ވިލިމާލޭ އިރުމަތީ ފަރާތު ގޮނޑުދޮށް: މިއީ ގިނަ ބަޔެއްގެ މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމަށް މުހިއްމު ބީޗެއް.

ތިމާވެށި

ވިލިމާލޭ އިރުމަތީ ބީޗުގައި ފައިބަރު މަސައްކަތްކުރުން ހުއްޓާލަން ނިންމައިފި

ވަގުތީގޮތުން ފައިބަރު މަސައްކަތްކުރުމަށް، ބަންދުކުރެވޭ ރައްކާތެރި ހަރުގެއެއް ވިލިމާލޭ ދެކުނު ފަރާތުގައި ހެދުމަށް ކައުންސިލުން ވަނީ ނިންމާފައި

މުހިންމު ނުކުތާތައް

ދާއިމީ ހައްލެއްގެ ގޮތުގައި ފައިބަރު މަސައްކަތަށް ތިލަފުށި ނުވަތަ ގުޅިފަޅުން ޖާގައެއް ހޯދުމަށް ނިންމި

ފައިބަރު މަސައްކަތް އިރުމަތީ ބީޗަށް ބަދަލުކުރަން ނިންމީ ބްރިޖަށް މަގުފަހިކުރުމަށް

ކައުންސިލްގެ ނިންމުން އަނބުރާ ގެންދިޔައީ އިހުތިޖާޖުކުރުމާ ގުޅިގެން

ވިލިމާލޭ ހުޅަނގު ދެކުނު ފަރާތުގައި ހުރި ފައިބަރު ބޯޓުޔާޑު އިރުމަތީ ބީޗު ސަރަހައްދަށް ބަދަލުކުރުމުގެ ނިންމުން އަނބުރާ ގެންދަން މާލޭ ސިޓީ ކައުންސިލުން އެންމެ ފަހުން ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ވިލިމާލޭ އިރުމަތީ ފަރާތުގައި ފައިބަރު މަސައްކަތް ކުރުމަށް ފުރުސަތު ދީފައިވާތީ އާއްމުންގެ ގިނަ ބަޔަކު އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ތިލަމާލެ ބުރިޖު އެޅުމަށް މަގުފަހިކުރުމަށް ބޯޓުޔާޑު އިރުމަތީ ބީޗަށް ބަދަލުކުރަން ކައުންސިލުން ނިންމުމުން، ތިމާވެށި ހިމާޔަތް ކުރަން ވަކާލާތުކުރާ ޖަމިއްޔާއެއް ކަމުގައިވާ، ސޭވް ދަ ބީޗް އިން އެ ސަރަހައްދުގައި ސިލްސިލާ އިހުތިޖާޖެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ކީއްވެ؟ - މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ދެ ލައްކައެއްހާ މީހުންނަށް ބޮޑު ހަރަދެއް ނުކޮށް ފަސޭހަ އިން ދެވެން އޮތް ހަމައެކަނި ގުދުރަތީ ބީޗު ކަމަށްވާ އިރު، ސިއްހީ ނުރައްކާތައް ކުރިމަތިކުރުވަފާނެ ފައިބަރު މަސައްކަތަށް ހުއްދަ ދީ، އާއްމުންނަށް އެ ބީޗު ބޭނުންކުރުމުގެ ފުރުސަތު ގެއްލުވާލައިގެން ނުވާނެކަން ސޭވް ދަ ބީޗުން ވަނީ ފާހަގަކޮށްފަ އެވެ. 

ވިލިމާލޭ އިރުމަތީ ފަރާތުގައި ފައިބަރު މަސައްކަތް ކުރުމާ ދެކޮޅަށް ބަހައްޓާފައިވާ ބޯޑެއް

ތަފްސީލް - މާލެ ސިޓީ ކައުންސިލުން ބުދަދުވަހު ވަނީ ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ މީހުން ދާއިމީކޮށް އެ މަސައްކަތް ކުރުމަށް ތިލަފުށި ނުވަތަ ގުޅިފަޅުން ޖާގައެއް ހޯދުމަށް ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފަ އެވެ. އަދި ވަގުތީ ހައްލެއްގެ ގޮތުން، އިރުމަތީ ފަރާތުގެ ބަދަލުގައި، ދެކުނު ފަރާތުގައި ޕްލޭނިން މިނިސްޓްރީ އިން ކަނޑައަޅާ ސަރަހައްދެއްގައި އެކަށީގެންވާ ހަރުގެއެއް، ބަންދު ކުރެވޭ ގޮތަށް، ގާއިމްކޮށް އެ ތަނުގައި ފައިބަރުގެ މަސައްކަތް ކުރުމާ ގުޅޭ އުސޫލެއް ހަދައި، މަަސައްކަތް ކުރުމަށް ކުލި ދައްކަން ޖެހޭ ގޮތަށް ހެދުމަށް ވެސް ފާސްކުރި އެވެ.

ވިލިމާލޭ އިރުމަތީ ފަރާތުގައި ފައިބަރު މަސައްކަތް ހުޅުވާލައިގެން ކުރާ ނަމަ އޭގެ ނޭދެވޭ އަސަރު މީހުންގެ ސިއްހަތަށް ކުރާނެ ކަމަށް ބެލެވޭ

މިހާރު ފައިބަރުގެ މަަސައްކަތް ހިނގާ ގޮތް އޮޑިޓް ކުރުމަށް ވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ. އެގޮތުން މަސައްކަތްތައް މޮނިޓާކޮށް އެ ތަނުގައި ކުރަނީ އޮޑިދޯނިފަހަރާ ގުޅޭ ފައިބަރު މަސައްކަތްކޮށްތޯ ބަލައި ޔަގީންކޮށް، ބީޗަށް ގެއްލުންވާ ކަންކަން ހިނގާތޯ އާއި ގަސް ކަނޑާތޯ ބަލާނެ އެވެ. 

އަދި ފައިބަރުގެ އާ މަސައްކަތެެއް އިރުމަތީ ބީޗުގައި ނުފެށުމަށާއި އެ ބީޗުގައި ޖަހާފައިވާ ފެންސް ނަގައި އެ ސަރަހައްދު މޫދަށް އެރޭ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް ހެދުމަށް ވެސް ކައުންސިލުން ނިންމި އެވެ.

ދެ އަންހެނަކު ވިލިމާލޭ އިރުމަތީ ފަރާތުގައި އިށީނދެލައިގެން.

ސޭވް ދަ ބީޗް ޖަމިއްޔާ އިން ބުނިގޮތުގައި މާލެ ސަރަހައްދުގެ ހަމައެކަނި ގުދުރަތީ ބީޗު، ފައިބަރުގެ މަސައްކަތުން ސަލާމަތްކުރެވޭނެ ގޮތް މިވީ އެންމެންގެ މަސައްކަތުންނެވެ. 

ސޭވްދަ ބީޗް އިން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން

ސޭވް ދަ ބީޗްގެ ކޯފައުންޑާ ފާތިމަތު ތަންޒީލާ ބުނީ ކައުންސިލްގެ ނިންމުމަށް އެ ޖަމްއިއްޔާ އިން މަރުހަބާ ކިޔާ ކަމަށެވެ.

"މި ބީޗް އަދި ކައިރީގައި އޮތް ހޭޅި އޭގެ ގުދުރަތީ ގޮތުގައި ދެމިއޮތުމަށް ރައްކާތެރި ކުރެވޭތީ އެއީ ލިބުނު ބޮޑު ކާމިޔާބީއެއް،" ތަންޒީލާ ބުންޏެވެ. "ސޭވް ދަ ބީޗް އިން ދާނީ މި ސަރަހައްދުގައި މަސައްކަތް ކުރާ ގޮތް ވަރަށް ގާތުން ބަލަމުން. އަދި ރައްޔިތުން އަދި ކައުންސިލުން ބޭނުންވާ ފައިބަރު މަސައްކަތަށް ދާއިމީ ހައްލެއް ހޯދުމަށް ޕްލޭނިން މިނިސްޓްރީގައި ލޮބީ ކުރާނަން."

ވިލިމާލޭ އިރުމަތީ ފަރާތުގައި ބާއްވާފައި އޮތް ޑިންގީއެއް

ވިލިމާލޭ އިރުމަތީ ފަރާތު ބީޗަކީ ވިލިމާލެ އާއި މާލޭގެ ގިނަ ބަޔަކު މޫދަށް އެރުމަށާއި ކަސްރަތަށް ބޭނުން ކުރާ ތަނެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ކަސްރަތު ދިނުމަށް ވެސް ބޭނުންކުރާ މުހިއްމު ބީޗެކެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް