ރާއްޖޭގެ ރަށެއްގެ މަގަކުން އުމުރުން ދުވަސްވީ މީހަކު ހިނގާފައި ދަނީ

ދޮށީ އުމުރުގެ އެތައް ބައެއްގެ ލޮލުން ކަރުނަ

ރާއްޖޭގައި ދޮށީ އުމުރުގެ މީހުންނަށް ދިމާވާ ތަފާތު އެކި މައްސަލަތައް ދަނީ ގިނަވަމުން

މުހިންމު ނުކުތާތައް

އެކި އަނިޔާ ލިބޭ މީހުންގެ ތެރޭގައި ގިނައީ އަންހެނުން

ދައުލަތުން ދޭ 5،000ރ އަކީ ވެސް ބައެއް މީހުންނަށް އަނިޔާއެއް

އާއިލާއިން ހަވާލުނުވުމުން ބައެއް މީހުން ދުނިޔެ ދޫކުރަނީ ވެސް އެކަނިވެރިކަމުގައި

އިންސާނެއްގެ ހަޔާތަކީ ހާދަ އެހެން ކަހަލަ ދުވަސްތަކެކެވެ.  އެ ހަޔާތް ވެލިން ފެށިގެން ވެއްޔަށްވެ ނިމިގެންދާ އިރު ފުރިހަމަ 'ބުރެއް' ހޭދަވެ އެވެ. ޅަފަތުން ފެށިގެން ޒުވާންކަމުން އޭގެ ފަހުން ދޮށީ އުމުރަށް ދާ އިރު އަލުން އޮންނަނީ އެންމެ ތުއްތު އިރުގެ ގޮތަށް އެހެން މީހުންނަށް ބަރޯސާވާން ޖެހޭ ހާލަތުގަ އެވެ.

ހަށިގަނޑުގެ ބާރު ދެރަވެ، ބުއްދި ކޮށިވެފަ އެވެ. ލައިފްސްޓައިލް ބައްޓަންކުރި ގޮތުން ކޮންމެވެސް ބައްޔެއްގެ ވޭނުގަ އެވެ. ހިނގާ ބިނގާވާނެ ވަރު ވެސް ގައިގައި ނެތި ދެ އެވެ.

އެކަމަކު ދޮށީ އުމުރުގައި އެހެން މީހުންގެ އަޅާލުމާއި އެހީތެރިކަން ބޭނުންވާ ހިނދު، އެކަނިވެރި ހާލެއްގައި ހިތްދަތިކޮށް އެންމެ ފަހު ނޭވާ ދޫކޮށް ދުނިޔެއާ ވަކިވާން ޖެހިފައިވާ ބަޔަކު ރާއްޖޭގައި ވެސް އެބަ އުޅެ އެވެ. އެ މީހުންގެ ހަނދާންތައް އާކޮށްދިނީ، މިދިއަ ބުދަ ދުވަހު މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބޭއްވި ފޯރަމެއްގަ އެވެ. އެ ފޯރަމް ބޭއްވީ 15 ޖޫންގައި ފާހަގަކުރި އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ދުވަހާ ގުޅުވައިގެންނެވެ.

ދުވަސްވީ އަންހެނަކު ހިނގާފައި ދަނީ: ރާއްޖޭގެ އާބާދީގައި 65 އަހަރުން މަތީގެ މީހުންގެ ނިސްބަތަކީ %6 (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އަނިޔާއާ ގުޅޭ ތަފާސްހިސާބުތައް، އެ ފޯރަމްގައި އާއްމުކުރި އެވެ.

ތިރީގައި އެވަނީ  އުމުރުން 65 އަހަރުން މަތީގެ މީހުންނާ ގުޅޭ ގޮތުން މިނިސްޓްރީއަށް 2020 އިން މެއި 2022ގެ ނިޔަލަށް ހުށައެޅި މައްސަލަތަކުގެ ތަފާސްހިސާބެވެ. މިނިސްޓްރީއަށް ހުށައެޅި މައްސަލަތަކުގެ ތެރޭގައި؛

އަންހެނުންގެ ކޭސްތަކުގެ އަދަދު: 89

ފިރިހެނުން ކޭސްތަކުގެ އަދަދު:71

އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ ތަފާސްހިސާބު (ފޮޓޯ ޖެންޑާ މިނިސްޓްރީ)

މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު އެންމެ ގިނައީ އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ އަޅާލުމާއި ބެލެހެއްޓުން ފޯރުކޮށްނުދިނުމުގެ ސަބަބުން ރިިޕޯޓްކުރި މައްސަލަތަކެވެ. އިހުމާލުވުމާއި ޖިސްމާނީ އަނިޔާގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިހާނެތިވުމުގެ މައްސަލަތައް ވެސް، އޭގެ ތެރޭގައި ހިމެނެ އެވެ. 

ގަދަކަމުން ޖިންސީ ގޯނާކުރުމާއި ޖިންސީ ހާނިއްކައިން ވެސް، ދޮށީ އުމުރުގެ މީހުން ސަލާމަތެއް ނުވެ އެވެ. އެހެންކަމުން އޭގެ ބައެއް މައްސަލަތައް ވެސް، މިނިސްޓްރީއަށް ހުށައެޅި އެވެ. 

ދުވަސްވީ މީހުންނަށް 'މާލީ އަނިޔާ'

އާއިލާއިން ގުޅާނެ ކަމަށް ދުވަސްވީ މީހަކު މުށު ތެރެއަށް ފޯނެއް ލައިގެން

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދައުލަތުން ދޭ ޕެންޝަން ލިބޭ މީހުންގެ އަދަދު 18،000އަށް ވުރެ ގިނަ އެވެ. 

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ 2020ގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެ އަހަރު 9،091 އަންހެނަކަށް އަދި 9،250 ފިރިހެނުންނަށް، 5،000ރ ގެ އެ ލަވަންސް ލިބުނެވެ. ނަމަވެސް ދައުލަތުގެ އެ އެހީތެރިކަމުގެ އުފާ އެންމެންނާ ހަމަޔަކަށް ނުފޯރަ އެވެ. ބައެއް މީހުންނަށް ކުރިމަތިވަނީ ދަރިންގެ އަނިޔާ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނި ގޮތުގައި އެފަދަ ކޭސްތައް ދަނީ އާއްމުވަމުންނެވެ. ދައުލަތުގެ ހާއްސަ އިނާޔަތާ ގުޅިގެން ދޮށީ އުމުރުގެ ބައެއް މީހުންނަށް ލިބޭ އަނިޔާ ސިފަކުރަނީ 'މާލީ އަނިޔާ'ގެ ގޮތުގަ އެވެ. 

ފޯރަމްގައި ވާހަކަ ދައްކަވަމުން އެޗްއާރުސީއެމްގެ ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓްގެ މުހައްމަދު ޖާބިރު ވިދާޅުވީ މިފަދަ ކޭސްތައް އެ ކޮމިޝަނަށް ލިިބިފައިވާ ކަމަށެވެ.

"އައްޑޫގައި ހިނގި މިފަދަ ކޭހެއް އަޅުގަނޑުމެންނަށް ރިޕޯޓްކޮށްފައިވޭ. ދޮށީ އުމުރުގެ މީހުންނަށް ލިބޭ ފައިސާ އާއި އާއިލާގެ ތެރެއިން ޖެހެނީ ކާކު ކަމެއް ނޭނގެ. އެކަމަކު މިއީ އެމީހުންގެ ހައްގަކަށް އަރައިގަތުން."

މަންމަ ނުވަތަ ބައްޕައަށް ނޫން ނަމަ ދުނިޔޭގައި އެ ދެ މީހުން ތިބި ނަމަ ދެ މީހުންނަށް މަހަކު ލިބޭ ފައިސާގައި ދަރިންގެ ތެރެއިން ކޮންމެވެސް މީހަކު ޖެހެނީ އެވެ. ބައެއް އާއިލާތަކުގައި އެ ފައިސާގައި ވަކި ދަރިއަކަށް އަތްލުމުގެ ފުރުސަތު އޮތުމުން ވެސް މައްސަލަ ޖެހޭ ފަހަރު އަންނަ ކަމަށްވެ އެވެ.

ފޯރަމްގައި ވާހަކަދައްކަވަމުން ފެމިލީ އެންޑް ސޯޝަލް ސާވިސް މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ މައިންބަފައިން ދޮށީ އުމުރަށް އައުމުން އެ މީހުންނަށް ދައުލަތުން މަހަކު 5،000ރ ލިބޭތީ ދަރިން ހަރަދު ނުކުރުން ވެސް އާންމު ކަމަށެވެ.

މިދިއަ ބުދަދުވަހު އޮތް ފޯރަމްގައި މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވާހަކަ ދައްކަވަނީ (ފޮޓޯ/ މިނިސްޓްރީ އޮފް ޖެންޑާ)

ދުވަސްވީ މީހުންނަށް ދޭންވާ އަޅާލުން ބައެއް އާއިލާތަކުން ނުދެ އެވެ. ބަލިވެއްޖެ ނަމަ ޑޮކްޓަރަށް ދައްކައިދީ އަދި ގަޑިން ގަޑިއަށް ކެވޭނެ ގޮތެއް ހަމަޖައްސައިދިނުން ވެސް ބައެއް އާއިލާތަކަށް އޮންނަނީ ތަކުލީފަކަށް ވެފަ އެވެ. 

"މައިންބަފައިން ދަރިން ބެލީ ލިބުނު ހުރިހާ އެއްޗެއް ދީގެން،" މިނިސްޓަރު އާއިޝާ ފާހަގަކުރެއްވި އެވެ. 

އެކަމަކު އޭނާ ވިދާޅުވީ އެމީހުންނަށް ދައުލަތުން ދޭ އެއްޗެއްގެ އިތުރުން ހަރަދު ނުކުރުން ވެސް މިހާރު އާންމު ކަމަށެވެ.

ދުވަސްވީ އަންހެނުން ބަލަން ބިދޭސީ ފިރިހެނުން

އާއިޝާ ވަނީ މިހާރު ކުރިމަތިވާ ސީރިއަސް  އެހެން ބޮޑު މައްސަލައެއް ވެސް ފާހަގަކުރައްވައިފަ އެވެ؛ ދުވަސްވީ އަންހެނުން ބަލަން ބިދޭސީ ފިރިހެނުން ގެނައުމެވެ.

އޭގެ އެއް ކޭސްގެ މައުލޫމާތު ފޯރަމްގައި އޭނާ ދެއްވި އެވެ.  އެކަމަކު މީހާއަކީ ކާކުކަން ވަންހަނާކުރެއްވުމުގެ ގޮތުން އަތޮޅާއި ރަށެއް ވެސް ވިދާޅެއްނުވެ އެވެ.

އެ އަންހެންމީހާ އުޅެމުން އަންނަނީ އޭނާގެ މަސައްކަތުން އެޅި ގެއެއްގެ ކޮޓަރިއެއްގަ އެވެ. އެ ގެ އޭނާ ދިނީ ދޮންމާމަ ދަރިއަކަށެވެ. ޝަރުތަކީ، އާއިޝާ ވިދާޅުވި ގޮތުގައި، އަންހެންމީހާ ބެލުމެވެ. ނަމަވެސް އޭނާ ބެލުމުގެ ކަންކަން ހަވާލުކުރީ ބިދޭސީ ފިރިހެނަކާ އެވެ. 

މުޅި އެ ރަށުން ވެސް އޭނާ ބަލައިދޭނެ އަންހެނަކު ނުލިބުނެވެ. ކޮވިޑް-19ގެ ހާލަތު އައުމުގެ ކުރިން ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރުން އެ ރަށަށް ލޯންޗުގައި ގޮސް، އެމީހާ ތާހިރުކޮށް ނެޕީ ބަދަލުކޮށް ހެދި އެވެ.

އދ. ދިއްދޫގެ މަގުމަތިން އުމުރުން ދުވަސްވީ އަންހެނަކު ހިނގާފައި ދަނީ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

ކޮވިޑްގެ ހާލަތާ އެކު ރަށް ބަންދުކުރުމުން ހިއުމަން ރައިޓްސް ކޮމިޝަނުން ޖެންޑާ މިނިސްޓްރީއަށް އެންގީ ދައުލަތުގެ ސީދާ ބެލުމުގެ ދަށަށް އެ އަންހެންމީހާ ގެންދިއުމަށެވެ.

"ރަށަށް އަރާ ފައިބާނެ ގޮތެއް ނެތުމުން މަޖުބޫރުވީ ގުރައިދޫ މަރުކަޒަށް އެމީހާ ބަދަލުކުރުމަށް. ވަރަށް ރުއި އެމީހާ. ހަޔާތުގައި ކުރި މަސައްކަތުން އެމީހާ އަމިއްލައަށް އެޅި ގޭގެ ކޮޓަރީގައި ނޯވެވި ވަކިވެގެން ދިޔައީ،" އާއިޝާ ވިދާޅުވި އެވެ.

ފޯރަމްގައި ވާހަކަދެއްކެވި ޑރ. އަބްދުލް އަޒީޒް ހަމީދަކީ ދަމަނަވެށީގައި މަސައްކަތްކުރައްވާ ޑޮކްޓަރެކެވެ. އުމުރުން ދުވަސްވީ މީހުން ބަލަން ހޯމް ވިޒިޓްކުރެއްވި އިރު އެފަދަ ކޭހެއް ކުރިމަތިވެ އެ މައްސަލަ ރިޕޯޓް ވެސް ކުރެއްވި ކަމަށް، އޭނާ ވިދާޅުވި އެވެ.

އާބާދީގެ ބޮޑު ބައެއް މުސްކުޅިވާ ދުވަސް އެބަ އޮތް

ރާއްޖޭގެ އާބާދީގެ އަންދާޒާއަށް ބަލާއިރު އުމުރުން ދުވަސްވީ މީހުން ދަނީ އިތުރުވަމުން 

ރާއްޖޭގައި މިހާރު އޮތީ ޒުވާން އާބާދީއެކެވެ. އަހަރެމެންގެ ތެރޭގައި އުމުރުން 65 އަހަރުން ދޮށީ މީހުން ނިސްބަތުން މަދެވެ. 

މޯލްޑިވްްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އަންދާޒާ ކުރާ ގޮތުގައި 2054 އަށް ދާއިރު ރާއްޖޭގެ އާބާދީއަށް ބޮޑު ބަދަލުތަކެއް އަންނާނެ އެވެ. މިހާރަށް ބަލާއިރު ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތަކީ އާބާދީގެ %6 އެވެ. ނަމަވެސް 2050 ވަނަ އަަހަރަށް ދާއިރު، އެ ނިސްބަތް ދެ ގުނަ ވާނެ ކަމަށް ލަފާކުރެވެ އެވެ. އެއާ އެކު ރާއްޖޭގެ އާބާދީ ދެން ބަދަލުވަމުން ދާނީ އުމުރުން ދުވަސްވީ ނުވަތަ 'އޭޖިން ޕޮޕިއުލޭޝަން' އަކަށެވެ.

ރާއްޖޭގެ ރަށެއްގެ އަތިރިމަތީގައި ބަޔަކު މަޑުކޮށްލައިގެން: އުމުރުން ދޮށީވުމުން ބައެއް ދިވެހިންނަށް އުފާވެރިކަމެއް ނުލިބޭ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އެ މިސްރާބަށް ރާއްޖެ ދަތުރުކުރާ އިރު ދީނީ ގޮތުންނާއި އިޖުތިމާއީ އަދި އިންސާނިއްޔަތުގެ ގޮތުން ވެސް، ދޮށީ އުމުރުގެ މީހުންނާ މެދު ދެކޭ ގޮތް ބަދަލުކުރަން އެބަ ޖެހެ އެވެ. ވަންހަނާގައި ނަމަވެސް މީހަކަށް އިހާނެތިވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.

އާއިޝާ ވިދާޅުވި ގޮތުގައި ދޮށީ އުމުރުގެ މީހުންނަށް ކުރިމަތިވާ މައްސަލަތައް އޮންނަނީ ވަރަށް ބޮޑަށް ސިއްރުވެފަ އެވެ. މިނިސްޓްރީއަށް ހުށައެޅޭ މައްސަލަތައް ވެސް ސިއްރެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އެ ވާހަކަތައް އެންމެންނަށް ވެސް އިވުމެވެ.

"މި ވާހަކަތައް ދައްކަންވީ. އަޅުގަނޑުމެންގެ ތެރޭގައި ގިނަ މީހުންނަކީ އާއިލާއަށް އަޅާލުން ދޭ، އޯގާތެރި މީހުން. ރިޕޯޓްކޮށްފައި މިހިރަ މައްސަލަތައް ވެސް އެހާ ގިނައެއް ނޫން ނިސްބަތުން. އެކަމަކު ވެސް [އެއިން] ކޮންމެ ކަމަކީ ވެގެން ވާނެ ކަމެއް ނޫން،" އާއިޝާ ވިދާޅުވި އެވެ.

"ހީވެސް ނުކުރާ އާއިލާތަކުގައި ހީވެސް ނުވާ ފަދަ ކަންތައް ވެގެންދޭ. އާއިލީ ސިއްރަކަށް ހަދާފައި. ވާހަކަ ނުދެއްކުން މައްސަލައެއް ނޫން. އެކަމަކު ކޮންމެވެސް ބަޔަކު އެބަ ތިބެން ޖެހޭ އަޅާލާ ބަޔަކުގެ ގޮތުގައި. ތިހިން ނަހަދާށޭ ބުނަން." 

އޭނާ ދެން ވިދާޅުވީ އެފަދަ މައްސަލަތައް ދީނީ ގޮތުން ވެސް ނުބައިކަމުގެ ވާހަކަ އެވެ.

"އަޅުގަނޑުމެންނަކީ ސައްތަ އިން ސައްތަ މުސްލިމު މީހުން. ދޮށީ އުމުރުގެ މައިންބަފައިންނަށް އަނިޔާކޮށްފައި، ގޯނާކޮށްފައި ދުނިޔެ ދޫކުރާކަށް ފަސޭހައެއް ނުވާނެ. އެކަން ހަނދާން ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ގުރައިދޫ މަރުކަޒަކީ ހައްލެއް ނޫން

ނައިބުރައީސް ފައިސަލް ނަސީމް ގުރައިދޫ މަރުކަޒަށް ކުރެއްވި ޒިޔާރަތެއްގައި: މިއީ އުމުރުން ދޮށީ މީހުން ބަލަހައްޓަން ހެދި ތަނެއް ނޫން

 ދައުލަތުގެ ބެލުމުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަހައްޓަން ކ. ގުރައިދޫގައި ހިންގާ މަރުކަޒުގައި މިހާރުވެސް 200 އެއްހާ މީހުން އެބަ ތިއްބެވެ. އެކަމަކު އުމުރުން ދުވަސްވީ މީހުން ބަލާނެ ބަޔަކު ނެތުމުން އެތަނަށް ގެންދިއުމަކީ އޮޕްޝަނެއް ނޫން ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަންގެ ޖާބިރު ވިދާޅުވި އެވެ.

އެޗްއާރުސީއެމް، މޯލްޑިވްސް ޕޮލިސް އަދި ޖެންޑާ މިނިސްޓްރީގެ އިތުރުން ތަފާތު އިދާރާތަކުން 77 ބައިވެރިން އޯޕަން ފޯރަމްގައި ބައިވެރިވި (ފޮޓޯ/ މިނިސްޓްރީ އޮފް ޖެންޑާ)

އާއިޝާ ވިދާޅުވީ ގުރައިދޫ މަރުކަޒަކީ ނަފްސާނީ ހާލަތުގެ ސަބަބުން ބޭސްކާން ޖެހޭ އަދި ގޭތެރޭގައި ގެންގުޅެވޭ ހާލަތަށް ވުރެ ހާލަތު ދަށްވީމަ، އާއިލާގެ ތެރޭގައި ނޫޅެވިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭ މީހުން ބަލަހައްޓާ ތަނެއް ކަމަށެވެ.

އެތަނުގައި މުވައްޒަފުންގެ ދަތިތައް އެހާ ބޮޑެވެ. އެކަމަކު ސަރުކާރުން އަންނަނީ އެތަނުގެ ހާލަތު ރަނގަޅުކުރަން މަސައްކަތްކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޮކްޓަރުން، ނަރުހުން، [ބަލިމީހުން] ބަލަހައްޓާ މީހުން، މަސައްކަތު މީހުން، ކައްކާ މީހުން އެބަތިބި އެތަނުގައި. މަރުކަޒުގައި އެޑްމިޓްކޮށްފައިވާ ކޮންމެ ދެ އަންހެނަކަށް އެއް ކެއާ ޓޭކަރު. އަދި ކޮންމެ 1.9 ފިރިހެނަކަށް އެކަކު އެބަހުރި،" އައިޝާ ވިދާޅުވި އެވެ.

"އެތަނުގައި ނެތީ، މަދީ ލޯތްބާއި އޯގާތެރިކަން."

ގުރައިދޫ މަރުކަޒުގައި މުވައްޒަފުން އެބަ ތިބި. އެތަނުގައި މަދީ ލޯތްބާއި އޯގާތެރިކަން

ޖެންޑާ މިނިސްޓަރު، އައިޝަތު މުހައްމަދު ދީދީ

ދޮށީ އުމުރުގެ މީހުން އެ މަރުކަޒަށް ގެންދަން މަޖުބޫރުވަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ބަލާނެ މީހެއް ނެތް ކަމަށް އާއްމު ރައްޔިތުންނާއި ކައުންސިލުތަކާއި ފުލުހުންގެ ފަރާތުން ރިޕޯޓް ކުރުމުންނެވެ.

އާއިޝާ ވިދާޅުވީ ގުރައިދޫ މަރުކަޒަށް ޒިޔާރަތްކުރައްވަން އޭނާއަށް ވެސް އުނދަގޫ ކަމަށެވެ.

މި މަހު 15 ގައި އޮތް ފޯރަމްގެ ބައެއް ބައިވެރިން (ފޮޓޯ/މިިނިސްޓްރީއޮފްޖެންޑާ)

"އެތަނުގައި އެބަ ތިބި ދަންނަ މީހުން. ކުޑަ އިރުއްސުރެ ދަންނަ މީހުން. އެމީހުން ބުނާނެ އަޅުގަނޑާ ބައްދަލުވީމަ އަތުގައި ހިފާފައި ތިމަންނަގެ އެވެނި މީހަކާއި މިވެނި މީހަކާ ދިމާވިހޭ؟ ބުނަންވީ ނޫންހޭ ރަނގަޅޭ މިހާރު. އަނބުރާ ގެންދާށޭ. މިހާރު އެމީހުންގެ ގެ ވެސް ހުންނާނީ އެޅިފައޭ،" ގުރައިދޫ މަރުކަޒަށް ޒިޔާރަތްކުރައްވަން އުނދަގޫވާ ސަބަބުތައް ދައްކަވަމުން އާއިޝާ ވިދާޅުވި އެވެ.

އެއީ، އޭނާ ވިދާޅުވި ގޮތުގައި، އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އާއިލާއިން އަނބުރާ ގެންދާތޯ ހަނދާންކޮށްދިނުމުގެ ގޮތުން މިނިސްޓްރީން ވަރަށް ގިނައިން އާއިލާތަކާ ގުޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ގިނަ މީހުން މަރުވެ ވަޅުލަނީ ގުރައިދޫގެ ފަސްގަނޑުގަ އެވެ. ނުވަތަ ހާލު ބޮޑުވެގެން އައިޖީއެމްއެޗަށް ގެންނަން ޖެހުމުން މާލޭގަ އެވެ.

"މިއީ ބޭނުންވާ ގޮތެއް ނޫން. ދެކޭ ހިތްވާ ގޮތެއް ވެސް ނޫން. އެދޭ ގޮތެއް ވެސް ނޫން،" އާއިޝާ ވިދާޅުވި އެވެ.

"ކޮންމެ މީހަކީ ވެސް މިކަމުގެ ޒިންމާ ނެގޭނެ މީހަކަށް ވާން ބޭނުންވަނީ. އެންމެ ހަޔާތަކަށް ބަދަލެއް ގެނެވުނަސް އެއީ ވަރަށް ރަނގަޅު ކަމެއް."

ނަމަވެސް އެ ވިސްނުން ރާއްޖޭގައި ނެތް ބަޔަކު އެބަ އުޅެ އެވެ. އަދި ޒަމާނާ އެކު މައިންބަފައިންނަށް އަޅާލުމަކީ ބޮޑު ކަމަކަށް ވެ، އެމީހުން އެކަނިވެރިކުރުވުމުގެ އާދަ ވެސް ދަނީ ބޮޑުވަމުންނެވެ.

އާއިޝާގެ ވާހަކަ ނިންމާލެއްވީ އިލްތިމާސްއަކުންނެވެ.

އަޅުގަނޑުމެން އެންމެން އެ ނޫން ގޮތަކަށް "ހިންގަވާ ބަދަލުވާން،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް