އިގްތިސާދީ ހީނަރުކަމާ އެކު ވެސް ވިޔަފާރި ރަނގަޅު ކަމަށް އެއާބީއެންބީ ކުންފުނިން ބުނޭ (ފޮޓޯ/ ގެޓީ އިމޭޖެސް)

ޓްރެވަލް

ފަތުރުވެރިކަން ރަނގަޅުވެ އެއާބީއެންބީ ބުކިންތައް ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ

މި ވަގުތު އެ ކުންފުނިން ތަޖުރިބާ ކުރަމުން އަންނަނީ ހޫނު މޫސުމެއްގައި އެންމެ ވަރުގަދައަށް ވިޔަފާރިވަމުންދާ ދުވަސްތައް

ދުނިޔޭގައި އުފުލެމުންދާ މުދަލާއި ހިދުމަތުގެ އަގުތަކާއި އިގްތިސާދީ ހިނަރުކަމާ އެކު ވެސް ދަތުރުކުރުމަށް އޮތް ޑިމާންޑު ވަރުގަދަ ކަމަށް އެއާބީއެންބީ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނީގެ މި އަހަރުގެ ދެވަަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެއާބީއެންބީ ޕްލެޓްފޯމު މެދުވެރިކޮށް 104 މިލިއަން ނައިޓްސް އާއި ތަޖުރިބާތައް ބުކްކޮށްފައިވެ އެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް ރެކޯޑު މިންވަރެކެވެ.

ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އަންނަމުންދާ ބަދަލާ އެކު، އެންމެ ހަލުވިމިނުގައި އިތުރުވަމުން އަންނަނީ ދިގު މުއްދަތުގެ ދަތުރުތައް ކަމަށް އެއާބީއެންބީން ބުނެ އެވެ. އަދި ކުރިން މަޑުޖެހިފައި އޮތް ބައިނަލްއަގްވާމީ ދަތުރުތަކުގެ ބުކިންސް އާއި ސިޓީ ދަތުރުތަކުގެ ބުކިންސްގެ އަދަދުތައް ވެސް މައްޗަށް ޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭއާބީއެންބީ އަކީ ގޭގައި ހުންނަ ހުސް ކޮޓަރިތަކާއި ސޯފާތަކާއި ދިރިއުޅޭ އަމިއްލަ ސިޓީ ނުވަތަ އަވަށުގެ ތަޖުރިބާތައް ވިއްކުމަށް އާންމުންނަށް ހުޅުވާލި ޕްލެޓްފޯމެކެވެ. އާމްދަނީ ހޯދުމަށް މި ޕްލެޓްފޯމުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވިދާނެ އެވެ.

އެއާބީއެންބީން އިތުރަށް ބުނީ އިގްތިސާދީ ހީނަރުކަމަކުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ތައްޔާރަށް އޮތް ކަމަށާއި މި ވަގުތު ކުންފުނިން ތަޖުރިބާ ކުރަމުން އަންނަނީ ހޫނު މޫސުމެއްގައި އެންމެ ވަރުގަދައަށް ވިޔަފާރިވަމުންދާ ދުވަސްތައް ކަމަށެވެ.

"އެއާބީއެންބީ އުފެދުނީ އިގްތިސާދީ ހީނަރުކަމެއްގައި،" ކުންފުނީގެ މާލީ ހިސާބުތަކާ ގުޅޭގޮތުން މާހިރުންނަށް މައުލޫމާތު ދެއްވަމުން ޗީފް އެގްޒެކެޓިވް ބްރަޔަން ޗެސްކީ ވިދާޅުވި އެވެ. އަދި އިގްތިސާދު އަނެއްކާވެސް ހީނަރުވާން ފަށައިފި ނަމަ "އަހަރެމެންނަށް ހީވަނީ ގިނަ ބަޔަކު އެއާބީއެންބީގައި އަނެއްކާވެސް ހޮސްޓުކުރަން ފަށާފާނެހެން. އެހެންވީމާ މިއީ އަހަރެމެންނަށް ބޮޑު ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ. 

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު މި އަހަރުގެ ދެވަނަ ކުއާޓަރުގެ ބުކިންސް ވަނީ %25 އިތުރުވެ 103.7 މިލިއަނަށް އަރާފަ އެވެ. އަދި އިތުރުވެފައިވާ އަގުތަކާ ގުޅިގެން، މި މުއްދަތުގެ ތެރޭގައި ކުންފުންޏަށް ވަތް އާމްދަނީ ވަނީ %58 އިތުރުވެ 2.1 ބިލިއަން ޑޮލަރަށް އަރާފަ އެވެ. އަދި މި އަހަރުގެ ދެވަނަ ކުއާޓަރުގައި ކުންފުނީގެ ފައިދާ ވަނީ  379 މިލިއަން ޑޮލަރަށް އަރާފަ އެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެއާބީއެންބީއަށް ލިބިފައި ވަނީ 68 މިލިއަން ޑޮލަރުގެ ގެއްލުމެކެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހަދާފައިވާ ބުކިންސްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ހަފްތާއަކަށް ވުރެ ދިގު މުއްދަތަަށް ހަދާފައިވާ ބުކިންސް ކަމަށާއި ދަތުރުކުރުމުގެ ޑިމާންޑު އެންމެ ބޮޑީ އުތުރު އެމެރިކާގައި ކަމަށް ވެސް އެއާބީއެންބީން ބުންޏެވެ.

ކޮމެންޓް

Placeholder

ޓްރެވަލް

ޓްރެވަލް