ކޮވިޑުގެ ސަބަބުން ދެ އަހަރުދުވަހަށް ފަހު މާފަންނު ސްޓޭޑިމްގައި މިއަދު ބޭއްވި އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި އިމާމު ހުތުބާ ދެއްވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފިތުރު އީދު 2022

ގައުމުގެ ސުލްހަމަސަލަސްކަން ދަމަހައްޓަން އެންމެން މަސައްކަތް ކުރަން ހުތުބާގައި ގޮވާލައިފި

އިސްލާމީ އީދުތަކުގެ މަގުސަދުތަކާއި މުޖުތަމައުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ މުހިންމުކަމަށް ވެސް ހުތުބާގައި އަލިއަޅުވައިލި

ވަތަނުގެ އަމަންއަމާންކަމަކީ އިންސާނަކަށް ދެއްވާނެ އެންމެ ބޮޑު އެއް ނިއުމަތް ކަމަށާއި، އެހެންކަމުން ގައުމުގެ ސުލްހަމަސަލަސްކަން ދަމަހައްޓަން އެންމެން ވެސް މަސައްކަތް ކުރަން މިއަދުގެ އީދު ހުތުބާގައި ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - އީދު ނަމާދަށް ފަހު މިއަދު ދިން ހުތުބާގައި އަލިއަޅުވާލީ އިސްލާމީ އީދުތަކުގެ މަގުސަދުތަކަށާއި ގައުމުގެ އަމާންކަމާއި ސުލްހަމަސަލަސްކަމުގެ މުހިންމު ކަމުގެ މައްޗަށެވެ.

'އެންމެ ބޮޑު ނިއުމަތަކީ އަމާންކަން'

ބުނީ ކީކޭ؟ - ހުތުބާގައި ބުނީ ވަތަނުގެ އަމަންއަމާންކަމަކީ އިންސާނަކަށް ދެއްވާނެ އެންމެ ބޮޑު އެއް ނިއުމަތް ކަމަށެވެ. އެއީ ތަރައްގީ އާއި ހިތްހަމަޖެހުން ލިބުމުގެ އަސާސް ކަމަށާއި އަމާންކަމެއް ނެތް ތަނެއްގައި ހަމެޖެހުމެއް އަދި ހިތްހަމަޖެހުމެއް ވެސް ނޯންނާނެ ކަމަށް ހުތުބާގައި ބުންޏެވެ.

މާފަންނު ސްޓޭޑިމްގައި ހުތުބާ ދެމުން ދިޔައިރު، ސައިން ލެންގުއޭޖުން ހުތުބާ ކިޔައިދެނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެހެންކަމުން، އެންމެން ވެސް ގައުމުގެ ސުލްހަމަސަލަސްކަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ގައުމުގެ އަމާންކަމަށް ބުރޫއަރާފާނެ އެއްވެސް ކަމެއް އެކަކު ވެސް ކޮށްގެން ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.

"މި ނިއުމަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ލިބިފައި ހުރި ހުރިހާ ކެރިފޯރުންތެރިކަމާއި ތަނަވަސްކަމެއް ހަކަތައެއް ހޭދަކުރަންޖެހޭނެ އެވެ،" ހުތުބާގައި ބުންޏެވެ.

'ރޯދަ ނިމުނަސް އަޅުކަން ދޫކޮށްލައިގެން ނުވާނެ'

ހުތުބާގައި ގޮވާލީ އީދު ދުވަހު ނިއުމަތްތަކާއި ދަރުމައިގެ މަތިން ހަނދާންކުރުމަށެވެ. މިއަދު މުސްލިމުން އީދު ނަމާދަށް އެއްވާ އެއްވުމުން ފެނިގެން ދަނީ މުސްލިމުންގެ އެއްބައިވަންތަކަން ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ގޮވާލީ:

  • ހަސަދަވެރިކަމާއި ބައިބައިވުމާއި އަރާރުންތަކާ ދުރުހެލިވުމަށް އަޒުމްކަނޑައަޅަން 

  • ކޮންމެ މީހަކު ވެސް އަނެކާގެ ހައްގުތައް އަދާކުރުމަށް

  • ރަހިމުގެ ގުޅުން ނުކެނޑުމަށް 

  • އީދު ދުވަހު ގާތްތިމާގެ އެންމެންގެ މެދުގައި ރަހިމުގެ ގުޅުން އާކުރުމަށް

ބައެއް މީހުން ރޯދަ މަހު ﷲއަށް ކުއްތަންވެވޭތޯ މަސައްކަތް ކުރާކަން ހުތުބާގައި ފާހަގަކުރި އެވެ. އެގޮތުން، ނަމާދުކޮށް، ރޭއަޅުކަންކޮށް އަދި ރޯދަ ހިފުމަށް ފަރުވާތެރިވާކަން ހުތުބާގައި ފާހަގަކުރި އެވެ.

"ނަމަވެސް ރޯދަ މަސް ނިމުމުން ނަމާދު ކުރާކަށް ހަނދާނެއް ނުހުރެ އެވެ. މާތްﷲއާ އެ މީހުންނާ ދެމެދުގައިވާ ވާފަށް ކަނޑާލަ އެވެ. އެ މީހުން މުސްހަފެއް ހުޅުވާލާތަނެއް ނުފެނެ އެވެ. ޒިކުރު ކުރާ ތަނެއް ވެސް ނުފެނެ އެވެ،" ހުތުބާގައި ބުންޏެވެ.

  • މާފަންނު ސްޓޭޑިމްގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • މާފަންނު ސްޓޭޑިމްގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • މާފަންނު ސްޓޭޑިމްގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެހެންކަމުން، ރޯދަ މަހުގެ "ތަރުބަވީ މަދަރުސާއިން" ދަސްކޮށްދިން ފިލާވަޅުތަކުގެ މަތީގައި ދެމިތިބުމަށް އަޒުމްކަނޑައަޅަން ހުތުބާގައި ގޮވާލި އެވެ.

"ރޯދަ އަޅުގަނޑުމެންނަށް ދަސްކޮށްދިން ކެތްތެރިކަމާއި ތެދުވެރިކަމާއި ދީލަތިކަމާއި ހިތް ސާފުކަމާ އެކު، އަތާއި ދުލުން މުސްލިމުން ރައްކާތެރިކުރުން ފަދަ މަތިވެރި ހުރިހާ ސިފަތަކެއްގެ މަތީގައި ހަޔާތުގެ ބާކީ އޮތްތަން ހޭދަކުރުމުގެ ތައުފީގު ދެއްވުން އެދި ގިނަގިނައިން ދުއާކުރާށެވެ،" ހުތުބާގައި އިލްތިމާސްކުރި އެވެ.

'އީދުގެ މަގުސަދަކީ ހަމައެކަނި މަޖާކުރުމެއް ނޫން'

މިއަދުގެ ހުތުބާގައި ބުނީ ޖާހިލީ ޒަމާނުގެ އީދުތައް އުވާލީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް އީދު ފާހަގަކުރުމަށް ކަމަށެވެ.

އިސްލާމީ އީދުތައް ފެށެނީ އިޖުތިމާއީ ބޮޑު ބައްދަލުވުމަކުން ކަމަށާއި އެ ބައްދަލުވުމުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާމްކޮށް، އީދު ތަހުނިޔާ ބަދަލުކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާކަން ހުތުބާގައި ފާހަގަކުރި އެވެ.

"އިސްލާމްދީނުގައި އީދުތައް ޝަރުއުކުރައްވާފައިވަނީ ހަމައެކަނި އުފާފާޅުކޮށް މަޖާކުރުމަކަށް ނޫނެވެ،" ހުތުބާގައި ބުންޏެވެ.

އިސްލާމީ މަރުކަޒުގައި އީދު ނަމާދު ކުރަނީ. (ފޮޓޯ/ރައީސް އޮފީސް)
އިސްލާމީ މަރުކަޒުގައި ކުރި އީދު ނަމާދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އޭގެ ބަދަލުގައި އީދު ޝަރުއުކުރެއްވީ، ހުތުބާގައި ބުނި ގޮތުގައި، އިސްލާމީ މުޖުތަމައުގެ މީހުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އިސްލާމީ އުހުއްވަތްތެރިކަން ދަމަހަށްޓައި މުސްލިމުންގެ މެދުގައި ހެޔޮފޯރުވުމުގެ ރަނގަޅު އާދަ ފެތުރުމަށެވެ.

ހުތުބާގައި ބުނީ:

  • އިސްލާމީ އީދުތަކުގައި އެންމެން ބައިވެރިކުރަން ޖެހޭނެ ކަމަށް 

  • އެ ދުވަސްތަކުގައި އުފާ ފާޅުކުރަންވީ ހަމައެކަނި ތަނަވަސްކަން ލިބިގެންވާ މީހުން ނޫން ކަމަށް 

  • ތަނަވަސްކަން ލިބިގެންވާ މީހުން، އެ ތަނަވަސްކަން ފަގީރުންނަށާއި މިސްކީނުންނަށް ފޯރުކޮށްދީ، އީދުގެ އުފަލުގައި އެ މީހުން ބައިވެރިކުރަން ޖެހޭނެ ކަމަށް 

  • ފިތުރު އީދު ދުވަހު، އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް އަދާކުރަން އޮންނަނީ ފަގީރުންނަށް ސަލާން ނުޖަހައި އުޅެވޭ ވަރުގެ ތަނަވަސްކަން ލިބޭނެތީ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް