ލަންކާ ސިފައިން ޕެރޭޑެއްގައި. (ފޮޓޯ/ރޮއިޓާސް)

ސްރީ ލަންކާ

ލަންކާގައި ހަރަދު ކުޑަކުރަން އަސްކަރިއްޔާ ކުޑަކުރަނީ

ސްރީ ލަންކާގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ކާރިސާއާ ގުޅިގެން ހަރަދުތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އެ ގައުމުގެ އަސްކަރިއްޔާ އިން ގިނަ އަދަދެއްގެ ސިފައިން މަދުކުރަން ނިންމައިފި އެވެ.

ބަނގުރޫޓުވެފައިވާ ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން، އަންނަ އަހަރުގެ ނިޔަލަށް އަސްކަރިއްޔާގެ ސިފައިންގެ އަދަދު ތިންބައިކުޅަ އެއްބައި މަދުކޮށް، 135،000އަށް ކުޑަކޮށް އަދި 2030 ވަނަ އަހަރު 100،000އަށް މަދުކުރާނެ ކަމަށް ޑިފެންސްގެ ސްޓޭޓް މިނިސްޓަރަކު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ޕްރެމިތާ ބަންޑާރަ ތެނަކޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އަސްކަރީ ހަރަދަކީ މައިގަނޑު ގޮތެއްގައި ދައުލަތުގެ ފަރާތުން ކުރާ ހަރަދުތަކެއް ކަމަށާއި އެކަމުގެ ސަބަބުން ނުސީދާ ގޮތުން ގައުމީ އަދި އިންސާނީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ކަމަށެވެ.

އެކަމުގެ މަގުސަދަކީ 2030 ވަނަ އަހަރުގެ ކުރިން "ޓެކްނިކަލީ އަދި ޓެކްޓިކަލީ ހަރުދަނާ އަދި ހަމަހަމަ" އަސްކަރިއްޔާއެއް އުފެއްދުން ކަމަށް ތެނަކޫން ވިދާޅުވި އެވެ.

ބާވީސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަޒީރާ ގައުމުގައި ކާބޯތަކެއްޗާއި ތެލުގެ ދަތިކަން ކުރިމަތިވެ، އިންފްލޭޝަން ވަރަށް ބޮޑަށް މައްޗަށް ދިއުމަށް ފަހު މަޑުމަޑުން އަންނަނީ ރަނގަޅު ވަމުންނެވެ. މިދިޔަ އަހަރު ބޭރު ފައިސާގެ ރިޒާވް ހުސްވެ، އިގްތިސާދީ ބޮޑު ކާރިސާއަކަށް ގައުމު ވެއްޓުމާ ގުޅިގެން ސަރުކާރުން ވަނީ ހަރަދުތައް ކުޑަކޮށްފަ އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ބެއިލްއައުޓް ޕެކޭޖަށް ރުހުން ހޯދުމުގެ ގޮތުން ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ ޓެކްސް ބޮޑުކޮށް، ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރައްވައިފަ އެވެ.

ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ލަންކާގެ ސިފައިންގެ އަދަދު އެންމެ މައްޗަށް ގޮސްފައިވަނީ 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށެވެ. އެއީ 317،000 ސިފައިންނާ ހަމައަށެވެ. އެއީ، 25 އަހަރު ކުރި ދާހިލީ ހަނގުރާމަ 2009ގައި ނިމުނުތާ 10 ވަރަކަށް އަހަރު ފަހުންނެވެ.

ލަންކާގެ ދައުލަތުގެ ޖުމްލަ ހަރަދުތަކުގައި ދިފާއީ ދާއިރާގެ ހިއްްސާ 2021 ވަނަ އަހަރު އެންމެ މައްޗަށް ގޮސްފައިވަނީ ގައުމީ އުފެއްދުންތެރިކަމުގެ %2.3 އަށެވެ. ނަމަވެސް، އެ ދަދަދު މިދިޔަ އަހަރު %2 އަށް ވެއްޓުނު ކަމަށް ކޮލަމްބޯގެ ތިންކް ޓޭންކް ވެރިޓަސް ރިސާޗުން ބުނެ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސަލާމަތީ ބާރުތަކުގެ މުވައްޒަފުންނަށް ދޭ މުސާރައަކީ ދައުލަތުގެ މުސާރައިގެ ބިލުގެ ދެބައިކުޅަ އެއް ބަ އެވެ.

ލަންކާ އިން މި ހަފުތާގައި އިންޒާރު ދީފައި ވަނީ ދައުލަތުގެ މުވައްޒަފުންނާއި ޕެންޝަނަށް ފައިސާ ދެއްކޭ ވަރަށް އާމްދަނީ ނުލިބޭ ކަމަށެވެ.

މިދިޔަ އަހަރު ލަންކާގެ އިގްތިސާދު ވަނީ %8.7 ދަށަށް ގޮސްފަ އެވެ. އެއާ އެކު، ދިގު މުއްދަތަކަށް ކަރަންޓު ކެނޑުމާއި ޕެޓްރޯލް ހޯދަން ދިގު ކިޔޫތަކެއް ޖެހުމާއި ފިހާރަތަކުން މުދާ ހުސްވުމާއި އިންފްލޭޝަން އޮބި ނޯންނަ ވަރަށް މައްޗަށް ދިޔަ އެވެ.

މި މައްސަލަ އެންމެ ބޮޑުވީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ދިރިއުޅުއްވި ރަސްމީ ގެއަށް މުޒާހަރާގެ ބައިވެރިން ވަދެގަތުމާ ގުޅިގެން، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގައުމު ދޫކޮށް އޭނާ ވަޑައިގަތުމަށް ފަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް