Majlis 2024

މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް، ހުސްވި ހަފްތާބަންދުގައި ބޭއްވި ހަރަކާތުގައި މޭޔަރު މުއިއްޒު އާއި ކައުންސިލަރުން ބައިވެރިވަނީ (ފޮޓޯ/ކައުންސިލް)

މިސްކިތްތަކުގެ މަރާމާތަށް ހިނގި ހަރަދުގެ ތަފްސީލު ކައުންސިލުން އާންމުކޮށްފި

މާލޭ ސިޓީ ކައުންސިލުން މި މައުލޫމާތު އާންމުކުރީ މިސްކިތްތައް މަރާމާތުކުރަން މިނިސްޓްރީން ދިން ބަޖެޓަށް ވީގޮތެއް ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވުމާ ގުޅިގެން
9 ޖެނުއަރީ 2023

މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް މަރާމާތުކުރަން ދިން ފައިސާއަށް ވީގޮތެއް ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވުމުން، ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި މިސްކިތްތައް މަރާމާތުކުރަން ކުރި މަސައްކަތާއި ހިނގި ހަރަދުގެ ތަފްސީލު ކައުންސިލުން އިއްޔެ އާންމުކޮށްފި އެވެ.

ވީ ކިހިނެއް؟ - މާލެ ސަރަހައްދުގެ 28 މިސްކިތެއް ސިޓީ ކައުންސިލުން ބަލަހައްޓަމުން އަންނައިރު، އެ ތަންތަން މަރާމާތުކުރުމަށް ސަރުކާރުން އެކަށީގެންވާ އަދަދަކަށް ފައިސާ ނުދޭ ކަމަށް ކައުންސިލުން ބުނެ އެވެ. ނަމަވެސް، މިސްކިތްތައް މަރާމާތުކުރަން މިނިސްޓްރީން ފައިސާ ދޭކަމަށާއި އެ ފައިސާއަށް ހަދާ ގޮތެއް ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފަ އެވެ.

ތަފްސީލް - މިނިސްޓަރުގެ މި ވާހަކަތަކާ ގުޅިގެން ކައުންސިލުން ވަނީ 1 ޖޫން 2021 އިން ފެށިގެން 30 ނޮވެމްބަރު 2022 ގެ ނިޔަލަށް މިސްކިތްތައް މަރާމާތުކުރަން ކައުންސިލުން ކުރި މަސައްކަތް، ވަކިވަކި މިސްކިތްތަކުގައި ކުރި ހުރިހާ މަސައްކަތެއް އެނގޭހެން މައުލޫމާތު ކަރުދާހެއް ނެރެފަ އެވެ. އެ ކަރުދާހުގައިވާ ގޮތުގައި:

  • މާލޭގައި 38 މިސްކިތެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރި

  • އޭގެ ތެރެއިން ގިނަ މަސައްކަތްތައް ކުރީ ކައުންސިލުން ހަރަދުކޮށްގެން

  • ބައެއް މިސްކިތްތައް މަރާމާތުކުރަން އަމިއްލަ ފަރާތްތަކުން ތަކެތި ހަދިޔާކޮށް، މަސައްކަތްކޮށްފައިވޭ

މި ލިޔުން އާންމުކުރަމުން މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިީ، މިއީ "އިސްލާމިކް މިނިސްޓަރަށް އަޅުގަނޑުމެން ކުރި މަސައްކަތެއް އެނގިވަޑައިނުގަންނަވާތީ އޮޅުންފިލުވައިދޭން އާންމުކުރާ މައުލޫމާތު" ކަމަށެވެ. އަދި މި ހަރަދުުތަކުގެ އިތުރުން މިސްކިތްތަކުގެ ފެނާއި ކަރަންޓާއި ފޮޅާސާފުކުރުމަށް 11 މިލިއަން ރުފިޔާ ހަރަދު ކުރީ ވެސް ކައުންސިލުގެ ބަޖެޓުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހިންގި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައިމޭޔަރު މުއިއްޒު ހުކުރު ދުވަހު ވާހަކަ ދައްކަވަނީ (ފޮޓޯ/ކައުންސިލް)

އޭގެ އިތުރުން މިސްކިތްތައް މަރާމާތުކުރަން މި އަހަރު ވެސް 2 މިލިއަން ރުފިޔާ ހަމަޖައްސައި، މަސައްކަތް ކުރުމަށް ފަހު ބިލު ފޮނުވައިދޭން އެދިފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރު ދެއްކެވި ވާހަކަތަކަށް ވެސް މުއިއްޒު ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ނެތް ބަޖެޓަކަށް ކްރެޑިޓަށް ހަރަދުކުރަން މާލިއްޔަތު ގާނޫނާއި ލާމަރުކަޒީ ގާނޫނު ތަނެއް ނުދޭ

  • ފައިސާ ކައުންސިލުގެ ބަޖެޓުގައި ހިމަނައިދޭން އެކި ފަހަރުމަތިން މިނިސްޓްރީގައި އެދިފައިވާނެ

  • އެކަމަކު، އެ ފައިސާ ދޭން މިނިސްޓްރީން އެއްބަހެއް ނުވޭ

  • މިހާރު މިސްކިތްތައް މަރާމާތުކުރަން ހަރަދުކުރަނީ ސީދާ ކައުންސިލުގެ ބަޖެޓުން

ގުޅުން ހުރި - ކައުންސިލުން ބުނަނީ މާލޭގެ މިސްކިތްތައް މަރާމާތުކުރަން 9 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. މި ފައިސާ ހޯދަން ކައުންސިލުން ނިމުނު ހަފުތާބަންދުގައި ބޭއްވި 'ޗާލު މިސްކިތް' ހަރަކާތުން 7 ލައްކަ ރުފިޔާ ލިބިފައިވާ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް