ތެޔޮ ކާރުހާނާއެއްގެ މަސައްކަތް ކުރަނީ: ތެލުގެ އަންނަނީ ދަށްވަމުން. (ފޮޓޯ/ރޮއިޓާސް)

ތެޔޮ

ތެލުގެ އަގު ޔޫކުރެއިން ހަނގުރާމަ ފެށި ފަހުން ނުދާ ވަރަށް ދަށަށް ހިނގައްޖެ

ލަންޑަންގައި މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވަނީ ތެޔޮ ފީފާއެއް 90 ޑޮލަރަށް ވުރެ ދަށަށް ދާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށް

މި އަހަރުގެ ފަހުކޮޅު ދުނިޔެ ތަދުމަޑުކަމަކަށް ހިނގައިދާނެ ކަމަށް ވިޔަފާރިވެރިންނަށް ބިރުހީވެފައިވަނިކޮށް، ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ނުދާ މިންވަރަށް ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިއްޔެ ދަށަށް ހިނގައްޖެ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައަޅާ، ބްރެންޓް ކުރޫޑްގައި ތެލުގެ އަގު ވަނީ ސާފު ނުކުރާ ތެޔޮ ފީފާއަކުން 2.66 ޑޮލަރު ނޫނީ %2.75 ދަށަށް ގޮސް، ފީފާއެއްގެ އަގު 94.12 ޑޮލަރަށް ވެއްޓިފަ އެވެ. މިއީ ފެބްރުއަރީ 18އަށް ފަހު ތެލުގެ އަގު މިވަރަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބުލިޔުޓީއައި)ގެ ބާޒާރުގައި ވެސް ތެޔޮ ފީފާއަކުން 2.34 ނޫނީ %2.12 ދަށްވެ، ފީފާއެއް 88.54 ޑޮލަރަށް ވަނީ ވެއްޓިފަ އެވެ. މިއީ މިދިޔަ ފެބްރުއަރީ 2އަށް ފަހު އެ ބާޒާރުގައި ތެލުގެ އަގު މި ވަރަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ތެލުގެ އަގު ދަށަށް ދިޔުމަކީ ގިނަ އަދަދަކަށް ތެޔޮ ބޭނުން ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. އެ ގައުމުތަކުން ވަކާލާތުކުރަމުން ދިޔައީ އިންފްލޭޝަން ތިރި ކުރުމަށް ޑިމާންޑާ އެއްވަރަށް ތެޔޮ ބާޒާރަށް ނެރުމަށެވެ.

ތެލުގެ އަގު، މި އަހަރުގެ ކުރީކޮޅު ފީފާއެއް 120 ޑޮލަރަށް ވެސް އެރި އެވެ. ކުއްލިއަކަށް ތެލަށް އޮންނަ ޑިމާންޑް މަތިވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަނދިރި ދުވަސްތަކުން އަރައިނުގަނެވިގެން އުޅެނިކޮށް، ރަޝިޔާއިން ޔޫކުރެއިނަށް އެރުމުން، ރަޝިޔާއާ ދެކޮޅަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި އެވެ. ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރި އިރު، އެ ގައުމަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ އަދި ބޭރުކުރާ އެއް ގައުމެވެ.

އެމެރިކާގެ ރެކޯޑްތަކުން އެނގޭ ގޮތުގައި، ބާޒާރުގައި އިއްޔެ ވަނީ ވަރަށް ގިނަ އަދަދަކަށް ކުރޫޑް ތެޔޮ ވިކިފަ އެވެ. އަދި ގޭސް  ވެސް ވަނީ ހައިރާން ކުރުވަނިވި ވަރަކަށް ވިކުން އިތުރުވެފަ އެވެ. އެއާ އެކު، ޑިމާންޑް ދަށްވުމުން ގޭހުގެ އަގު ގިލަނެއް 5 ޑޮލަށް ދަށަށް ގޮސްފައިވެ އެވެ.

ނަމަވެސް އެމެރިކާ އާއި ޔޫރަޕްގެ އިގުތިސާދު ހީނުކުރާ ވަރަށް ދަށަށް ދާތީ ތެލަށް އޮންނަ ޑިމާންޑް އަދި ވެސް ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. ކުރިއަރަމުން އަންނަ މާކެޓް  އިކޮނަމީތަކުގައި ވެސް ދަރަނީގެ ކަންބޮޑުވުމާއި ޗައިނާއިން ގެންގުޅޭ ޒީރޯ ކޮވިޑްގެ ސިޔާސަތުގެ ސަބަބުން އެ ބަނަކަން އިތުރަށް ބޮޑުވެ އެވެ. ޗައިނާއަކީ ދުނިޔޭގައި ވެސް އެންމެ ގިނަ އަދަދަކަށް ތެޔޮ އެތެރެ ކުރާ ގައުމެވެ.

ލަންޑަންގައި މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވަނީ ތެޔޮ ފީފާއެއް 90 ޑޮލަރަށް ވުރެ ދަށަށް ދާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް ދުނިޔެ ތަދުމަޑުކަމަކަށްދާ ވާހަކައިގެ އަޑު އަންނަނީ ދުވަހެއް ދުވަހަކަށް ގަދަވަމުން ކަމަށާއި އެކަން އެހެން ވެއްޖެ ނަމަ އަދިވެސް ހުރި ގޮންޖެހުންތައް ކުޑަ ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ބޭންކް އޮފް އިންގްލޭންޑުން އިއްޔެ ވަނީ އިންފްލޭޝަން މައިތިރިކުރުމަށް އިންޓަރެސްޓް ރޭޓް މަތިކޮށްފަ އެވެ. އަދި މި އަހަރުގެ ފަހުކޮޅު އިނގިރޭސި އިގްތިސާދު ރިސެޝަނަކަށް ދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

އޯޕެކާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ދުނިޔޭގައި ތެލަށް އޮންނަ ޑިމާންޑް ދަށް ކުރުމަށް، އަންނަ މަހުން ފެށިގެން ތެޔޮ އުފައްދާ މިންވަރު ދުވާލަކު 100،000 ފީފާ އިތުރު ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

އޯޕެކްގެ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއިން ވެސް ވަނީ އަންނަ ފިނި މޫސުމަށް ތެޔޮ އުފައްދާ މިންވަރު ބޮޑު ތަނުން އިތުރު ކުރާނެ ކަމަށް ބުނެފަ އެވެ. އެއީ ޑިމާންޑާ އެއް ވަރަށް ތެޔޮ ފޯރުކޮށްދިނުމަށެވެ.

ކޮމެންޓް

Placeholder