ޑރ. އަމާލް ބަސްނެޓް 'ދައުރު' އަށް އިންޓަވިއު ދެއްވަނީ: އޭނާ ވަނީ ދިވެހި ޒުވާނުންނާއި އަންހެނުންގެ ތެރޭގައި ރާއްޖެބަލި އާންމުވާތީ ކަންބޮޑުވުން ފާޅުކުރައްވާފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސިއްހަތު

ދިވެހި ޒުވާނުންނާއި އަންހެނުންގެ މެދުގައި ރާއްޖެބަލި ގިނަ

އޭޑީކޭގެ ޑރ. އަމާލް އެދިވަޑައިގަތީ ބަލީގެ އަލާމާތްތައް ފެންނަ އިރު އަވަހަށް ދައްކަން

މުހިންމު ނުކުތާތައް

ރާއްޖޭގައި އެންމެ އާންމުކޮށް ފެންނަނީ ހުޅުހުޅު ދުޅަވެ، ރިއްސުމުގެ ބާވަތް

ޑރ. އަމާލްއަށް ދައްކާ 20 މީހުންގެ ތެރެއިން 15 މީހުންގެ ކިބާގައި އެ ބަލި ހުރޭ

ބަލި ބޮޑުވުމުގެ ކުރިން ފަރުވާ ހޯދިއްޖެ ނަމަ އުނދަގޫތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެ

އޭޑީކޭ ހޮސްޕިޓަލުގެ ރޫމެޓޮލޮޖިސްޓް އަމާލް ބަސްނެޓްގެ ވާހަކަތައް އިވުމުން ފުރަތަމަ ވެސް އެނގުނީ ކުރިން ހީކުރެވުނު ވަރަށް ވުރެ އާންމު ރާއްޖެބަލި ތަހައްމަލްކުރަމުން އަންނަ މީހުންގެ އަދަދު ގިނަވަމުންދާ ކަމެވެ. ހާއްސަކޮށް ޒުވާނުންނާއި އަންހެނުންގެ މެދުގަ އެވެ.

ގިނަ މީހުންނަށް ހީވެފައި އޮންނަނީ ރާއްޖެބަލީގެ އާންމު ބައެއް އުނދަގޫތައް ކުރިމަތިވަނީ އުމުރުން ދުވަސް ވުމުން ކަމަށެވެ. ނަމަވެސް އާތުރައިޓިސްގެ ހާއްސަ ޑޮކްޓަރު އަމާލް ވިދާޅުވީ އެއީ ކުށް ހީއެއް ކަމެވެ. ބައެއް މީހުން އުފަންވާ އިރު ވެސް އެ ބަލީގެ އުނދަގޫތައް ހުންނަނީ ހަށިގަނޑާ ގުޅިފަ އެވެ. 

ރާއްޖެބަލީގެ އެންމެ އާންމު ވައްތަރުތަކަކީ ހުޅުހުޅުގައި ރިއްސުމެވެ. ބައެއް ފަހަރު ހުޅުތައް ދުޅަވެ، ހަރަކާތް ނުކުރެވޭ ހިސާބަށް ވެސް ހާލަތު ގޯސްވެ އެވެ.

އޭޑީކޭގެ ރޫމެޓޮލޮޖިސްޓް ޑރ. އަމާލް ބަސްނެޓް 'ދައުރު' އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޑރ. އަމާލް ވިދާޅުވި ގޮތުގައި އާތުރައިޓިސްގެ 100 އަށް ވުރެ ގިނަ ވައްތަރު ހުރެ އެވެ. އެކަމަކު އެންމެ އާއްމުކޮށް ފެންނަނީ:

  • ރޫމެޓޮއިޑް އާތުރައިޓިސް: އަތް ފައި ދުޅަވެ، ހަރަކާތް ކުރަން އުނދަގޫވުން

  • ސޮރައިއެޓިކް އާތުރައިޓިސް: ހުޅުތައް ދުޅަވެ، ބޮލުގައި ރިއްސައި ދިގު މުއްދަތަކަށް ވޭން ދެމިހުރޭ. އަދި ހަންގަނޑަށް ވެސް އަސަރުކުރޭ. ބައެއް ފަހަރަށް ސިކުނޑިއަށް ވެސް އަސަރުކުރޭ

  • ސްޕޮންޑިލޯ އާތުރައިޓިސް: މައިބަދައާ ގުޅިފައި ހުންނަ ރާއްޖެބަލި

ރޫމެޓޮއިޑް އާތުރައިޓިސް ހުންނަ މީހެއްގެ އިނގިލިތަކުގެ ހުޅުތައް ދުޅަވެފައި (ފޮޓޯ/ވެބް އެމްޑީ)

ރާއްޖެބަލީގެ އާއްމު ތިން ވައްތަރުގެ ތެރެއިން އެންމެ ގިނައިން ފެންނަނީ ރޫމެޓޮއިޑް އާތުރައިޓިސް އެވެ. އެހެން ވައްތަރުތަކާއި ރޫމެޓޮއިޑް އާތުރައިޓިސް ތަފާތުވަނީ ކުޑަ ހުޅުތަކަށް އަސަރުކުރާތީ އެވެ.

"މިސާލަކަށް އިނގިލިތަކުގެ ހުޅުތަކާއި އަތުގެ ހުޅުތައް. އާއްމުކޮށް އެ ބަލިން ފެންނާނީ އެކަހަލަ އަލާމާތްތަކެއް،" ޑރ. އަމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާއަށް ދައްކާ ކޮންމެ 20 މީހެއްގެ ތެރެއިން 15 މީހުންގެ ކިބައިން ރާއްޖެބަލި ފެނެ އެވެ.

ޒުވާނުންނާއި އަންހެނުން އާންމު

ރާއްޖެއިން އެންމެ ގިނައިން ރާއްޖެބަލި ފެންނަނީ ޒުވާނުންނާއި ދަރިމައިވާ އުމުރުގެ އަންހެނުންގެ ކިބައިންނެވެ. 

"އެކަމުގައި ސަބަބުތަކެއް ހުރެދާނެ. މިސާލަކަށް ޖެނެޓިކްސް، ދިއިރުޅުމުގެ ވައްޓަފާޅި އާއި ހޯމޯންސްގެ ސަބަބުން ވެސް އާތުރައިޓިސް ހުރުމަކީ އެކަށީގެންވާ ކަމެއް،" ޑރ. އަމާލް ވިދާޅުވި އެވެ.

ބައެއް ކަހަލަ ތެރަޕީތައް އަދިވެސް ރާއްޖެއިން ލިބޭކަށް ނެތް.

އޭޑީކޭގެ ޑރ. އަމާލް ބަސްނެޓް، ރާއްޖެބަލީގެ ތަޖުރިބާކާރެއް

އޭނާ ފާހަގަކުރެއްވި ގޮތުގައި ޒުވާން އުމުރުގައި ރާއްޖެބަލީގެ އަލާމާތްތައް ހުރި ނަމަވެސް، ޑޮކްޓަރަށް ދައްކަން ގިނަ މީހުން ވިސްނަނީ މާ ލަސްވާ ފަހުންނެވެ. އޭގެ ސަބަބަކަށް، އޭނާ ވިދާޅުވީ، އެއީ ހަމައެކަނި އުމުރުން ދުވަސްވުމުން ޖެހޭ ބައްޔެއް ކަމަށް ހީކުރެވިފައި އޮތުމުން ކަމަށް ވެދާނެ ކަމަށެވެ.

"ހުޅުތަކުގައި ރިއްސާ ފުރަތަމަ ދުވަހު ދައްކަން އަންނާނެ ކަމަކަށް ނުދެކެން. އެކަމަކު އެ ތަދު ގިނަ ދުވަސްތަކަކަށް ދިގުދެމިގެންދާ ނަމަ ޑޮކްޓަރަށް ދެއްކުން ބުއްދިވެރި،" ޑރ. އަމާލް ވިދާޅުވި އެވެ.

ޑޮކްޓަރަށް ދައްކަންވީ ކޮން އިރަކު؟

ޑރ. އަމާލް ވިދާޅުވީ ރާއްޖެބަލީގެ އަލާމާތްތައް ފެންނަ ހިސާބުން ޑޮކްޓަރަށް ދެއްކުން ވަރަށް މުހިއްމު ކަމަށެވެ. އެއީ ބަލި ބޮޑުވަރުވުމުގެ ކުރިން ފަރުވާ ދެވިއްޖެ ނަމަ، ކޮންމެވެސް ވަރަކަށް ފަސޭހަވެދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުން މުހިއްމު:

  • ހުޅުހުޅުގައި ރިއްސުން

  • މޯނިން ސްޓިފްނެސް (ނިދާ ހޭލާއިރު ހަރަކާތްކުރަން އުނދަގޫވުން)

  • ހުޅުތައް ދުޅަވުން

"މިއިން އެއްވެސް އަލާމާތެއް ހަ ހަފްތާ ވަންދެން ހުންނަ ނަމަ، އެއީ ރޫމެޓޮލޮޖިސްޓަކަށް ދައްކަން ރަނގަޅު ސަބަބެއް،" ޑރ. އަމާލް ވިދާޅުވި އެވެ.

އާ ބައްޔެއް ނޫން؛ އެކަމަކު ފަރުވާ ދޭން އަދިވެސް އުނދަގޫ

ރާއްޖެ ބަލީގެ ގިނަ ފަރުވާތައް ރާއްޖޭގައި ކުރެވެން ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަން ޑރ. އަމާލް ފާހަގަކުރެއްވި އެވެ. އެކަމަކު ބައެއް ފަރުވާތައް ލިބެން އެބަ ހުއްޓެވެ.

ހުޅުހުޅުގައި ރިއްސާ މީހުންނަށް އެންމެ ފުރަތަމަ ފަރުވާއަކަށް ދެނީ ތަދު ކަނޑުވާ ބޭހެވެ. ބޭހުން ބަލި ފަސޭހަ ނުވާ ނަމަ، ދެން ދޭން ޖެހޭ ބައެއް ތެރަޕީތައް ވެސް ރާއްޖެއިން މިހާރު ހޯދެ އެވެ. ގޮންޖެހުމަކީ، ޑރ. އަމާލް ވިދާޅުވި ގޮތުގައި، ހުރިހާ ވައްތަރެއްގެ ފަރުވާ ލިބެން ނެތުމެވެ.

"[ސީރިއަސް] ބަލި މީހުން ފޮނުވަން ޖެހެނީ އިންޑިއާއަށް. އެއީ ވަގުތަށް ބަލާއިރު ވެސް ދަތި ކަމެއް،" ޑރ. އަމާލް ވިދާޅުވި އެވެ.

"ބައެއް ކަހަލަ ތެރަޕީތައް އަދިވެސް ރާއްޖެއިން ލިބޭކަށް ނެތް." 

ރާއްޖެބަލީގެ މީހުންނަށް އޭނާ އަބަދުވެސް ދެއްވާ ނަސޭހަތެއް އޮވެ އެވެ: ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމެވެ.

"އަމިއްލައަށް ވޭން ތަހައްމަލު ނުކުރޭ!" އޭނާ ވިދާޅުވި އެވެ.

"އަވަހަށް ޑޮކްޓަރަށް ދައްކާ!"

ކޮމެންޓް (3)

ޢާމާލް

19 ޖޫން 2022
ޒުވާނުންނާއި އަންހެނުން. ޒުވާނުންނަކީ ކޮންބައެއްދެން؟
6 2

ހުތާބެ

19 ޖޫން 2022
@ޢާމާލް ޒުވާނުންނަކީ މުސްކުޅިން، ކުޑަކުދިން ނޫން އެންމެން.
5 1

ފަރީދާ

19 ޖޫން 2022
ކޮންމެ ވެސް ކަމެއް ވެގެން ދޯ ރާއްޖޭގެ ނަމުން ތި ބައްޔަށް ނަން ކިޔާނީ
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް