Majlis 2024

ޔޫއެސްއެއިޑްއިން ރާއްޖޭގައި ހިންގާ ކްލައިމެޓް ޗޭންޖު އެޑެޕްޓޭޝަން މަޝްރޫއު އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް އެމެރިކާގެ 10 މިލިއަން ޑޮލަރުގެ އެހީގައި މަޝްރޫއެއް ފަށައިފި

މި މަޝްރޫއު އަމާޒުކޮށްފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް

އެމެރިކާއިން އެކި ގައުމުތަކާއި ޖަމިއްޔާތަކަށް އެހީ ދޭ އިދާރާ، ޔޫއެސްއެއިޑްގެ ހިލޭ އެހީގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖޭގައި ހިންގާ 10.5 މިލިއަން ޑޮލަރު (162.3 މިލިއަން ރުފިޔާ)ގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން މަޝްރޫއު މިއަދު އިފްތިތާހުކޮށްފި އެވެ.

ވީ ކިހިނެއް؟ -  މި މަޝްރޫއު އިފްތިތާހުކޮށްފައިވަނީ، ސޮލައިޓް ރެސްޓޯރަންޓުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި، އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން ޔޫއެސްއެއިޑްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ޔޫއެސްއެއިޑްއިން ވަނީ، މި މަޝްރޫއުގެ ދަށުން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާ އެކު މަސައްކަތް ކުރުމަށް އެއްބަސްވެފަ އެވެ.

ޔޫއެސްއެއިޑްއިން އެސްޑީއެފްސީއާ އެކު މަސައްކަތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބުނީ ކީކޭ؟ - ޔޫއެސްއެއިޑުން ބުނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ހުރި ފުރުސަތުތަކާއި ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް މި މަޝްރޫއުގެ ދަށުން އެހީތެރިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި މުޖުތަމައުން ކުރާ މަސައްކަތްތަކުން ރާއްޖެއަށް ދެމެހެއްޓެނެވި، އިންކްލޫސިވް އަދި މާކެޓް ބޭސްޑް ކުރިއެރުންތަކެއް ގެނެސްދިނުމަށް އެހީތެރިވެދޭނެ،" ޔޫއެސްއެއިޑްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މިޝަން ޑިރެކްޓަރު ރީޑް އެއިޝްލިމަން ވިދާޅުވި އެވެ. 

ޔޫއެސްއެއިޑްއިން ރާއްޖޭގައި ހިންގާ ކްލައިމެޓް ޗޭންޖު އެޑެޕްޓޭޝަން މަޝްރޫއު އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޔޫއެސްއެއިޑްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މިޝަން ޑިރެކްޓަރު ރީޑް އެއިޝްލިމަން ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވަނީ، ރާއްޖެ ފަދަ ގައުމެއް މޫސުމީ ބަދަލުތަކަށް ހޭނި، އެ ބަދަލުތަކުން ލިބޭ ގެއްލުންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވީ މި މަސައްކަތުގައި ވިޔަފާރިތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"މޫސުމީ ބަދަލުތަކަށް ނާޒުކު ގައުމެއްގައި އެކި ދާއިރާތައް ޝާމިލުވާނެހެން، ގުޅިލާމެހިފައިވާ ގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަކީ މުހިއްމުކަމެއް. މުޖުތަމައުގެ ވިލުންވެރިކަމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ސަރުކާރާއި ބައިނަލްއަގްވާމީ ފަރާތްތަކުން ކުރާ މި މުހިއްމު މަސައްކަތަށް އަމިއްލަ ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން ދޭން ޖެހޭ،" ޝައުނާ ވިދާޅުވި އެވެ.

ޔޫއެސްއެއިޑްއިން ރާއްޖޭގައި ހިންގާ ކްލައިމެޓް ޗޭންޖު އެޑެޕްޓޭޝަން މަޝްރޫއު އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މަޝްރޫއުގެ އުސްއަލިތައް:

  • ފަސް އަހަރުގެ މި މަޝްރޫއަށް ޔޫއެސްއެއިޑްއިން 10.5 މިލިއަން ޑޮލަރު ހޭދަކުރާނެ

  • މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެހީތެރިވާނެ

  • ރާއްޖޭގެ އެކި ފަރާތްތަކުގެ އެހީގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް އަމަލުކުރާ އުސޫލުތަކާއި ސިޔާސަތުތައް ހަރުދަނާކުރަން އެހީތެރިވާނެ

  • މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ނާޒުކުކަން ކުޑަކުރުމަށް ކަންކަން ނިންމުމަށް ރަނގަޅު ފެންވަރުގެ މައުލޫމާތު ފޯރުކޮށްދޭނެ

  • މި މަޝްރޫއު އަމާޒުކޮށްފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް 

އިތުރު އާޓިކަލް

އިތުރު އާޓިކަލް