ހުސްނޫ އާއިލާގެ ގުޅުން: ނަމޫނާ ލޯތްބަކާއި ބޮޑު އުފާވެރިކަމެއް

އާއިލާގެ ގުޅުން ހިފަހައްޓައިދޭ މީހަކީ މަންމަ ނާސިރާ މޫސާ. އޭނާގެ 7 ކުދިންނާއި 26 މާމަ ދަރިން އަދި 3 މުނިމާމަ ދަރިން އެބަ ތިބި
30 އޭޕްރީލު 2022
2

ވީލްޗެއާގައި އިން ނާސިރާ މޫސާ އޭރު ކުރަމުން ދިޔައީ ރިހަފޮޅި ހަދަން ފޮޅި އެޅުމުގެ މަސައްކަތެވެ. ގޭގެ ކާމޭޒު ދޮށުގައި އޭނާގެ އެންމެ ހަގު ދަރިފުޅު ފާތިމަތު ޒިހުނާ އާއި މާމަދަރިފުޅު އައިމިނަތު ޝަމާ މުހައްމަދު ރާޝިދު ތިބީ ހޮޓްޑޯގް ހަދާށެވެ.

"ނިމުމަކަށް މި އަންނަނީ މިހާރު،" މި ނޫހުގެ ލައިފްސްޓައިލް ލިއުންތެރިޔާ އައިޝާ އީމާން، އުނދުން ކައިރިއަށް ޖެހިލައި، ގަޔާވެގެން ބަލަން ފެށުމުން، ނާސިރާ، ހިނިތުންވެފައި ބުންޏެވެ.

"އަޅަން ވަރަށް އުނދަގޫ އެއްޗެއް،" އައިޝާ ބުނެލި އެވެ.

ނާސިރާގެ މޫނުމަތީގައި އަބަދުވެސް ހުންނަ ހިނިތުންވުމުގައި، ދުވަހުގެ ފަހު ފޮޅިކޮޅު އަޅާ ނިންމާލި އެވެ. އެއީ މިއަދު އޭނާ ހެދި އެންމެ ފަހު ހެދިކާ އެވެ. އާއިލާގެ އެކި މީހުން އެކި އެއްޗެހި ތައްޔާރުކޮށް އިރުއޮއްސޭ ވަގުތަށް ގެއަށް ޖަމާވުމުގެ ސިލްސިލާގެ އާ ދުވަހަކަށް އެންމެންގެ މަންމަ، މާމަ، މުނިމާމަ ތައްޔާރުވަމުން ދިޔައީ، މީގެ ދޮޅު އަހަރު ކުރިން ހަކުރުބަލީގައި ބުރިކޮށްލި ކަނާތު ފައިގެ ސަބަބުން ލިބުނު އުނިކަމަށް ހޭނި، އާދައިގެ ދިރިއުޅުމެއް އުޅޭކަމުގެ ހުރިހާ ނިޝާނެއް ފެންނަ ގޮތަށެވެ.

މ. ހުސްނޫ ނާސިރާ މޫސާ: ހުސްނޫ އާއިލާގެ ގުޅުމާއި އެކުވެރިކަމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ބުނި. ނާސިރާގެ ހަތް ދަރިންނާއި މާމަ 26 ކުދިން އަދި މުނިމާމަ ތިން ކުދިން ތިބޭ

މިއީ މ. ހުސްނޫ އެވެ. ނާސިރާއަކީ ހަތް ކުދިންގެ މަންމަ އެވެ. ފަސް ޅީދަރިންނާއި ދެ ދަނބިދަރިން އެބަ ތިއްބެވެ. މާމަކިޔާ 26 އަދި މުނިމާމަ ތިން ދަރިންނާ އެކު މިއީ، ރާއްޖޭގެ ނިސްބަތުން، ބޮޑު އާއިލާއެކެވެ. ބައެއް މާމަ ދަރިން ވެސް މީހުންނާ އިނދެގެން އުޅޭތީ، މިގޭގެ އާއިލީ އެއްވުންތަކުގައި 46 މެމްބަރުން ބައިވެރިވެ އެވެ.

އެއީ އެއްވެސް ޝައްކެއް ނެތި ވަރަށް އުފާވެރި، ވަރަށް ހަރަކާތްތެރި، ވަރަށް އެކުވެރި މާހައުލެކެވެ. 'ދައުރު'ގެ ހާއްސަ އެދުމަކަށް އޭގެ ތެރެއިން އެއް ބައްދަލުވުމުގައި މި ނޫހުގެ ނޫސްވެރިން ބައިވެރިވުމުގެ ފުރުސަތު (ކިއުންތެރިންގެ ސަމާލުކަމަށް: މޫސާ ލަތީފަކީ އެއްއިރެއްގައި ނާސިރާގެ ދަނބިދަރިއެކެވެ.) ދޭން އާއިލާއިން އެއްބަސްވީ އުފަލުންނެވެ. މަގުސަދަކީ، އާއިލީ ގުޅުންތައް ކެނޑި، ތިމާގެކަމުގެ ލޯބި ވަޅުލެވެމުން ދާ ޒަމާނެއް ކަމަށް ގިނަ ބަޔަކު ސިފަކުރާ މި ދުވަސްވަރު ވެސް، ނަމޫނާ ދިވެހި އާއިލާތައް އުޅޭކަން ބުނެދިނުމެވެ.

ހުސްނޫ އާއިލާގެ މެމްބަރުން ރޯދަވީއްލަނީ. މިއީ ނިސްބަތުން ބޮޑު އަދި ވަރަށް އެކުވެރި އާއިލާއެއް (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ނާސިރާގެ އެއް ސިފައަކީ ކޮންމެ މީހަކަށް ވެސް، ކޮންމެ ވަގުތަކު ވެސް، ހިނިތުންވުމާ އެކު ކިޔާ މަރުހަބާ އެވެ. އެ ހިތްހެޔޮކަމާ އާއިލާގެ އެއްވެސް މީހަކަށް/ކުއްޖަކަށް ދުރަކަށް ނުދެވެ އެވެ. ވަކިން އެހެން ގޭގޭގައި އުޅޭ ދަރިން ވެސް ހަފުތާއަކު މަދުވެގެން އެއް ދުވަހު ހުސްނޫއަށް ޖަމާވާން ޖެހެ އެވެ. ރޯދަމަހުގެ ދެ ވަނަ ބުރާސްފަތިދުވަސް ވީ އެންމެން އެކުވެގެން ރޯދަ ވީއްލުމުގެ އެއް ދުވަހަށެވެ.

"ވަރަށް އުފާވޭ، ވަރަށް ބޮޑަށް އުފާވޭ. މި ކުދިންނަކީ ވަރަށް އެއްކޮށް އުޅޭ ކުދިންތަކެއް،" ނާސިރާ ބުންޏެވެ.

'ހުރިހާ ވެސް މީހަކީ މަންމަ'

މ. ހުސްނޫއަކީ އަލިރަސްގެފާނު ޒިޔާރަތާ ޖެހިގެން އެންމެ ފުރަތަމަ ހިއްކި އެއް ގެ އެވެ. އަމިއްލައަށް ބިން ހިއްކައިގެން ނާސިރާގެ އާއިލާއިން 1970ގެ އަހަރުތަކުގެ ފަހުކޮޅު ދިރިއުޅެން ފެށިއިރު، ދޮށީ ދަރިފުޅު މުހައްމަދު ރާޝިދު، މަޝްހޫރު ނަމުން ނަމަ ރާޑޯ، ބުނި ގޮތުގައި ޖެހިގެން އޮންނަނީ މޫދެވެ.

"މި ގޭގައި ދިރިއުޅެން ފެށުނު ހިސާބުން މި ފަޅީގެ އަވަށްޓެރިން އައިސް މަޑުމަޑުން ދިރިއުޅެން ފެށީ ވެސް،" މިހާރު 10 ބުރިއަށް ހަދާފައި ހުރި ހުސްނޫގެ ޓެރެސްގައި އިނދެ، ބުލޫކިޔާ މަގަށް ހުރި އެހެން ގޭތަކަށް އިޝާރަތްކުރަމުން، ރާޝިދު ބުންޏެވެ.

މ. ހުސްނޫ ނާސިރާ މޫސާ އޭނާގެ އާއިލާގެ ގުޅުމާ ބެހޭ ގޮތުން 'ދައުރު'އަށް އިންޓަވިއު ދެނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެއީ އޭރު އެކަހެރި ހިސާބުގަނޑެކެވެ. އެކަމަކު ނާސިރާމެންގެ ހިތްހެޔޮކަމާ އެކު މުޅި ހިސާބުގަނޑުގެ "ބޭސްއަކަށް ވީ މި ގެ" ކަމަށް ރާޝިދު ބުންޏެވެ. ނާސިރާގެ އިތުރުން އޭނާގެ ފިރިމީހާ އަބްދުﷲ އަލީގެ ދައުރު ވެސް އެ އެކުވެރިކަމުގައި ބޮޑެވެ. މީގެ 17 އަހަރު ކުރިން 2005 ގައި އަވަހާރަވި އިރު އަބްދުﷲ އަލީއަކީ ރައްޔިތުންގެ މަޖިލިހުގެ ހއ.ގެ މެމްބަރުކަން ކުރެއްވި އަދި ސަރުކާރަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭފުޅެކެވެ.

ބުނެފައި އޮންނާނީ އަހަރެން މަރުވިޔަސް މިގޮތަށް ކުދިން އެކުގައި އުޅެއްޗޭ، ވަކި ނުވައްޗޭ، ގުޅުން ކަނޑާލައިގެންނުވާނެއޭ

ނާސިރާ މޫސާ

ނާސިރާގެ ދެމަފިރިންނަކީ މީހުންނާ ގުޅުން ބާއްވާ ބައެއްކަން އެނގެނީ، އެއްކޮޅުން ދަރިންގެ އަދަދު ގިނަވަމުން އައި އިރު އަނެއްކޮޅުން އެކި ރަށްރަށުގެ ކުދިންނާއި މީހުންނަށް އެގެއިން ދިން ޖާގަ އެވެ. އަބްދުﷲ އަލީއަކީ ހއ. ދިއްދުއަށް އުފަން ބޭފުޅެކެވެ. އެ ރަށުގެ އެކި އާއިލާތަކުގެ އެތައް ކުދިންނެއް، ކިޔަވާށާއި ވަޒީފާ އަދާކުރަން ކުރިންސުރެ ހުސްނޫގައި އުޅުނެވެ.

މުހައްމަދު ރާޝިދު: އިޖުތިމާއީ ދާއިރާއިން ގައުމީ އިނާމު ވަނީ ހާސިލްކޮށްފައި

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑިޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓްގެ މަގާމުގައި ހުރި މުހައްމަދު ނަސީރަކީ، ހުސްނޫ އާއިލާގެ މެމްބަރަކަށް ނުވިޔަސް އެ އާއިލާގެ މީހެއްގެ ގޮތުގައި ބެލޭހާ ކައިރިކޮށް އުޅުނު އެކެކެވެ. އޭނާ ވަޒީފާ އަދާކުރަން ފެށީ ވެސް އެ ގޭގައި އުޅެމުންނެވެ.

މުހައްމަދު ބުނި ގޮތުގައި ނާސިރާއަކީ އޭނާގެ "ދެވަނަ މަންމައެއް ފަދަ މީހެކެ"ވެ.

"ވަކި މީހެއް ނޫން، ދައްތަ ކައިރިއަށް އަންނަ ކޮންމެ މީހަކު ދެކެ ވެސް އެހާ ލޯބިވާނެ. މީހަކު ކަމެއް ދިމާވެގެން އަތުވެއްޖެއްޔާ އަތުގައި ހުރި ކޮންމެ އެއްޗެއް ދީފާނެ. ރައްކާކޮށްފައެއް އެއްޗިއްސެއް ނުބަހައްޓާނެ،" ގާތްގަނޑަކަށް 35 އަހަރު ހުސްނޫގައި އުޅުނު މުހައްމަދު ބުންޏެވެ.

"އަހަރެމެންނަށް އަބަދުވެސް ހެޔޮއެދޭނެ. މިހާރު ވެސް ރޯދަމަހަށް އެއްޗެއް ހަދައިފިއްޔާ އެ ނުދެވިގެން އުޅޭނީ. މިހާރު ވެސް ހާލު ބަލާނެ، ދަރިންގެ ހާލު ވެސް ބަލާނެ."

އައިޝަތު ވަހީދާ: ހުސްނޫ އާއިލާގެ ތެރޭގައި އުޅެމުން އަންނަތާ 31 އަހަރު ވެއްޖެ

އާއިލާގެ ހަރަދުބަރަދު ބަލަހައްޓަވަން އެއް ފަހަރާ އެތައް ވަޒީފާޢެއްގައި ދުވާލު ހަތަރުދަމު އަބްދުﷲ އަލީ ބޭރުގައި އުޅުއްވި އިރު، ގޭގައި، ދަރިންނާއި އެހެން މީހުންގެ ކުދިންގެ ހިދުމަތުގައި ނާސިރާ އުޅުނީ އާމްދަނީ އިތުރުކުރަން ފެހުން ފަދަ މަސައްކަތް ވެސް ކުރަމުންނެވެ. އޭނާއަކީ މޮޅު ފެހުންތެރިއެކެވެ.

"އަޅުގަނޑުމެން ބޮޑުވެގެން އައި އިރު ގޭތެރެއިން ބައްޕަ ވަރަށް ނުފެންނާނެ. އަބަދުވެސް ވޯކްގައި އުޅޭނީ، ދެތިން ހަތަރު ތަނެއްގައި ވޯކްކުރާނެ،" ރާޝިދުގެ ކުޑައިރުގެ ހަނދާންތައް އާކުރަމުން ކިޔައިދިނެވެ.

ހުސްނޫ އާއިލާގެ އިބްރާހިމް ޝާހިދު އާއި އަންހެނުން އައިޝަތު ޒުހުދާ، ރޯދަ ވީއްލަން އެއްޗެހި ހެދުމުގައި (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

"އެހެންވެ ބައްޕައާ މުއާމަލާތްކުރެވޭލެއް ތަންކޮޅެއް މަދުވާނެ. އެހެންވެ ކީ މީހަކީ މަންމަ. މަންމަ ހުރިހާ ކަމަކަށް އިންޓަވީންކުރާނެ. އަބަދުވެސް ކުދިންނާ އެކު މަންމަ އުޅޭނީ. އަނެއްކާ ކައިރިކަރީގައި [ލިބި] ބައިވަރު ކުދިންތަކެއް ގޮވައިގެން މަންމަ އުޅުނު ގޮތް ވަރަށް ބޮޑަށް ފާހަގަކުރެވޭ، ޑިސިޕްލިންއަށް ބޮޑަށް ބާރުއަޅައިގެން."

ލޯތްބާއި ހިތްހެޔޮކަމާއި އަޅާލުމުގެ އެ ސިފަތަކާ ހެދި ނާސިރާގެ އާއިލާ މިއަދު ވެސް ފެންނަނީ ގުޅިލާމެހިފައި އޮއްވަ އެވެ. އޭނާގެ ގޭގެ ހިޔާވަހިކަމުގައި އުޅުމަކީ އެ މީހުންގެ ނަސީބެވެ. އަދި މުހައްމަދު ކަހަލަ އެތައް ބައެއްގެ ދިރިއުޅުން ކޮޅަށް ޖަހަން ލިބުނު  ފުރުސަތެކެވެ.

މައްސަލަ ޖެހޭނެ، މައްސަލަ ހައްލުކުރާ ގޮތް ތަފާތީ

އަހަރެމެން މެންދުރުފަހު ހުސްނޫއަށް ދިޔަ އިރު ނާސިރާގެ އިތުރުން އެ ގޭގެ އެހެން ދެ އެޕާޓްމަންޓެއްގައި އުޅޭ ދެ ދަރިންނާއި އެމީހުންގެ އަނބިން ބިޒީވެގެން ތިބީ ކާއެއްޗެހި ހެދުމުގަ އެވެ. ހުސްނޫގައި އުޅޭތާ އެންމެ ގިނަ ދުވަސް ވީ ޅީދަރިފުޅު އައިޝަތު ވަހީދާ އޭނާގެ 31 އަހަރުގެ ގުޅުން ސިފަކުރީ "ވަރަށް ބަދަހި، ވަރަށް އުފާވެރި މާހައުލެއް"ގެ ގޮތުގަ އެވެ.

"ކިތަންމެ ބޮޑު ކުދިން ތިއްބަސް މަންމަގެ ބަސް އަހާނީ އެންމެން ވެސް. މަންމަ ނިންމާ ގޮތަކަށް ކަންތައް ނިންމާނީ،" އާއިލާގެ ތެރޭގައި 'ތިއްތައްތަ'ގެ ނަމުން މުހާތަބުކުރާ އައިޝަތު، އޭނާގެ ފިރިމީހާ އަދި އާއިލާގެ ދެވަނަ މެމްބަރު ހުސެއިން ނާހިދުގެ ކައިރީގައި ހުރެ، ބުންޏެވެ.

"މަންމަ ދަރިން ތަރުބިއްޔަތުކޮށްފައި ހުރި ގޮތުންނޭ ބުނެވޭނީ މިހާ ރަނގަޅަށް އުޅެލެވެނީ."

ހުސްނޫ އާއިލާގެ ދެވަނައަށް އެންމެ ދޮށީ މެމްބަރު ހުސެއިން ނާހިދު (ވ)، އޭނާގެ އަންހެނުން އައިޝަތު ވަހީދާ (ކ) އަށް އެހީތެރިވަނީ

އައިޝަތު ޒުހުދާއަކީ، އާއިލާގައި އެންމެ ގިނަ ދުވަސް ވީ ދެވަނަ ޅީދަރިފުޅެވެ. ދިއްދުއަށް އުފަން ޒުހުދާގެ ފިރިމީހާ، އިބްރާހިމް ޝާހިދަކީ އާއިލާގެ ތިންވަނަ މެމްބަރެވެ. އޭނާ އޭރު ތައްޔާރުކުރަމުން ދިޔައީ ހަވާދުލީ ބިހެވެ. ހަވާދުގަނޑަށް ރިހާކުރު އަޅާ ވާހަކަ ޒުހުދާ ބުނުމުން، ލިޔުންތެރިޔާ އައިޝާ ހައިރާންވި އެވެ. ހަވާދުލީ ބިހުގައި އެއްވެސް ބަޔަކު ރިހާކުރު ހިމަނާކަމެއް އޭގެ ކުރިއަކުން އޭނާއަށް އެނގިފައެއް ނެތެވެ.

"އަހަރެމެން މުޅިން ވެސް ހަދަނީ ރިހާކުރު ލައިގެން،" ތައްޔާރުކުރާ ގޮތް ކުޑަކޮށް ކިޔައިދެމުން ޒުހުދާ ބުންޏެވެ.

މޭޒު ދޮށުގައި ޝާހިދު އިށީނދެ އިނެވެ. ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކުރަން ކުދިކުދި ބާގާ ބަނަހުގެ ތެރެއަށް މަސް އަޅަމުން، އޭނާގެ އާއިލީ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދެއްކި އެވެ.

ޝާހިދު ބުނި ގޮތުގައި އެހެން އާއިލާތައް ފަދައިން ހުސްނޫ އާއިލާގެ ތެރޭގައި ވެސް މައްސަލަ ޖެހެ އެވެ. އެކަމަކު އެ މައްސަލަތައް އެހާމެ އަވަހަށް ހައްލުކުރާކަން އޭނާ ފާހަގަކުރި އެވެ.

  • ހުސްނޫ އާއިލާގެ ފާރިސް އަބްދުﷲ އޭނާގެ އެންމެ ހަގު ދަރިފުޅު (ކ) އަދި ބޮޑުބޭބެ ކިޔާ ކުއްޖަކާ އެކު (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
  • ނާސިރާގެ އެންމެ ހަގު ދަރިފުޅު ފާތިމަތު ޒިހުނާ: އޭނާ ބުނީ އާއިލީ ގުޅުން ބޮޑުވުމަކީ ފަހުރެއް ކަމަށް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ބޮޑުބޭބެއެއްގެ ހައިސިއްޔަތުން ޝާހިދު ވާހަކަ ދައްކަނީ: ދެބެންގެ ދެދަރި ކުދިންގެ މެދުގައި އޮތް ގުޅުން ވެސް ވަރުގަދަ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

"ބޭބެ ކޮއްކޮ ޒުވާބުކުރަން ޖެހުނަސް، ނުރުހުން ވިޔަސް މިއީ ޓެމްޕޮރަރީ އެއްޗެކޭ، އެ ވިސްނުން ހުންނާތީ ކަންނޭނގެ [މިސާލަކަށް] ބޭބެ ދެކެ ކިތަންމެ ރުޅިއަޔަސް އެ ވާހަކަ ނިންމާފައި އަނެއްކާ ބޭބެ ކައިރިއަށް ގޮސް އުޅޭނެ،" ޝާހިދު ބުންޏެވެ.

"ކަމަކާ ހިތްހަމަނުޖެހި ހުއްޓެކޭ ކިޔާފައި އަޅުގަނޑުމެން ވާހަކަ ނުދައްކާ [ނުތިބޭނެ]. އެތަނަކަށް ވެސް ދާނެ، އެއްޗެހި ވެސް ނަގާނެ، އުނދަގޫ ވެސް ކުރާނެ. އެ  ވިސްނުން އެންމެންގެ [ހުންނާ]ތީއޭ އިރާދަކުރެއްވިއްޔާ ފެމިލީ [ތެރޭގައި] އެކަހަލަ [ބޮޑެތި] މައްސަލަ ވަރަށް ނުޖެހޭ."

ރާޝިދަކީ ކުރިން މަސްތުވާތަކެތީގެ ވަބާގެ ތެރޭގައި އުޅުނު މީހެކެވެ. ނަމަވެސް އެކަމުން ސަލާމަތްވެ، ދިރިއުޅުން އަލުން ހޯދި އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މީހުން ހޭލުންތެރިކޮށް، އެ ނުބައިން ނުކުންނާނެ ގޮތްތައް ކިޔައިދިނުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރި އެވެ. މިހާރު ވެސް އޭނާ ގެންދަނީ ދިރިއުޅުމުގެ ތަޖުރިބާތައް ހިއްސާކޮށް، އުފާވެރި ހަޔާތެއް ވޭތުކުރާނެ ގޮތްތަކާ ބެހޭ ޕްރޮގްރާމްތައް ޓީވީންނާއި ރޭޑިއޯއިން ހުށަހަޅަމުންނެވެ. އިޖުތިމާއީ ދާއިރާއިން މިދިއަ އަހަރު ގައުމީ އިނާމު ވެސް ލިބުނެވެ.

ހުސްނޫ އާއިލާގެ ހުރިހާ މާމަ ދަރިން ދަތުރު ގޮސް

ރާޝިދުގެ ދިރިއުޅުމުގެ އެންމެ އަނދިރި ދުވަސްކޮޅު މުޅި އާއިލާގެ އެހީތެރިކަމާއި އޭނާ ބާކީނުކޮށް އެންމެން އުޅުނު ގޮތަކީ، އާ ހަޔާތެއް ހޯދައިދޭން ލިބުނު އާއިލީ ފަރުވާ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުން އެއަށް ވުރެ މުހިންމު 'ފަރުވާއެއް' އެ ހާލަތުގައި ނޯންނާނެ މެ އެވެ.

"އަޅުގަނޑުމެންގެ އާއިލާގައި ވެސް ގިނަ އާއިލާތައް ރޫޅެން ދިމާވާ ކަހަލަ ކުދިކުދި ކަންކަން ދިމާވޭ. އެހެންނަމަވެސް އެ ކަންކަން ހޭންޑްލްކުރާލެއް ވަރަށް ރަނގަޅު،" ރާޝިދު ބުންޏެވެ.

"އެއްބަނޑު އެއްބަފާ މީހުންތައް އެކަކު އަނެކަކާ ދޭތެރޭގައި އެ އިންނަ ނިންމުންތައް، މިސާލަކަށް ސިބްލިންގެ މައްސަލައެއް ދިމާވިޔަސް، ނޫނީ ދަރިއަކާއި ދަރިއަކާ ދިމާވާ މައްސަލައެއް ވިޔަސް، އެއްބަނޑު އެއްބަފާ މީހުން ނުނަގާނެ ޑަންލާފައި ޑިސިޝަންއެއް. ނޭދެވޭ ވާހަކައެއް އިވުނަސް އެ ވަގުތު އުޅެލާނެ. ބޮޑު ކަންތައްގަނޑަކަށް ހަދައިގެން އެއް ބަޔަކު އަނެއް ބަޔަކަށް ޝަކުވާކުރާ ތަނެއް ދުވަހަކު ވެސް ނާދޭ."

އެއީ މަންމަގެ ނަސޭހަތުގައި ހިފަހައްޓައިގެން ތިބުމުގެ ނަތީޖާ އެވެ. ނާހިދު ސިފަކުރި ގޮތުން ނަމަ ހުރިހާ އެންމެން "އެއްކޮށްލައިގެން މަންމަ ގެންގުޅޭ ގޮތް" އާއިލީ އެއްބައިވަންތަކަމުގެ ބިންގަލަށް ވެ އެވެ.

"އަދިވެސް މަންމަ ގޮވާލާފައި އެއްޗެއް ބުނިއްޔާ ބިރުގަނޭ، މިހާރު މި ތިބީ އުމުރުން ވަރަށް ދުވަސް [ވެސް] ވެފައި،" ނާހިދު ބުންޏެވެ.

ނާސިރާއަކީ އާއިލީ މައްސަލަތަކުގެ ހައްލު ވެސް މެ އެވެ. ކަމެއް ދިމާވިޔަސް އޭނާގެ ނަސޭހަތުގައި އެންމެން ހިފެހެއްޓުމުން އާއިލީ ގުޅުމުގެ ވާފަށް ނުކެނޑި، ސަލާމަތްކުރެވެ އެވެ.

އެކެއްގެ ކުއްލި ވަކިވުން - އާއިލާއިން ދިން ލޯބި

ހަސަން ޝާމިން އަކީ ހުސްނޫ އާއިލާގެ އެންމެ ހަގު ފިރިހެން މެމްބަރެވެ. އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ މިފްކޯގަ އެވެ. އަންހެން ތިން ދަރިން ތިއްބެވެ. އެންމެ ހަގު ކުއްޖާގެ އުމުރުން އޭރު އެންމެ ދެ އަހަރެވެ.

އެ ކުއްލި ހިތާމަވެރި ހަބަރު ލިބުނީ 8 ފެބްރުަރީ 2017 ދުވަހުގެ ރެ އެވެ: އޮފީހުގައި އުޅެނިކޮށް ކުއްލިއަކަށް ހާޓްއެޓޭކެއް ޖެހި އައިޖީއެމްއެޗަށް ޝާމިން ގެންދިޔަ ހަބަރެވެ. އޭނާ ސަލާމަތްކުރެވޭތޯ އައިޖީއެމްއެޗުގެ ޑޮކްޓަރުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. މަރުވިކަން އިއުލާންކުރި އިރު އާއިލާގެ އެންމެން ކަހަލަ ގޮތަކަށް ތިބީ އެނދު ކައިރީގަ އެވެ. މަރުގެ ހަބަރު ގަބޫލުނުކޮށް އެއްބަޔަކު އޭނާއަށް ގޮވަމުން ދިޔައީ ޑޮކްޓަރުންގެ ނިންމުން ގޯސްވެ، ލޯ ހުޅުވާލާފާނެކަމުގެ އުއްމީދުގަ އެވެ.

ހުސްނޫ އާއިލާގެ ކުރީގެ ފޮޓޯއެއް: ނާސިރާ މޫސާގެ ފިރިމީހާ އަބްދުﷲ އަލީ 2005 ގައި ވަނީ އަވަހާރަވެފައި އަދި ހުސެއިން ޝާމިން (ކަނާތް ފަރާތުން ތިން ވަނައަށް) 2017 ގައި ކުއްލި ގޮތަކަށް މަރުވި

އެކަމަކު އުމުރުން އެންމެ 35 އަހަރުގައި ޝާމީން މަރުވީ އެވެ.

އެ ވަކިވެދިއުމުގެ އުނިކަން އެންމެ ބޮޑަށް އިހުސާސްކުރެވޭނީ އަންހެނުން އައިމިނަތު ރަހުމާއަށެވެ. އެ އިހުސާސްތަކާ އެކު އެވަގުތު ވެސް އޭނާއަށް ޔަގީންވީ ޝާމިން ނެތް ދުނިޔެއެއްގައި ވެސް ތިން ކުދިންނާއި އޭނާ އެކަނި ދޫކޮށްލާ ވަރަށް ވުރެ ހުސްނޫ އާއިލާގެ ލޯބި ބޮޑުވާނެކަމެވެ.

"އެންމެ ފަހަރަކު ވެސް ހިތަކަށްނާރާ އަހަރެމެން އެކަނިވާނެއެކޭ،" ރަހުމާ ބުންޏެވެ.

"ވަރަށް ޔަގީންކަން އޮތް ހުރިހާ ގޮތަކުން ވެސް ވަރަށް ސަޕޯޓިވްވާނެއޭ ޝާމިންގެ އާއިލާއިން. އަލްހަމްދުލިﷲ. ހަމަ ވަރަށް، ވަރަށް އެހީތެރިކަން ދެމުން އަންނަނީ."

 ޝާމިންގެ ހުވަފަތް އަންހެނުން އައިމިނަތު ރަހުމާގެ ކައިވެނީގެ ހަފުލާގައި ގޭ ހުރިހާ އަންހެންވެރިން

ހުސްނޫގެ އާ އިމާރާތް ހަދާ ނިންމީ ޝާމިން މަރުވި ފަހުންނެވެ. އެކަމަކު އޭނާއަށް ވެސް ވަކި އެޕާޓްމަންޓެއް ދީ، އާއިލާގެ ތިން ކުދިންނާއި ހުވަފަތް ޅީދަރިފުޅަށް ވެވެން އޮތް ހުރިހާ އެހީއެއް، ނާސިރާ އާއި އެހެން މެމްބަރުންގެ ފަރާތުން ފުރިހަމަކޮށްދިނެވެ. ރަހުމާ ބުނީ އެ ހެޔޮކަން ކިޔައިދިނަސް މީހަކަށް އިހުސާސް ވެސް ނުކުރެވޭހާ، އެ އާއިލާ ރަނގަޅު ކަމަށެވެ.

"މަންމައަކީ އެއްވެސް ދަރިއަކަށް ތަފާތުކުރާ މީހެއް ނޫން. އުފަން ދަރިއެކޭ، ދަނބިދަރިއެކޭ، ޅީދަރިއެކޭ، މާމަދަރިއެކޭ، ހަމަ އެއްގޮތަކަށް މަންމަ ކަންތައްކުރާނީ،" ރަހުމާ ބުންޏެވެ.

"ވަރަށް ތަފާތު މަންމައެއް އެއީ." 

ފަސް އަހަރަށް ފަހު ރަހުމާގެ އާ ކައިވެނި، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ބޭއްވީ ހުސްނޫ ޓެރެސްގައި ޝާމިންގެ އާއިލާގެ އެންމެންގެ ހާޒިރުގަ އެވެ.

ލޯތްބާއި އެހީތެރިކަމާއި ގުޅުމުގެ ހަމަ ތަފާތު މަންޒަރެކެވެ.

އާއިލީ އިހުސާސްތައް ރޯދަ ވީއްލުމަށް ފަހު

ހަވީރު އަތަށް އެޅުމާ އެކު ގޭ ތެރެއަށް ވަދެގެން އައި ނާސިރާގެ ދަރިންނާއި މާމަ ދަރިންތަކުން ތަން ފުރި، އަޑު ހިއްޕާލި އެވެ. ޓެރަސް މަތީގައި ހުރި ޖޯލިފަތިތަކާއި ގޮނޑިތަކާއި ސިޓިން ރޫމްގެ ގޮނޑިތަކުގައި އެކި ކުދިން ތިބެ، އެ ކުއްޖެއްގެ އުމުރާ ގުޅޭ ވާހަކަތަކުގެ ތެރެއަށް ގެއްލުނެވެ. ދެބެންގެ ދެދަރި ކުދިންގެ ވެސް އޮތީ އެހާމެ ގާތް ލޯބީގެ ގުޅުމެކެވެ.

"ވަރަށް އުފާވޭ އަސްލު މި ފެމިލީ ބޮންޑު އޮންނާތީ،" ޒިހުނާ، 38، ބުންޏެވެ. އޭނާގެ ބޭބެ އިސްމާއިލް މާދިހުއަށް އެ މަންޒަރުތަކުން ލިބޭ އުފާ ސިފަކޮށްދޭކަށް ވެސް ނޭނގެ އެވެ. އެންމެން އެކުގައި ދަތުރު ދެ އެވެ. މަހަށް ދެ އެވެ. އެހެންކަމުން އެ އާއިލާގެ އެއްވުންތައް ވެފައި ވަނީ އާދައަކަށެވެ. އެކަމަކު މުޅި އާއިލާ އެއްވާ ކޮންމެ ފަހަރަކު ވެސް އެ އުފެދޭ އުފާވެރިކަން މާދިހުއަށް ވަރަށް ހާއްސަ އެވެ.

ޒިހުނާ 'ދައުރު'އަށް އިންޓަވިއުދެނީ: އޭނާ ބުނީ އާއިލާގެ ގުޅުމަކީ ފަހުރެއް ކަމަށް

"ފެމިލީ އެންމެން ވީމާ އަންނަ ހެޕިނަސް ނޭނގެ ކިޔައިދޭކަށް، ވަރަށް އުފާވެރި އިހުސާސެއް ވަމުންދަނީ،" މާދިހު ބުންޏެވެ.

"މީތި ލޫޒްވާން ބޭނުމެއް ނުވޭ. އަބަދުވެސް އެކްސްޕެކްޓްކުރެވޭ މި ގޮތަށް މިކަން ކުރިއަށް ދާން."

މާލޭގެ ހުޅަނގު ފަރާތުގެ އެންމެ ފަހު ގެތަކުގެ ތެރޭގައި ހިމެނޭ ހުސްނޫގެ ޓެރަސް މަތީގައި ތިބި އިރު އިރުއޮއްސޭ މަންޒަރުގެ ހިތްގައިމު ކުލަތައް ރީއްޗަށް ފެނެ އެވެ. މަގުރިބު ނަމާދުގެ ބަންގިއާ އެކު އެންމެން ރޯދަވީއްލަމުން ދިޔައީ ރަތް ކުލައިން މުޅި އުދަރަސް ފަވާލާފައި އޮއްވަ އެވެ.

އިރު އޮއްސެމުން ދިޔަ ވަގުތު ޖޯލިފަތީގައި އާއިލާގެ ބައެއް މީހުން (ދައުރު ފޮޓޯ: އަބްދުﷲ ޔަޝާއު)
ހުސްނޫގެ ޓެރެސްގައި ރޯދަ ވީއްލަން ތިބި އިރު އުދަރެސް އޮތީ ރަތް ކުލައިން ދިއްލިފައި (ދައުރު ފޮޓޯ: އަބްދުﷲ ޔަޝާއު)

ނާސިރާގެ މާމަދަރިންގެ އެއް ބެޗު ބޭރުގައި ޑިގްރީ ފުރިހަމަކޮށްފި އެވެ. އެކަކު މިވަގުތު ވެސް ހުރީ މެލޭޝިއާގަ އެވެ. އޭ ލެވެލް ހަދާ ކުދިންނާއި އެކި ގްރޭޑްތަކުގެ ދަރިވަރުން ހިމެނޭ ގޮތުން އާއިލާގެ ތައުލީމީ ހަޔާތް އަދިވެސް އޮތީ ދިރިދިރި އެވެ. އެއީ ނާސިރާއަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެކެވެ. ކުޑަކުދިންގެ ސަކަރާތާއި ގަދަ އަޑަކީ އެ ގޭގެ ދިރުމެވެ.

ނާސިރާ ހިތުގެ އަޑިން ގަބޫލުކުރާގޮތުގައި މި އެކުވެރިކަން ގުޅިފައި އޮތީ އޭނާގެ ދަރިންގެ އިތުރުން ދަރިންގެ އަނބިން/ފިރިން ވެސް އާއިލީ ބަދަހިކަން ދަމަހައްޓަން ކުރާ މަސައްކަތާ އެވެ.

ނާސިރާގެ މާމަ ދެ ދަރިން ފޯނުން އެއްޗެއް ބަލަނީ: ހަފުތާއަކު މަދުވެގެން އެއް ފަހަރު ހުސްނޫއަށް ހުރިހާ ކުދިން ވެސް ޒިޔާރަތްކުރަން ޖެހޭނެ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

"[ދަރިން] އިނދެގެން އަންނަ މީހުން ވެސް ދަރިންނެކޭ އެއްގޮތަށް އުޅޭނެ. އެއްވެސް މައްސަލައެއް ދުވަހަކު ވެސް، އަތްނބަކަށް ވެސް ފިރިހެން ދަރިއަކަށް [ދަނބިދަރިން] ވެސް ހަމަ ނޯންނާނެ. ދަރިންނާ ހަމަ އެއްގޮތަކަށް ހުރިހާ ކަމެއް ވެސް އޮންނާނީ،" ގޭތެރޭގައި އޭނާ ގެންގުޅޭ އުސޫލުތަކާ ބެހޭ ގޮތުން ނާސިރާ ބުންޏެވެ.

ޅީދަރިން ކަމަށްވާ އައިމިނަތު އަލީ އާއި އައިޝަތު ޝިފާ އެ ވާހަކައަށް ތާއީދުކުރި އެވެ. މާދިހުގެ އަންހެނުން އައިންތު ބުނީ "ބޭރުން އައިސް އުޅޭ މީހެއްގެ ފީލް އެއްގޮތަކަށް ވެސް ނުކުރެވޭ" ކަމަށެވެ. އެ ވާހަކައަށް ޝިފާ އިތުރުކޮށްލީ "ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަރަށް ވެލްކަމިން ފެމިލީއެކޭ" ބުނަމުންނެވެ.

ބައެއް އާއިލާތަކުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދަރިން ކައިވެނިކުރާ މީހުންނާ މެދު އޮންނަ ދުރުކަމާއި ހިތްހަމަނުޖެހުމެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭ އިރު ވެސް، މައިންބަފައިން ނުވަތަ އާއިލާގެ އެހެން ކޮންމެވެސް މީހެއްގެ ހިތުގައި އުފެދޭ ރުޅިއެއް/ގަބޫލުނުވުމެއް، ބަދަލުވެގެން ދަނީ އާއިލީ ހަމަނުޖެހުމަކަށެވެ. ބައެއް ހާލަތްތަކުގައި އެ ރުޅި އަބަދު ފާޅުނުކޮށް އެކަމަކު "ކަލޭ ތީ އަހަރެމެންގެ މީހެއް ނޫނޭ" ބުނާކަމުގެ އިހުސާސް، ގެއަށް އަންނަ އާ ބައިވެރިޔާއަށް ކުރެވެ އެވެ.

ނާސިރާގެ މާމަ ދަރިއެއްގެ ކައިވެނީގައި އޭނާ އާއި ހުރިހާ ދަރިންނާއި ޅީދަރިން އަދި ދަނބިދަރިންނާ އެކު

ހުސްނޫ އާއިލާގެ ހުރިހާ ދަނބިދަރިންނާއި ޅީދަރިން އެއްބަސްވާ ގޮތުގައި އެ އާއިލާގެ ގުޅުމުގެ ތެރޭގައި އެފަދަ ކޫރުމެއް ނުއުފެދެ އެވެ. އެކަން ޝިފާގެ ބަހުން ފުރިހަމަކޮށްލަދިނީ "މިކަހަލަ ފެމިލީއަކާ ޖެހުމުން ވަރަށް އުފާވެއޭ" ބުނެލަމުންނެވެ.

ތިން މާމަދަރިން ކަމަށްވާ ޝަމާ އާއި ސުލަފް މޫސާ ލަތީފް އަދި މާއިޝް މާދިހު އިސްމާއިލް، ރޯދަވީއްލާ ނިމިގެން 'ދައުރު'ގެ ކެމެރާ ކުރިމަތީގައި އިށީނދެ، ކުރުކޮށް އެކަމަކު ފޮނިކޮށް އާއިލާގެ މިފަދަ އެއްވުންތައް ސިފަކޮށްދިނެވެ. އުމުރުން 24 އަހަރުގެ ޝަމާ، މެލޭޝިއާގައި ޑިގްރީ ނިންމައިފި އެވެ. ސުލަފް، 18، ވިލާ ހައި އިންޓަނޭޝަނަލް ސްކޫލްގައި އޭ ލެވެލްގެ ފުރަތަމަ އަހަރުގެ ކިޔެވުން ފެށީ އެވެ. މާއިޝް، 18، ގުޅުނީ ނެޝަނަލް ޔުނިވަސިޓީއާ އެވެ.

ނާސިރާގެ ތިން މާމަދަރިން: (ކަނާތުން ވާތަށް) މާއިޝް، ޝަމާ، ސުލަފް

ސުލަފް ބުނީ ރޯދަވީއްލުމުގެ އެއްވުމަކީ އާއިލީ ގުޅުންތަކުގެ "އެންމެ މަޖާ ބައި" ކަމަށެވެ. ޝަމާއަށް އެއީ ފަހުރެކެވެ.

"އެހާ ބޮޑު ފެމިލީއެއް. ފެމިލީ ރިލޭޝަންސް މެއިންޓެއިން ކުރެވޭ މިގޮތަށް ކޮންމެ އަހަރަކު ވެސް އަބަދު ވެސް އޮންނާތީ،" ޝަމާ ބުންޏެވެ.

"ކަޒިންސް ވެސް ނުފެނި ހުއްޓަސް މިގޮތަށް ދިމާވާތީ ވަރަށް ކްލޯސް ރިލޭޝަންސް އޮވޭ...މާމަ ކުދިން ވެސް އަބަދުވެސް އެއްކޮށް އުޅެވޭތީ އަސްލު ވަރަށް ޕްރައުޑްވޭ."

 އައިމިނަތު އަލީ (ކ) އަދި އައިޝަތު ޝިފާ 'ދައުރު'އަށް އިންޓަވިއު ދެނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

މާމައަކީ މި ކުދިންގެ ވެސް ފުރަތަމަ ހޮވުމެވެ. މާއިޝް ބުނިގޮތުގައި ގިނަ ދުވަސްދުވަހު "އަންނަނީ ވެސް މާމައަށްޓަކަ" އެވެ.

ރޯދަ ވީއްލާ ނިމި، ނަމާދުކޮށްގެން ޓެރެސް މައްޗަށް ނުކުމެ ނާސިރާ ދެއްކި ވާހަކަތަކުގައި އޭނާގެ އެންމެ ބޮޑު އެދުމެއްގެ ގޮތުގައި ފާޅުކުރީ އޭނާ ނެތް ދުނިޔެއެއްގައި ވެސް އާއިލީ ގުޅުން، އެއްބަނޑު އެއްބަފާކަމުގެ ގުޅުން، ހަމަ މިގޮތަށް ދެމެހެއްޓުމެވެ.

"ބުނެފައި އޮންނާނީ އަހަރެން މަރުވިޔަސް މިގޮތަށް ކުދިން އެކުގައި އުޅެއްޗޭ، ވަކި ނުވައްޗޭ، ގުޅުން ކަނޑާލައިގެންނުވާނެއޭ،" ނާސިރާ ބުންޏެވެ.

"އެގޮތަށް އެކުދިން އުޅޭނީ އިރާދަކުރެއްވިއްޔާ."

ހަގީގަތުގައި މިއީ އެކުގައި އުޅޭ އާއިލާތަކުގެ ތެރެއިން އެއް އާއިލާ އެވެ. ރާއްޖޭގެ އެކި ރަށްރަށަށް ރާޝިދު ކުރި ދަތުރުތަކުގައި ބޮޑެތި އެތައް އާއިލާއެއްގެ އެކުވެރި ގުޅުންތައް ފެނިފައިވެ އެވެ. އޭނާ ބުނި ގޮތުގައި އާއިލީ ގުޅުންތައް ކެނޑޭ ވާހަކަ ދެކެވެނީ، ރަނގަޅަށް އުޅޭ އާއިލާތަކުގެ ވާހަކަ ނޭނގޭތީ އެވެ.

"ވަރަށް ބައިވަރު އާއިލާތައް އެބަ އުޅޭ ވަރަށް ސަޅި އުސޫލުތައް ގެންގުޅޭ. އިރާދަކުރެއްވިއްޔާ ރާއްޖޭގައި މިކަހަލަ ހަމަ ވަރަށް ބައިވަރު ރަނގަޅު ފެމިލީތައް އެބަ އުޅޭ،" ރާޝިދު ބުންޏެވެ.

'ދައުރު'ން ހުސްނޫ އާއިލާގެ ގުޅުމުގެ މައުލޫއު ނެގުމުން އައިންތު ބުނީ އެކަމާ "ވަރަށް އުފާވެއްޖެ" ކަމަށެވެ. އޭގެ ސަބަބު ވެސް އޭނާ ކިޔައިދިނެވެ. އޭނާގެ އާއިލާއަކީ ވެސް ވަރަށް ގުޅުން ބޮޑު އެކަމަކު ކުޑަ އާއިލާއެކެވެ. ހުސްނޫ އާއިލާ ތަފާތީ، ޝިފާ އާއި އައިންތު ބުނި ގޮތުގައި، އެހާ ބޮޑުވެފައި، އެންމެން ވެސް އެހާ ލޯބިން ގުޅިގެން އުޅޭތީ އެވެ.

"ރާއްޖޭގައި ވެސް އާއިލީ ގުޅުންތައް އެބަ ޖެހޭ ވަރަށް ބޮޑަށް ރަނގަޅުކުރަން،" އައިންތު ބުންޏެވެ.

"މިކަހަލަ ގޮތަކަށް [އާއިލީ ގުޅުން] ދައްކުވައިދިނީމާ އެހެން މީހުންނަށް ވެސް އިބުރަތެއް ލިބި، ހިތްވަރަކަށް ވެގެންދާނެ."

ރޯދަ ވީއްލުމަކުން ހުސްނޫ އާއިލާގެ އެ ބައްދަލުވުން އަދި ނުނިމެ އެވެ. ހުރިހާ ދަރިން އެކުގައި އެ ގޭގައި އެތައް އިރެއް ވަންދެން އުޅެ އެވެ. މާދިހު ބުނި ގޮތަށް އެ އެއްވުންތައް ކިތަންމެ ގިނަޔަސް، އެއަކުން ފޫހިކަމެއް ނުފެނެ އެވެ.

އެއީ އާވެއާވެ ހުންނަ އުފާވެރި އިހުސާސްތަކެކެވެ.

މި ރިޕޯޓްގެ މަސައްކަތުގައި ބައިވެރިވި ދައުރުގެ ޓީމު

ފޮޓޯގެ ކަނާތުން ވާތަށް: ލައިފްސްޓައިލް ލިއުންތެރިޔާ އައިޝާ އީމާން، ޕްރޮޑިއުސަރު/ވީޑިއޯގްރާފަރު އިބްރާހިމް އާދަމް 'ދައުރު'ގެ އެޑިޓަރު މޫސާ ލަތީފު އަދި ފޮޓޯގްރާފަރު އަބްދުﷲ ޔަޝާއު

ކޮމެންޓް (2)

މުޙައްމަދު

30 އޭޕްރީލު 2022
ވަރަށް ވެސް އުފާވެރި. ތިޔަ އާއިލާ ތިޔަ ބަދަހި ކަމުގައި އަބަދު ލަހައްޓަވާށި
7 0

ޝާކިރު

30 އޭޕްރީލު 2022
މާޝާﷲ . އުފަލުގެ ކޮޅެއްނެތް ހުރިހާ އާއިލީ ގުޅުންތަކެއް ބަދަހިކުރައްވާށި. ހުސްނޫ ޢާއިލާއަށް ބާއްޖަވެރިކަން އިތުރު ކުރައްވާށި. މަރުހޫމް ޢަބްދުﷲ ޢަލީއަކީ އަޅުގަނޑުގެ ރައްޓެއްސެއް. ފުއްސަވައި ރަޙުމަތް ލައްވާށި. އާމީން
25 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް