އިނގިރޭސި އެފްއޭ ކަޕްގައި 5 ފެބްރުއަރީ 2022 ގައި މިޑްލްސްބަރާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މެންޗެސްޓަ ޔުނައިޓެޑް ކެޓުމުން ކްރިސްޓިއާނޯ ރޮނާލްޑޯ ދަނޑު މަތީގައި.

ރޮނާލްޑޯ އެހެން ކްލަބަކުން ފެނިދާނެ

މެންޗެސްޓާ ޔުނައިޓެޑުގެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަ ސީޒަނުގައި އެހެން ކްލަބަކުން ފެނިދާނެ ކަމަށް އިޓަލީގެ ލަ ރިޕަބްލިކާ ނޫހުން ބުނެފި އެވެ.

ރޮނާލްޑޯ ޔުނައިޓެޑާ ދެ ވަނަ ފަހަރަށް ގުޅުނުތާ އެއް ސީޒަން ފަހުން އާ ކްލަބެއް ހޯދަނީ، ރިޕޯޓްތައް ބުނާ ގޮތުގައި އެ ޓީމުގެ އާ ކޯޗު އެރިކް ޓެން ހާގްގެ ޓެކްޓިކްސް އަށް އޭނާ ނުފެތޭ ކަމަށް ގަބޫލުކުރާތީވެ އެވެ.

ކާމިޔާބު ނުލިބޭތާ ދުވަސްތަކެއް ވެފައިވާ ޔުނައިޓެޑުން ޓެން ހާގް ގެނައި ސަބަބަކީ ޒުވާން ކުޅުންތެރިންނާ އެކު ސްކޮޑެއް ބިނާކުރުމެވެ. ރޮނާލްޑޯ އަށް ފުރުސަތު އޮންނާނެ ކަމަށް ޓެން ހާގް ބުނެފައިވީ ނަމަވެސް އޭނާގެ ސްޓައިލަށް ރޮނާލްޑޯ ފިޓްނުވާ ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑޯ ހޯދަން މަސައްކަތްކުރަނީ އޭނާ ކެރިއަރު ފެށި ކްލަބް ކަމަށްވާ ޕޯޗުގަލްގެ ސްޕޯޓިން އާއި ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ އިޓަލީގެ ރޯމާ އެވެ.

ސްޕޯޓިން ޗެމްޕިއަންސް ލީގުން ވެސް ފުރުސަތު ހޯދާފައިވާތީ އާއި ކެރިއަރުގެ ފަހުކޮޅު އެ ޓީމަށް ކުޅެލަން ލިބޭ ފުރުސަތަކަށް ވާތީ ރޮނާލްޑޯ އެ ޓީމަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ރޯމާގެ ކޯޗު މޮރީނިއޯ އަކީ ރޮނާލްޑޯ އަށް ރެއާލް މެޑްރިޑުގައި އިރުޝާދުދިން ކޯޗެވެ. ރޯމާ އިން އަންނަނީ ނިމުނު ސީޒަނުގައި، 2007 ގެ ފަހުން ފުރަތަމަ ފަހަރަށް ތަށްޓެއް ހޯދައި އަންނަ ސީޒަނުގައި ވަރުގަދަކޮށް ނުކުންނަން ތައްޔާރުވަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑޯގެ އުމުރާއި އޭނާގެ މުސާރަ ބޮޑުވުމަކީ، ބޮޑު ކްލަބްތަކުން މިވަގުތު އޭނާ އަށް ޓާގެޓްނުކުރާ އެއް ސަބަބެވެ.

އެކަމަކު ހުނަރަށް ބަލާއިރު އަދިވެސް އޭނާ އަންނަނީ ތަފާތު ދައްކަމުންނެވެ. މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް އެންމެ ގިނަ ގޯލް ޖަހައިދިނީ ވެސް ރޮނާލްޑޯ އެވެ. އެގޮތުން 37 މެޗުން 24 ގޯލް ޖެހި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް