އާއިލާއެއް އެކުގައި ވަގުތު ހޭދަކުރަނީ: ކެންސަރަށް ފަރުވާ ހޯދާއިރު މި ލޯބި ވަރަށް މުހިއްމު (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ކެންސަރާ އެކު ދިރިއުޅުން: ފަރުވާ އަދި ލޯބި

ކެންސަރު ފަދަ ބައްޔަކާ ހަނގުރާމަ ކުރާއިރު ފަރުވާގެ އިތުރުން އެންމެ ބޭނުންވަނީ އާއިލާގެ ލޯތްބާއި އެއްބާރުލުން

މުހިންމު ނުކުތާތައް

ކެންސަރާ އެކު ދިރިއުޅުމަށް އެހެން މީހުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވޭ

ކެންސަރު ޖެހުމާ އެކު އެ މީހެއްގެ ހަޔާތް ނިމުނީ ކަމަށް ބަލައިގެން ނުވާނެ

ގިނަ ބާވަތްތަކުގެ ކެންސަރުން އެއްކޮށް ރަނގަޅުވުމުގެ ފުރުސަތު އޮވޭ

މީގެ ނުވަ އަހަރު ކުރިން، 2013 ވަނަ އަހަރު ނަޒީރު އަހުމަދު އިންޑިއާއަށް ދިޔައީ ބުރަކަށީގައި ރިއްސާ، އަޅާ ވޭނަށް ކެތްނުކުރެވިގެންނެވެ. އިންޑިއާގެ ހޮސްޕިޓަލަކުން ހެދި ޓެސްޓުތަކުން އެނގުނީ ކެންސަރު، އޭނާގެ މައިބަދަ އާއި އެހެން ގުނަވަންތަކަށް ފެތުރިފައިވާ ކަމެވެ. ބަލި ހުރީ، އޭގެ އެންމެ ގޯސް ހާލަތުގައި ސްޓޭޖް ހަތަރެއް ވެސް ފަހަނައަޅާފަ އެވެ.

އިންޑިއާގެ ޑޮކްޓަރުން ނަޒީރަށް ދިނީ، އެންމެ ހިތްދަތި ހަބަރެވެ؛ އެ މީހުންގެ އަތުގައި ދެން ދޭނެ ފަރުވާއެއް ނެތް ކަމާއި ހަޔާތުގެ ބާކީ އޮތް މަދު ދުވަސްތައް އާއިލާ ކައިިރީގައި ހޭދަ ކުރުމަށެވެ. ޑޮކްޓަރުން އޭރު ލަފާ ކުރި ގޮތުން ނަޒީރު ދުނިޔޭގައި ވެސް ހުންނާނީ ގިނަވެގެން އަހަރު ދުވަހެވެ.

ނަޒީރަށް ކެންސަރު ޖެހިފައިވާކަން އެނގުނީ، ސަރުކާރުގެ ވަޒީފާއިން ވަކިވެ، އަމިއްލަ ވިޔަފާރިއެއް ފެށިތަނާ އެވެ. އެ ވިޔަފާރިއަށް އޭނާ ބޮޑެތި ލޯނުތައް ނެގި އެވެ. އެހެންވެ، ބޮޑު ދަރަންޏަކާ އެކު، ހަޔާތުގެ ފަހު ދުވަސްތައް ގުނުންވީ، މާ ވޭންދެނެވި ކަމަށެވެ. މާލެ އައިސް އަނބިމީހާ އާއި އާއިލާގެ އެހެން މީހުން ވެގެން އެންމެ ފުރަތަމަ ވެސް މަސައްކަތް ފަށައިގަތީ އެ ލޯނުތައް އަދާކުރެވޭތޯ އެވެ.

ބަލީގެ ވޭނާއި ދެން ހުރި ފިކުރުތަކާ އެކު، ސިކުނޑި ސުމަކަށް ގޮސް، ބަލި ހާލަތު އިތުރަށް ގޯސްވި ނަމަވެސް، ނަޒީރު އުއްމީދު ކަނޑައެއް ނުލަ އެވެ. އޭނާ ދަސްކުރީ ބައްޔާ އެކު ދިރިއުޅޭށެވެ. ފަރުވާ އާއި ކައިރީގައި އުޅޭ މީހުންގެ ލޯތްބާއި ސަޕޯޓާއެކު ނަޒީރު ދިރިއުޅޭތާ، މިހާރު އޭގެ ފަހުން ނުވަ އަހަރުވީ އެވެ.

"އަޅުގަނޑުގެ ހަށިގަނޑުގައި އަދިވެސް ވަރަށް ވޭން އަޅާ. އަދިވެސް ނިދަނީ ކޮޅަށް އިނދެގެން،" ކެންސާ ސޮސައިޓީއާ ގުޅިގެން 'ދައުރު'އިން ގެނެސްދޭ 'ކެންސަރުގެ އިހުސާސްތައް' ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން ނަޒީރު ބުންޏެވެ.

"އެކަމަކު އަޅުގަނޑު މިހާރު ގަބޫލު ކުރަނީ، ބޮޑެތި ބަލިތަކާ އެކުގައި ވެސް ހަމަޖެހިލައިގެން އުފާވެރިކަމާ އެކު ދުނިޔޭގައި އުޅެލެވިދާނެ ކަމަށް."

އާއިލާއެއް އެކުގައި: ކެންސަރު ފަދަ ބައްޔަކާ ހަނގުރާމަ ކުރާއިރު ފަރުވާގެ އިތުރުން އާއިލާގެ އެއްބާރުލުމާއި ލޯބި ބޭނުންވޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ނަޒީރު ބުނެދޭން ބޭނުންވީ، ކެންސަރަކީ ވޭންދެނިވި ބައްޔެއް ނަމަވެސް އެއީ ދޭ 'މަރުގެ ސެޓްފިކެޓެއް' ނޫން ކަމެވެ. ފަރުވާ ހޯދޭނެ ކަމެވެ. އާއިލާ އާއި ރަހުމަތްތެރިންގެ އެއްބާރުލުމާ އެކު، ބަލިން އަރައިގަނެވިދާނެ ކަމެވެ. ގިނަ ދުވަސްތަކެއް ވާންދެން ފަރުވާ ކުރަން ޖެހުނު ނަމަވެސް، އުފަލުގައި ދުނިޔޭގައި އުޅެވިދާނެ ކަމެވެ.

ނަޒީރުގެ އެ ވާހަކަތަކަށް ބާރުދެއްވީ، ކެންސަރުގެ ބަލިމީހުންނަށް ފަރުވާ ދެއްވަމުން ގެންދަވާ، އައިޖީއެމްއެޗުގެ އޮންކޮލޮޖިސްޓް ޑރ. މުހައްމަދު އަމްރެވެ. އޭނާ ވިދާޅުވި ގޮތުގައި ހަކުރު ބައްޔާއި ލޭމައްޗަށް ދިޔުމާއި ބައެއް ކަހަލަ ހަމުގެ ބަލިތައް ފަދައިން، ދާއިމަށް ބޭސް ބޭނުން ކުރާ އެހެން ބަލިތަކުގެ މީހުން ވެސް އުޅޭއިރު، ކެންސަރު ބަލީގެ މީހުންގެ ހަޔާތް ނިމުނީ ކަމަށް ބަލައިގެން ނުވާނެ އެވެ.

"ސްޓޭޖް ފޯ ކެންސަރާ އެކު ވެސް އުޅެވޭނެ. ބައިވަރު ފަރުވާ އެބަހުރި. އެ އުއްމީދު ބަލި މިހާއަށް ދޭން ޖެހޭ އެބަ،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކެންސަރުގެ ހަތަރު ސްޓޭޖެއް އޮންނައިރު:

  • ފުރަތަމަ ސްޓޭޖާއި ދެވަނަ ސްޓޭޖުގައި ބަލި ހުންނަނީ ވަރަށް ކުޑަ ތަންކޮޅެއްގައި

  • ތިންވަނަ ސްޓޭޖުގައި ކައިރީގައި ހުންނަ ގުނަވަންތަކަށް ފެތުރެން ފަށާ

  • ހަތަރުވަނަ ސްޓޭޖުގައި ކައިރީގައި ހުންނަ ގިނަ ގުނަވަންތަކަށް ކެންސަރުގެ އަސަރުކޮށް، ބޮޑަށް ފެތުރެން ފަށާ

އަމްރު ވިދާޅުވީ ތިންވަނަ ސްޓޭޖާ ހަމައަށް، ގިނަ ކެންސަރު ހަމަ އެއްކޮށް ވެސް ރަނގަޅު ކުރެވޭނެ އެވެ. އަދި އެއަށް ވުރެ ހާލު ގޯސްވި ނަމަވެސް، އޮޕަރޭޝަނާއި ރޭޑިއޭޝަނާއި ކީމޯތެރަޕީ އަދި ބޭސް ބޭނުންކޮށްގެން ދިރިއުޅެވޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކެންސަރު ޖެހުނުކަން އާއިލާއަށް އެނގުމާ އެކު، އެކަން ބަލިމީހާއަށް އެ ވަގުތަށް ސިއްރުކޮށްދޭން ބައެއް މީހުން އެދެ އެވެ. އޭގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެ މީހުން ފާހަގަ ކުރަނީ، ބަލިމީހާ ނަފްސާނީ ގޮތުން ބަލިކަށިވެ، ކޮންޓްރޯލްކުރަން އުނދަގޫވުމެވެ. އެކަމަކު އެ ގޮތް އަމްރު ގަބޫލެއް ނުކުރައްވަ އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ބަލިމީހާއަށް އޭނާގެ ހާލަތު ރަނގަޅަށް އެނގުމަކީ ލިބިގެންވާ ހައްގެކެވެ. ބަލީގެ މައުލޫމާތާއި ބަލި ޖެހިފައިވާ މިންވަރާއި އޭގެ ތަފްސީލު އެނގުމުން، ދެން ހަދަންވާ ގޮތް ބަލިމީހާއަށް އެނގޭނެ ކަމަށް ވިދާޅުވި އެވެ.

"މިކަހަލަ ހަބަރެއް ލިބޭއިރު ވަރަށް ބޮޑު ނުތަނަވަސްކަމެއް އަންނާނެ. އެކަމަކު އެ ހިސާބުން ދެން ނިންމާލާނީކީ ނޫން،" އަމްރު ވިދާޅުވި އެވެ.

"އާއިލާ އާއި ސިއްހީ ހިދުމަތްތެރިން ވެސް ޖެހޭނެ ސަޕޯޓް ދޭން."

ކެންސަރާއެކު ދިރިއުޅުމަށް، ލޯބިވާ މީހުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވެ އެވެ. ފަރުވާއާ އެއްވަރަށް މީހުންގެ އެއްބާރުލުން ބޭނުންވެ އެވެ. ބަލި މީހާގެ ވަށައިގެން އުޅޭ މީހުން، އެ ބައްޔާ ގުޅޭ މައުލޫމާތު ހޯދައި، ޕޮޒިޓިވްކޮށް ވިސްނުން މުހިއްމެވެ.

ނަޒީރު ދެކޭގޮތުގައި ބައްޔާ އެކު އުޅުމަށް، ފަރުވާއަކީ %50 އެވެ. އަނެއް %50 އަކީ މީހުންގެ ސަޕޯޓެވެ. ބަރާބަރަށް ފަރުވާ ހޯދި ނަމަވެސް، ގާތް މީހުންގެ އެއްބާރުލުން ނެތް ނަމަ އެދެވޭ ނަތީޖާއެއް ނާންނަ ކަމަށް އޭނާ ބުންޏެވެ.

ކެންސަރު ފަދަ ބައްޔެއްގައި ނަފްސާނީ ގޮތުން ވެސް މީހާ ބަލިކޮށްލާއިރު، މީހާ ކޮޅަށް ނަގަނީ ކައިރީގައި ތިބޭ އާއިލާ އާއި ރަހުމަތްތެރިންނެވެ. އަދި އެ އެއްބާރުލުން ލިބޭ ނަމަ، ބަލިން ސަލާމަތްވުމަށް މަސައްކަތް ކުރެވި އުއްމީދުތައް އާވާ ކަމަށް ނަޒީރު ބުންޏެވެ.

ކެންސަރުގެ ހާލަތު ގޯސްވެ، ދެން ދިރިހުންނާނެ ކަމަށް ޑޮކްޓަރުން ލަފާކޮށް ނަޒީރަށް ދިނީ ގިނަ ވެގެން އަހަރެކެވެ. އެކަމަކު މިހާރު އޭގެ ފަހުން ނުވަ އަހަރު ފާއިތުވި އިރު، އޭނާގެ ދިރިއުޅުން ގޯހެއް ނޫނެވެ.

'ދައުރު'ގެ ޕޮޑްކާސްޓުގައި ބައިވެރިވުމަށް ނަޒީރު އައިސް އިން އިރު، އޭނާ ބަލިމީހަކާ ވައްތަރެއް ނޫނެވެ. އެކަމަކު ނަޒީރު ބުނިގޮތުގައި، އޭނާ އިނީ، އެ ބައްޔަށް ދޭ ބޭހުގެ އެންމެ މަތީ ޑޯޒް ބޭނުންކޮށްގެންނެވެ. ގައިގައި އިންތިހާއަށް ވޭން އަޅަ އެވެ. ނަމަވެސް އެހާ ހަމަޖެހިލައިގެން އޭނާއަށް އެ އިނދެވެނީ، ނަޒީރު ބުނިގޮތުގައި، ބަޔަކު ކޮށްދޭ ބުރަ މަސައްކަތްތަކެއްގެ ސަބަބުންނެވެ. ލޯތްބާއި އޯގާތެރިކަމުގެ ސަބަބުންނެވެ.

ކެންސަރުގެ ބަލި މީހުން އެންމެ ބޭނުން ނުވާ ކަމަކީ، އެއީ ބަލި މީހުން ކަމުގައި ދެކި، ކަންކަމުން އެ މީހުން ބާކީކޮށްލުމެވެ. އަމްރާއި ނަޒީރު ވެސް ބުނި ގޮތުގައި ކެންސަރުގެ ބަލި މީހުންނަށް ވެސް ވަޒީފާ އަދާކުރެވޭނެ އެވެ. މޫދަށް ދެވޭނެ އެވެ. ކުޅިވަރު ކުޅެ އެހެން މީހުން އުޅޭ ގޮތަށް އުޅެވިދާނެ އެވެ. އެކަމަކު، އެއީ ބަލި ބައެއްގެ ގޮތުގައި ލޭބަލް ކުރުމުން، ގިނަ ފުރުސަތުތަކަކުން އެ މީހުން މަހްރޫމްވެ އެވެ.

ބައްޔާ އެކު ދިރިއުޅުމަށް އެހެން މީހުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވެ އެވެ.

"ބައްޔާއި މަރަކީ ދޭއްޗެއް. ބަލިވުމަކީ މަރުވުމެއް ނޫން،" ނަޒީރު ބުންޏެވެ.

"މަރު އައިސް ﷲ ތައާލާ އެ މީހަކު ގެންދަވަންދެން އުފާވެރިކަމާ އެކު އުޅެން އެބަޖެހޭ. ބައްޔާ އެކު އުޅެން ދަސްކުރަން ޖެހޭ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް