Majlis 2024

އިރުމަތީ ގުދުސުގައި ވަޒަންވެރިވުމަށް މަސައްކަތް ކުރާ އިޒްރޭލު މީހުންނާއި ފަލަސްތީނު މީހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަނީ. (ފައިލް ފޮޓޯ/ އޭޕީ)

ފަލަސްތީން

އިޒްރޭލުގެ ބަޔަކު ދިދަ ހިފައިގެން އަގްސޯ މިސްކިތަށް ވަދެގެންފި

އިޒްރޭލުގެ އެތައް ހާސް ބަޔަކު އެ ގައުމުގެ ދިދަ ހިފައިގެން، ދިދަ ހޫރުވަމުން އަލް އަގްސޯ މިސްކިތުގެ މުސްލިމުންގެ ސަރަހައްދަށް ވަދެގެންފި އެވެ. އެއީ ދެ ފަރާތުގެ މައްސަލަ ހޫނުވުމަށް އިތުރަށް މަގުފަހިވާނެ ކަމެކެވެ.

ފަލަސްތީނުގެ ރައީސް އޮފީހުން ބުނީ އެއީ "އަލިފާނަށް ދަރުއެޅުން" ކަމަށެވެ. އިޒްރޭލުގެ ބަޔަކު ދިދަ ހިފައިގެން އަގްސޯގެ މުސްލިމުންގެ ފަޅިއަށް މި ވަދެގަތީ، އިޒްރޭލާއި ފަލަސްތިނާ ދެމެދު ހަމަލާތައް ބަދަލުކުރާތާ މަސްދުވަސްވެ، ގިނަ ބަޔަކު މަރާލާފައި ވަނިކޮށެވެ.

އެގޮތަށް ދިދަ ހިފައިންގެން ގުދްސްއަށް ވަދެގަތުން ރަމްޒުކޮށްދެނީ، 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގާ އިރުމަތީ ގުދުސް އިޒްރޭލު ސިފައިން ހިފުމުގެ ކާމިޔާބީ ފާހަގަކުރުން ކަމަށެވެ.

އިޒްރޭލުން ގަބޫލު ކުރަނީ މުޅި ގުދުސަކީ އެ މީހުންގެ ވެރި ރަށް ކަމަށެވެ. ނަމަވެސް ގިނަ ގައުމުތަކާއި ފަލަސްތީނުން އެކަން ގަބޫލެއް ނުކުރެ އެވެ.

ފަލަސްތީނުން ގަބޫލު ކުރަނީ، އިޒްރޭލުން ހިސޯރުކޮށްފައިވާ އިރުމަތީ ގުދުސަކީ މުސްތަގުބަލުގެ އެ މީހުންގެ ވެރި ރަށް ކަމަށެވެ. އަދި އެ ތަނުގެ މިލްކްވެރިކަމަށް މަސައްކަތް ކުރާ ކޮންމެ ބަޔަކާ ދޭތެރޭ އަނެއް ބަޔަކު ދެކެނީ އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެ މީހުންނަށް އޮތް ގޮންޖެހުމެއް ކަމަށެވެ.

އެ ސަރަހައްދުގައި ހުރި ބީބީސީގެ ނޫސްވެރިޔަކާ ހަވާލާދީ އެ ނިއުސް އެޖެންސީން ބުނީ އިޒްރޭލުގެ ޒުވާނުން ދިމިސްކްގެ ގޭޓުން މުސްކުޅި ސިޓީއަށް ވަނީ ބެރު ދުންމާރި ތާޅަފިލީގައި ދިދަ ހޫރުވަމުން އަދި ނަށަމުން ކަމަށެވެ.

ހަނި މަގުތަކުން ހިނގާފައި ދިޔަ މީހުންގެ ތެރޭގައި ދުއްވާ ގޮނޑި ފަދަ ތަކެތި ހިފައިގެން ތިބި ޔަހޫދީ އާއިލާތައް ވެސް ހިމެނެ އެވެ. ބީބީސީގެ ރިޕޯޓަރު ބުނީ އެ މީހުން ވަދެގެން ދިޔަ އިރު އިޒްރޭލު ސިފައިން ތިބީ ކުއްތާތަކާއި ސަލާމަތީ ސާމާނުތަކާ އެކު އެ މީހުންނަށް ހިމާޔަތްދީގެން ކަމަށެވެ. 

ބީބީސީގެ ރިޕޯޓަރު ބުނީ އެ ސަރަހައްދަކީ އާންމުކޮށް ފަލަސްތީން މީހުން ވިޔަފާރީގެ ކަންކަމުގަ އާއި އެ ނޫން ބޭނުންތަކުގައި ނުކުމެ އުޅޭ ސަރަހައްދެއް ކަމަށެވެ. އިޒްރޭލު މީހުން ދިދަ ހިފައިގެން ވަދެގެން ދިޔަ އިރު އެ ތަނުގައި ތިބި ފަލަސްތީންގެ މީހުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ވަނީ ހިނގާފަ އެވެ.

އޭގެ ކުރިން ވެސް ވަނީ އިޒްރޭލުގެ ފުލުހުންނާއި ފަލަސްތީން މީހުންގެ ކުރިމަތިލުންތަކެއް ހިނގައިފަ އެވެ. އަދި އޭގެ ފަހުން އެތައް ސަތޭކަ ޔަހޫދީން، ވާތު ފިޔައިގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ އެކު ފަރުބަދަމަތީގެ ސަރަހައްދަކަށް ގޮސްފަ އެވެ. ފަލަސްތީނުން ދެކެނީ އެއީ ދޭތެރެ ޖައްސައި ހަމަނުޖެހުން ހިންގުމަށް މަގުފަހި ކުރުމަށް ހިންގާ ހަރަކާތްތަކެއް ކަމަށެވެ. އަދި އެކަން އެ މީހުން ބަލައި ނުގަންނާނެ ކަމަށް ވެސް ފަލަސްތީނު މީހުން ބުނެ އެވެ.

ޔަހޫދީންނާއި މުސްލިމުން ނޫން މީސްމީހުން ގުދުސަށް ވަކި ވަގުތުތަކެއްގައި ވަނުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އަޅުކަން ކުރުމާއި މުސްލިމުންނަށް އިހްތިރާމް ކުޑަވާ ޒާތުގެ ކަންކަން ކުރުން މަނަލެވެ. އެއީ ޒަމާނުއްސުރެ މުސްލިމުންނާ ދެމެދު އެއްބަސްވެފައިވާ ގޮތެވެ. އެ ތަން ބަލަހައްޓަނީ މުސްލިމުންނެވެ.

އެއީ މުސްލިމުންގެ ހަރަމް އަލް ޝަރީފް އެވެ. ނޫނީ އަލް އަގްސޯ ގިބުލަ މިސްކިތެވެ. އަދި އެއީ މުސްލިމުންގެ ތިން ވަނަ ހަރަމް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް