Majlis 2024

އިނާން އާއި އިންޝާ

ލޯބީގެ ގުޅުން

ހަޔާތުގެ ފިނިން ލޯބީގެ އަމިއްލަ ރާގެއް: ދެ މީހުން އެކަކު އަނެކަކު އުފަން ކުރުވި ގޮތް

ހަގީގީ ލޯތްބަކީ ހަމަ މިއުޒިކާއި ލަވަ ކަހަލަ އިހުސާސެކެވެ. އަދި މިކަހަލަ ދެ ލޯބިވެރިންނަކީ ޗާޓެއްގައި ބޮންތިއަށް އަރައި އޮންނަ އަމިއްލަ ރާގެއް ކަހަލަ އުފެއްދުމެކެވެ.
6 ސެޕްޓެމްބަރު 2022
3

ވަރަށް ލަދުރަކި، ވަރަށް މަޑުމައިތިރި ދެ ބައިވެރިންނެވެ. ދެ މީހުން ބައްދަލުވެ، އެކުގައި ބޭރަށް ގޮސް، މައު ފޮޅުވައި މިއުޒިކް ކުޅެ، ލަވައިން ތީރު އުކައި ލޯބިން އެކުގައި ކަޅިވުމުގެ މާ ކުރިއަށް ޖެހި މި މަންޒަރު ކުރަހައިދޭ ނަމަ އޭގައި ޖައްސާނެ އެއްވެސް ކުލައެއް ހަގީގަތުގައި ނެތެވެ. އެ ކުލަތަކެއް ހޮވަން އަމުދަކުން ދެ މީހުންނަކަށް ނުވެސް އެނގުނެވެ. އެކަމަކު އިންޝާ އަހުމަދުގެ އަތަށް މައިކެއް ދީފައި މުހައްމަދު އިނާންގެ އަތަށް ގިޓައެއް ދީފައި ދެ މީހުން ނަގައި ސްޓޭޖަކަށް ދޫކޮށްލުމުން ދެން އެ ގަތައިދޭ ލޯބީގެ އަމިއްލަ ރާގުގައި ނެތް ކުލައެއް ނެތެވެ. މިފަހަރުގެ ހުނަރުވެރި ޖޯޑު ހާއްސަވަނީ މި ސަބަބަށެވެ؛ ދެ މީހުންގެ ހުނަރު އެކުވެގެން ކުޅެގަންނަ ހިތްގައިމު ރާގުތަކެވެ. ދެ މީހުން އެކުވެ، އެކަކު އަނެކަކު އެ ގެންގޮސްދޭ އުސްމިނެވެ.

ޓީވީއެމްގެ 'ރާގު' ޝޯއިން 2017 ވަނަ އަހަރު ބައްދަލުވެ، އޭގެ ފަހުން ލޯބިވެރިންނަށް ބަދަލުވެ އަދި މިހާރު ޒާވާޖީހަޔާތެއްގެ ބައިވެރިންނަށް ބަދަލުވެފައިވާ މި ދެ ޒުވާނުންނަކީ، ހަޔާތުގެ މި ދަތުރުގައި އެކަކު ފުރިހަމަ ވުމަށް އަނެކަކު ކުޅެން ޖެހޭ ރޯލު ހާއްސަވާ މިންވަރު ވަރަށް ރަނގަޅަށް ސިފަކޮށްދޭ ލޯބީގެ ވާހަކައެކެވެ. ލަވަކިޔުންތެރިއެއްގެ ހުނަރު މިއުޒިކުން ފުރިހަމަވާ ނަމަ އިންޝާގެ ހަޔާތް ފުރިހަމަކޮށްދޭ އެ މިއުޒިޝަނަކީ އިނާނެވެ. އަދި ލަވަކިޔުންތެރިއެއްގެ އަޑާއި ރޭންޖުން މިއުޒިކް ފުރިހަމަކޮށްދޭ ނަމަ އިނާންގެ ހަޔާތުގައި އޭނާ ކުޅުނު ރާގުތައް ޗާޓުގައި ބޮންތިއަށް ގެންގޮސްދޭ ބާރަކީ އޭނާގެ އަލަތު މި އަނބިމީހާ އެވެ.

މިއީ އެއްގޮތަކަށް ވެސް އަޅުގަނޑު ކީބޯޑެއްގައި ތަޅައި ފަރިކޮށްފައިވާ ވާހަކައެއް ނޫނެވެ. އިނާން ހަމަ ކިޔައިދިން ގޮތެވެ.

"އަހަންނަކީ އަސްލު ބޭސިސްޓެއް. އެކަމަކު މިހާރު ކޮންމެވެސް ވަރަކަށް ބެކިން ވޯކަލްސް އަޅަން ބޭންޑްތަކަށް ކުޅޭއިރު. އަދި ގޭގައި އުޅޭ އިރު މިހާރު ވަރަށް ގިނައިން ލަވަކިޔޭ. އިންޝާ ލަވަކިޔާ ވަރުން އަހަންނަށް ވެސް މިހާރު ހަމަ ލަވަކިޔެނީ،" އިނާން ބުންޏެވެ.

"ކުރިން އަހަންނަކީ މިގޮތަށް އެއްވެސް ވަރަކަށް ލަވަކިޔާ މީހެއް ނޫން. މީހުންގެ ތެރޭގައި ލަވަކިޔަން އުނދަގޫ ވެސް ވާ މީހެއް. އެކަމަކު ލަވަ ވެސް ކީދާނެ ކަމުގެ ކޮންފިޑެންސް މިހާރު އެބަހުރި. ސަބަބަކީ އިންޝާ އަހަންނަށް ދޭ ހިތްވަރު."

ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި އިނާން އިންޝާ އަށް ޕްރޮޕޯޒްކުރަނީ: ދެ މީހުން ކައިވެނިކުރީ މިދިޔަ އަހަރު.

އެއީ ތެދެކެވެ. އިނާންގެ މިއުޒިކީ ހަޔާތުގައި އޭނާއާ އެކު އެންމެ މުހިންމު ރޯލެއް އަދާކުރާ މީހަކީ އިންޝާ އެވެ. އެކަމަކު އިނާން ބޭސިސްޓެއްގެ ގޮތުގައި މިއުޒިކް ކުޅޭ 'ސްކައިރޮކް' ބޭންޑްގެ ލީޑް ވޯކަލިސްޓަކަށް އިންޝާ އުޅޭތީ އެކަންޏެއް ނޫނެވެ. އިނާން ކިޔައިދިން ގޮތުން ނަމަ އޭނާ ޕްރޮފެޝަނަލްކޮށް މިއުޒިކް ކުޅެން ނުކުތުމުގެ އަސްލަކީ ވެސް އިންޝާ އޭނާއަށް ދިން ހިތްވަރެވެ.

އިންޝާއާ ބައްދަލުވުމުގެ ކުރިން އިނާން އެންމެ ފުރަތަމަ އުޅުނީ ކޯޕަރޭޓް ވަޒީފާއެއްގަ އެވެ. އޭނާ ކިޔެވީ ވެސް ބިޒްނަސް އެވެ. މިއުޒިކަށް ހިތްޖެހިފައި އޮތަސް އެންމެ ގިނަ ވަގުތު އޭރު ހޭދަކުރީ އޮފީހުގެ މަސައްކަތުގަ އެވެ.

"އެކަމަކު ޑެސްކް ޖޮބެއްގައި އުޅެން ޖެހުނީމަ ވަކި ހިސާބަކުން އަހަރެން އެ ވަޒީފާ އާއި މަސައްކަތް މަތިން ފޫހިވީ. އަމިއްލަ ނަފުސަކަށް ފަހުން ފަހުން ގޮސް ގަބޫލެއް ނުކުރެވުނު އެއީ ކަމެއް އަހަރެން ކުރަން ޖެހޭ މަސައްކަތަކީ،" ސްކައިރޮކްގެ އިތުރުން ފަސީލައިވް އަދި ރެވިއޯ ބޭންޑްގައި ވެސް ފްރީލާންސްކޮށް ބޭސިސްޓެއްގެ ރޯލު އަދާކުރަމުން އަންނަ ޒުވާން ހުނަރުވެރިޔާ ކިޔައިދިނެވެ.

"ދެން އިންޝާއާ މި ދިމާވަނީ ރާގު ޝޯގެ ތެރެއިން 2017 ވަނަ އަހަރު. އޭރު އަހަރެން ކޮންމެވެސް ވަރަކަށް ރިސޯޓް މިއުޒިކަށް ގޮސް އުޅުނިން. ނަމަވެސް ފުލްޓައިމްކޮށް އަހަންނަށް މިއުޒިކް ކުޅެވިދާނެ ކަމުގެ ޔަގީންކަން ލިބުނީ އިންޝާއާ ހެދިއޭ ބުނާނީ."

ޓީވީއެމްގެ 'ރާގު' ޝޯގެ އެޕިސޯޑެއްގައި އިންޝާ ލަވަކިޔާއިރު އޭނާގެ ލައިންއަޕްގައި އިނާން (ވ) ބޭސްކުޅެނީ: ދެ މީހުން ބައްދަލުވީ މި ޝޯއިން.

އެންމެ ފަހުން ޑެސްކް ޖޮބް ދޫކޮށްލާފައި އިންޝާގެ އަތުގައި ހިފައިގެން މިއުޒިކާއި ލަވައިގެ ހަރުބީއާ އެއްވަރަކަށް ދުއްވައިގަތީ އެވެ. އިންޝާގެ އަޑާއި ޖާދޫގައި އިނާންގެ ހުނަރުވެރިކަން ގޮސް ބުރު ހަމަކުރާއިރު އިންޝާ ބުނަނީ އިނާން އަކީ ކޮންމެ ދުވަހަކާ ވެސް ކުރިމަތިލާން އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.

"އިނާން އަކީ ޓީވީއެމްގެ 'ރާގު' ޝޯގައި ލަވަކިޔަން އަޅުގަނޑަށް ފުރުސަތު ލިބިގެން އެ ޝޯއަށް ނެގި ލައިންއަޕްގައި ހިމަނާނެ ބޭސިސްޓެއް ހޯދަމުން ދަނިކޮށް ރައްޓެއްސަކު ރިކޮމެންޑްކުރި އާޓިސްޓެއް. އެކަމަކު ފަހުން އާޓިސްޓަކަށް ވުރެ ބޮޑަށް، މޯޓިވޭޝަނަކަށް އޭނާ ބަދަލުވީ،" އިންޝާ ބުންޏެވެ.

އޭރު އަދި އިންޝާ އަށް ވެސް ލަވައިގެ މާ ބޮޑު ސްޓޭޖެއް ނުލިބެ އެވެ. އިވެންޓް މެނޭޖުމަންޓުން ޑީގްރީ ހާސިލުކުރުމަށް ފަހު ވަޒީފާގައި އުޅެމުން އޭރު އޭނާ ރައްޓެހި އެހެން އާޓިސްޓުންނާ އެކު އާންމުކޮށް ގޮސް ލަވަކިޔައި އުޅުނީ މާލޭގެ ކެފޭތަކުގައި ބޭއްވި ގިގުތަކުގަ އެވެ. އިންޝާ ބުނީ އޭނާ އަކީ ލަވަކިޔުންތެރިއެއްގެ ގޮތުގައި "ހާއްސަ ކަމެއް ލިބިފައިވާ" މީހެއް ކަމަށް އޭނާ ދުވަހަކު ވެސް ގަބޫލެއް ނުކުރާ ކަމަށެވެ. ނަމަވެސް އެ ހާއްސަކަން ހާސިލުވެވިދާނެ ކަމުގެ ޔަގީންކަން އޭނާ އަށް ދީ ކޮންމެ ދުވަހަކު ވެސް އެ ދިމާލަށް އޭނާ ގެންދާ މީހަކީ އަލަތު ފިރިމީހާ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ކްރިއޭޓިވިޓީ އަށް އިނާންގެ ނުފޫޒު، ހެޔޮ އަސަރު ވަރަށް ބޮޑަށް ކުރުވާހެން. ދެން އިނާން އަކީ އިންޝާ އަށް ވުރެ ވެސް ބޮޑަށް މިއުޒިކަށް ވަގުތު ހުސްކޮށް، ގިނަ ވަގުތު ސްޓޫޑިއޯގައި ޕްރެކްޓިސްކުރަން ނުވަތަ މިއުޒިކް އެކްސްޕެރިމެންޓްކުރަން އުޅޭ މީހެއް،" އިންޝާ ބުންޏެވެ.

"އެހެންވީމަ އެގޮތަށް އެހާ ގިނަ ވަގުތު އިނާން މިއުޒިކުގެ ތެރޭގައި އުޅޭތަން ފެނުމަކީ ލަވަކިޔުންތެރިއެއްގެ ގޮތުގައި އިތުރަށް ތަރައްގީވުމަށް އަޅުގަނޑަށް ވެސް ލިބޭ ވަރަށް ބޮޑު ހިތްވަރެއް."

"އިތުރު އެނާޖީއަކާ އެކު މިއުޒިކްގައި މަސައްކަތްކުރަން ހިތްޖައްސުވާ ކަމެއް އެއީ އިނާން އެގޮތަށް މަސައްކަތުގައި އުޅޭތަން ފެނުމަކީ. އަދި އިނާން އަކީ އަބަދުވެސް ހިޔާލު ބަދަލުކޮށް ކަންކަން ރަނގަޅުކުރަން ކިޔައިދީ، ހިތްވަރު ދޭ ޕާޓްނަރެއް، ވަރަށް ސަޕޯޓިވް."

އިނާން އާއި އިންޝާ އެމީހުންގެ ކައިވެނި ޕާޓީގައި

އިންޝާ ބުނިގޮތުގައި ދެ މީހުން އެކުގައި އެއް ބޭންޑެއްގައި މަސައްކަތްކުރާއިރު ދެ މީހުންގެ ދެމެދުގައި ކްރިއޭޓިވް ހިޔާލުތަފާތުވުން އުފެދުނަސް މަސައްކަތުގެ މާހައުލު ދޫކޮށްދާއިރު އަބަދުވެސް ތިބެވެނީ އެއްގަލެއްގަ އެވެ. އަދި ކްރިއޭޓިވް ބްލޮކެއްގައި އިންޝާ ތާށިވިޔަސް އަބަދުވެސް އޭނާ ސަލާމަތްކޮށްދޭ މީހަކީ އިނާން ކަމަށް ބުންޏެވެ.

"ދެން އަބަދުވެސް އިތުރަށް ރަނގަޅުކޮށްލާނެ ގޮތްތައް އިނާން ކިޔައިދޭނެ، އެ ހިޔާލު ދޭނެ،" އިންޝާ ބުންޏެވެ.

"ދެން އަނެއްކޮޅުން އިނާން އަކީ އޭނާގެ މިޒާޖުގައި ވެސް އަމިއްލަ އަށް ކަންކަން ރަނގަޅުކޮށް ތަރައްގީވެ ކުރިއަރައި ދިއުމަށް ބޭނުންވާ، މަސައްކަތްކުރާ އާޓިސްޓެއް. އެހެންވީމަ އެ ސިފަ ފެނި އެ އުޅުމުގެ ތެރޭގައި އުޅެވޭތީ އޭގެ ފައިދާ ހަގީގަތުގައި ވަރަށް ބޮޑަށް އިންޝާގެ މިއުޒިކް ކެރިއާއަށް ކުރޭ."

އިނާން ވެސް ބުނަނީ މިހެންނެވެ. އޭނާ ބުނާގޮތުގައި އިންޝާއާ ބައްދަލުނުވި ނަމަ ފަހަރުގައި އަދިވެސް އޭނާ ފެނުން އެންމެ ގާތީ އޮފީހެއްގެ ޑެސްކް ޖޮބަކުންނެވެ.

"އަހަރެން ބުނާނީ އެ ދުވަހު އިންޝާ އެގޮތަށް އަހަންނާ އެކު އެއްގަލަކަށް ނޭރި ނަމަ، އެ ސަޕޯޓް ނުދިން ނަމަ މިއަދު މިގޮތަށް ފުލްޓައިމްކޮށް މިއުޒިކް ކުޅޭ މީހަކަށް ނުވީހޭ،" އިނާން ބުންޏެވެ.

"އަނެއް ކަމަކީ އިންޝާ އަކީ ވަރަށް ތަފާތު އެކި ފާޑުފާޑުގެ މިއުޒިކް އަޑުއަހާ މީހެއް އެހެން އުޅޭއިރު. އެއީ ވެސް އޭގެ ސަބަބުން އިނާން އިތުރަށް ތަރައްގީވުމަށް ލިބޭ ވަރަށް ސަޅި ފުރުސަތެއް."

ހަގީގީ ލޯތްބަކީ ހަމަ މިއުޒިކާއި ލަވަ ކަހަލަ އިހުސާސެކެވެ. އަދި މިކަހަލަ ދެ ލޯބިވެރިންނަކީ ޗާޓެއްގައި ބޮންތިއަށް އަރައި އޮންނަ އަމިއްލަ ރާގެއް ކަހަލަ އުފެއްދުމެކެވެ. ކުރު ކުރަމާ ހިނގާށެވެ.

ކޮމެންޓް (3)

އާފިސް

6 ސެޕްޓެމްބަރު 2022
ވަރަށް ޑައުންޓު އަރތް ކަޕްލް އެއް. ޥަރަށް ގުޅޭ ދެމީހުން. ކާމިޔާބީއަށް އެދެން
7 1

ފޭންއެއް

6 ސެޕްޓެމްބަރު 2022
މިއީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ ތެރެއިން މިހާރު އެންމެ ފާހަގަ ކޮށްލެވޭ އެންމެ މަޤްބޫލު ޖޯޑު. އިނާނު އަދި އިންޝާގެ މިއުޒިކީ ކުރިއެރުމަށާއި އެ ދެމަފިރިންގެ ހިތްގައިމު ޒަވާޖީ ހަޔާތަށް އިތުރު ކުރިއެރުމާއި ހެޔޮ ރަޙްމަތް ލައްވާށިއެވެ.
8 0

ބިސްގަޑު

6 ސެޕްޓެމްބަރު 2022
ވަރަށް ސަޅި ކަޕުލްއެއް. އިންޝާ އެންޑް އިނާން އިޒް ދސ ބެސްޓް
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް