Majlis 2024

ޔާލާ ޝަމީމް: އުމުރުން 13 އަހަރުގައި ތިމާވެއްޓާ މެދު ފިކުރުތައް ގިނަ، އަދި ތިމާވެށީގެ ހިމާޔަތުގައި އަބަދުވެސް އުޅެން ބޭނުންވޭ.

ތިމާވެށި

ޔާލާ: ތަފާތު ދައްކަނީ ކުދި އެކަމަކު ބޮޑެތި ކަންކަމުން

ކެއިންބުއިމުން ފެށިގެން ގޮސް، ދިރިއުޅުމުގެ އެކި ކަންކަމުގައި ތިމާވެއްޓާ މެދު 13 އަހަރުގެ ޔާލާ ފަރުވާތެރި

މުހިންމު ނުކުތާތައް

ކުނިން ވެށި ސަލާމަތްކުރުމަށް ޔާލާ ކޮންމެ ދުވަހަކު ވެސް މަސައްކަތްކުރޭ

ޕްލާސްޓިކަކީ އޭނާއާ 'އެކީގައި ބޮޑުވަމުންދާ އެއްޗެއް' ކަމުގެ އިހުސާސްކުރޭ

ޔާލާ ކިޔައިދެނީ ތިމާވެށީގެ ބޮޑެތި ގެއްލުންތަކާ މެދު ފުރާވަރު ކުއްޖެއްގެ ނުތަނަވަސްކަން

އުމުރުން 13 އަހަރުގައި، ޔާލާ ޝަމީމްގެ ދިރިއުޅުން އެހެން ގިނަ ދިވެހިންގެ އުޅުމާ ތަފާތެވެ. ސުޕާރީ އާއި މެޓާ ކަހަލަ "ކޫސަނި އެއްޗެހި" ނުގަތުމެވެ. ތައްޓަށް ކާން އަޅާ އިރު، ނުކެވިގެން އުކާލަން ނުޖެހޭނީ ކިހާ ވަރަކަށް އަޅައިގެންތޯ ވިސްނުމެވެ. ގޮނޑުދޮށަށް ގޮސް ކުނި ހޮވައި ނެގުމެވެ.

"އަޅުގަނޑު ކޮންމެ ތާކަށް ގޮސް ވެސް ބަލާލަން ޖެހޭ، މިތާ ކުނި އެބަހުރިތޯ،" ނ. ކުޑަފަރީ ޔާލާ ބުންޏެވެ.

ޔާލާގެ އެންމެ ދުރު ހަނދާނުގައި ވެސް ހުރީ ރިންގަށް އެރިގެން ބައްޕައާ އެކު މޫދުގެ ފުން ހިސާބަށް ގޮސް އުޅުނު ގޮތެވެ. ބައްޕައާ އެކު ކުނި ހޮވަން ދިޔުމާއި ގަސް އިންދަން ދިޔުމަކީ، އޭނާ އެންމެ ކުޑަ އިރު، ހަމައެކަނި މަޖާ ކަންކަމެވެ. އަމިއްލަ ރަށުގެ ހިތްގައިމު އެކަމަކު ނާޒުކު ގުދުރަތީ މާހައުލާ ލާމެހިގެން އުޅެބޮޑުވަމުން އައި ވަރަކަށް، އެ ކަންކަމާއި ތަންތަނުގެ މުހިއްމުކަން ޔާލާއަށް ވިސްނެން ފެށި އެވެ. މިހާރު، ކުނި މަދުކުރުމަށާއި ކުނިން ވެށި ސަލާމަތްކުރުމަށް ޔާލާ ކޮންމެ ދުވަހަކު ވެސް މަސައްކަތްކުރެ އެވެ. ގުދުރަތީ މާހައުލު ރައްކާތެރިކޮށް ދަމަހައްޓަން އެހީވެދޭ ކަންކަމަށް އޭނާގެ ފެންވަރުން އިސްނަގާށާއި ބައިވެރިވާން ޔާލާ ލޯބިކުރެ އެވެ.

ތިމާވެއްޓާ ރައްޓެހި އާދަތަކަކުން ޔާލާގެ ދިރިއުޅުން ބައްޓަން ކުރަމުންދާ ސަބަބު ބޮޑެވެ. އޭނާ ކިޔައިދިނީ ކުރިމަތިވެފައިވާ ތިމާވެށީގެ ބޮޑެތި ގެއްލުންތަކުގެ ތެރޭ، މުސްތަގުބަލާ މެދު، ފުރާވަރު ކުއްޖެއްގެ އިހުސާސްތަކެވެ.

"އަސްލު އަޅުގަނޑު ވަރަށް ބިރުގަނޭ. އަޅުގަނޑު ހިތަށް އަރާ ބޮޑުވެގެން އުޅެވޭނެ ބާވައޭ މި ރަށުގައި މި ގޮތަށް. އަޅުގަނޑު ބޮޑުވެގެން ވެސް ދެވޭނެބާވައޭ ފީނާލަން. ރީތި ގާތަކެއް ބާވައޭ ފެންނާނީ،" ޔާލާ ބުންޏެވެ.

ކުޑައިރުގެ އެ ތަޖުރިބާތަކާ އެކު ބޮޑުވަމުން އައި އިރު، މައުލޫމާތުގެ ދޮރުތައް ހުޅުވި، ޔާލާގެ ލޯ ވެސް ހުޅުވުނެވެ. ދިރިއުޅުމުގައި ބޭނުންކުރާ ތަކެތި މަދުކުރުމާއި ކޮންމެ ކަމެއްގައި ވެސް ވެއްޓަށް ބަލައިގެން އުޅުމުގެ ބޭނުންތެރިކަން ބޮޑަށް ދަސްވި އެވެ. އަމަލީގޮތުން އެފަދަ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރި އެވެ.

އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑު ބޮޑުވާ އިރު، މަރުވެފައި އޮންނަ ނުވަތަ ކުނި އަޅާފައި އޮންނަ މޫދަކަށް އެރޭކަށް. އަޅުގަނޑު ބޭނުންވަނީ ވަރަށް ސާފުތާހިރުކޮށް، ރީތިކޮށް އޮންނަ މޫދެއް. ގެއިން ބޭރަށް ގޮސް އަވިގަނޑުގައި ހުންނާކަށް ބޭނުމެއް ނޫން. ބޭނުންވަނީ ގަސްތަކުގެ ހިޔަލުގައި ހިނގަން.

ޔާލާ ޝަމީމް

ތިމާވެށީގެ ކަންކަމަށް ސްކޫލުން ލިބޭ ފުރުސަތުތަކުގެ ބޭނުން، ވީ އެންމެ ބޮޑަކަށް ޔާލާ ހިފަ އެވެ. އެފަދަ ހަރަކާތްތަކުގައި ބައިވެރިވާން އިސްކަންދެ އެވެ. ރީސައިކަލްކުރަން ފޮނުވަން ސްކޫލުން ޕްލާސްޓިކް އެއްކުރާ ޕްރޮގްރާމުގައި ބައިވެރިވެގެން ވެސް، ޔާލާ ގެންދަނީ ގޭގައި އުފެދޭ ޕްލާސްޓިކް އެކަންޏެއް ނޫނެވެ. ހަފްތާބަންދުގައި 9 އަހަރުގެ ކޮއްކޮ ގޮވައިގެން ގޮނޑުދޮށަށް ގޮސް، ލައްގާފައި ހުންނަ ކުނި ހޮވައިގެން ވެސް އޭނާ ގެންދެ އެވެ.

ޔާލާ: ޕްލާސްޓިކް ކުނި އުފެދޭތީ ކުދިކުދި މެޓާ ކަހަލަ އެއްޗެހި ގަނެއެއް ނަހަދާ.

ކާބޯތަކެތީގެ ކުނި މަދުކުރަން ޖެހޭކަން ޔާލާއަށް ވިސްނެން ފެށީ އާއިލާއާ އެކު ކާދު ހަދައި އެ ބޭނުންކޮށްގެން ގަސް ހައްދަން އުޅުމުގެ ތެރޭގަ އެވެ. އެއީ ޔާލާގެ ބައްޕަ، މިހާރު ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް މުހައްމަދު، އިސްކޮށް ހުރި ވަރުގަދަ މަސައްކަތެކެވެ. ފަނާވެގެންދާ ކުނި ކާދަށް ބަދަލުކޮށްގެން ދަނޑުވެރިކަން ކޮށް، ހާއްސަކޮށް ކޮވިޑްގެ ބަންދު ތެރޭ، އެ އާއިލާ އިން ބަރަބޮލާއި ބައްޓާއި ލެޓިއުސް ފަދަ ގިނަ ބާވަތްތަކެއް ހައްދާފައިވެ އެވެ. ޔާލާ ބުނިގޮތުގައި އެ ތަޖުރިބާގެ ތެރެއިން އޭނާއަށް ދެ ކަމެއް ދަސްވި އެވެ. އެއް ކަމަކީ  ކާބޯތަކެތީގެ ކުނި ވެސް، މޫދަށް އުކާލުމަކީ ކަނޑުގެ ދިރުންތަކަށާއި މާހައުލަށް ގެއްލުން ބޮޑު ކަމެއް ކަމެވެ. އަނެއް ކަމަކީ، ބައިވަރު ކާދު ހެދުނީ އޭނާގެ ގޭގައި ބައިވަރު ކުނި އުފެދޭތީ ކަމެވެ. އެއާއެކު، ކެއިންބުއިމުގައި އިސްރާފު ނުކުރުމުގެ މުހިއްމުކަން ޔާލާއަށް ބޮޑަށް ނަގައިގަނެވުނެވެ.

"ވިސްނުނީ ތައްޓަށް އިތުރަށް އަޅާނީ ވަކި ވަރަކަށް ކައިފައި ބަނޑުގައި ތަން ހުރެއްޖެއްޔާކަން. އޭގެ ފަހުން، އަޅުގަނޑު ކާ އިރު ވަރަށް ބަލައިގެން ކެވެނީ،" ޔާލާ ބުންޏެވެ.

ޔާލާ ދަނޑު ހެއްދުމުގެ މަސައްކަތުގައި: އޭނާގެ އާއިލާ އިން ކުނިން ކާނު ހަދައިގެން އެކި ބާވަތްތައް ހައްދައި ކެއުމަށް ބޭނުންކުރި

އަޅުގަނޑު ވެސް މިކަން ފައްޓަން އުޅުނު އިރު ހީކުރީ ވަރަށް އުނދަގޫ ކަމެކޭ. އެކަމަކު ވަރަށް ކުޑަކުޑަ ކަންކަން ވެސް އެބަހުރި ބޮޑު ބަދަލެއް ގެންނަން ކުރެވިދާނެ

ޔާލާ ޝަމީމް

ޓެޑްއެކްސްގެ އެންމެ ހަގު ބައިވެރިޔާ

ރާއްޖޭގެ ފުރަތަމަ ޓެޑްއެކްސް އިވެންޓުން ޔާލާއަށް ޖާގަ ލިބުނީ ވެސް ތިމާވެށީގެ މަސައްކަތުގެ ތެރެއިންނެވެ. ސޮނެވާ ރިސޯޓުން މިދިޔަ މާޗު މަހު ބޭއްވި ޓެޑްއެކްސް އިންތިޒާމްކުރި މީހުންނަށް ޔާލާ ފާހަގަވީ، ކަނޑަށް ކުނި އެޅުމުގެ ގެއްލުންތައް ކިޔައިދީ، ކުނި ނޭޅުމަށް އެދި އޭނާ ވާހަކަދައްކާފައިވާ ޔުނިސެފްގެ ވީޑިއޯއަކުންނެވެ.

ޔުނިސެފް މޯލްޑިވްސްގެ ވީޑިއޯއެއްގައި ޔާލާ ވާހަކަދައްކަނީ

ޔާލާ ބުނިގޮތުގައި، ޓެޑްއެކްސްގެ އޮޑިޝަނުން ފާސްވެ، އިވެންޓުގައި ވާހަކަދައްކަން ފުރުސަތު ލިބުމުން އެކަން ގަބޫލުކުރަން އޭނާއަށް ދަތިވި އެވެ. އެހެން މީހުންނަށް ހިތްވަރަކަށް ވާނެ ފަދަ އަމިއްލަ މަސައްކަތްތަކާއި ތަޖުރިބާތައް ކިޔައިދިން 'ޓެޑްއެކްސް ބާ އެޓޯލް'ގެ އެންމެ ހަގު ހުށަހެޅުންތެރިޔަކީ ޔާލާ އެވެ.

ޓެޑްއެކްސްއަށް ޔާލާ ނެގި މައުލޫއުއަކީ ސްކޫލުގައި ކިޔަވައިދޭ ގޮތާއި ދަރިވަރުންގެ ފެންވަރު ބަލާ ގޮތް ބަދަލުކުރަން ވެއްޖެ ކަމެވެ. ޔާލާ ބުނިގޮތުގައި ސްކޫލަކީ އާއްމު ދިރިއުޅުމަށް ބޭނުންތެރި ހުނަރުތައް ދަސްކޮށްދޭ އަދި ކުދިންގެ ހަގީގީ ދިރިއުޅުމާ ގުޅުވައިގެން ތައުލީމު ދޭ ތަނަކަށް ހަދަން ވަނީ ޖެހިފަ އެވެ.

"މީގެ ދެތިން އަހަރެއް ކުރިން އަޅުގަނޑު ހެދި ޓެސްޓު ޕޭޕަރެއްގައި އައި އެއް ސުވާލެއްގައި އޮތީ ކާ ޕޮލިއުޝަންއާ ބެހޭގޮތުން ލިޔެބަލާށޭ. ވިސްނާލާ، އަޅުގަނޑު ދިރިއުޅެނީ އިންޑިއާ ކަނޑުގެ މެދުގައި އޮތް ކުޑަ ޖަޒީރާ ރަށެއްގައި. އަޅުގަނޑުމެންގެ ރަށުގައި އެންމެ ކާރެއް ވެސް ނޯވޭ. ... އެކަމާ ބެހޭގޮތުން ލިޔާނެ ގޮތެއް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގުނު،" ޔާލާގެ ޓެޑްއެކްސް ޓޯކްގައި ބުންޏެވެ.

ސްކޫލް ފޮތްތަކުގައި ބޮޑެތި ފެކްޓްރީތަކުގެ ވާހަކަ ލިޔެފައި ހުއްޓަސް، ޔާލާ ބުނިގޮތުގައި، އެއަށް ވުރެ ބޮޑަށް އޭނާއަށް ތަސައްވަރުކުރަން ފަސޭހައީ ސްކޫލް ފޮތްތައް ހަދަން ބޭނުންކޮށްފައި ހުންނަ ކަރުދާހާއި ސްކޫލަށް ދާން އަރާ ބޫޓާއި ގެންދާ ދަބަހެެވެ. އެހެންކަމުން، އެފަދަ ތަކެތި އުކާނުލައި އަލުން ބޭނުންކުރާނެ ގޮތް، ނުވަތަ ސްކޫލަށް ބާ ޓީޝާޓު ގެންގޮސްގެން އެއިން ފޮތި ކޮތަޅު ފަހާނެ ގޮތް ކުދިންނަށް ދަސްކޮށްދިނުން ފަދަ ކަންކަން މާ ރަނގަޅުކަން، އޭނާ ނެގި މިސާލުގައި ފާހަގަކުރި އެވެ.

ޔާލާގެ ޓެޑްއެކްސް ޕްރެޒެންޓޭޝަން

ކިޔަވައިދޭ ގޮތް ބަދަލުކުރަން ޔާލާ ގޮވާލީ އަމިއްލަ ހިތި ތަޖުރިބާގެ އަލީގަ އެވެ.

ޔާލާ ދެކޭގޮތުގައި ތައުލީމީ ނިޒާމް ބައްޓަންކޮށްފައި އޮތީ ކުދިންނަށް ވަރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިކުރާ ގޮތަށެވެ. ފެންވަރު ބެލުމާއި އިތުރު ފުރުސަތުތައް ދިނުން، ހަމައެކަނި ޓެސްޓް ޕޭޕަރުތަކުން މަތީ މާކްސް ހޯދުމުގެ މައްޗަށް ބިނާވެފައި އޮތުމަކީ އޭނާ ގަބޫލުކުރާ އުސޫލެއް ނޫނެވެ. ޔާލާ ބުނިގޮތުގައި އޭގެ ސަބަބުން ބެލެނިވެރިން އެކަކުގެ އަނެކެއްގެ ދަރިން އަޅާކިޔުމާއި ކުދިންނަށް އަމިއްލައަށް ވެސް، އެހެން ކުދިންނަށް ވުރެ ދަށް ނުވަތަ މޮޅުކަން އިހުސާސްވެ، ބައެއް ކުދިން ނަފްސާނީ ބޮޑެތި މައްސަލަތަކެއްގެ ތެރެއަށް ވެއްޓެ އެވެ. އަދި ހައްގުވާ ފުރުސަތުތަކުން ގިނަ ކުދިން ބާކީވެ އެވެ.

"ޓެސްޓުން މޮޅުވާ ކުއްޖާއަކީ ވެސް ވަރަށް ރަނގަޅު އަދި ގަދައަޅައި މަސައްކަތްކުރާ ކުއްޖެއް. އެކަމަކު ޓެސްޓުން މޮޅު ނުވިޔަސް، އެއީ މަސައްކަތް ނުކުރާ ކުއްޖެއް ކަމަކަށް ނުބުނެވޭނެ،" ޔާލާ ބުންޏެވެ.

ވަކި ވަރަކަށް މާކްސް ނުވަތަ ވަކި ގްރޭޑެއް ހޯދަން ޖެހޭނެކަމުގެ ވިސްނުމެއް ޔާލާގެ މައިންބަފައިން ނުގެންގުޅެ އެވެ. އެކަމަކު ސްކޫލާ މެދު ޔާލާއަށް އިހުސާސްވާ ބޮޑު ޕްރެޝަރުގެ ސަބަބުން ބަލިވެ، ސްކޫލުގައި ހުއްޓާ ހޮޑުލެވި، ގެއަށް ދާން ޖެހޭ ދުވަސްތައް އޭނާއަށް ވަނީ ކުރިމަތިވެފަ އެވެ.

"ފަހުން އަޅުގަނޑަށް އެނގުނީ އަސްލު ބިރެއް ނެތި އަޅުގަނޑު ކަންކަން ކުރީމަކަން ކާމިޔާބުވަނީ. މާ ރަނގަޅު ނަތީޖާ އާދޭ، ޓެސްޓު ވެސް ބިރެއް ނެތި ހެދީމަ. ސްކޫލަށް ވެސް ބިރާ ނުލައި ގޮސްފިއްޔާ މާ ގިނަ އިރު ވެސް އިނދެވޭ،" ޔާލާ ބުންޏެވެ.

"ސްކޫލް ވެގެން ނުވާނެ، އަބަދު ވާދަވެރިކަން އޮންނަ ބިރުވެރި ތަނަކަށް. ސްކޫލް ވާން ޖެހޭނީ އުފާ ލިބޭ ތަނަކަށް، ދަސްކުރަން ދާ ހިތުން ދާ ތަނަކަށް. ސްކޫލުގައި ދަސްކުރާ އެއްޗެހި ގެއަށް އައިސް ބޭނުންކުރެވެން ވެސް ވާނެ. ހަމައެކަނި ޓެސްޓުގައި ލިޔެގެން ފުދިގެނެއް ނުވާނެ. އެއީ އަޅުގަނޑު ބޭނުންވާ ގޮތަކީ."

މި އިންޓަވިއުގައި ޔާލާ ސާފު ދިވެހި ބަހުން ކިޔައިދިން އެ ވާހަކަ ޓެޑްއެކްސްގައި ފަސޭހަކަމާ އެކު ހުށަހަޅައިދިނީ އިނގިރޭސި ބަހުންނެވެ. އެކަމަކު، މިހާރުގެ ގިނަ ކުދިންނާ ހިލާފަށް، އިނގިރޭސިން ރަނގަޅަށް ވާހަކަ ދައްކާކަށް މީގެ އަހަރުތަކެއް ކުރިއަކުން ޔާލާއަކަށް ނޭނގެ އެވެ. ރަށުގައި، އަދި ދުވަސްކޮޅަކު މާލޭގައި އުޅުނު އިރެކޭ އެއްގޮތަށް، ސްރީ ލަންކާގައި މަންމަ އާއި ކޮއްކޮއާ އެކު ދެ އަހަރެއްހާ ދުވަހު އޭނާ ދިރިއުޅުނު އިރު ވެސް، ސްކޫލު ވީ ޔާލާއަށް "ބިރުވެރި" ތަނަކަށެވެ. އޭނާ ބުނިގޮތުގައި ލަންކާގައި އެކަން ތަޖުރިބާކުރަން ޖެހުނު އެއް ސަބަބަކީ އިނގިރޭސި ބަހަށް ނުފަރިތަކަމުން މުއާމަލާތު ނުކުރެވުމެވެ.

"ޓީޗަރުންނަކަށް ނޭނގޭ އަޅުގަނޑު ބުނާ އެއްޗެއް. އަޅުގަނޑަކަށް ނޭނގޭ ޓީޗަރުން ބުނާ އެއްޗެއް. ދެން ޓީޗަރުން ހީކުރަނީ އަޅުގަނޑު އަޑު ނާހާތީއޭ ނޭނގެނީ،" ޔާލާ ކިޔައިދިނެވެ. "އަސްލު ތެދަށް ބުނަންޏާ ވަރަށް ކްލޯޒް ފްރެންޑްސް، ދެން މަންމައާ އެކަނި އޭރު ވާހަކަދެއްކެނީ. އޭރު އަނެއްހެން ހުންނާނީ ވެސް އެންމެ ފްރެންޑެއް."

ލަންކާގައި އެ ހާލަތު ކުރިމަތިވުމުން ރައްޓެހިން ހޯދަން ޔާލާ ކުރީ ވެސް ތިމާވެށީގެ ހިމާޔަތުގައި ކުރާ ކަމެކެވެ. ބާ ޓީޝާޓު ކަހަލަ އެއްޗެހިން ކޮތަޅު ފަހައިގެން ގެންގޮސް ކުދިންނަށް ދިނެވެ.

ވިސްނުނީ ތައްޓަށް އިތުރަށް އަޅާނީ ވަކި ވަރަކަށް ކައިފައި ބަނޑުގައި ތަން ހުރެއްޖެއްޔާކަން. އޭގެ ފަހުން އަޅުގަނޑު ކާ އިރު ވަރަށް ބަލައިގެން ކެވެނީ

ޔާލާ ޝަމީމް

'ވަރަށް ދެރަވާ ފިކުރުތައް ކުރެވޭ'

ތިމާވެއްޓާ ރައްޓެހިކޮށް އޭނާގެ ވިސްނުން ބައްޓަންވުމުގެ އަސްލަކީ، ޔާލާ ބުނިގޮތުގައި، ބައްޕަ ޝަމީމް އާއި މަންމަ އައިޝަތު އަޒަފާ ދިން ތަރުބިއްޔަތެވެ. އެހެން ކުދިން ރީތިހާ ސާމާނު ސްކޫލަށް ގެންދިޔަޔަސް، އެއީ އަބަދު ގަނެގެން ވާނެ އެއްޗެހި ނޫންކަން ކިޔައިދޭތީ، ގެންގުޅޭ އެއްޗެހި މަދުކުރަން ދަސްވި އެވެ. މޫދަށް ދާއިރު، ކުނި އަޅައިގެން ނުވާނެ ސަބަބުތައް އޮޅުންފިލުވައިދޭތީ އެކަން ނުކުރަން އެނގެ އެވެ.

"ކޮންމެ ކަމެއް ވެސް ވަރަށް ރީތިކޮށް ކިޔައިދޭނެ. އެހެންވެ، އަޅުގަނޑު ކޮންމެ ކަމެއް ކުރިޔަސް މަންމަ އާއި ބައްޕައާ އެއީ އަޅުގަނޑުގެ އެންމެ ބޮޑު އިންސްޕިރޭޝަން،" ޔާލާ ބުންޏެވެ.

ޔާލާ ދަނޑުން އެއްޗެހި ބިންނަން ބައްޕަ ޝަމީމް މުހައްމަދުގެ ކޮނޑުމަތީ

ކުރީގެ ޖީލުތަކުން ދީފައި ހުރި ގެއްލުންތަކުން ވެށި ސަލާމަތްކުރަން ޖެހިފައި އޮތް މި ޖީލަށް އޮތް ގޮންޖެހުން އިންތިހާއަށް ބޮޑެވެ. ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ މާހައުލުތައް ހަލާކުކުރުން ހުއްޓުވުމެވެ. މިހާރު ބައެއް ކަންކަން، އަތުޖެހުން ގާތްގަނޑަކަށް ނާދިރު ހިސާބަކަށް ސޮއްސާލާފައިވާ އިރު، ޔާލާ ބުނިގޮތުގައި މިހާރުގެ ބޮޑެތި މީހުން ގުދުރަތީ މާހައުލުން ލިބިގަންނަ އުފަލާއި މަންފާ އޭނާ ބޮޑުވާއިރު ނުލިބިދާނެ ކަމުގެ ނުތަނަވަސްކަން ހިތުގައި އަބަދުވެސް އޮވެ އެވެ.

"އަޅުގަނޑު ބައެއް ފަހަރު ހިތަށްއަރާ ބޮޑުވާ އިރު މޫދު ހަލާކުވެގެން ގޮސްފިއްޔާ، މިހާރު ހުންނަ ގޮތް ހަނދާން ހުންނާނެ ބާވައޭ ވެސް. އެކަހަލަ ވަރަށް ދެރަވާ ފިކުރުތައް އަޅުގަނޑުމެން އުމުރުގެ ކުދިންގެ ހުރޭ،" ޔާލާ ބުންޏެވެ. 

"އަޅުގަނޑަށް އިހުސާސްވަނީ ޕްލާސްޓިކަކީ އަޅުގަނޑު ބޮޑުވަމުންދާ އިރު އަޅުގަނޑާ އެކީގައި ބޮޑުވަމުންދާ އެއްޗެކޭ. އަޅުގަނޑު ބޭނުމެއް ނުވޭ އެހެން ވާކަށް."

އެހެންވެ، ބޮޑެތި މީހުން ކައިރިން ޔާލާ އެދެނީ ބަލައިގެން އުޅޭށެވެ. ދަރިންނަށާއި އެހެން މީހުންނަށް ވެސް ހެޔޮ ގޮތް ބުނެދީ އަމަލުކުރަން ބާރުއަޅާށެވެ. ކުނި ނޭޅުމެވެ. އެއްޗެހި ގަތުން މަދުކުރުމެވެ. އެއްޗެހި އުކާލުމުގެ ބަދަލުގައި އަލުން ބޭނުންކުރުމެވެ.

"އަޅުގަނޑު ވެސް މިކަން ފައްޓަން އުޅުނު އިރު ހީކުރީ ވަރަށް އުނދަގޫ ކަމެކޭ. އެކަމަކު ވަރަށް ކުޑަކުޑަ ކަންކަން ވެސް އެބަހުރި ބޮޑު ބަދަލެއް ގެންނަން ކުރެވިދާނެ،" ޔާލާ ބުންޏެވެ.

އޭނާ އަމިއްލައަށް ގެންގުޅޭ އާދަތަކަކީ އެފަދަ "ކުދިކުދި އެކަމަކު ބޮޑެތި" ކަންކަމެވެ. ޔާލާގެ ކޮއްކޮ ވެސް ތިމާވެއްޓާ މެދު ހޭލުންތެރި އެވެ. އޭނާ ކުރާ ކަންކަމުގައި ކޮއްކޮ ބައިވެރިކުރަނީ ވެސް ވަކި މަގްސަދެއްގަ އެވެ.

"އަޅުގަނޑު ބޭނުންވޭ ކޮއްކޮ މިކަމާ އެކީގައި ބޮޑުވާން. ކޮއްކޮއަށް އަންޑަސްޓޭންޑްވާން އަޅުގަނޑު ބޭނުން، މިއީ ވަރަށް ބޮޑު މައްސަލައެއްކަން،" ޔާލާ ބުންޏެވެ.

ޔާލާ އޭނާގެ ކޮއްކޮއާ އެކު: ހަފްތާބަންދުގައި ދެ ބެއިން އެކުގައި ގޮނޑުދޮށުން ކުނި ހޮވަން ގޮސް އުޅޭ.

ތިމާވެށީގެ ދުވަހު ޔާލާ ދެނީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުލައިފި ނަމަ އޭނާ އާއި ކޮއްކޮ އާއި ދެން ތިބި ކުދިންނަށް ވެސް، މުސްތަގުބަލް "އެއީ ނެތް އެއްޗަކަށް ވެސް ވެދާނެ" ކަމުގެ އިންޒާރެވެ.

"އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑު ބޮޑުވާ އިރު މަރުވެފައި އޮންނަ ނުވަތަ ކުނި އަޅާފައި އޮންނަ މޫދަކަށް އެރޭކަށް. އަޅުގަނޑު ބޭނުންވަނީ ވަރަށް ސާފުތާހިރުކޮށް، ރީތކޮށް އޮންނަ މޫދެއް. ގެއިން ބޭރަށް ގޮސް އަވިގަނޑުގައި ހުންނާކަށް ބޭނުމެއް ނޫން. ބޭނުންވަނީ ގަސްތަކުގެ ހިޔަލުގައި ހިނގަން. މަގުމަތިން ދާއިރު ކައިރީގައި އަބަދު ޕްލާސްޓިކް ހުންނާކަށް ވެސް ބޭނުމެއް ނޫން،" ޔާލާ ބުންޏެވެ.

ބޮޑުވެގެން ކުރާނީ ކޮން ކަމެއް ކަމެއް ޔާލާއަކަށް އަދިއެއް ނޭނގެ އެވެ. އެކަމަކު ޔާލާ ބުނިގޮތުގައި އޭނާ ވާނީ، ކޮންމެ ރޮނގަކުން ކުރިއަށް ދިޔަޔަސް، އަބަދުވެސް ތިމާވެށީގެ ކަންކަމުގައި އުޅޭ މީހަކަށެވެ. އޭނާ އިހްތިޔާރުކުރަނީ އެހެން ދާއިރާއެއް ނަމަ އެ ކަމެއްގެ ތެރެއިން ވެސް އަދި ހިލޭސާބަހަށް ވެސް ތިމާވެށީގެ މަސައްކަތްތައް ކުރިއަށް ގެންދަން ޔާލާ ބޭނުންވެ އެވެ.

"އަޅުގަނޑު ބޭނުން ކޮންމެ ޖޮބެއްގައި އުޅުނަސް ދޭތެރެ ދޭތެރެއިން، ހެނދުނު ހޭލާފައި ބީޗަށް ގޮސް ކުނި ހޮވާލަން. އަދި ފިހާރައިން އެއްޗެހި ގަންނަ އިރު ޕްލާސްޓިކް ކޮތަޅު ބޭނުން ނުކޮށް ވެސް އުޅެން،" ޔާލާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް