ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. (ފޮޓޯ/މަޖިލިސް)

އެމްޑީޕީ

ނަޝީދު މަޖިލީހުގެ ރައީސް ކަމުން ދުރުކުރަން އެމްޑީޕީގެ މެމްބަރުން އެދެނީ

އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުކުރެވޭ ކޮއްކޯފުޅުގެ ދިފާއުގައި ނަޝީދު ނުކުންނެވުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އެ މަނިކުފާނަށް ވަނީ އަމާޒުވެފައި

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ގެ ބައެއް މެމްބަރުން، އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މެދު ހިތްހަމަޖެހިވަޑައިނުގެން، އެ މަނިކުފާނަށް ފިޔަވަޅު އަޅައިދޭން އެދެމުން އަންނަ ކަމަށް، ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމާ ގުޅިގެން އެ މަނިކުފާނު ގެންދަވަނީ ސަރުކާރަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ.

ކޮއްކޯފުޅުގެ ދިފާއުގައި ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ނާޒިމް ހައްޔަރުކުރީ ސަރުކާރުން ނުފޫޒު ފޯރުވައިގެން، ސަރުކާރުގެ ތެރޭގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށެވެ. އެ ޓުވީޓާ ގުޅިގެން އެމްޑީޕީގެ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުންނާއި އާއްމު މެމްބަރުން ވެސް ދަނީ ސޯޝަލް މީޑިއާގައި ނަޝީދަށް ފާޑުވިދާޅުވެ އެ މަނިކުފާނަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

ބުނީ ކީކޭ؟ - މަޖިލީހުގެ ރައީސް ކަމުން ނަޝީދު ދުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކުރުމުން އެކަމާ ގުޅިގެން 'ދައުރު'އާއި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ނަޝީދާއި މެދު ވަރަށް ގިނަ މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރައްވައި އެ މަނިކުފާނު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމުގެ ވާހަކަތައް ދައްކަވަން ފައްޓަވާފައިވާ ކަމަށެވެ.

"ރައީސް ނަޝީދުގެ ވަރަށް ގިނަ ކަންކަމާ ވަރަށް ގިނަ ބޭފުޅުން ތިއްބެވީ ހިތްހަމަޖެހިވަޑައިނުގެންފައި،" ނަޝީދު މަގާމުން ދުރުކުރުމުގެ މަސައްކަތް ރަސްމީކޮށް އަދި ފަށާފައިނުވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް ބޭއްވުމަށް ވަރަށް ގިނަ މެމްބަރުން އެދިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު އެ ބައްދަލުވުން ބާއްވާނީ ކޮން ތާރީހެއްގައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެނގުން މުހިއްމު - މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މަޖިލީހުގެ މެމްބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންނަށް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ފެނިއްޖެ ނަމަ، އެ މައްސަލަ މަޖިލީހަށް ހުށަހެޅޭނެ އެވެ. އެގޮތުން:

  • ވަކިކުރުމަށް ހުށަހެޅޭނީ ހަތަރު ބައިކުޅަ އެއްބައި މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުން ސޮއިކުރައްވައި މައްސަލައެއްގެ ގޮތުގައި ގަރާރެއް ހުށަހެޅުމުން

  • މަޖިލީހުގެ ރައީސް ކަމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިވާނީ ގަރާރަށް ވޯޓަށް އަހާ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަގުލަބިއްޔަތުން އެ ގަރާރު ފާސްވުމުން

ކޮމެންޓް (1)

ދސންނ

30 ޖުލައި 2022
ފާހިޝް އަމަލުތައް ބަލާ ފިޔަވަޅު އަޅާ އެމީހުންނަށް. އޭގެ ފަހުގައި ސިޔާސީ ކުޅި ކުޅެން އުޅޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް