Majlis 2024

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ގައުމުގެ މާލީ ހާލަތު ވަޒީރުގެ އަތްމައްޗަށް ދޫކޮށްލައިގެން ނުހުންނާނަން: ނަޝީދު

ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުގައި އެ މަނިކުފާނު ހުންނަވާހާ ހިނދަކު، ކޮންމެ ބަޔަކު ހިތްހަމަނުޖެހުނު ނަމަވެސް އެ ކަންކަން ބައްލަވާނެ ކަމަށް

ރާއްޖޭގެ މާލީ ހާލަތު، މާލީ ވަޒީރުގެ އަތްމައްޗަށް އެކަނި ދޫކޮށްލައިގެން ނުހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ ރައީސަށް ގައުމުގެ މާލީ ހާލަތު އެނގިވަޑައިގަންނަވަން ޖެހޭ ކަމަަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވުމުންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިލްޔާސް އެ ވާހަކަ ދެއްކެވީ ދައުލަތުން ދަރަންޏަށް ނަގާ ފައިސާ ނުވަތަ ދައުލަތް ޒިންމާވާ ގޮތަށް ގެރެންޓީ ދޫކުރުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް އިދިކޮޅުން މާލިއްޔަތު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.

އެނގުން މުހިއްމު - ދައުލަތުގެ ރިޒާވްގައި އަންނަ މަހުގެ ނިޔަލަށް އަސާސީ ބޭނުންތަކަށް ބޭނުންވާ ފައިސާ ހުރިތޯ ބަލަން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސީދާ ޖަވާބެއް ނުދެއްވާތީ ނަޝީދު ވަނީ އިއްޔެ ނުރުހުން ވެސް ފާޅުކުރައްވާފަ އެވެ. އެގޮތުން:

  • އެ ސުވާލަށް އަމީރު ސީދާ ޖަވާބެއް ނުދެއްވީ، ރިޒާވް މެނޭޖްކޮށް، ތަފާސްހިސާބުތައް ބަލަހައްޓައި އަންދާޒާތައް ތައްޔާރުކުރުން ގާނޫނީ ގޮތުން ހަވާލުކޮށްފައި ވަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ކަމަށް ވިދާޅުވެ

  • ނަމަވެސް، އަންނަ މަހުގެ ނިޔަލަށް، ދައުލަތުގެ ރިޒާވްގައި ފަސް މަސްދުވަހުގެ އާސާސީ ބޭނުންތަކަށް ފުދޭ ވަރަށް ފައިސާ ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އަމީރު ވިދާޅުވި

  • އެކަމާ މެދު ނުރުހުން ފާޅުކުރައްވައި ނަޝީދު ވަނީ ވަޒީރުގެ ޖަވާބު އިސްލާހުކުރަން އެދިވަޑައިގެންފައި

މަޖިލީހުގެ ޖަލްސާއެއްގައި ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ތަފްސީލް - ފައިސާ ޗާޕު ކުރަން ނުވަތަ ދައުލަތުގެ ޕަބްލިކް ބޭންކު އެކައުންޓް (ޕީބީއޭ) އޯވާޑްރޯ ކުރަން ހުއްދަ ދީ، ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށްފައި ވާކަން ފާހަގަކުރައްވައި އިލްޔާސް ވަނީ މާލީ ހާލަތާ ގުޅޭ ކަންކަން މަޖިލީހަށް ފަސޭހައިން ބެލޭނެ ނިޒާމެއް ނެތުމުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

"އަޅުގަނޑު މިކަން ދަންނަވާ ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ތިޖޫރީގެ އެއް ތަޅުދަނޑި ގެންގުޅުއްވާ ބޭފުޅާ، ހަވާލުވެފައި، ގާނޫނުން ޒިންމާ މަތިކުރެވިފައިވާ އެއް ފަރާތް. އެހެންވެ އެ ފަރާތަށް ދައުލަތުގެ މާލިއްޔަތުގައި ހުންނަން ޖެހޭ އެއްޗެއްސާއި ހުންނަ ވަރާއި އެ ދޫކުރަން ޖެހޭ ވަރާއި އެ ކަންތައްތައް ސާފުކޮށް އެނގިފައި އޮތުމަކީ މުހިއްމު ކަމެއް،" އިލްޔާސް ވިދާޅުވި އެވެ.

"އެ ކަމުގައި އަޅުގަނޑުމެން ފިސްކަލް ރެސްޕޮންސިބިލިޓީ އެކްޓް (ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ) ބައެއް މާއްދާތައް ސަސްޕެންޑްކޮށްފައި ދަރަނި މައްޗަށް ދާއިރު، ކޮން އިރަކުތޯ އަނބުރާ އެ ހިސާބަށް އަންނަނީ އެ ތަޅުދަނޑި ގެންގުޅުއްވާ ފަރާތަށް ސާފުކޮށް އެނގިވަޑައިގަންނަވަން ޖެހޭ."

ދުނިޔޭގެ ބާޒާރުގައި ކަންކަން ބަދަލުވަމުންދާ ގޮތާ މެދު ވިސްނަން ޖެހުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވީ:

  •  މީގެ ހަ މަސްދުވަސް ކުރިން ތެޔޮ ފީފާއެއްގެ އަގު ހުރީ 50 ޑޮލަރާއި 55 ޑޮލަރާ ދޭތެރޭގައި؛ މިހާރު އެ އަގު ވަނީ 120 ޑޮލަރާއި 125 ޑޮލަރަށް އަރާާފައި

  • ނެޓް ރިޒާވް ހުރީ މީގެ ހަ މަސް ކުރި އާއި މިއަދާ ވެސް ގާތްގަނޑަކަށް އެއްވަރަކަށް؛ ރިޒާވްގައި ހުރީ ފަސް މަހުގެ ތެލާއި ކާޑު ގަނެވޭ މިންވަރުގެ ފައިސާ ކަމަށް އަމީރު ވިދާޅުވާއިރު، އެއީ އެ ކަންކަން ބެލޭނެ ނިޒާމެއް ނޫން

  • ކައްކާ ގޭސް ޓަނެއް މީގެ ހަ މަސް ކުރިން ގަންނަން ލިބުނީ 450 ޑޮލަރަށް ކަމަށާއި ރާއްޖެ ގެނެވެނީ 650 ޑޮލަރު ހަރަދުކޮށްގެން؛ އެކަމަކު މިހާރު ދުނިޔޭގެ މާކެޓުގައި ގޭސް ޓަނެއްގެ އަގަކީ 900 ޑޮލަރު، ރާއްޖެއާ ހަމައަށް ގެނެވެނީ ޖުމްލަ 1،200 ޑޮލަރަށް

  • މިދިޔަ ހަ އަހަރު ނުވަތަ ދެ ތިން އަހަރުގެ ތެރޭގައި ވޯލްޑް ބޭންކުގެ ރިޕޯޓުތަކުންނާއި އެމްއެމްއޭގެ ރިޕޯޓުތަކަށް ބަލައިގެން އިންފްލޭޝަން ހުރީ %2.2ގައި ކަމަށް ބެލި ނަމަވެސް، ދުނިޔޭގެ އިގްތިސާދީ ހާލަތާއި ހަގީގަތްތައް ބަދަލުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ނަޝީދު. (ފައިލް ފޮޓޯ/މަޖިލިސް)

ބުނީ ކީކޭ؟ - އިލްޔާސްގެ ވާހަކަ ނިންމަވާލެއްވުމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ތެލުގެ ރިޒާވާއި މިހާރު އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ އަވަށްޓެރި ލަންކާގެ ރިޒާވާއި އެހެން ގައުމުތަކުގެ ރިޒާވް އެނގިވަޑައިނުގަންނަވާ ނަމަ، މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި އެ މަނިކުފާނު ނުހުންނަވާނެ ކަމަށެވެ.

"ދިވެހިރާއްޖޭގައި ބޭނުން ކުރެވެން ހުރި ރިޒާވާއި ގްރޮސް ރިޒާވާ އަދި ދިވެހިރާއްޖޭގެ ދަރަނި އަނބުރާ އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރާ އަދި ދިވެހިންނަށް ކާޑު ލިބޭނެތޯ އާއި ނުލިބޭނެތޯ، އެއީ އެއްގޮތަކަށް ވެސް ދެކިވަޑައިނުގަންނަވާތި ވަޒީރު ބޭފުޅެއްގެ އަތްމައްޗަށް ނުވަތަ އެހެން ވެސް ބޭފުޅެއްގެ އަތްމައްޗަށް ދޫކޮށްލައި އަޅުގަނޑު އަތް އުރާލާނެ ބާވަތުގެ ކަމެއް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުގައި އެ މަނިކުފާނު ހުންނަވާހާ ހިނދަކު، ކޮންމެ ބަޔަކު ހިތްހަމަނުޖެހުނު ނަމަވެސް އެ ކަންކަން ބައްލަވާނެ ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވުމުން ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި އަންނަ މަހުގެ ނިޔަލަށް ރާއްޖޭގެ ތެލުގެ ރިޒާވް ހުރި މިންވަރު ކަށަވަރުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ދިވެހިރާއްޖޭގައި ބޭނުން ކުރެވެން ހުރި ރިޒާވާއި ގްރޮސް ރިޒާވާ އަދި ދިވެހިރާއްޖޭގެ ދަރަނި އަނބުރާ އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރާ އަދި ދިވެހިންނަށް ކާޑު ލިބޭނެތޯ އާއި ނުލިބޭނެތޯ، އެއީ އެއްގޮތަކަށް ވެސް ދެކިވަޑައިނުގަންނަވާތި ވަޒީރު ބޭފުޅެއްގެ އަތްމައްޗަށް ނުވަތަ އެހެން ވެސް ބޭފުޅެއްގެ އަތްމައްޗަށް ދޫކޮށްލައި އަޅުގަނޑު އަތް އުރާލާނެ ބާވަތުގެ ކަމެއް ކަމަށް.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ޝިޔާމް އެގޮތަށް އެދިވަޑައިގެންނެވުމުން ނަޝީދު ވިދާޅުވީ:

  • މަޖިލީހުގައި މާލިއްޔަތު ކޮމިޓީއަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ކޮމިޓީއެއް އޮވޭ؛ މަޖިލީހުގައި ކޮމިޓީތަކުން ބޭނުންވާ މަސައްކަތެއް ކުރުމުގެ ގާނޫނީ ބާރުވެރިކަން އޮވޭ

  • މާލިއްޔަތު ކޮމިޓީން މާލިއްޔަތާ ގުޅޭ ކަންކަން ބަލަހައްޓަން ޖެހޭނެ؛ އެ ކަންކަން ބެލެހެއްޓުމަކީ ސަރުކާރަށް "އުނދަގޫ"ކުރުމުގެ އަމަލެއް ގޮތަށް ބައެއް މެމްބަރުންނަށް ހީވެފައި އޮވެދާނެ

  • އެ ކޮމިޓީން މާލީ ކަންކަން ބަލާ މިންވަރަކަށް ސަރުކާރުގެ ނުރުހުން މެމްބަރުންނަށް ރައްދުވެ، އެ މެމްބަރުންގެ ސިޔާސީ އެހެން މަސައްކަތްތަކަށް ބުރޫއަރާ

"ދެން އެއީ ދެރަ ކަމެއް. އަޅުގަނޑު އެހެން ގައުމުތަކުން ވެސް މި މަންޒަރު ދެކިއްޖައިމު. މިސާލަކަށް ސްރީ ލަންކާގެ މާލިއްޔަތު ކޮމިޓީން ކޮށްފައިވާ އެއްވެސް ކަމެއް ވޭތޯ ބަލާލުމަކީ މުހިއްމު ކަމެއް،" ލަންކާއަށް މިހާރު ދިމާވެފައިވާ ހާލަތަކީ މާލީ ކަންކަން އަޅާނުލާ ދޫކޮށްލުމުގެ ނަތީޖާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް