ފުވައްމުލަކު މަގެއްގެ މަތި: އެ ރަށުގައި ފަރުވާ ދެމުން ދިޔަ ކުޑަކުއްޖަކު މަރުވި މައްސަލަ ހެލްތުން މިހާރު ދަނީ ބަލަމުން (ފޮޓޯ/ފުވައްމުލަކު ސިޓީ ކައުންސިލް)
ފުވައްމުލަކުގައި ކުޑަކުއްޖާ މަރުވި މައްސަލަ ހެލްތުން ބަލަނީ
ފުވައްމުލަކުގައި އިއްޔެ ފަރުވާ ދެމުން ދަނިކޮށް ކުޑަކުއްޖަކު މަރުވި މައްސަލަ ހެލްތު މިނިސްޓްރީން ތަހުގީގު ކުރަން ފަށައިފި އެވެ.
ވީ ކިހިނެއް - އުމުރުން އެންމެ ފަސް އަހަރުގެ ސަދާ ސައުދުﷲ އަހުމަދު ހަސަން މަރުވީ، ބަނޑުގައި ރިިއްސައި ހޮޑުލާތީ އިއްޔެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް، އިއްޔެ އިރުއޮއްސުނު ފަހުންނެވެ.
ސަދާއަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލުގެ އިހުމާލުގެ އުޅޭ ކަމަށް ބައެއް މީހުން ތުހުމަތު ކުރާތީ، ހެލްތު މިނިސްޓްރީން މިހާރު ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެެވެ.
ބުނީ ކީކޭ - ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ލިރާރު މިއަދު 'ދައުރު' އަށް ވިދާޅުވީ ސާދާ ބަލިވެގެން އެތަނަށް ގެންދިޔައީ އިއްޔެ ހެނދުނެވެ. އަދި އައިޖީއެމްއެޗުގެ ޑޮކްޓަރުންނާ މަޝްވަރާކޮށް، އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ކަމަށާއި އެކަމަކު އިރުއޮއްސި ހަތެއް ޖެހިފަހުން ކުއްޖާގެ ހާލު ސީރިއަސްވެ މަރުވާން ދިމާވި ސަބަބު ހޯދުމަށް މިހާރު ހެލްތު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޮސްޕިޓަލުގައި ދިޔައީ ފަރުވާ ދެމުން. އެކަމަކު ފަރުވާއާ ގުޅޭގޮތުން ތުހުމަތުތަކެއް ކުރާތީ އެ މައްސަލަ ބެލުމަށް އަޅުގަނޑުމެން ވާނީ މިނިސްޓްރީގައި މިހާރު އެދިފައި،" ލިރާރު ވިދާޅުވި އެވެ.
އެނގުން މުހިންމު - މައްސަލަ މިހާރު ތަހުގީގު ކުރަމުންދާތީ، ތުހުމަތުތަކާ ގުޅޭގޮތުން އޭނާ ތަފްސީލެއް ނުދެއްވަ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި މީހުން ތުހުމަތު ކުރަނީ، ކުޑަކުއްޖާ މަރުވީ ނުބައި އިންޖެކްޝަނެއް ޖަހައިގެންނެވެ.
ގެސްޓްހައުސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ސައުދުﷲގެ ހަގު އަދި ހުރި އެންމެ އަންހެންދަރިފުޅުގެ ކުއްލި މަރާ ގުޅިގެން، އާއިލާއަށް ވެސް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ. އެ ހަބަރާއެކު، މުޅި ސޯޝަލް މީޑިއާ ބަންޑުންކޮށްލީ ހަމްދަރުދީގެ މެސެޖްތަކާއި ދުއާތަކުންނެވެ.
އެނގިފައިވާ ގޮތުގައި ކުރިން ވެސް ބަލިވެ އުޅުނު ސާދާ މަރުވީ، އޭނާގެ ބައްޕަ ފުވައްމުލަކަށް ދިޔުމަށް ދަތުރުމަތީގައި އުޅެނިކޮށެވެ. ފުވައްމުލަކުގައި ދިރިއުޅޭ އެ އާއިލާގައި ދެން ދޮއްޓަށް ހުންނަނީ ފިރިހެން ކުއްޖެކެވެ.