އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ: އެ ޓީމަށް ގަދަ ހަތަރެއްގެ ފުރުސަތު ކުޑަ.

ޕްރެމިއަ ލީގު

އާސެނަލް އަށް ގަދަ ހަތަރެއްގެ އުއްމީދު ފަނޑުވެއްޖެ

އެ ޓީމަށް މިހާރު އަމިއްލަ ބާރެއް ނެތް

ސީޒަނުގެ ބޮޑުބައިގައި ރަނގަޅު ނަތީޖާތަކެއް ނެރެ ގަދަ ހަތަރެއްގެ އުއްމީދުކުރަމުން އައި އާސެނަލް ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން ބަލިވުމާ އެކު، މި ފަހަރު ވެސް ގަދަ ހަތަރެއް ނުލި ޖެހިޖެހިގެން ހަ ވަނަ ސީޒަނެއްގައި ޗެމްޕިއަންސް ލީގު ނުކުޅެވުމުގެ ފުރުސަތު ވަރަށް ބޮޑުވެއްޖެ އެވެ.

ތާވަލުގެ ފަސް ވަނައިގައި 66 ޕޮއިންޓާ އެކު އޮތް އާސެނަލް ބަލިވުމުން ގަދަ ހަތަރެއްގެ ފުރުސަތު، 68 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަނީ ބޮޑުވެފަ އެވެ.

ފަހު މެޗުގައި ރަށުން ބޭރުގައި އާދީއްތަ ދުވަހުގެރޭ ނޯރިޗް ސިޓީ އަތުން ޕޮއިންޓެއް ހޯދައިގެން ވެސް، އެންޓޯނިއޯ ކޮންޓޭ ކޯޗުކޮށްދޭ ޓޮޓެންހަމް އަށް ގަދަ ހަތަރެއް ލިބޭނެ އެވެ.

އާސެނަލް އަށް ފުރުސަތު އޮތީ އެ މެޗުން ޓޮޓެންހަމް ބަލިވެ އަދި ފަހު މެޗުން އަމިއްލަ ދަނޑުގައި އެވަޓަން އަތުން މޮޅުވެވިގެންނެވެ.

ރޭ އާސެނަލް ބަލިވުމުން، ތިން ވަނައިގައި 70 ޕޮއިންޓާ އެކު އޮތް ޗެލްސީ އަށް ވަނީ ގަދަ ހަތަރެއް ކަށަވަރުވެފަ އެވެ. މީގެ ކުރިން ގަދަ ހަތަރެއް ކަށަވަރުކޮށްފައި އޮތީ އެއް ވަނައިގައި 90 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީ އާއި ދެ ވަނައިގައި 86 ޕޮއިންޓާ އެކު އޮތް ލިވަޕޫލް އެވެ.

މީގެ ދެ ހަފުތާ ކުރިއާ ހަމައަށް ވެސް ޓޮޓެންހަމްގެ މައްޗަށް ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު ގަދަ ހަތަރެއްގެ ފުރުސަތު ބޮޑުކޮށް އޮތީ އާސެނަލް އަށެވެ. އެކަމަކު މިދިޔަ ހަފުތާގައި ޓޮޓެންހަމް އަތުން 3-0 އިން ބަލިވުމުން ހުރިހާ ކަމެއް ބަދަލުވީ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އާސެނަލުން ރޭގެ މެޗުގައި ދެއްކީ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ފެންވަރުގެ ޓީމެއްގެ ކުޅުން ނޫން ކަމަށެވެ.

"ނިއުކާސަލް އިން އަހަރެމެންނަށް ވުރެ 10 ގުނަ މޮޅަށް ކުޅުނު،" އާޓެޓާ ބުންޏެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމަށް ކުރި ލިބުނީ 55 ވަނަ މިނެޓުގައި އާސެނަލްގެ ބެން ވައިޓް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 85 ވަނަ މިނެޓުގައި ޖެހީ ބްރޫނޯ ގުއިމަރަރެސް އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް