ކޮވިޑުގައި އެ ގައުމުން މަރުވެފައިވާ މީހުންގެ އަދަދަކީ 500،000 ކަމަށް އިންޑިއާގެ ރަސްމީ އިދާރާތަކުން ބުނޭ. (ފޮޓޯ/ އޭއެފްޕީ)

ކޮވިޑް-19

ކޮވިޑުގައި އިންޑިއާއިން މީހުން މަރުވި އަސްލު އަދަދު ހޯދޭނެ ގޮތެއް ނެތް

ރަސްމީ އިދާރާތަކުން ބުނެފައިވާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރުވުން އެކަށީގެންވާ ކަމަށް ބޭރުގެ އިދާރާތަކުން ވަނީ އަންދާޒާކޮށްފައި

އިންޑިއާގެ ރަސްމީ އިދާރާތަކުން ރިޕޯޓުކޮށްފައިވާ އަދަދުތަކަށް ވުރެ 10 ގުނަ އިތުރަށް، ގާތްގަނޑަކަށް 4.7 މިލިއަން މީހުން ކޮވިޑު ބަލީގައި އެ ގައުމުން މަރުވެފައިވުން އެކަށީގެންވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އާ ރިޕޯޓަކުން ބުނެފި އެވެ. ނަމަވެސް، އިންޑިއާގެ ސަރުކާރުން ވަނީ މި ރިޕޯޓުގައިވާ އަދަދުތައް ހޯދާފައިވާ ގޮތާ މެދު ސުވާލު އުފައްދައި އެ އަދަދުތައް ދޮގުކޮށްފަ އެވެ. 

އެކި ގައުމުތަކުގައި މަރުވާ މީހުންގެ އަދަދު ބަހަލަހައްޓާ ވޯލްޑް މޯޓާލިޓީ ޑޭޓާސެޓުން ވަނީ ނޮވެމްބަރު 2020ގައި އިންޑިއާގައި އެކި ގޮތްގޮތުން މަރުވި މީހުންގެ އަދަދުތައް ހިއްސާކުރުމަށް އެ ގައުމުގެ ސަރުކާރުގައި އެދިފަ އެވެ.

"ތިޔަ މައުލޫމާތުތަކެއް ނެތް،" އިންޑިއާގެ ތަފާސްހިސާބުތަކާ ބެހޭ މައި އޮފީހުން ބުނި ކަމަށް ވޯލްޑް މޯޓާލިޓީ ޑޭޓާސެޓްގެ ޖަމިއްޔާގެ ސައިންސްވެރިޔާ އޭރިއެލް ކާލިންސްކީ ބީބީސީއަށް ވިދާޅުވި އެވެ. 

ކާލިންސްކީ އަކީ، ކޮވިޑާ ގުޅިގެން 2020 އަދި 2021ގައި ދުނިޔެއިން މަރުވި މީހުންގެ އަދަދުތައް އަންދާޒާކުރުމަށް ޑަބްލިއުއެޗްއޯއިން އުފައްދާފައިވާ އެޑްވައިޒަރީ ގްރޫޕުގެ ވެސް މެމްބަރެކެވެ.

ކޮވިޑާ ގުޅިގެން އިތުރަށް މަރުވި މީހުންގެ އަދަދުތައް ދެނެގަންނަނީ ފާއިތުވެދިޔަ އަހަރުތަކުގައި ގައުމެއްގައި މަރުވެފައިވާ މީހުންގެ އަދަދުތައް ރެކޯޑުކޮށްފައި ހުރި ގޮތް ބަލައި އެއާ ހިލާފަށް ކޮވިޑްގެ ދެ އަހަރު މީހުން މަރުވި އަދަދުން ފާހަގަކުރެވޭ އިތުރުވުންތައް ހޯދައިގެންނެވެ. މިގޮތަށް އިތުރުވެފައިވާ އަދަދުތަކަކީ ކޮވިޑާ ގުޅިގެން ކުރިމަތިވި އިތުރުވުމެއް ކަމަށް ކަނޑައެޅިގެން ނޭނގުނު ނަމަވެސް، މިއީ އެ ބަލިމަޑުކަމުގެ އަސަރުތަކެއް ކަމަށް ގަބޫލުކުރެވިދާނެ އެވެ.

އިންޑިއާގެ ރަސްމީ ފަރާތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮވިޑާ ގުޅިގެން އެ ގައުމުން މިހާތަނަށް ބައި މިލިއަނެއްހާ މީހުން މަރުވެފައިވެ އެވެ. އިންޑިއާއިން ވަނީ 1 ޖެނުއަރީ 2020 އިން 31 ޑިސެމްބަރު 2021އަށް ކޮވިޑުގައި 481،000 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް ޑަބްލިއުއެޗްއޯއިން އަންދާޒާކުރާ ގޮތުގައި، އިންޑިއާގައި މަރުވި މީހުންގެ އަސްލު އަދަދު ހުންނާނީ އެއަށް ވުރެ 10 ގުނަ މަތީގަ އެވެ. އަދި ދުނިޔޭގެ ޖުމުލަ ކޮވިޑު މަރުތަކުގެ ތިންބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެއްގެ މީހުން މަރުވެފައިވަނީ އިންޑިއާގައި ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ލަފާކުރެ އެވެ.

މި މުއްދަތުގެ ތެރޭގައި ކޮވިޑު ނޫން ގޮތްގޮތުން މަރުވި މީހުންގެ އަދަދު އެންމެ ބޮޑަށް މައްޗަށް ގޮސްފައިވާ 20 ގައުމުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ. އެއީ ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ 20 ގައުމެވެ.

އަދި 2020 އިން 2021ގެ ނިޔަލަށް ދުނިޔޭގައި އިތުރަށް މަރުވެފައިވާ މީހުންގެ %80 ނިސްބަތް ވަނީ ވެސް މި 20 ގައުމަށެވެ. އެ މުއްދަތުގެ ތެރޭ ދުނިޔޭގައި އިތުރަށް މަރުވި މީހުންގެ ލިބިފައި ނުވާ އަދަދުތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާކުރަނީ އިންޑިއާއިންނެވެ.

އިތުރުވި މަރުތަކުގެ އަދަދުތައް ހިއްސާ ނުކުރާ ބޮޑު އެއް އިގްތިސާދަކީ އިންޑިއާ. (ފޮޓޯ/ ރޮއިޓާސް)

ވޯލްޑް މޯޓާލިޓީ ޑޭޓާސެޓް ފަދަ ފަރާތްތަކާ އިންޑިއާއިން އަދަދުތައް ހިއްސާނުކުރުމުގެ މާނައަކީ އިންޑިއާގެ ރަސްމީ އިދާރާތަކުން ރިޕޯޓުކުރާ އަދަދުތައް ކުރީ އަހަރުތަކުގެ އަސްލު އަދަދުތަކުގެ މައްޗަށް ބިނާވެފައި އޮތުމެވެ. ނަމަވެސް ބަލިމަޑުކަމެއްގައި މީހުން މަރުވާނީ ކުރިން މީހުން މަރުވި މިންވަރަކަށް ނޫނެވެ.

މި ހަފްތާގައި އިންޑިއާގެ ސަރުކާރުން ވަނީ އެ ގައުމުގެ ސިވިލް ރެޖިސްޓްރޭޝަން ތަފާސްހިސާބުތައް ޝާއިއުކޮށްފަ އެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2020ގައި އެ ގައުމުން މަރުވެފައިވާ މީހުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %6 އިތުރުވެ 8.1 މިލިއަނަށް އަރާފަ އެވެ.

ނަމަވެސް 2020 ގައި އިތުރުވި 474،806 މަރަކީ ކޮވިޑާ ގުޅުވޭނެ މަރުތަކެއް ނޫން ކަމަށް އިންޑިއާގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. އިންޑިއާގެ ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2020ގައި ކޮވިޑާ ގުޅިގެން އެ ގައުމުން މަރުވެފައި ވަނީ 149،000 މީހުންނެވެ.

"ހަގީގަތުގައި އިންޑިއާއިން ކޮވިޑު ބަލީގައި މަރުވި އަދަދު މާ މަދީކީ ނޫން، އެކަމަކު މާ މަދުން ގުނުނީ،" ކެނެޑާގެ ޓޮރޮންޓޯގައި ހުންނަ ސެންޓަ ފޮ ގްލޯބަލް ހެލްތު ރިސާޗްގެ ޑިރެކްޓަރު ޕްރަބާތު ޖާ ބީބީސީއަށް ވިދާޅުވި އެވެ.

އިންޑިއާގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ކޮވިޑާ ގުޅިގެން މަރުވި މީހުންގެ އަދަދުތައް އެ ގައުމުގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވާ އަދަދުތަކަށް ވުރެ ހަ ގުނަ ނުވަތަ ހަތް ގުނަ އިތުރުވާނެ ކަމަށް މި ދާއިރާގެ ކަމާ ބެހޭ މާހިރުން ހައްދަވާފައިވާ ތަފާތު ތިން ދިރާސާއަކުން ވެސް ވަނީ ދައްކާފަ އެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ދިރާސާތައް ކުރާ އިންސްޓިޓިއުޓް ފޮ ހެލްތު މެޓްރިކްސް އެންޑް އިވެލުއޭޝަން (އައިއެޗްއެމްއީ) އިން އިންޑިއާގެ 12 ސްޓޭޓަކުން އެއްކުރި ހުރިހާ މަރަކާ ބެހޭ އަދަދުތައް ބޭނުންކޮށްގެން ނެރުނު ތަފާސްހިސާބުތަކެއް ދަ ލޭންސެޓް ޖާނަލްގައި ޝާއިއުކޮށްފައިވެ އެވެ. އިންޑިއާގައި ކޮވިޑާ ގުޅިގެން މަރުވެފައިވާ ކަމަށް މި ދިރާސާއިން ލަފާކޮށްފައިވާ އަދަދު ހުރީ ޑަބްލިއުއެޗްއޯއިން ލަފާކޮށްފައިވާ އަދަދާ ގާތްގަނޑަކަށް އެއް ވަރެއްގަ އެވެ.

ކޮވިޑު މަރުތަކާ އަޅާބަލާއިރު އެހެން މަރުތައް އިތުރުވެފައިވާ މިންވަރު. (ފޮޓޯ/ ބީބީސީ)

އިންޑިއާއިން ކޮވިޑު ކޮންޓްރޯލު ކުރުމުގައި ހޯދާފައިވާ ކާމިޔާބީތަކަށް ހިޔަނި އެޅޭނެ ފަދަ ހުރިހާ ކަމެއް އިންޑިއާ ސަރުކާރުން ދަނީ މިހާތަނަށް ދޮގު ކުރަމުންނެވެ. މިފަދަ އަދަދުތަކަކީ "ސައްހަ ނޫން، މައުލޫމާތު ފުރިހަމައަށް ނުބަލާ އަދި ފަސާދަކުރަން" ނެރެމުންދާ ތަފާސްހިސާބުތަކެއް ކަމަށާއި، މި އަދަދުތައް ހޯދާފައިވާ ގޮތް ގޯސް ކަމަށް ވެސް އިންޑިއާއިން ވަނީ ބުނެފަ އެވެ. އަދި އިންޑިއާއިން މަދުން އަދުދުތައް ރިޕޯޓު ކުރުމަކީ ނާދިރުކަމެއް ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

"މިހާރު ވެސް ހުރިހާ މައުލޫމާތެއް ލިބިއްޖެ ނަމަ، ކޮވިޑުގެ މައްޗަށް ކާމިޔާބު ލިބުނު ގިނަ ސަބަބުތަކެއް ހާމަކޮށްފައިވާ އިންޑިއާގެ ސަރުކާރުން އުޒުރެވެރިވާނެ ކޮވިޑާ ގުޅިގެން މަރުވި މީހުންގެ އަސްލު އަދަދު ހާމަކުރަން،" ކާލިންސްކީ ވިދާޅުވި އެވެ.

ޕެންޑެމިކުގެ ސަބަބުން މީހުން މަރުވަމުންދާ މީހުންގެ އަސްލު އަދަދުތައް ހާމަކުރުމަށް ގިނަ ގައުމުތަކަކުން ވަނީ ނުކުޅެދިފަ އެވެ. މަރުވި ބައެއް މީހުން މި ލިސްޓުގައި ނުހިމެނެނީ ވައިރަސްއަށް ޓެސްޓު ނުކުރެވިގެން ނުވަތަ މަރުގެ ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް ހުރި ދަތިތަކުގެ ސަބަބުންނެވެ. އަދި މި ނޫނަސް ހުރިހާ ގައުމަކުން ވެސް މީހުން މަރުވާ އަދަދުތައް ޝާއިއުކުރުމުގައި ލަސްތަކެއް އުޅެ އެވެ.

އެމެރިކާ އާއި ރަޝިއާގައި މީހަކު މަރުވާއިރަށް ވަގުތުން މަރު ރަޖިސްޓްރީކުރަން މަޖުބޫރު ވާއިރު، މިކަމުގައި އިންޑިއާއިން އުޅެނީ މާ ފަހަތުގަ އެވެ. އަދި އިންޑިއާއާ އާބާދީގެ ނިސްބަތުން އެންމެ ގާތްކުރާ ޗައިނާއިން ވެސް ވަނީ 2020 އަދި 2021 ގައި އެކި ސަބަބުތަކާ ހެދި މަރުވެފައިވާ މީހުންގެ އަދަދުތަކެއް ހާމަކޮށްފަ އެވެ. ނަމަވެސް، އިންޑިއާއާ ހިލާފަށް ޕާކިސްތާނުގައި މަރުތައް ރަޖިސްޓްރީކުރުން ރަނގަޅު ނަމަވެސް ޕާކިސްތާނުން ވެސް އެ ގައުމުގައި އެކި ސަބަބުތަކާ ހެދި މަރުވި މީހުންގެ އަދަދުތައް ފޯރުކޮށްދީފައެއް ނުވެ އެވެ.

އިންޑިއާ ފަދަ ގައުމެއްގައި މަރުވާ މީހުން ގުނުމަކީ ހަމަ ޔަގީނުން ވެސް ފަސޭހަކަމެއް ނޫނެވެ.

މަރުވާ ޖުމުލަ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މަރުވަނީ ރަށްފުށު އަވަށްތަކުންނެވެ. ރެކޯޑުތައް ނުބެލެހެއްޓުމުގެ ސަބަބުން، އދ.އިން އަންދާޒާކުރާ ގޮތުގައި، އަހަރަކަށް މަރުވާ 10 މިލިއަން މީހުންގެ ތެރެއިން ހަތް މިލިއަން މީހުންގެ މަރުގެ މެޑިކަލް ސެޓިފިކެޓެއް ނުހައްދަ އެވެ. އަދި ތިން މިލިއަން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓެއް ވެސް ނުކުރެ އެވެ. މީގެ އިތުރުން، އަންހެނުންގެ މަރުތައް އިންޑިއާގެ ބައެއް ހިސާބުތަކުގައި ނުގުނާއިރު، އުއްތަރު ޕްރަދޭޝް އާއި ބިހާރު ފަދަ ފަގީރު ސްޓޭޓުތަކުގައި ރަޖިސްޓްރީ ކުރާ ވަރު ވެސް އެހާމެ މަދެވެ.

ނަމަވެސް ކޭސްތަކުގެ އާދައިގެ ތަފްސީލުތަކާއި އެޑްމިޓު ކުރެވޭ އަދަދުތަކާއި މަރުވާ މީހުންގެ އުމުރުފުރާތަކާއި އެ މީހުންގެ ޖިންސާ އަދި ވެކްސިން ޖަހާފައިވޭތޯ ފަދަ އެންމެ އާދައިގެ ތަފާސްހިސާބުތައް ވެސް އިންޑިއާއިން އާންމުކުރަން ބޭނުން ނުވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ. މަރުވާ މީހުންގެ މިފަދަ ތަފާސްހިސާބުތަކެއް ނެތް ނަމަ ވެކްސިން ދިނުން ފަދަ ޕްރޮގްރާމްތަކުގެ އަސްލު ނަތީޖާ އެނގޭނެ ގޮތެއް ނޯންނާނެ އެވެ.

"މައުލޫމާތު އެއްކުރުވޭ މިންވަރު މަދުވުމާއި ލިބެން ހުރި މައުލޫމާތެއް ސާފުނުވުމާއި އިތުބާރު ހިފޭ ގޮތް ނުވުމަކީ އިންޑިއާގެ ޕެންޑެމިކުގެ ސިއްކަ. އަދި މިފަދަ މައުލޫމާތުތައް ރަނގަޅު ކުރުމަށް ނުވަތަ ފޯރުކޮށްދިނުމަށް އުޒުރުވެރިވުމެއް ނުވަތަ ދެކޮޅުވެރިވުމެއް ހުރޭ،" ޕެންޑެމިކުގެ މައުލޫމާތުތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ޔުނިވާސިޓީ އޮފް މިޗިގަންގެ ބައޯ ސްޓެޓިސްޓިކްސްގެ ޕްރޮފެސަރު ބްރަމާ މުކަރްޖީ ވިދާޅުވި އެވެ.

ނަމަވެސް ރިޕޯޓުކޮށްފައިވާ ކޮވިޑުގެ މަރުގެ އަދަދުތަކުގައި އިންޑިއާގެ އިދާރާތަކުން ގޮތްދޫނުކޮށް ހިފެހެއްޓުމުން އަނެއް ބަޔަކަށް ފެންނަނީ ސަރުކާރުގެ ގަމާރުކަމެވެ. ސަބަބަކީ ބައެއް ސްޓޭޓުތަކުގައި ކޮވިޑުގެ ސަބަބުން އާންމުންނަށް ދޫކުރަމުންދާ އިނާޔަތްތައް ހޯދި އާއިލާތަކުގެ އަދަދު ކޮވިޑާ ގުޅިގެން މަރުވި މީހުންގެ ރަސްމީ އަދަދަށް ވުރެ ގިނަ ވުމެވެ. 

"ސިޔާސީ ދެކޮޅުވެރިކަން އޮންނާނެކަން ވެސް އެނގޭ. ނަމަވެސް އެއީ މިކަން ހައްލުކުރުމުގައި އަނދިރީގައި މަސައްކަތް ކުރުން ފަދަ ކަމެއް،" އިންޑިއާގެ އެއް މިލިއަން މަރުގެ ނަންދީފައިވާ ދިރާސާއެއް ވެސް ހިންގެވި ޖާ ވިދާޅުވި އެވެ.

ކޮވިޑުގެ ވަރުގަދަ ދެ ވަނަ ރާޅު އިންޑިއާއަށް ކުރިމަތިވީ މިދިޔަ އަހަރުގެ އޭޕްރިލްގައި. (ފޮޓޯ/ ރޮއިޓާސް)

އިންޑިއާއިން އާންމު މަރުތައް ރަޖިސްޓްރީ ކުރާ ނިޒާމު ރަގަނޅުކޮށް، ރިޕޯޓުކުރުމަށް ހިތްވަރުދީ، މެޑިކަލް ސެޓިފިކެޓް ދިނުން ރަނގަޅުކޮށް، މައުލޫމާތުތައް ރަނގަޅުކުރަން ޖެހޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ. އަދި މިފަދަ ކަންކަން ޓެކްނޮލޮޖީ އާއި ސިއްހީ މަސައްކަތްތެރިންގެ އެހީ ހޯދައިގެން އިންޑިއާއަށް ރަނގަޅު ކުރެވިދާނެ އެވެ. ޗައިނާގައި އޮންނަ ގޮތަށް، ހޮސްޕިޓަލުތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވާ ވަރަކަށް އެ އަދަދުތައް ރަޖިސްޓްރީ ކުރަން ވެސް ފަސޭހަވާން ޖެހޭނެ އެވެ.

ކޮވިޑުގައި މަރުވި މީހުންގެ އަސްލު އަދަދު ހޯދުމަށް އިންޑިއާގެ ސަރުކާރަށް އެޅިދާނެ ވަރަށް ފަސޭހަ ފިޔަވަޅެއް ވެސް އެބައޮތެވެ. އެއީ ކުރިއަށް އޮތް ބޯހިމެނުމުގައި ކޮންމެ ގެއަކަށް ވަދެ ކުރާ ސުވާލުތަކުގެ ތެރޭގައި، އެ ގޭގައި 1 ޖެނުއަރީ 2020ގެ ފަހުން މީހަކު މަރުވެފައި ވޭތޯ އެހުމެވެ. އަދި މަރުވި ނަމަ އެ މީހެއްގެ ވަނަވަރު ހޯދުމެވެ. 

"މިއަދަދުތައް ހޯދިއްޖެ ނަމަ ޕެންޑެމިކުގެ ތެރޭގައި އިތުރަށް މަރުވި މީހުންގެ އަދަދު އެނގިގެންދާނެ،" ޑރ. ޖާ ވިދާޅުވި އެވެ.

އާހިރުގައި ސިއްހަތު ރަނގަޅު ކުރެވެން އޮތީ މަރާއި ބައްޔާ ބެހޭ ގޮތުން މައުލޫމާތު ހޯދައި ލިބިގަނެގެންނެވެ. މީގެ 90 އަހަރު ކުރިން 1930ގެ އަހަރުތަކުގައި އެމެރިކާ އާއި އިނގިރޭސިވިލާތުގައި ފުއްޕާމޭގެ ކެންސަރު ޖެހޭ ފިރިހެނުންގެ އަދަދުތައް ލިބެން ހުރެ، އެ އަދަދުތައް އިތުރުވުމުން އޭގެ ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށް ހޯދުނު ގޮތަށެވެ. އަދި 1980ގެ އަހަރުތަކުގައި އެއިޑްސް ބަލި ވެސް ހޯދިފައި ވަނީ ތަފާސްހިސާބުތަކުން ފާހަގަކުރެވުނު ކަންތައްތަކެއް އިތުރަށް ދިރާސާ ކުރުމުންނެވެ. 

ފާޑުކިޔަމުންދާ ފަރާތްތަކަށް ރައްދު ދިނުމުގެ ގޮތުން، އިންޑިއާގެ ސަރުކާރުން ޕެންޑެމިކުގެ ތެރޭގައި މަރުވެފައިވާ ހުރިހާ އަދަދުތަކެއް ހާމަކުރުމަށް ޕްރޮފެސަރު މުކަރްޖީ ވަނީ ގޮވާލައްވާފަ އެވެ.

"ސައިންސަށް ރައްދު ދޭނީ ސައިންސުން. ގައުމީ ހުރިހާ ތަފާސްހިސާބުތަކެއް ހާމަކުރައްވާ،" އޭނާ ގޮވާލެއްވި އެވެ.

ނޯޓު - މިއީ ބީބީސީގެ ލިޔުމަކަށް ބިނާކޮށްފައިވާ ތަރުޖަމާއެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް