ރައީސް އިބްރާހިމް މުހަމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު: ދެ ބޭފުޅުން ވެސް ރިޔާސީ ޓިކެޓް ބޭނުންފުޅުވޭ.

މިއީ ދެ ރައީސުންގެ ގަދަ ހިފުމެކެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ ރަނގަޅަށެވެ؛ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައްޔިތުންނާ ގުޅުން ހުރި ގިނަ ސިޔާސަތުތަކެއް ކަނޑައެޅި އެވެ. އޭގެ ތެރޭގައި ޓެކްސްގެ ނިޒާމު ތައާރަފު ކުރުމާއި ބޯހިޔާވަހިކަމުގެ ސިޔާސަތުތަކެއް ކަނޑައެޅުމާއި ބޭސްފަރުވާއަށް ސަލާމް ޖަހަން ނުޖެހޭނެ ސިޔާސަތުތަކެއް ކަނޑައެޅުން ހިމެނެ އެވެ. އެ ސިޔާސަތުތަކުގެ ކުރެޑިޓް އޭރުގެ ރައީސް މުހަންމަދު ނަޝީދަށް ލިބެ އެވެ

މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ދުނިޔެ ވޭތުވެ ދިޔަ 100 އަހަރުގެ ތެރޭގައި ނުދެކޭ ފަދަ ބަލިމަޑުކަމަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމުގެ އިގްތިސާދު ފުނޑި، އަވައްޓެރި ގައުމުތައް ބަނޑަށް ޖެހުނު އިރު، ސޯލިހު ވަނީ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެނެސް ދެއްވައިފަ އެވެ. ކޮވިޑްގެ ތިން އަހަރާ އެކު ތަރައްގީގެ ދުވެލި މަޑެވެ. ނަމަވެސް ގައުމުގައި ސުލްހަމަސަލަސްކަން ގާއިމުވެފައި އެބަ އޮތެވެ. ﷲގެ ރަހުމަތްފުޅުން މީހުން ބަނޑަކަށް ނުޖެހެ އެވެ. އަދި ވައުދު ދެމެހެއްޓެވި އެވެ. އެ ކްރެޑިޓް ރައީސް ސޯލިހަށް ލިބެން ޖެހެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުން މިހާ ވަރަކަށް ފޯރިގަދަވެގެން މި އުޅެނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓް ހޯއްދަވާނެ ބޭފުޅަކު ކަނޑައެޅުމަށް، ޗެއާޕާސަންގެ މަގާމަކީ ނުފޫޒު ގަދަ މަގާމަކަށް ވާނެތީ އެވެ. ފަހަރެއްގައި ވެސް އާންމު އުސޫލުގައި އެއީ މާ ބާރުގަދަ މަގާމަކަށް ވާތީއެއް ނޫނެވެ. 

ދެހާސް ތޭވީހުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތަށް އެމްޑީޕީގެ އެންމެ އިސް ދެ ބޭފުޅުން ވެސް ފައި ނަންގަވަ އެވެ. އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހަންމަދު ސޯލިހު ގަބޫލުކުރައްވަނީ، އެ މަނިކުފާނަށް އަންނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އެއީ ކޮންމެ ރައީސަކަށް ވެސް ގާނޫނުއަސާސީ ހުއްދަކޮށްފައިވާ ދެ ދައުރުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އެ މަނިކުފާނު ގަބޫލު ކުރައްވާތީ އެވެ. އަދި ރައީސް ސޯލިހު ގަބޫލުކުރައްވާ ގޮތުގައި، އެ ފުރުސަތު އެމްޑީޕީން ނަޝީދަށް ވެސް ވަނީ ފަހިކޮށްދީފަ އެވެ.  

ނަޝީދު ވެސް ވިދާޅުވަނީ އެ މަނިކުފާނަށް ޕާޓީގެ ލީޑާޝިޕުން ފުރުސަތު ލިބިއްޖެ ނަމަ އިންތިހާބުގައި ވާދަކުރެއްވުމަށް ކެތްމަދުވެފައި ހުންނެވި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދާ ދެބެންގެ ދެދަރި، އީވާ އަބްދުﷲ ވަރަށް ފާޅުގައި ވިދާޅުވަނީ ނަޝީދު އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ. 

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މިހާރުވެފައި މިވަނީ އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ރައްްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށް ވުރެ ބޭރަށް ގޮސްފަ އެވެ. މިހާރު އެ އިންތިހާބަކީ ރައީސް ސޯލިހާއި އެ ޕާޓީގެ ރައީސް ނަޝީދުގެ އިންތިހާބެކެވެ. އަދި އެއީ ނަޝީދާއި ރައީސް ސޯލިހުގެ ބާރު ވަޒަންކޮށްލުމަށް ނަގާ ވޯޓަކަށް މިހާރު މިވަނީ ވެފަ އެވެ.

އެކަން އެހެން ދިމާވީ ނަޝީދު ކަންކަން ކުރެއްވި ގޮތަކާ ގުޅިގެން ކަމަށް ވެސް ބުނެވިދާނެ އެވެ؛ ނަޝީދު އެމްޑީޕީ މެންބަރުންނަށް އިލްތިމާސް ކުރެއްވީ "ފެތޭ އޮޑި"އަކަށް ނޭރުމަށެވެ. މާނައަކީ ރައީސް ސޯލިހުގެ އޮޑި ދަނީ ފެތުމާ ދިމާލަށް ކަމަށެވެ. އަދި ނަޝީދު ނުސީދާކޮށް ވިދާޅުވަނީ ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅުންގެ އަތުގައި މޭ 6ގައި ނަޝީދަށް ދިން ހަމަލާގެ ލޭ ހުރި ކަމަށެވެ.

މިއީ ވަރަށް ބޮޑު ތުހުމަތެކެވެ. ނަމަވެސް އާންމު އުސޫލުން ވަކި ކަމެއްް ކާމިޔާބު ކުރައްވަން ބޭނުން ނަމަ، އެ ޖަޒުބާތީ ކާޑު ނަޝީދު ކުޅުއްވުމަކީ އާ ކަމަކަށް ނުވާތީ އަޅުގަނޑު އެކަމަކާ ހައިރާނެއް ނުވެ އެވެ. ދެހާސް ބާރަ ވަަނަ އަހަރު ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ވެސް ނަޝީދު ކިއުއްވީ އެކަހަލަ ފަރިއްސެކެވެ. އެންމެންގެ ކުރިމަތީގައި ތިމަން މަނިކުފާނު މި އިސްތިއުފާ ދެއްވީ ކަމަށް ވިދާޅުވުމަށް ފަހު، ޖެހިގެން އައި ދުވަހު ވިދާޅުވީ، އިސްތިއުފާ ދެއްވީ ބޮލުގައި ބަޑިޖެއްސުމުން ކަމަށެވެ. 

އެ ވާހަކައިގެ އިތުރު ތަފުސީލަކަށް ދާކަށް އަޅުގަނޑު ނެތީމެވެ. އެކަމަކު ވެރިއަކަށް ހުންނަ މީހަކަށް ޕުރެޝަރު ކުރާނެ ކަމީ ހަގީގަތެވެ. އިސްތިއުފާއަށް ވެސް ގޮވާނެ އެވެ. މަގުމަތީން ވައްޓާލުމަށް ވެސް މަސައްކަތް ކުރާނެ އެވެ. ރާއްޖެ ބަލައިގެންފައިވާ ޑިމޮކްރަސީގައި އެ ޕުރެޝަރު އެއީ ކުރެވޭނެ ޕުރެޝަރުކަން ވެރިކަން ކުރައްވާ ބޭފުޅުން ގަބޫލުކުރަން ޖެހެ އެވެ. އެކަން ހަޖަމު ނުކުރެވޭ ނަމަ، ރަނގަޅު ގޮތަކީ ވެރިކަމާ ގާތް ނުވުމެވެ. ނަޝީދުގެ ކުއްލި އިސްތިއުފާއާ ގުޅިގެން އެމްޑީޕީގެ އެތައް ބަޔަކު މަގުމަތިވި އެވެ. އެމްޑީޕީ މީހުން އެކަން ދަންނާނެ އެވެ. 

އެތެރޭގެ އިންތިހާބެއް ހަޑިވާނެ އެންމެ ބޮޑަކަށް މިހާރު މިވަނީ ހަޑިވެފަ އެވެ. ފަރުދާގެ ފުރަގަހުން ދެ ރައީސުން ވެސް ހެސްކިޔާފައި ކެމްޕޭން އެބަކުރައްވަ އެވެ. ސުވާލަކީ މި އިންތިހާބަށް ފަހު، އެ ޕާޓީގެ ދެ ރައީސުންގެ ފެކްޝަން އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރެވޭނެތޯ އެވެ.

ބޮޑު މަންޒަރު، 2023ގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރަން ބޭނުން ނަމަ އޮތް ހަމައެކަނި ގޮތަކީ އެއްކޮށް މަސައްކަތް ކުރުމެވެ. ނަމަވެސް ދެ ފަރާތުގެ އަރާރުންތައް ހުރި ގޮތަށް ބަލާއިރު، އެއީ ވުމަށް ވުރެ ދުރު ކަމެކެވެ. ފަހަރުގައި ޑީއާރުޕީ އާއި ޕީޕީއެމްގެ މާޒީ އިޔާދަކޮށް ވަކި ޕާޓީ ނުހަދައި ފަރުޖައްސާފާނެ ތޯއްޗެކެވެ. އެކަމަކު އެއްކޮށް މަސައްކަތްކޮށް އަހަރެއްހާ ދުވަހުގެ ތެރޭގައި އެއް މިސްރާބަކަށް މަސައްކަތް ކުރެވޭނެ ކަމަކަށް ގަބޫލުކުރަން ދައްޗެވެ. އެ ހާލަތުގައި އެމްޑީޕީއަށް 2023 ގެއްލުމުގެ ފުރުސަތު ބޮޑުވާނެ އެވެ. ބައެއް މަސްދަރުތަކުން ބުނަނީ އެ ގޮތް ވެސް އެމްޑީޕީގެ ބައެއް ބޭފުޅުންނަށް ވަރިހަމަ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވާ އިރު އެ ޕާޓީގެ މެންބަރުންގެ ކުރިމަތީގައި އޮތީ އެންމެ ސުވާލެކެވެ. އެއީ އަންނަ އަހަރުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ކޮން ބޭފުޅެެއްގެ ފަހަތަށް އަރައިގެންތޯ އެވެ؟ ޗެއާޕާސަންގެ މަގާމަކީ ސީދާ އެކަމާ ގުޅުން ނެތް މަގާމަކަށް ވިއަސް މި ކުރެވޭ ކަމަކީ އެއީ އެވެ. އެކަން ކަށަވަރުވާނީ ހޮނިހިރު ދުވަހުގެ ވޯޓަށް ފަހު އެވެ. އަނެއް ސުވާލަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީން ބޭނުންވަނީ އެމްޑީޕީގެ ކޮން ކެންޑިޑޭޓަކާ އެކު އިންތިހާބުގައި ވާދަކުރުމަށްތޯ އެވެ. ފެންނަ ފެނުމަށް އިދިކޮޅުން ބޭނުން ވަނީ އެ ބޭފުޅުންގެ ވާދަވެރިއެއްގެ ގޮތުގައި ނަޝީދު ހުންނެވުމަށެވެ. ދެން ތިޔަ ބޭފުޅުން ވިސްނަވާށެވެ. އިދިކޮޅުން އެގޮތް ބޭނުންވާނީ ކީއްވެގެންތޯ އެވެ؟ އަޅުގަނޑު އެކަމަށް އިތުރަށް ކޮމެންޓް ކުރާކަށް ނެތީމެވެ.

ވެރިކަމުގެ ބާރާއި ނުފޫޒަކީ އެއްވެސް މީހަކަށް، އޭގެ ރަހަ ކަރުބުޑުގައި ލުމަށް ފަހު ދޫކޮށްލުމަށް އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމް 2008 ވަނަ އަހަރު، 30 އަހަރަށް ފަހު ވެރިކަމުން ފައިބައިވަޑައިގަތީ ވެސް ދެލޮލުން ކަރުނައަޅައިފަ އެވެ. ހަމަ ޔަގީނުން ވެސް ރާހަތްތަކެއް ކަރުބުޑުގައި ލާފައި ހުރީމާ ނޫންތޯ އެވެ. އެކަމަކު އެމްޑީޕީގެ ލީޑަޝިޕުން ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެއްވެ އެވެ. އެއީ އެއަށް ފަހު ޖީލެއް ބަދަލުވަނީ އެވެ. އެ އާ ޖީލާ އެކު ނަޝީދުމެން މައުމޫނާ ދެކޮޅަށް އުފެއްދި ނަފުރަތު ހަމަ ގަޔާދިމާލަށް އަންނަކަން ގަބޫލުކުރަން ޖެހެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް