބާތަކެއް ވެސް ލިބިގެން ނޫނީ ނުނެގޭނެ ޒިންމާއެއް ކަމަށް ގަބޫލުކުރެ އެވެ.

"ހަމަ ސެޓްފިކެޓެއް ހިފައިގެން އައިސް ޓްރޭނަރަކަށް ވެގެން ޓްރޭންކުރާތީވެ ކުރިން ދެންނެވިހެން ރިޒަލްޓް ނުފެންނަނީ އަސްލު،" އަބްދުﷲ ބުންޏެވެ.

"އަޅުގަނޑު ވަރަށް ގިނަ ޓްރޭނަރުން ދެކެން ޓްރޭންކުރާތަން. ބުނެވޭނީ އެއްކޮށް، [ނުވަތަ] ބޮޑު ބައި ހަމަ ނުބައިކޮށޭ ކިޔައިދެނީ."

އެކަމަކު އާންމު ގިނަ މީހުންނަކަށް އެއެއް ނޭނގެ އެވެ. ސޯޝަލް މީޑިއާއިން މި ފެންނަނީ އެންމެ ދެތިން މަސް ދުވަހުން 12 ކިލޯ ދުއްވާލާފައި ހުންނަ ތަނެވެ. ކުރިން އެހާ ފަލަ މީހަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިކިފައި ހުއްޓަ އެވެ. ދެން މި ހޯދަނީ އެ މީހަކު އެ ހެދި 'ޖާދުލެކެ'ވެ. ނުވަތަ އެ 'ޖާދޫ' ހަދައިދިން އިންސްޓްރަކްޓަރެވެ.

އަބްދުﷲ ނިޔާޒް(ޖޭމްއައްލޯ) 'ދައުރު'އާ ވާހަކަ ދައްކަނީ: އޭނާ ވަނީ ކަސްރަތާ ބެހޭ ގޮތުން ތަޖުރިބާތައް ހިއްސާކޮށްފައި (ދައުރު ފޮޓޯ)

ހަގީގަތުގައި އެހާ އަވަހަށް މީހާ ހިއްކާލުމަކީ، އަބްދުﷲ ނޫނަސް، ސިއްހީ ދާއިރާ އާއި ފިޓްނަސް ދާއިރާގެ ތަޖުރިބާކާރުންގެ ކަންބޮޑުވުމެކެވެ. މީހާގެ ހަށިގަނޑުގެ ސިފަ ގެއްލި، ފަލަވެ، އުޅެން އުނދަގޫ ހިސާބަށް ދަނީ އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައެއް ނޫނެވެ. ސިއްހީ އެއްވެސް ކަހަލަ އުޒުރެއް ނެތް ނަމަ، އެއީ ހަށިގަނޑާ މެދު އެތައް އަހަރެއްގެ ފަރުވާކުޑަކަމާއި އަޅާނުލުމާއި ވަރިހަމަކުރުމުގެ ނަތީޖާ އެވެ. އެ ސިފަ ބަދަލުކޮށް، ތިމާގެ އަސްލު ސޫރައަށް ވާސިލްވާން ކުއްލިއަކަށް ހިއްކާލަން ކޮށްފައި ހުންނަނީ ހަށިގަނޑަށާއި ސިއްހަތަށް ވެސް ގެއްލުން ހުރި ބޮޑެތި ކަންކަމެވެ: ކެއުން ދޫކޮށްލަ އެވެ. ހަށިގަނޑަށް ބޭނުން އެތައް މާއްދާއެއް ގެއްލުވާލަ އެވެ. 

"ތިން މަހުން ހަތަރު މަހުން 12 ކިލޯ ދުއްވާލުމަކީ ސިއްހީ ގޮތުން [ވެސް] ވަރަށް ބޮޑު ނުރައްކަލެއް،" އަބްދުﷲ ބުންޏެވެ.

ކަސްރަތުކުރުމަކީ އަސްލު ކޮބައިކަން އެނގޭ ޓްރޭނަރެއް ނަގަންވީ އެހެންވެ އެވެ. އަދި ޓްރޭނަރަކަށް އަގު ދީގެން ދާއިމީކޮށް ނުކުރެވޭ ނަމަ، ތިމާ އެކަން ކުރާނެ ގޮތްތައް ދޭތެރެ ދޭތެރެއިން އޮޅުންފިލުވަން ވެސް ދާންވީ، އަބްދުﷲގެ ނަސޭހަތަށް ބަލާ ނަމަ، ކަސްރަތު ރަނގަޅަށް އެނގޭ މީހެއް ކައިރިއަށެވެ.

މި ކަންތައް ފުދޭވަރަކަށް ސަސްޓެއިން ކުރެވިއްޖޭ، ދެމެހެއްޓިއްޖޭ. އެހެން ބުނީމާ އެ އުފާ ވަރަށް ބޮޑަށް ލިބޭ

އަބްދުﷲ ނިޔާޒު، ފިޓްނަސް އިންސްޓްރަކްޓަރު

އަބްދުﷲގެ ނަޒަރުގައި ހަށިގަނޑުގެ ބައްޓަން ގެއްލިފައި ހުރި މީހަކަށް އެންމެ ރަނގަޅު އަމާޒަކީ އެއް އަހަރާއި ދޮޅު އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރީތިކޮށްލުމެވެ.

"އެނގިގެން ކުރީމާ ރީތި ހަށިގަނޑެއް ހޯދުމަކީ އަސްލުގައި މީހަކަށް ކެރިއްޖެއްޔާ އެއްވެސް ކަމެއްއް ނޫން،" އޭނާ ބުންޏެވެ.

"ގާތްގަނޑަކަށް ބަލާ އަހަރެއް ނޫނީ ދޮޅު އަހަރުގެ ތެރޭގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެނގިގެން ކޮށްފިއްޔާމު. ވަރަށް ބޮޑަށް ފާހަގަކޮށް [ބުނެލަން] އެނގިގެން ކޮށްފިިއްވިއްޔާމު."

ކުރީގެ ދިވެހި ކެއުން ބަރާބަރު

ހުރިހާ އެއްޗެއް ކައިިގެން ހަށިގަނޑު ފަލަވަން ދޫކޮށްލާފައި ދެންވީ ނުކައި ތިބެގެން ހިކޭށެވެ. އެކަމަކު އެއީ ހަށިގަނޑަށް ވެސް އަދި ތިމާއަށް ވެސް ގޮތެއް ނޫނެވެ. އަބްދުﷲ ބުނީ ހަށިގަނޑު ރީތިކޮށް ބަހައްޓަން ނުވަތަ ރީތި މިންވަރަށް ގެންނަން ކެއުން ގުރުބާން ކުރަން ނުޖެހޭ ވާހަކަ އެވެ. ހާއްސަކޮށް ދިވެހިން ކުރިން އާންމުކޮށް ކައި އުޅުނު ކެއުންތައް ކައިގެން ވެސް ބޭނުންވާ ނަތީޖާ ނެރެވޭނަކަމާ މެދު އޭނާ ޝައްކެއް ނުކުރެ އެވެ.

"މިސާލަކަށް ގަރުދިޔަ އާއި ބަތާ، މުގުރިހަ އާއި ބަތާ، ތަރުކާރީ ރިހަ އާއި ބަތާ، ދެން [ހެނދުނު] ސައި ބޯއިރު ބަރަބޯ މަސްހުނި އޯކޭ، ރޮށި ވެސް އޯކޭ،" ކުޑަ ތަފުސީލެއް ދެމުން އަބްދުﷲ ކިޔައިދިނެވެ.

އެގޮތަށް "ކައިގެން ގަވާއިދުން ކަސްރަތުކުރަންޏާ ރީތި ހަށިގަނޑެއް ބެހެއްޓުމަކީ ހަމަ އެއްވެސް ކަމެއް ނޫން."

ޖޭމްއައްލޯ ޖިމްގައި ވޯކްއައުޓަކަށް ފަހު: އޭނާ ބުނީ ކުރީގެ ދިވެހި ކެއުންތައް ކައިގެން ވެސް ހަށިގަނޑު ރީއްޗަށް ބެހެއްޓިދާނެ ކަމަށް

ކަސްރަތަކީ ވެއިޓް ޓްރޭނިން ކަމަށް ހަދައިގެން އުޅޭ ވަރަށް ގިނަ ބަޔަކު ގަވާއިދުން ސަޕްލިމެންޓް ބޭނުންކުރެ އެވެ. ހަށިގަނޑުގެ އެކި ބައިތަކަށް ބަދަލުތައް ގެނެސް، ނަތީޖާ ދަމަހައްޓައިދޭނެކަމުގެ 'ޔަގީންކަން' ދީފައި ހުންނަ އުފެއްދުންތަކެވެ. އެކަމަކު އެ ސަޕްލިމެންޓްތައް ބޭނުންކުރާކަށް އަބްދުﷲ ހިތްވަރެއް ނުދެ އެވެ. އޭނާގެ ބަހުން ނަމަ އެއީ "ބޮޑަށް ވިޔަފާރިއަށް ހަދާފައި ހުންނަ އެއްޗިއްސެ"ވެ.

އެކަމަކު "އެއީކީ ގޯސް އެއްޗެކޭ ނުދަންނަވަން،" އޭނާ ބުންޏެވެ.

ހަށިގަނޑު ރީތިކޮށް ބަހައްޓަން ބޭނުން ނަމަ އަސްލު ދުރުވެލަން މި ޖެހެނީ، ބަދަލުވި ޒަމާނާ އެކު ގެނެސްދިން، 'ފަސޭހަ ކެއުންތަކާ' އެވެ. ޗީޒް އާއި ތެލުގެ ބައި އެހާ ގިނަ ކެއުންތަކެވެ. ދެން ރޭގަނޑު ފަސްކޮށްފައި ކެއުމެވެ. އެކަމަކު މިއީ މިހާރުގެ އެންމެ ބޮޑު އެއް އާދަ އެވެ. ރޭގަނޑު ބުރު ޖަހަން ނުކުމެ، ލަސްކޮށްފައި ކާން ތިބޭ މީހުން ގިނަކަން، މާލެ އާއި ހުޅުމާލެއިން އެނގޭނެ އެވެ. 

ކަސްރަތަކީ 'އަޅުކަމެއް'

އުމުރުން މިހާރު 55 އަހަރެވެ. އެކަމަކު އޭނާގެ ހަށިގަނޑު ގާތްގަނޑަކަށް ހަމަ އެއްގޮތެވެ.

ބޮޑީ ބިލްޑިންގެ ތެރެއަށް އަބްދުﷲ ވަނީ 1990 ވަނަ އަހަރު އެވެ. ގޭގައި ސިމެންތިން ބަރުތައް ހަދައިގެން ފެށި ފެށުމެވެ. މާލޭގައި އޭރު އަދި ކިރިޔާ ރާއްޖޭގެ ފުރަތަމަ ޖިމް 'މާލޭ ފިޓްނަސް ކްލަބް' ހުޅުވީ އެވެ.

އެ ފެށި ފެށުން ވީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު އެއް ބަޔަށެވެ. މިދިއަ 32 އަހަރުގެ ތެރޭގައި ލިބުނު ތަޖުރިބާއިން އޭނާއަށް ބުނެވެން އޮތީ 'ކަސްރަތުކުރުމަކީ އަޅުކަމެއް ފަދަ ކަމެއް' ކަމަށެވެ. ހަށިގަނޑު ރީތިކޮށް ބަހައްޓައިގެން އެ ލިބޭ ހިތްހަމަޖެހުމާއި ފަސޭހަ، ގިނަ މީހުންނަށް ކިޔައިދޭން ވެސް އުނދަގޫވެ އެވެ. 

މިހާރު ވެސް އަބްދުﷲ ފެނުމުން 'އަދިވެސް ހަމަ ތިހާ ރީތިކޮށް ތިހުންނަނީ ކީއްވެހޭ' ބައެއް މީހުން އަހަ އެވެ. އޭނާ ބުނި ގޮތުގައި އެއީ މީހަކު 'ލާރިތަކެއް ދިނުމަށް ވުރެ ވެސް އުފާވާ ކަމެކެ'ވެ.

ހިތަށްއަރަނީ "މި ކަންތައް ފުދޭވަރަކަށް ސަސްޓެއިން ކުރެވިއްޖޭ، ދެމެހެއްޓިއްޖޭ. އެހެން ބުނީމާ އެ އުފާ ވަރަށް ބޮޑަށް ލިބޭ،" ދުވާލު ހަތަރުދަމު ކަހަލަ ގޮތަކަށް އެކި މީހުންގެ ފިޓްނަސް ކަންކަމުގައި، ޖިމްގައި ވަގުތު ހޭދަކުރަމުން އަންނަ އަބްދުﷲ ބުންޏެވެ. 

"ހަށިގަނޑަކީ ގަންނަން ލިބޭ އެއްޗެއް ނޫން. އެއީ މަސައްކަތުން ހޯދި އެއްޗެއް." 

އެ މަސައްކަތަކީ ތިން މަސް ދުވަސް ކޮށްފައި ހުއްޓާލުމެއް ނޫނެވެ. ފަލަވުމާ އެކު އަނެއްކާ ނުކައި ހުރެ ހިކުމެއް ވެސް ނޫނެވެ. ގަވާއިދުން ކަސްރަތުކުރުމެވެ. ހަށިގަނޑު ދެކެ ލޯބިވުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް