ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް. (ފޮޓޯ/ ގެޓީ އިމޭޖެސް)

ނޭޓޯ

ތައްޔާރީ ހާލަތުގައި އޮންނަ ނޭޓޯގެ ފައުޖު ބޮޑުކުރަނީ

މި ފައުޖު އެންމެ ފަހުން ބޮޑުކޮށްފައި ވަނީ 2014ގައި 13،000 އިން 40،000 ސިފައިންނަށް

ފުރިހަމައަށް ތަމްރީނު ލިބި، ކުއްލި ހާލަތުގައި ދިމާވާ ކަންކަމަށް ތައްޔާރީ ހާލަތުގައި އޮންނަ ފައުޖު (ރެޕިޑް ރިއެކްޝަން ފޯސް)ގައި ހަރަކާތްތެރިވާ ސިފައިންގެ އަދަދު 300،000އަށް ވުރެ އިތުރު ކުރުމަށް ނޭޓޯ އިން ނިންމައިފި އެވެ.

ނޭޓޯގެ ފައުޖުތަކުގައި ކުއްލި ކަންކަމަށް ތައްޔާރީ ހާލަތުގައި މިވަގުތު ތިބީ 40،000 ސިފައިންނެވެ. މީގެ ތެރެއިން ގިނަ ސިފައިން މިވަގުތު ތައްޔާރީ ހާލަތުގައި ތިބީ ނޭޓޯގެ ޔޫރަޕުގެ އިރުމަތީ ފަރާތު ބޯޑަރުގަ އެވެ.

ނޭޓޯގެ ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ފައުޖުގައި ހިމެނޭ ސިފައިންގެ އަދަދު އިތުރުކުރުމަށް ނިންމީ ޔޫރަޕުގެ ރައްކާތެރިކަމަށް ރަޝިޔާގެ ސަބަބުން ކުރިމަތިވެފައިވާ ބިރުގެ ސަބަބުން ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް އިއްޔެ ވިދާޅުވި އެވެ.

ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ފައުޖުގައި ހިމެނޭ ސިފައިންގެ އަދަދު އިތުރު ކުރުމުން ނޭޓޯގެ އިރުމަތީ ފަރާތު ބޯޑަރުގެ ދިފާއީ ކަންކަން ވަރަށް ބޮޑުތަން ކުރިއަށް ޖެހޭނެ ކަމަށް ވެސް ސްޓޮލްޓެންބާގް ފާހަގަކުރެއްވި އެވެ. މި ފައުޖުތަކުގައިވާ ސިފައިންތައް "ބްރިގޭޑް ލެވެލް"ތަކަކަށް ބަހާލައި މީގެ އެތައް ހާސް ސިފައިންނެއް ހިމެނޭ ޓެކްޓިކަލް ގިނަ ގްރޫޕުތަކެއް އިރުމަތީ ޔޫރަޕުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށާއި، މިގޮތަށް ފައުޖުތައް ހަރަކާތްތެރިވުމުން ނޭޓޯއާ ނުބެހުމަށް ރަޝިޔާއަށް ރަނގަޅު މެސެޖެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނޭޓޯގެ ގައުމަކަށް ހަމަލާއެއް ދީފި ނަމަ ނުކުންނާނެ ނަތީޖާ މޮސްކޯއަށް، ރައީސް ޕޫޓިންއަށް އެނގިވަޑައިންނަވާނެކަން އަހަރެންނަށް ޔަގީން،" ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓޮލްޓޮންބާގް ވިދާޅުވި އެވެ.

"ނަތީޖާއަކަށް ވެގެން ދާނީ މުޅި ނޭޓޯ އިން ނުކުތުން. އަދި ނޭޓޯގެ އަސްކަރިއްޔާ އިތުރު ކުރަނީ މި މި މެސުޖު ރަނގަޅަށް ދިނުމަށް."

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ދެއްކެވި ވާހަކައިގެ ތެރެއިން. (ވީޑީއޯ/ ސްޓްރެއިޓް އެރޯ ނިއުސް)

އެއްގަމާއި ކަނޑާއި ވައިގެ ތެރޭގައި ހަރަކާތްތެރިވުމުގެ ގާބިލުކަން ލިބިފައިވާ ނޭޓޯގެ ކުއްލި ފައުޖުގެ ބޭނުމަކީ ނޭޓޯގެ ގައުމަކަށް ހަމަލާއެއް ދީފި ނަމަ ވީހާ ވެސް އަވަހަކަށް ހަރަކާތްތެރިވުމެވެ. ނޭޓޯ އިން ވަނީ މި ފައުޖުގައި ހިމެނޭ ސިފައިންގެ އަދަދު 13،000 އިން 40،000 އަށް 2014 ވަނަ އަހަރު އިތުރުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް