Majlis 2024

އެންމެ ފުރަތަމަ ސުމެއް، މިހާރު އެކެއް، ދެން އޮތީ އުދުހިގަތުން

މީހުންގެ ތެރެއަށް ނުކުމެ ވާހަކަ ދެއްކުމާއި ހުނަރު ދެއްކުމަކީ ކުރިން މާޒިމް އެންމެ ޖެހިލުންވެ ލަދުގަތް ކަންތައް. އެކަމަކު ކެއްކުމުގެ އާދަޔާހިލާފު ތަޖުރިބާއަކަށް ފަހު އޭނާގެ ޒުވާން ދަތުރުގައި އެއްކޮށް ރަހަހެޔޮވަރުކޮށްލައިފި
6 ނޮވެމްބަރު 2022
2

މީގެ އަށް އަހަރު ކުރީގެ މަންޒަރެއް ކައްކަމުން، ރޯފިލުވަމުން މި ވާހަކަ ފަށަމާ ހިނގާށެވެ. ޝެފެއްގެ ގޮތުގައި މި އަހަރު އަހުމަދު މާޒިމް ކާމިޔާބުކުރި އަށް ޓްރޮފީ އަށް މި ވާހަކައިގެ ލޮނު އެންމެ ރަނގަޅަށް ހެޔޮވަރުކޮށްލެވޭނީ ވެސް އޭރުންކަން ޔަގީނެވެ.

އެއީ 2014 ވަނަ އަހަރުގެ ފެބުރުއަރީ އެވެ. އެކާވީސް އަހަރުގެ މާޒިމް އޭނާގެ ބައްޕަގެ ރަށް، ސ. ހިތަދޫ އަށް ގޮސް އުޅުނީ އާދައިގެ މަތިން ސެމިސްޓާ ބްރޭކެއްގަ އެވެ. ހަދަމުން ދިޔަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޑިޕްލޮމާ ކުލާހުގައި ކިޔަވަމުން ދިޔަ ފިލާވަޅުތަކުން ބޯދަމައިގަނެ އާއިލާގެ އެންމެނާ އެކު ބޯހަމަޖައްސާލުގެ ޖާފަތަކަށެވެ. އެންމެން އެކުގައި ކައްކައި، ކައި، އަނގަތަޅައި، މަޖާކޮށްލުމުގެ އާއިލީ އީދަކަށެވެ. އަދި ވަކިން ހާއްސަކޮށް ޕްރޮފެޝަނަލް ޝެފެއްގެ ތޮފި އަޅައިގެން އާއިލާގެ އެންމެންނަށް ކައްކަމުން، އެންމެން ފަހުރުވެރިކޮށް އުފާވެރިކަން ގެނެސްދިން ބޭބެގެ ކުޅަދާނަ ހުނަރާއި މީރު ރެސިޕީތަކަށް އިންސާފުކުރުމުގެ އާއިލީ ބައްދަލުވުމަކަށެވެ.

މާޒިމްގެ ބޭބެ މުހައްމަދު އާދިލަކީ އޭރު ފޯ ސީޒަންސް ލަނޑާގިރާވަރުގައި ޝެފެކެވެ. ނަމަވެސް އެ ދުވަހު އޭނާ ކައްކަމުން ދިޔައީ އާއިލާގެ އެންމެނަށެވެ. ތައްޔާރުކުރަމުން ދިޔައީ ފްރައިޑް ޗިކެން އެވެ.

"އެ މަންޒަރު ބަލަން ހުރިއިރު ހީވަނީ ހަމަ ކޭއެފްސީ އިޝްތިހާރެއްގައި ފެންނަ ކަހަލަ ކުކުޅު ފައިތަކެއް ތެލުލަމުންދިޔަހެން. ދެން ބޭބެ ބުނެފި އަންނާށޭ ތިމަންނަ އަށް ހެލްޕުވާން، މި ކުކުޅު ފައިތައް ބްރެޑްކްރަމްކުރާށޭ،" ބޭބެގެ ހުނަރުން އާޝޯހުވެ، ކުޅުދިޔާވެފައި ހުރި މަންޒަރު ކުލަކޮށް މާޒިމް ކިޔައިދިނެވެ.  

"އެކަމަކު އަހަރެން މިއީ އޭރު އެއްވެސް ވަރަކަށް، އެއްވެސް އެއްޗެއް ކެއްކުމުގެ ތަޖުރިބާއެއް ނެތް މީހަކަށްވީމަ ހަދާނެ ގޮތެއް ނޭނގުނު. ދެން ބޭބެ ބުނެފި މިއީ އެއްވެސް ކަމެއް ނޫނޭ. މީހުން ހީކުރަނީއޭ ކެއްކުމަކީ އުނދަގޫ ކަމެއް ކަމަށް. އެކަމަކު އަސްލު ވަރަށް ފަސޭހަކަމެކޭ ކެއްކުމަކީ، ކައްކަން ހިތްޖެހިއްޖެ ނަމަ."

ނަމަވެސް މާޒިމްގެ ހިތް އޭރު ބަންޑުންވެފައި އޮތީ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިއުޓާ ސައިންސަށެވެ.

"އެކަމަކު ކެއުމާއި ކެއްކުން އެ ގެނެސްދޭ އުފާވެރިކަމަކީ އަޅުގަނޑު އަބަދުވެސް ވަރަށް ޝައުގުވެރިވި ކަމެއް. ކައްކާހިތްނުވިޔަސް އަދި ކެއުމަށް އެވަރުގެ ފޯރިއެއް ނެތަސް، ކެއުމާއި ކެއްކުން އެ ގެނެސްދޭ ހިތްހަމަޖެހުމަށް އަޅުގަނޑުގެ ހިތް އޮތީ އަބަދުވެސް ބަންޑުންވެފައި،" މާޒިމް ބުނެލި އެވެ.

އެ ދުވަހުގެ ކެއްކުމާއި ޗުއްޓީ ނިމިގެން މާޒިމްގެ ބޭބެ ފުރައިގެން ދިޔައީ ލަނޑާގިރާވަރަށެވެ. މާޒިމް ދިޔައީ މާލެއަށެވެ. އޭނާގެ އައިޓީ ކްލާހަށެވެ. އެކަމަކު ބޭބެއާ އެކު އެއް ދުވަހަކު ކުރިއަށް ގެންދިޔަ ފޯނު ކޯލަކަށް ފަހު ހިޔާލު ކުއްލިއަކަށް ބަދަލުވެ އެ ޑިޕްލޮމާ ކްލާސް ދޫކޮށްލާފައި މާޒިމް ވެސް ފުރައިގެން ދިޔައީ ލަނޑާގިރާވަރަށެވެ. – ފޯ ސީޒަންސް އިން ހޮޓެލް އިންޑަސްޓްރީގެ ތަޖުރިބާކާރުން އުފެއްދުމަށް ކުރިއަށް ގެންދާ މަޝްހޫރު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށެވެ.

"އަޅުގަނޑުގެ ބޭބެ އަކީ ވެސް އެ ޕްރޮގްރާމްގެ އުފެއްދުމެއް. ދެން އޭނަ ބުނެފި ޝެފަކަށް ވާން ބޭނުން ނަމަ މިއީއޭ ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ. އެކަމަކު އޭރު އަޅުގަނޑަށް 21 އަހަރު. އެހެންވީމަ ވިސްނާކަށް މާ ގިނަ ވަގުތެއް ނުލިބުނު ހަގީގަތުގައި."

ސަބަބަކީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމާ މެދު އަވަހަށް ގޮތެއް ނުނިންމައިފި ނަމަ އެ ފުރުސަތުގެ ވަގުތު ހަމަވެ، މާޒިމްގެ އުމުރު ކަޓައި އެ ދޮރު ބަންދުވާނެތީ އެވެ. އެ ޕްރޮގްރާމަށް ޝަރުތުހަމަވާ އެންމެ މަތީ އުމުރަކީ އެކާވީހެވެ.

"އެހެންވީމަ ވަގުތުން ވަގުތަށް ނިންމަ ޖެހުނީ އައިޓީ ކިޔަވަންތޯ ދާނީ ނުވަތަ ފޯ ސީޒަންސްގެ އެޕްރެންޓިސް ޕްރޮގްރާމަށްތޯ ދާނީ،" ބޭބެގެ ފޯނު ކޯލު އުފެއްދި ސުވާލު މާޒިމް ކިޔައިދިނެވެ.

އެއަށް ފަހު ފެށި ދަތުރުގައި ފަސްއެނބުރި ބެލުމެއް ނެތެވެ.

އޭގެ އަށް އަހަރު ފަހުން، އުމުރުން 29 އަހަރުގައި މިއަދު އޭނާ އަކީ ރާއްޖޭގެ އެންމެ ޑެކަރޭޓެޑް އަދި އެންމެ ހުނަރުވެރި އެއް ޝެފެވެ. އައިޓީ ކްލާސް ދޫކޮށް ފޯ ސީޒަންސްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވިގެން، ޝެފަކަށް ބަދަލުވެ، އޭގެ އެންމެ ޝަރަފުވެރި ތޮފި އަޅައިގެން ލަނޑާގިރާވަރުގައި ޝެފް ޑެ ޕާޓީއެއްގެ މަގާމު ފުރަމުން އަދި އެމީހުންގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ކިޔަވައިދެމުން އެމީހުން ތަމްރީނުކުރަމުން މާޒިމް މިހާރު އަންނައިރު މިއީ ހަމަ އަސްލަށް ވެސް ކާމިޔާބީ އަށް ފެންބޮވައިގެންފައިވާ ހަމަ ކޮންމެ މީހަކަށް ވެސް އޮތް ވަރަށް އާދަޔާހިލާފު ރެސިޕީ އެކެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ މިއަދު މި ފެންނަ ހުނަރުވެރި ޝެފަށް މާޒިމް ބަދަލުވެދާނެ ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރެ އެވެ. މިއީ އޭނާ އަމިއްލަ އަށް ވެސް ދުވަހަކު، ހުވަފެނަކުން ވެސް ދުށް ކަމެއް ނޫނެވެ. އަދި ސަތޭކަ އެތަކެއް ޝެފުންނާ ވާދަކޮށް ސަތޭކަ އެތައް ބައެއްގެ ކުރިމަތީގައި ލައިވްކޮށް ޕާފޯމްކޮށް ރަން ވަނަ ހޯދާވަރުގެ ހުނަރުވެރިޔަކަށް އޭނާ ބަދަލުވެދާނެ ކަމަކަށް އަމުދަކުން މީހަކު އުއްމީދެއް ވެސް ނުކުރެ އެވެ.

"ސަބަބަކީ އަޅުގަނޑު މިއީ ކުރިން ވަރަށް ވަރަށް އިންޓްރޮވާޓެޑް މީހެއް. ރައްޓެހިން ވަރަށް މަދުވާނެ. މީހުން ގިނަ ތަނެއްގައި ވާހަކަ ދައްކާލަން ވެސް ނުކެރޭނެ. ވަރަށް ލަދުގަންނާނެ. ކަމެއް ކުރަން ވެސް ޖެހިލުންވާނެ. އަމިއްލަ ނަފުސަކަށް އެއްވެސް އިތުބާރެއް ވެސް ނެތް މީހެއް އެންމެ ކުރިން،" މާޒިމް ބުނެލި އެވެ.

އެއީ ތެދެކެވެ. އެކަމަކު ފަރިތަ އިނގިރޭސި ބަހުން ގަތަމުން، އިތުބާރާއި ފަހުރުވެރިކަމާ އެކު މާޒިމް އޭނާގެ ވާހަކަ ކިޔައިދެމުންދިޔައިރު ފެނުނީ މުޅިން އެހެން މީހެކެވެ. – ކައްކައި، ރޯފިލުވައި އެއްކޮށް ބަދަލުވެފައިވާ މާޒިމްއެކެވެ.

މާޒިމް އޭނާގެ ބޭބެ އަދި ޝެފް މުހައްމަދު އާދިލް އާއި އާއިލާގެ އެހެން މެމްބަރުންނާ އެކު: އާދިލް އާއި ޝެފް ގިލްޑްސް މޯލްޑިވްސްގެ ރައީސް، މަރިޔަމް ނޫރައްދީނަކީ، މާޒިން ސިފަކުރާގޮތުގައި، އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަން.

ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖުގައި މާޒިމް މި އަހަރު ހޯދި ކާމިޔާބީ:

  • ބެސްޓް މޯލްޑިވިއަން ޝެފް އެވޯޑް

  • ބެސްޓް ޕޯލްޓްރީ ޑިޝް

  • ބެސްޓް މޯލްޑިވިއަން ޑިޝް

  • ބެސްޓް ލޭމްބް ޑިޝް

  • މޯސްޓް އައުޓްސްޓޭންޑިން ޝެފް

  • ބީބީއެމް ޗެއާމަންސް ޓްރޮފީ އެވޯޑް

އެފްއެޗްއޭއެމް ކަލިނަރީ ޗެލެންޖުގައި މާޒިމް މި އަހަރު ހޯދި ކާމިޔާބީ:

  • ބެސްޓް މޯލްޑިވިއަން ޝެފް އެވޯޑް

  • ޓްރެޑިޝަނަލް އެންޑް މޮޑާން މޯލްޑިވިއަން މީލް އެވޯޑް

  • ހޮޓް ކުކިން ޕޯލްޓްރީ ފަސްޓް ޕްލޭސް ރަނަރަޕް

  • ބްރޯންޒް މެޑަލް އިން ހޮޓް ކުކިން ލޭމްބް

  • ބްރޯންޒް މެޑަލް އިން ހޮޓް ކުކިން ބީފް

"ޖަޖުންނާއި އެންމެންގެ ލޯތައް އަމާޒުވެ ދުވަހަކު ވެސް ބިރު ނުގަންނަ ވަރަށް ބިރުގަނެ، އަޅުގަނޑު އެއް އަހަރު ވަންދެން ދަސްކުރި ހުރިހާ އެއްޗެއް ކުއްލިއަކަށް ހަނދާން ނެތިއްޖެ."

މާޒިމް

ކެއުމާއި ކެއްކުމުގައި ވެސް ފުރަތަމަ ސުމެއް

"މިހާރު ވެސް އެހާ ގަދަ އަށް ކާ ހިތްވާ މީހެއް ނޫން އަޅުގަނޑަކީ،" ކުރު ހިނިގަނޑަކާ އެކު މާޒިމް ބުނެލި އެވެ.

ދެން ފަށައިގަތީ ދިރިއުޅުން ބަދަލުކޮށްލި ތަޖުރިބާގެ ވާހަކައިންނެވެ.

މާޒިމްގެ ބައްޕަ އަކީ އަބަދުވެސް އަމިއްލަ ވިޔަފާރީގެ ތެރޭގައި އުޅުނު މީހެކެވެ. އެހެންކަމުން ފުރާވަރަށް އަރައިގެން އައިއިރު ވެސް މާޒިމް އުޅުނީ ބައްޕަގެ އެ ވިޔަފާރީގެ ތެރޭގައި ބައްޕަ އަށް އަތްގާތްކޮށްދިނުމުގަ އެވެ. ރަށުން އޯލެވެލް ހަދައި އޭލެވެލް ހަދައިގެން ވެސް އޭނާ ފުރަތަމަ އުޅުނީ ބައްޕަގެ ވިޔަފާރީގެ ތެރޭގަ އެވެ.

"އާންމުކޮށް އައްޑޫގައި ނަމަ ސްކޫލް ނިންމާ ގޮތަށް، ކިޔެވުން ނިންމާ ގޮތަށް ވަރަށް ގިނަ ޒުވާނުން ފުރައިގެން ދާނީ ރިސޯޓް ވަޒީފާތަކަށް. އަޅުގަނޑުގެ ގިނަ ރައްޓެހިން ވެސް ފުރައިގެން ގޮސް ގެއްލުނީ ވަޒީފާތަކަށް، ރިސޯޓްތަކަށް،" މާޒިމް ކިޔައިދިނެވެ.

"އެކަމަކު ރިސޯޓަށް ދާން އަޅުގަނޑު ބޭނުމެއް ނުވި."

މާޒިމް ކިޔައިދިން ގޮތުން ނަމަ އެ ޝައުގުވެރިކަން އޭރު އޭނާގެ ކިބައިގައި ނުއުފެދުނީ ރިސޯޓް ލައިފާއި ވަޒީފާތަކާ ބެހޭ ގޮތުން އަޑުއިވިފައި ހުރި ނޭދެވޭ ވާހަކަތަކާ ހެދި އެވެ. އެހެންވީމަ މާޒިމް ބޭނުންވީ މޮޅަށް ކިޔަވައިގެން، މީހުން ބަލައިގަންނަ ދާއިރާއަކުން ކުރިއަށްދާށެވެ.

ނަމަވެސް ހަޔާތުގެ މި ދަތުރުގައި ކުރިއަށް ދިއުންވީ އޭނާ ހީކުރި ވަރަށް ވުރެން އުނދަގޫ އަދި ގޮންޖެހުން ބޮޑު ކަމަކަށެވެ. ވަކިން ހާއްސަކޮށް އޭނާގެ ލަދުރަކި މިޒާޖާއި އެ މިޒާޖުގައިވީ އުނި އެހެން ސިފަތައްވީ ކަޑައްތުކުރަން ފަސޭހަ އުސްގަނޑުތަކަކަށް ނޫނެވެ.

"އަޅުގަނޑު މިއީ އަބަދުވެސް އަޅުގަނޑުގެ ކޮމްފޮޓް ޒޯންގައި އުޅުނު މީހެއް. އަބަދުވެސް އެކުގައި އުޅުނު މަދު ރައްޓެހިންނާ އެކު އުޅުނު މީހެއް. ރައްޓެހިން ވަރަށް މަދުވާނެ،" މާޒިމް ކިޔައިދިނެވެ.

"އަދި އަޅުގަނޑު ހުންނާނީ ވެސް ވަރަށް ހިކިކޮށް. ބަރުދަނުގައި 44 ކިލޯ ހުންނާނީ. އަޅުގަނޑަކީ ކާ ހިތްވާ މީހެއް ވެސް ނޫން. މީހަކު ދިރިހުންނަން ކާން ޖެހޭތީ ކާ މީހެއް އަޅުގަނޑަކީ."

"އެކަމަކު ކާހިތްނުވިޔަސް ކެއުން މީހުންނަށް ގެނެސްދޭ އުފާވެރިކަމަށް އަބަދުވެސް ޝައުގުވެރިވޭ. ވަކިން ހާއްސަކޮށް ބޭބެ ކައްކާއިރު ވެސް އޭނަގެ މޫނުމަތިންނާއި ބަލަން ތިބޭ އެހެން މީހުންނަށް އެ ގެނެސްދޭ އުފާވެރިކަމަށް ހިތްދަމައިގަތީ އެންމެ ބޮޑަށް."

  • މާޒިމް ތައްޔާރުކޮށްފައިވާ ޑިޝްއެއް.

މާޒިމް ބުނީ އޭނާގެ ދިރިއުޅުން ބަދަލުވުމުގެ ފެށުމަކީ އެއީ ކަމަށެވެ. އަދި ބޭބެ ދިން ލަފައާ އެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލައިގެން، ހޮވިގެން އެމީހުންގެ ތަމްރީނުގައި 12 މަސް ހޭދަކޮށް ނިމުނުއިރު މާޒިންގެ މިޒާޖު ހުރީ އޭނާ އަށް ވަކިނުވާ ވަރަށް ބަދަލުވެފަ އެވެ. އާ ހިތްވަރަކާއި ޖޯޝަކާއި ފޯރިއެއް އަރައިފަ އެވެ.

"އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ވަރަށް ބޮޑު ބަދަލެއް ގެނުވި މުޅި މީހާ އަށް. ކައްކަން ދަސްވުމުގެ އިތުރުން ބައިވަރު ލައިފް އެހެން ސްކިލްސްތައް ވެސް ދަސްވެގެންދިޔަ ތަޖުރިބާއެއް އެއީ. ދެން ރައްޓެހިން ލިބި ކަންކަން ދަސްވާން ފެށީމަ އިތުރު ހިތްވަރެއް ލިބުނީ އެގޮތުގައި ކުރިއަށް ދާން،" މާޒިމް ކިޔައިދިނެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ފާސްވެގެން ލަނޑާގިރާވަރުގެ ބަދިގެ އަށް ވަންތާ ހައެއްކަ މަސް ވެސް ނުވެ އޭނާއާ ބައްދަލުކުރީ އޭނާގެ ފުރަތަމަ ބޮޑު އިމްތިހާނެވެ. އެއީ 2015 ވަނަ އަހަރުގެ ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖެވެ.

"އަޅުގަނޑު ހީކުރީ އަޅުގަނޑު ބައިވެރިކުރާނީ އެޕްރެންޓިސްޝިޕް ކެޓަގަރީގައި ކަމަށް. އެއީ އޭރު އަދި ނުވާނެ ހަ މަސް ވެސް ކައްކަން ފެށިތާ. ރަނގަޅަށް ކައްކާކަށް ވެސް ނޭނގޭ އަސްލު ބުނާ ނަމަ،" މާޒިމް ކިޔައިދިނެވެ.

"އެކަމަކު އަޅުގަނޑު ޖެހުނީ ހަމަ މެއިން ކެޓަގަރީއެއްގައި ބައިވެރިވާން. ދެން މުބާރާތަށް ގޮސް ވާދަކުރަން މި ޖެހުނީ 500 އެތައް ޝެފުންނާ އެކި ރިސޯޓްތަކުގެ، އެކި ގައުމުތަކުގެ. އެހިސާބުން ތުރުތުރުއަޅައިގެންފި."

"އަނެއްކޮޅުން ޖަޖުންނާއި އެންމެންގެ ލޯތައް އަމާޒުވެ ދުވަހަކު ވެސް ބިރު ނުގަންނަ ވަރަށް ބިރުގަނެ، އަޅުގަނޑު އެއް އަހަރު ވަންދެން ދަސްކުރި ހުރިހާ އެއްޗެއް ކުއްލިއަކަށް ހަނދާން ނެތިއްޖެ."

އެކަމަކު ދެން ވެސް ދުލެއް ނުދިން

ފުރަތަމަ ބައިވެރިވި ކަލިނަރީ ޗެލެންޖުން އޭނާ އަށް އެއްވެސް ވަނައެއް ނުލިބެ އެވެ. މުބާރާތުގައި ބައިވެރިވިކަމުގެ ސެޓްފިކެޓް ފިޔަވައި އިތުރު ލިޔުމެއް ނުލިބެ އެވެ. ފޯ ސީޒަންސް ލަނޑާގިރާވަރުން އެފަހަރު ބައިވެރިވި ޝެފުންގެ ތެރެއިން ހުސްއަތާ ނިންމާލީ ވެސް އޭނާ އެކަންޏެވެ.

"އެއީ ވަރަށް ދެރަވި ތަޖުރިބާއެއް. އެކަމަކު އެންމެން ވެސް ދިނީ ހިތްވަރު. އަހަންނަށް އަދި ވާނެއޭ އެންމެން ވެސް ބުނީ. މިއީ ހަމައެކަނި ފެށުމެކޭ،" މާޒިމް ކިޔައިދިނެވެ.

"ދެން އަހަރެން ހިތަށް އެރީ އެއީ ތެދެކޭ. އަހަރެން އަދި ނުހުއްޓާނަމޭ މިވަރަކުން. އަންނަ އަހަރު ވެސް އަހަރެން ބައިވެރިވާނަމޭ މި މުބާރާތުގައި."

އެ ފޯރީގައި ގޮސް ނަތީޖާ ވެސް ވަރަށް ފޮންޏެވެ. އެފަހަރުގެ މުބާރާތުގައި ޕޯލްޓްރީ އަދި ޔަންގް ޝެފް ކެޓަގަރީގައި ވާދަކޮށް އޭނާ ރިހި މެޑަލް ހާސިލުކުރި އެވެ. އަދި އެ ކާމިޔާބީއާ އެކު އޭނާގެ ހިތްވަރާއި ފޯރި އެރީ އަނެއްކާވެސް މައްޗަށެވެ. – އޭނާ އަޒުމު ކަނޑައެޅީ މުބާރާތުގައި ދޭ ޝަރަފުވެރި ހުރިހާ އެވޯޑެއް ކާމިޔާބުކުރުމަށެވެ.

"ވަކިން ހާއްސަކޮށް ބެސްޓް މޯލްޑިވިއަން ޝެފް އެވޯޑް. އަޅުގަނޑު ހިތަށް އެރީ އެ އެވޯޑް ނުލިބެނީސް މި މުބާރާތުގައި ބައިވެރިވުން ހުއްޓައެއް ވެސް ނުލާނަމޭ،" މާޒިމް ކިޔައިދިނެވެ.

މި އަހަރު ނިންމަންދާއިރު މާޒިމް މިހާރު އެ ވަނީ ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި ދެ ކަލިނަރީ ޗެލެންޖު ކަމުގައިވާ ހޮޓެލް އޭޝިއާ އާއި އެފްއެޗްއޭއެމްގައި ވެސް ހުރިހާ ރަން ވަނައެއް ކާމިޔާބުކޮށްފަ އެވެ. އަދި މިއީ މި ދެ މުބާރާތުގައި ބެސްޓް މޯލްޑިވިއަން ޝެފްގެ އެވޯޑް އެއް އަހަރެއްގައި އެކަކަށް ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ. މި އާދަޔާހިލާފު ކާމިޔާބީއާ އެކު އަހަރު ނިންމަންދާއިރު ކުރެވެނީ ކޮން ކަހަލަ އިހުސާސްތަކެއްތޯ ސުވާލުކޮށްލުމުން އޭނާ ބުނީ މިހެންނެވެ.

"އައި ފީލް ލައިކް އައި ކޭން ރިލެކްސް ނައު. ސަބަބަކީ 2015 ވަނަ އަހަރުން ފެށިގެން އަޅުގަނޑުގެ ބޮލުގައި ހުރީ މި ހުރިހާ އެވޯޑެއް ހާސިލުކުރަން. އަޅުގަނޑު ކާމިޔާބުކުރަން ބޭނުންވި ހުރިހާ އެވޯޑެއް ކާމިޔާބުވެއްޖެ މިހާރު،" މާޒިމް ބުންޏެވެ.

"އެކަމަކު މި އަށް އަހަރަކީ އަދި ކިރިޔާ ފެށުމެއް އަޅުގަނޑުގެ ނަޒަރުގައި. ފަހަރެއްގައި މިއީ އަދި ދެބައިކުޅަ އެއްބައި. އެހެންވީމަ އަދިވެސް އެބަހުރި ބައިވަރު ކަންކަން. މިހާރު އެންމެ ބޭނުންވަނީ ބޭރުގެ މުބާރާތަކުން ރަން ވަނަ ހާސިލުކުރަން."

"އަޅުގަނޑު މިހާރު ބޭނުންވަނީ ދިވެހިންނަށް، އެންމެ މޮޅު އެވޯޑް ލިބޭނީ ހަމައެކަނި ރާއްޖޭގައި އެކަނި ނޫންކަން ސާބިތުކޮށްދޭން. ބޭބެ އަޅުގަނޑަށް އަބަދުވެސް ދިން ނަސޭހަތަކީ ކޮމްފޮޓް ޒޯންގައި މަޑުކުރާނެ ކަމެއް ނެތޭ. އޭރުން ދުވަހަކު ވެސް ކުރިއެއް ނާރާނެއޭ."

އެއީ ތެދެކެވެ. މާޒިމް އެ ގެންދަނީ ޗެލެންޖަކަށް ފަހު ޗެލެންޖެއް ފަތަހަކޮށް ކަމުންނެވެ. އެކަމަކު އަދިވެސް އޭނާ އެހެރީ ބަނޑުހައިވެ، ފެންބޮވައިގެންފައެވެ.

ކުރިއަށް އޮތީ ކޮން ޗެލެންޖެއް ހެއްޔެވެ؟ މާޒިމް ތައްޔާރެވެ.

ކޮމެންޓް (2)

އިއްސެ

6 ނޮވެމްބަރު 2022
މަރުހަބާ މާޒިމް. އޯލް ދަ ބެސްޓް
2 0

ޖީނޯ ޑި ކާމްޕޯ

6 ނޮވެމްބަރު 2022
ދީޒް ގައިޒްއާ ސޯ ގުޑް އެޓް ވަޓް ދޭ ޑޫ. ބަޓް ދީޒް ސޯ ކޯލްޑް މޯލްޑިވިއަން ސެލްބްރިޓީ ޝެފްސް ޓޯކްސް އެންޑް އެކްޓްސް ލައިކް އޭޒް އިފް ދޭ އާ އިން ދަ ސޭމް ލެވެލް އޭޒް ގޯޑްން ރަމްސީ އެންޑިީ ޖޭމީ އޮލިވަރ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް