ޑރ. ޝިފާން (ކ) މޫސާ ވަސީމް (މ) އަދި ހަދީޖާ

އަމިއްލަ ގައުމުގައި ކެންސަރުގެ ފަރުވާ: ވަރަށް ތަފާތު

ރާއްޖެއިން ކެންސަރުގެ ފަރުވާ ހޯދާ މީހުން އިތުރުވަމުން އަންނައިރު، ހިދުމަތާ މެދު ހިތްހަމަޖެހޭ މީހުން ގިނަ

ހަށިގަނޑުގެ ދެތިން ތަނެއްގައި ކެންސަރު އަށަގެންފައިވާކަން ހަދީޖާ ސައީދަށް އެނގުމާ އެކު ހުރިހާ ރައްޓެހިން ވެސް ބުނީ ފަރުވާ ހޯދަން އިންޑިއާގައި މަޑުކުރުމަށެވެ. ކެންސަރަށް ޓެސްޓު ކުރުމަށް އޭރު އިންޑިއާގައި ހުރި ހަދީޖާގެ އާއިލާގެ ބައެއް މީހުންނަށް ވެސް ގަބޫލުކުރެވުނީ އެގޮތަށެވެ. އެކަމަކު އޭނާގެ ކުރިމަތީގައި އޭރު އެހެން ގޮތެއް ވެސް އޮތެވެ؛ ފަރުވާ ފުރިހަމަ ކުރުމަށް، އާއިލާގެ ގާތަށް ރާއްޖެ އައުމެވެ.

އޭގެ ދުވަސްތަކެއް ފަހުން، އައިޖީއެމްއެޗުން މިހާރު ވެސް ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ހަދީޖާ، މިއަދު އެ ނިންމުމާ މެދު އުފާކުރެ އެވެ. އެއީ ގިނަ ބައެއްގެ ހީކުރުންތަކާ ހިލާފަށް، އަމިއްލަ ގައުމުގައި، އަމިއްލަ އާއިލާ ކައިރީގައި ހުރެ އެންމެ ރަނގަޅު ފަރުވާ ލިބެމުން އަންނާތީ އެވެ.

"ގިނަ ރައްޓެހިން ބުނީ ކީއްކުރަންހޭ އިންޑިއާގައި ހުރެފައި ރާއްޖެ އަންނަނީ؟ ރާއްޖެ ވީމައި، އައިޖީއެމްއެޗު ވީމައި ދެކޮޅުވާ މީހުން ވެސް އެބަ ތިބޭ،" ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން 'ދައުރު'އިން ގެނެސްދޭ ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން ހަދީޖާ ބުންޏެވެ.

ރަހުމަތްތެރިންގެ ވާހަކަ އަކީ މި އެވެ؛ މިއީ ރާއްޖެ އެވެ. މިތަނަކުން ނުވާނެ އެވެ. ކެންސަރަށް ހާއްސަ އެންމެ ރަނގަޅު ފަރުވާ ލިބެން ހުރި ތަނެއްގައި ހުރެފައި، ފަރުވާ ހޯދަން ރާއްޖެ އައުމުގެ ބޭނުމެއް ނެތެވެ.

އެކަމަކު ކެންސަރުގެ ސްޓޭޖް-4ގައި ހުރި ހަދީޖާގެ ތަޖުރިބާ ރާއްޖޭގައި ތަފާތެވެ. މީގެ ހަތަރު އަހަރު ކުރިން އައިޖީއެމްއެޗުގައި ދޭން ފެށި ކެންސަރުގެ ފަރުވާގައި، ރާއްޖޭން އޭނާއަށް އުނިވާ މާ ގިނަ ކަންކަމެއް ނެތެވެ. ފަރުވާ ދެނީ ދިވެހި ޑޮކްޓަރުންނެވެ. ކައިރީގައި އާއިލާގެ އެންމެންނަށް ތިބެވެ އެވެ. ކީމޯ ތެރަޕީގެ ވޭންދެނިވި ސެޝަންތަކަށް ފަހު، އަނބުރާ އަމިއްލަ ގެއަށް ދެވެ އެވެ.

ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް އާއި 'ދައުރު' ގުޅިގެން ފެށި އާ ޕޮޑްކާސްޓް 'ކެންސަރުގެ އިހުސާސްތައް' ފުރަތަމަ ބައިގެ ރެކޯޑިން

އޭނާ ހަމައެކަނި އިންޑިއާއަށް ދަނީ، ރާއްޖޭން ލިބެން ނެތް ފަރުވާއެއް ހޯދާށެވެ.

ކެންސަރުގެ ފަރުވާގައި ނުފެންނަ އަނެއް ފަޅިއެއް ވެސް ވެ އެވެ. އައިޖީއެމްއެޗުގެ އޮންކޮސާޖަން ޑރ. މުހައްމަދު ޝިފާން ވިދާޅުވި ގޮތުގައި ފަރުވާގައި އެންމެ މުހިއްމު ބަޔަކީ އެއީ އެވެ.

'ކެންސަރުގެ އިހުސާސްތައް' ޕޮޑްޕާސްޓްގައި ވާހަކަ ދައްކަވަމުން ޝިފާން ވިދާޅުވީ ކެންސަރުގެ ފަރުވާގައި، ކީމޯ ތެރަޕީ އާއި ރޭޑިއޭޝަނާއި އޮޕަރޭޝަނަށް ވުރެ އެންމެ މުހިއްމީ ނަފްސާނީ ގޮތުން އަންނަ ބަދަލުތައް އެމީހަކަށް ތަހައްމަލު ކުރެވުމެވެ.

ޑޮކްޓަރުގެ ބަހުން ނަމަ، އިންސާނާގެ އެންމެ ބޮޑެތި ލަކުނުތައް ހުންނާނީ ނުފެނި އެވެ. އެ ބައްޔާ ހަނގުރާމަ ކުރާއިރު، ހަށިގަނޑަށް އެ އަންނަ ބަދަލުތަކާއި ބަލީގެ ވޭނުގައި، އާއިލާ މީހުންނާއި ލޯބިވާ މީހުން ކައިރީގައި ތިބެވުމަކީ ލިބޭނެ އެންމެ ބޮޑު ހިތްވަރު ކަމަށް އޭނާ ވިިދާޅުވި އެވެ. އެއީ ފަރުވާގައި އެންމެ މުހިއްމު އެއް ބަ އެވެ.

 ފަރުވާ ކުރިއަށް ދާއިރު ބަލި މީހާގެ އާއިލާއާ ޑޮކްޓަރުން ބައްދަލުވެ، ރައްޓެހިވެވުމަކީ ވެސް ލިބޭނެ ކުރި އެރުމެކެވެ. އަމިއްލަ ބަހުން މުއާމަލާތުކޮށް، ކަންކަން އޮޅުންފިލުވައިދިނުމުގައި ވެސް އެ ލިބޭ ފަސޭހަ، ނަފްސާނީ ދުޅަހެޔޮ ކަމުގައި ބޮޑު ރޯލެއް އަދާކުރާ ކަމަށް ޑރ. ޝިފާން ވިދާޅުވި އެވެ.

"ފަރުވާއަކީ ހަމައެކަނި ފިޒިކަލް އެއްޗެއް ނޫން. މީހާ ފަސޭހަވުމަށް، ނަފްސާނީ ދުޅަހެޔޮކަން ވެސް މުހިއްމު،" ރާއްޖޭގެ ފުރަތަމަ ކެންސަރުގެ އޮޕަރޭޝަން ޑޮކްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ކެންސަރަށް ފަރުވާ ދެމުން އަންނަތާ އަދިވީ ހަތަރު އަހަރެވެ. އެފަދަ ބޮޑު ފަރުވާއަކަށް މީހުންގެ އިތުބާރު ހޯދުމަށް ވަގުތު ނަގާނެކަން ޑރ. ޝިފާން ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު މިއަދާ ހަމައަށް އައި އިރު، އައިޖީއެމްއެޗުގެ ވަސީލަތްތަކާއި ހިދުމަތްތައް ބޮޑު ކުރިއެރުމެއް ހޯދާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އެ ޑިޕާޓްމެންޓުން ފަރުވާ ހޯދާ މީހުންގެ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވުމަކީ އޭގެ ހެއްކެވެ.

ޑރ. ޝިފާން ވިދާޅުވި ގޮތުގައި ކިޔަވާ ވިދާޅުވެގެން އޭނާ މީގެ ހަތަރު އަހަރު ކުރިން ރާއްޖެ ވަޑައިގެންނެވި އިރު ނުކުރެވޭ ކިތަންމެ ކަމެއް މިހާރު އެބަ ކުރެވެ އެވެ. މިސާލަކަށް އޭރު ނުކުރެވޭ އޮޕަރޭޝަންތަކުގެ %95 ކުރެވޭ ވަރަށް ވަނީ ކުރިއެރުން ލިބިފަ އެވެ. އިތުރު ފަރުވާތަކުގެ ތެރޭގައި:

  • ކީމޯ ތެރަޕީ

  • އިމިއުނޮތެރަޕީ

  • ހޯމޯން ތެރަޕީ

  • އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ދޭ ޓާގެޓެޑް ތެރަޕީ

އޭގެ އިތުރުން ކެންސަރަށް ފަރުވާ ދިނުމަށް، ބޮޑެތި އޮޕަރޭޝަންތައް ކުރުމުގެ ގާބިލްކަން، އައިޖީއެމްއެޗުގައި މިހާރު އެބަ ހުއްޓެވެ. އޭގެ ތެރޭގައި:

  • އުރަމަތީގެ ސާޖަރީތަކުގައި އުރަމަތި އެއްކޮށް ނެގުން

  • ކިހިލިފަތްދޮށުގައި ލާފައި ހުންނަ ގޮށްތައް ނެގުން

  • އުރަމަތީގެ ބައެއް ރައްކާތެރިކޮށްގެން ކުރާ ސާޖަރީ

  • އަމިއްލަ ގައިން މަސް އަޅައިގެން އޮޕަރޭޝަންތައް ކުރެވޭނެ

ޑރ. ޝިފާން ވިދާޅުވި ގޮތުގައި ކެންސަރުގެ ފަރުވާގައި މިހާރު ރާއްޖެއިން ދެވެން ނެތީ ރޭޑިއޭޝަން ނުވަތަ ނިއުކްލިއާ މެޑިސިން ހިމެނޭ ފަރުވާތައް އެކަންޏެވެ. އެ ފަރުވާ މިހާރު ލިބެން ނެތް ނަމަވެސް، އާ ހިދުމަތްތައް ތައާރަފްކުރުމުގައި ހުއްޓުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި ޑރ. ޝިފާންއާ އެކު މަސައްކަތް ކުރައްވަނީ ޑރ. އަމްރު އަހުމަދެވެ. ބަލިމީހުންގެ ފަރުވާތައް، ދެ ޑޮކްޓަރުން ކަންކަން ބަހާލައްވައިގެން ކުރައްވާއިރު، ބަލިމީހުންނާއި އެ މީހުންގެ އާއިލާއާ ގާތް ގުޅުމެއް ބާއްވަ އެވެ.

އެއީ އައިޖީއެމްއެޗުން ފަރުވާ ހޯދަމުން އަންނަ ހަދީޖާ، އުފަލާ އެކު ފާހަގަކުރި އެއް ކަމެވެ. ކޮންމެ ކީމޯ ތެރަޕީއަކަށް ހޮސްޕިޓަލުގައި އެޑްމިޓްވެގެން އޮންނައިރު، ޑރ. އަމްރު ވަޑައިގެން ބަލިމީހުންނާ ބަހައްޓަވާ ގާތްކަން އޭނާ ފާހަގަކުރީ ހައިރާންވެ ހުރެ އެވެ. ހުކުރު ދުވަސްތައް ހިމެނޭ ގޮތަށް ކޮންމެ ދުވަހަކު ވެސް ޑރ. ޝިފާން ބަލިމީހުންނަށް ޒިޔާރަތް ކުރައްވައި، ހާލު ބެލުއްވުމަކީ ވެސް، ފަރުވާގައި އޭނާއަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށް ހަދީޖާ ބުންޏެވެ.

"ވަރަށް ޕޮޒިޓިވް މި ބޭފުޅުން. ކެންސަރުގެ ސްޓޭޖް-4އޭ ބުނީމައި އާއްމުކޮށް ވަރަށް ނެގެޓިވްކޮށް ވިސްނޭނީ، އެކަމަކު ޑޮކްޓަރުން ދެއްވާ އުއްމީދަކީ މިޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައި ރަނގަޅުވެފައި އެބަ ހުއްޓޭ،" އައިޖީއެމްއެޗުގައި ހުރެގެން ވާހަކަ ދައްކަމުން އޭނާ ބުންޏެވެ. 

"ޑރ. ޝިފާން ކައިރީ ދެތިން ފަހަރަކު އަހާލެވުނު ދެން އަޅުގަނޑު ރަނގަޅު ވާނެހޭ. ޑޮކްޓަރު ވިދާޅުވީ ތިމަންނަމެން މަސައްކަތް މި ކުރަނީ ކޮން ކަމަކަށް ހެއްޔޭ. ވީ އާ ޓްރައިން އަވަ ބެސްޓް ކަމަށް."

ރާއްޖެއިން ލިބެން ނެތް ފަރުވާތައް ހޯދަން އިންޑިއާއަށް ދާތީވެ، ހަދީޖާއަށް ދެ ތަނުގެ ފަރުވާ އަޅާބަލަން އެނގެ އެވެ. އޭނާއަށް މިހާރު ޔަގީންވާ ކަމަކީ، އިންޑިއާގައި ހުރެގެން ފަރުވާ ހޯދަން އޭނާއަށް އުނދަގޫވާނެ މިންވަރެވެ. އެކަނިވާނެ ވަރެވެ. އެކަމަކު އައިޖީއެމްއެޗުގެ ކެންސަރު ޑިޕާޓްމެންޓުން އޭނާ ފަރުވާ ހޯދަނީ، ދަންނަ، އެކުވެރި މާހައުލަކުންނެވެ. ވަރަށް ސަޕޯޓިވް އަދި ރަނގަޅު ވާނެ ކަމުގެ އުއްމީދުދޭ ބަޔަކާ އެކު އެވެ.

"އަމިއްލަ ގައުމުގައި، އަމިއްލަ އާއިލާ ކައިރީގައި ހުރެގެން ހޯދާ ފަރުވާ ގައިމު ވެސް ވަރަށް ތަފާތު،" ހަދީޖާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް