ބަންގްލަދޭޝްގެ ސުނާމްގަންޖް ސަރަހައްދުގައި ފެންބޮޑުވެފައި. (ފޮޓޯ/ އޭއެފްޕީ)

ބަންގްލަދޭޝް

ފެންބޮޑުވުމާ ގުޅިގެން ބަންގްލަދޭޝްގެ 7 މިލިއަން މީހުންނަށް އެހީ ބޭނުންވޭ: ރެޑް ކްރޮސް

ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ އެންމެ ފަގީރު މީހުންނަށް ކަމަށް އެހީ ދޭ ޖަމިއްޔާތަކުން ބުނޭ

ގަރުނެއްގެ ތެރޭގައި ބަންގްލަދޭޝްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެހީތެރިކަމާއި ބޯހިޔާވަހިކަމަށް ޖެހިފައިވާ މީހުންގެ އަދަދު ހަތް މިލިއަނަށް ވުރެ ގިނަ ކަމަށް ރެޑް ކްރޮސް އިން ބުނެފި އެވެ.

ފެންބޮޑުވުމާއި ބަންގްލަދޭޝް-އިންޑިއާ ބޯޑަރު ކައިރީގައިވާ އެތައް ލައްކަ ގެދޮރެއް ފެނުއަޑީގައިވާ ކަމަށާ އަދި ބައެއް އަވަށްތައް އެކީ ހުރި ގޮތަށް ގެއްލިފައިވާ ކަމަށް އެހީ ދޭ ޖަމާއަތްތަކުން ވަނީ އިއްޔެ ބުނެފަ އެވެ. 

އޭޕްރިލް މަހުން ފެށިގެން ބޯކޮށް ވާރޭވެހި ބަންގްލަދޭޝް އާއި އިންޑިއާގެ އުތުރުގެ ސަރަހައްދުތަކަށް ކުރިމަތިވަމުންދާ ފެންބޮޑުވުންތަކާ ގުޅިގެން މިހާތަނަށް 207 މީހަކު މަރުވެފައިވާ ކަމަށް ރަސްމީ އިދާރާތަކުން ބުނެ އެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބަންގްލަދޭޝްގައި ހުރި ބައެއް ކޯރުތައް ފުރިގެން ބަންޑުން ވުމުގެ ސަބަބުން އިންޑިއާގެ މެގަލަޔާ ސްޓޭޓު ކައިރީގަައި އޮންނަ ބަންގާޅު ސަރަހައްދުތައް ފެނުއަޑިއަށް ގެއްލިފައިވާ ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރްސީ) އިން ވަނީ ބުނެފަ އެވެ.

ސުނާމްގަންޖް އަވަށުގެ %94 އާއި ސީލްހެތު ސަރަހައްދުގެ %84 ފެނުއަޑީގައިވާ ކަމަށް އައިއެފްއާރްސީން ބުނެ އެވެ. ފެންބޮޑުވެފައިވާ ސަރަހައްދުތަކަށް ދެވެން އޮންނަ މަގުތައް ވެސް ފެނުއަޑީގައި ވާއިރު، ގިނަ ސަރަހައްދުތަކަކަށް ކަރަންޓުގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފަ އެވެ.

ކުޑަކުދިންނަށް އެހީތެރިވެދޭ 'ސޭވް ދަ ޗިލްރަން' ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި، މޭ މަހު އެކަނި ވެސް ސިހްލެތު ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން 93،000 ގެ އާއި 419 ޕްރައިމަރީ ސްކޫލަކަށް ވަނީ ގެއްލުންވެފަ އެވެ.

ބަންގާޅުގައި 700 ވަރަކަށް ކޯރު އޮވެ އެވެ. އެހެންކަމުން، މޫސުން ގޯސްވާ ކޮންމެ ފަހަރަކު ކޯރުތައް ބަންޑުންވެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމުގެ ބިރު އެ ގައުމުގައި އަބަދު ވެސް އޮވެ އެވެ.

ފެންބޮޑުވުމުގެ ސަބަބުން ބަންގާޅުގައި މިވަގުތު އެހީތެރިކަން ބޭނުންވާ މީހުންގެ އަދަދު 7.2 މިލިއަނަށް އަރާނެ ކަމަށް އައިއެފްއާރްސީން ވަނީ އަންދާޒާކޮށްފަ އެވެ. 

ބަންގާޅާ ޖެހިގެން އޮތް އަވަށްޓެރި އިންޑިއާގެ އަައްސާމް ސްޓޭޓުގައި ފެންބޮޑުވުގެ ސަބަބުން ގެދޮރު ދޫކޮށް ނުކުމެފައިވާ މީހުންގެ އަދަދު 270،000އަށް އަރާ ކަމަށް އެ ސަރަހައްދުގެ ވުޒާރާތަކުން ވެސް ވަނީ މައުލޫމާތު ދީފަ އެވެ.

ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގާޅުގެ ރެޑް ކްރެސެންޓް ގޮފިން ވަނީ 10 މިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖައްސާފަ އެވެ. އަދި އިތުރު 300،000 މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް 7.8 މިލިއަން ޑޮލަރުގެ އެމެޖެންސީ އެހީ ހޯދުމަށް ވެސް ރެޑް ކްރޮސް އިން ވަނީ އިއުލާނުކޮށްފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ފަރާތްތަކަކީ އެންމެ ފަގީރު ހާލަތުގައި ދިރިއުޅެމުންދާ ފަރާތްތައް ކަމަށް އެހީ ދޭ ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް