އަހުމަދު މުހައްމަދު، ޝަވަންއަށް ރަނިން ބްލޭޑް ހަވާލުކުރައްވަނީ: އޭނާގެ އުއްމީދަކީ ރާއްޖޭގެ ފުރަތަމަ ރަނިން ބްލޭޑް އެތުލީޓަކަށް ޝަވަންވުން. (ފޮޓޯ/ޔޫތު މިނިސްޓްރީ)

'ދުވާފަޔާ' އެކު، ޝަވަންގެ އުއްމީދު؛ ބޭނުންވަނީ ދުވެލައި ކުޅެލަން

ޔޫތު މިނިސްޓްރީން ދިން ރަނިން ބްލޭޑާ އެކު ޝަވަން ހުރީ އުފަލުން ފޮޅިފައި؛ ސަރުކާރުން މިހާރު ބޭނުންވަނީ ރާއްޖޭގެ ފުރަތަމަ ރަނިން ބްލޭޑް އެތުލީޓަކަށް އޭނާ ހަދަން

އުމުރުފުރާގެ އެހެން ކުދިންތަކަކާ އެކު، މި ކުޑަކުއްޖާ ފުޓުބޯޅަ ކުޅެން އުޅޭ ތަން ފެނިވަޑައިގަތުމާ އެކު މިއީ ތަފާތެއް ނެރެވިދާނެ ކުއްޖެއްކަން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖަމިއްޔާގެ ޗެއާޕާސަން އަހުމަދު މުހައްމަދަށް އެނގިވަޑައިގެންނެވި އެވެ.

ހދ. މަކުނުދޫ ސްކޫލުގެ ދަރިވަރުންގެ މެދުގައި ކުޅުނު ފުޓުބޯޅަ މެޗުގެ ތެރެއިން އެތައް ބައެއްގެ ސަމާލުކަން އަތުލި އަހުމަދު ޝަވަން މުހައްމަދާ މެދު، ޗެއާޕާސަންގެ ފުރަތަމަ އުއްމީދަކީ ވެސް، ޕެރައޮލިމްޕިކްގައި ކާމިޔާބު ކުއްޖަކަށް އޭނާ ހެދުމެވެ. އެ ދުވަހުން ފެށިގެން އަހުމަދާއި ކަމާ ގުޅޭ ސަރުކާރުގެ އެހެން އިދާރާތައް ގުޅިގެން ވަނީ އެ މަސައްކަތް ފަށާފަ އެވެ.

އިއްޔެއަކީ އެކަމުގެ އެންމެ ހާއްސަ ދުވަހެވެ. ޔޫތު މިނިސްޓްރީގެ އެހީގައި ޝަވަންއަށް ވަނީ 'ރަނިން ބްލޭޑް' ނުވަތަ ދުވުމަށް މަސްނޫއީ ފައެއް ހޯދައިދީފަ އެވެ. ފައިގެ ކަކުލުހުޅާ ހަމައިން ނުވަތަ ފަލަމަސްގަނޑާ ހަމައިން ގުޅާލާފައި އިންނަ، މި ފަދަ ބްލޭޑްތަކުގެ އެހީގައި ދުވާ ބައިނަލްއަގްވާމީ ފެންވަރުގެ މޮޅެތި އެތުލީޓުން އުފެދިފައި އެބަހުއްޓެވެ. އެއް ފައިގައި ޝަވަން ދެއްކި ހިތްވަރަށް ބަލާފައި މިއީ ނުވާނެ ކަމެއް ނޫން ކަމަށް އަހުމަދަށް ގަބޫލުކުރައްވަ އެވެ.

"ޝަވަންގެ ހިތްވަރު އަޅުގަނޑުމެންނަށް އެންމެންނަށް ވެސް ފެނިއްޖެ. މިއީ އޭނާއަށް ވެދާނެ ކަމެއް،" 'ދައުރު'އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި އަހުމަދު ވިދާޅުވި އެވެ.

ޝަވަންއަށް ރަނިން ބްލޭޑް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ޔޫތު މިނިސްޓްރީ)

މަސްނޫއީ ފައެއް ހަރުކުރި ނަމަވެސް ބާރަށް ނުދުވި ދާނެ އެވެ. ނޫނީ ނުކުޅެވިދާނެ އެވެ. އެ ހުނަރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ޕެރަލިމްޕިކް ކޮމިޓީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖަމިއްޔާ ގުޅިގެން މިހާރު އަންނަނީ ޝަވަންއަށް އެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.

އުމުރުން 7 އަހަރުގެ އެ ކުއްޖާގެ ފައިގައި ހުރި މައްސަލައެއްގެ ސަބަބުން، ފައިގައި ބްލޭޑް ހަރުކުރެވޭކަށް އަދި ނެތެވެ. ޝަވަންގެ ފަޔާ ބްލޭޑް ގުޅާލެވެނީ ސޮކެޓަކަށް ލާފަ އެވެ. އެކަމަކު އެއީ ރާއްޖޭން ދެވެން އޮތް ފަރުވާއަކަށް ނުވުމުން، އަހުމަދުމެންގެ އަމާޒަކީ އެކަންކޮށް އަދި އާ ފަޔަށް ޝަވަން އަހުލުވެރިކުރުމަށް އިންޑިއާއަށް ފޮނުވުމެވެ.

އެކަމަކު އެކަމަށް މާލޭގައި މިހާރު ދެވެން ހުރި ފަރުވާތައް ދެމުން ދާތީ، އިންޑިއާއަށް ގޮސް މާ ގިނަ ދުވަސް އެ ކަމަށް ހޭދަވާނެ ކަމަކަށް ނުބެލެވެ އެވެ. ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ އުއްމީދަކީ އާ ފަޔަށް ޝަވަން އަހުލުވެރިވެ، އޭނާގެ ހުނަރުވެރިކަން ދައްކާލުމެވެ. ރާއްޖޭގެ ފުރަތަމަ ރަނިން ބްލޭޑް އެތުލީޓަކަށް އެ ކުޑަކުއްޖާ ހެދުމެވެ.

"ވަރަށް އުފާވެފައި މި ހުރީ. ބޭނުން ވަނީ ބްލޭޑް ލައްވައިގެން ކުޅެލަން ދާން،" މަންމަ، އައިޝަތު ވިޝާހުގެ ފޯނުން ވާހަކަ ދައްކަމުން ޝަވަން ބުންޏެވެ.

މަކުނުދޫގައި ކުޑަކުދިންގެ ފުޓުބޯޅަ މެޗެއްގައި ޝަވަން(މ) ފުޓުބޯޅަ ކުޅެނީ: އެ ކުއްޖާ ދެއްކި ހިތްވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުން.

ވިޝާހު ބުނި ގޮތުގައި، ބްލޭޑް ލިބުމާ އެކު ޝަވަން އުފަލުން ފޮޅިއްޖެ އެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެ މަސްނޫއީ ފައި އޭނާގެ ފައިގައި ހަރުކޮށްލުމާ އެކު، އެތައް ކަމެއް ކުރަން އޭނާ ބޭނުން ވެއްޖެ އެވެ. އެހެން ކުދިންނެކޭ އެއްގޮތަށް ހިނގާލައި ދުވެލާ އަދި ކުޅެލަން އޭނާ ކުރާ އުއްމީދު ބޮޑުވެއްޖެ އެވެ.

އުފަންވި އިރު ވެސް ޝަވަން އަކީ އެއް ފައި ވަކި ހިސާބަކުން ނުއުފެދި ހުރި ކުއްޖަކަށް ވިޔަސް، މިހާތަނަށް އޭނާ އުޅެމުން އައީ ހަމަ އާދައިގެ ދިރިއުޅުމެކެވެ. އެހެން ކުދިންނެކޭ އެއްގޮތަށް ކުޅެ، ދުވެ، ތަންތަނަށް އަރާ ހަދަ އެވެ. އެކަމަކު އެއް ފައިގައި ކޮރަމުން، އޭނާ ނަމޫނާ ދެއްކީ ނުކުޅެދުންތެރިކަން ހުރުމަކީ ފަސް ޖެހެން ޖެހޭ ސަބަބެއް ނޫން ކަމެވެ. 

ޝަވަން އާއި އޭނާގެ އާއިލާ އަދި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން މިހާރު ތައްޔާރުވަމުން ދަނީ، ޝަވަންގެ ފަރުވާ އާއި ރިހިބިލިޓޭޝަނަށް މި މަހުގެ ފަހުކޮޅު އިންޑިއާއަށް ދިއުމަށެވެ. އަދި އެއަށް ފަހު އެހެން މީހުންގެ އުއްމީދުތައް ވެސް ހުރީ އަދި ޝަވަން ހިތްވަރު ކުރަނީ ވެސް ރާއްޖެ ފަހުރުވެރިކޮށްލެވޭނެ ފަދަ ކާމިޔާބު ކުއްޖަކަށް ވުމަށެވެ.

ކޮމެންޓް (2)

މުހައްމަދު

6 ޑިސެމްބަރު 2022
އަލްހަމްދުﷲ
0 0

ޙަސަން

5 ޑިސެމްބަރު 2022
ވަރަށް ވެސް އުފާވެރި ޚަބަރެއް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް