ދ. އެއާޕޯޓުގެ މަތިން ނަގާފައިވާ ފޮޓޯއެއް: މިނިމަމް ވޭޖު ނުލިބޭ ކަމަށް ބުނެ އެ ތަނުގެ ބައެއް މުވައްޒަފުން މިއަދު މަސައްކަތުގައި ބައިވެރިއެއް ނުވޭ.

ދ. އެއާޕޯޓުގެ ބައެއް މުވައްޒަފުން މިނިމަމް ވޭޖު ނުދޭ ކަމަށް ބުނެ ހަޅުތާލުކުރަނީ

މެނޭޖުމަންޓުން ބުނަނީ މިނިމަމް ވޭޖު ދޭން ޖެހޭ ގޮތަށް ދީފައިވާނެ ކަމަށް
5 ފެބްރުއަރީ 2022
2

މިދިޔަ މަހުގެ މުސާރައާ އެކު މިނިމަމް ވޭޖު އެލަވަންސް ނުދިނުމާއި އަދިވެސް އިތުރު އެހެނިހެން މައްސަލަތަކަށް މެނޭޖުމަންޓުން ހައްލެއް ހޯދައިދީފައި ނުވާ ކަމަށް ބުނެ ދ. ކުޑަހުވަދޫގައި ހިންގާ ދ. އެއާޕޯޓުގެ ބައެއް މުވައްޒަފުން މަސައްކަތް ކުރުން މިއަދު ހުއްޓާލައި ހަޅުތާލުކުރަން ފަށައިފި އެވެ.

އެނގުން މުހިންމު - ރާއްޖޭގެ ފުރަތަމަ މިނިމަމް ވޭޖު ނުވަތަ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އިއުލާންކުރީ 8 ނޮވެމްބަރު 2021 ގަ އެވެ. މިދިޔަ މަހުން ފެށިގެން، ރާއްޖޭގައި މަސައްކަތްކުރާ ދިވެހި ހުރިހާ މުވައްޒަފުންނަށް މިނިމަމް ވޭޖު ދޭން ޖެހެ އެވެ. މިނިމަމް ވޭޖުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ، އެކި ފަންތީގެ ވިޔަފާރިތަކަށް އެކި މިންވަރެވެ.

ވީ ކިހިނެއް؟ -  މިދިޔަ މަހުގެ މުސާރައާ އެކު މިނިމަމް ވޭޖު ނުދޭ ކަމަށް ބުނެ ދ. އެއާޕޯޓުގެ ބައެއް ޑިޕާޓްމަންޓުތަކުގެ މުވައްޒަފުން ވަނީ ކުންފުނީގެ ވެރިންނަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ.

ޕެޓިޝަންގައި ސޮއިކުރި މުވައްޒަފުން މިއަދު ވަޒީފާއަށް ނުކުތް ނަމަވެސް މަސައްކަތުގައި ބައިވެރިވެފައެއް ނުވެ އެވެ.

ތަފްސީލު - ދ. އެއާޕޯޓުގެ އޮޕަރޭޝަންސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މުވައްޒަފަކު، ނަން ނުޖެހުމަށް ޝަރުތުކޮށް 'ދައުރު'އަށް ބުނީ، މި މަހު ލިބުނު މުސާރައިގައި މިނިމަމް ވޭޖު ހިމަނާފައި ނެތް ކަމަށެވެ.

"ކެޓަގަރީއަށް ބަލާ ނަމަ ޖެހޭނެ 7،000ރ.އަށް ވުރެ ބޮޑު މުސާރައެއް، އެކަމަކު އަދި މިނިމަމް ވޭޖު ނުދޭ،" އޭނާ ބުންޏެވެ.

"މިނިމަމް ވޭޖު އޯކޭ ނުވާތީ ކުޑަ އެއްޗެއް އިތުރުކޮށްދިން މުސާރައަށް. އެއީ ވެސް އެކި ކުދިންނަށް އެކި ވަރުވަރަށް. ސީދާ ކިހާ ވަރެއްކަން ނޭނގޭ، ސެލަރީ ސްލިޕް އަދި ނުދޭތީ."

އޭނާ ބުނީ މިއަދު ދ. އެއާޕޯޓުގެ އޮޕަރޭޝަންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ 24 މުވައްޒަފުންގެ ތެރެއިން 23 މުވައްޒަފަކު މަސައްކަތުގައި ބައިވެރި ނުވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބެގޭޖު ހޭންޑްލަރުން 

  • ރޭމްޕް އޮފިސަރުން

  • އޮޕަރޭޝަންސް އޮފިސަރުން 

  • ޑްރައިވަރުން

މިނިމަމް ވޭޖު ނުދިނުމަކީ، އޭނާ ބުނި ގޮތުގައި ދ. އެއާޕޯޓުގެ މުވައްޒަފުންނަށް ދިމާވެފައިވާ ބައިވަރު މައްސަލަތަކުގެ އެންމެ މައްސަލައެކެވެ. އެ ހުރިހާ މައްސަލައެއް ހިމެނޭ ގޮތަށް، ދ. އެއާޕޯޓު މުވައްޒަފުންގެ ފަރާތުން އެ ތަނުގެ މެނޭޖްމަންޓަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފަ އެވެ. އެ ޕެޓިޝަންގައި ފާހަގަކޮށްފައިވަނީ:

  • 1-

    މަގާމާއި ޒިންމާގެ ގޮތުން ދޭން ޖެހޭ ހަމަ މުސާރަ ނުލިބުން

  • 2-

    ކޮންޓްރެކްޓް އާ ނުކޮށް އޮތުން

  • 3-

    މުސާރަ ދޭންވީ ގޮތުގެ ރަނގަޅު އޮނިގަނޑެއް ހަދާފައި ނެތުން

  • 4-

    މިނިމަމް ވޭޖު ކަނޑައަޅާފައި ނެތުން

  • 5-

    ބުރަކޮށް މަސައްކަތް ކުރަމުން ދާއިރު އެކަށީގެންވާ ވަރަށް މުވައްޒަފުންނާއި ވަސީލަތްތައް ނެތުން

  • 6-

    މަގާމަށް އަންނަން ޖެހޭ ކުރިއެރުން ނައުން

  • 7-

    ސްޓާފް ޔުނީފޯމު ނުދިނުން

  • 8-

    މުސާރައިގެ އިތުރުން ދޭން ޖެހޭ މުހިންމު އެލަވަންސްތައް ނުދިނުން (ގިނައިރު މަސައްކަތް ކުރި ނަމަވެސް، ގެއަށް ދިއުމަށް ވަގުތު ނުލިބޭ ތަނުގައި ފުޑް އެލަވަންސް ދީފައި ނުވުން)

  • 9-

    މުސާރައިގެ އިތުރުން އެއްވެސް އެލަވަންސެއް ދޭ ނަމަ، އެ ދޭ އެލަވަންސް ޕޭ ސްލިޕުން އެނގެން ނެތުން

  • 10-

    ޕޭ ސްލިޕް ދިނުން ލަސްވުން

  • 11-

    އެކިއެކި ޑިޕާޓްމަންޓުތަކާ އޮންނަ ތަފާތު ކުރުންތައް ބޮޑުވުން

މުވައްޒަފުން ތިބީ ޕެޓިޝަންގައި ހިމަނާފައިވާ ކަންކަމަށް ސީދާ ރަނގަޅު ޖަވާބެއް ލިބުމުން ނޫނީ މަސައްކަތުގައި ބައިވެރި ނުވާ ގޮތަށެވެ.

"މި ތަނުގައި މުޒާހަރާއެއް ނުކުރޭ، ހަމަ ރީތިކޮށް ތިބީ މަސައްކަތް ހުއްޓާލައިގެން،" އޭނާ ބުންޏެވެ.

މެނޭޖްމަންޓުގެ ބަސް - އެ އެއާޕޯޓު ހިންގާ ދ. އެއާޕޯޓު ހޯލްޑިންސް ކުންފުނިން ވަނީ މުވައްޒަފުންގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެ ކުންފުނީގެ ސީއީއޯ މުހައްމަދު ހަލީލު 'ދައުރު'އަށް ވިދާޅުވީ މިނިމަމް ވޭޖު ދޭން ޖެހޭ ގޮތަށް ދީފައިވާނެ ކަމަށެވެ.

"ޖެނުއަރީ މަހުގެ މުސާރައާ އެކު މުވައްޒަފުންނަށް މިނިމަމް ވޭޖު ދީފައި ވާނީ،" އޭނާ ވިދާޅުވި އެވެ.

މުވައްޒަފުން މަދު ކަމަށް ބުނާ މައްސަލައިގައި ހަލީލް ވިދާޅުވީ، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް އެންމެ އެކަށީގެންވާ ވަރަށް މުވައްޒަފުން އެބަތިބި ކަމަށެވެ.

ކޮމެންޓް (2)

އަހުމަދު

5 ފެބްރުއަރީ 2022
ލާރި ކޮޅު ކާލީ ދޯ
3 0

ހަބަރުބެ

5 ފެބްރުއަރީ 2022
ހަލީލަށް ފެންނާނީ އެތަނައް ގޮސް ބަލާލީމަ މުއަޒަފުން ތިބިވަރު . އަދި ކުރާ މަސައްކަތް ވެސް 🙂
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް