Majlis 2024
ޗެލްސީ

ސްޓާލިންއާ އެކު ޗެލްސީން އެއްބަސްވުމަކަށް އަތުވެއްޖެ

ސިޓީގައި މަޑުކުރަން އޭނާ ބޭނުމެއް ނޫން

މެންޗެސްޓާ ސިޓީގެ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިން ޗެލްސީ އަށް ބަދަލުވާން އެ ކްލަބާ އެކު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޗެލްސީން މަސައްކަތްކުރަމުން އަންނަނީ ޕްރީ ސީޒަން ޓުއާއަށް އަންނަ ހަފުތާގައި އެމެރިކާ އަށް ދިއުމުގެ ކުރިން ސިޓީއާ އެކު އެއްބަސްވުމަކަށް އައިސް އޭނާ ލައްވައި ކޮންޓްރެކްޓުގައި ސޮއިކުރުވާށެވެ.

ސިޓީން އޭނާ ވިއްކާލާނީ 50 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގަކަށެވެ.

ސްޓާލިން ވެގެންދާނީ އެމެރިކާގެ ޓޮޑް ބޮއެލީ އިސްވެ ހަދާފައިވާ ކޮންސޯޓިއަމްއަކުން ޗެލްސީ ގަތް ފަހުން ގެންނަ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ޗެލްސީގެ ކާމިޔާބު ވެރިޔާ ރަޝިއާގެ ރޯމަން އަބްރަހަމޮވިޗް އެ ކްލަބް ވިއްކާލީ ރަޝިއާ އިން ޔޫކްރޭނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އިނގިރޭސި ސަރުކާރުން އޭނާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުންނެވެ.

އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ސިޓީއާ އެކު ހަދާފައިވާ ކޮންޓްރެކްޓުގައި އޮތީ ބާކީ އެންމެ އަހަރެކެވެ. ސިޓީން އޭނާގެ ކޮންޓްރެކްޓް އާކުރަން ބޭނުންވި އެވެ. އެކަމަކު ސްޓާލިން އާ ތަޖުރިބާއެއް ކުރަން ބޭނުންވާތީ އޭނާ ނިންމީ ކޮންޓްރެކްޓް އާނުކުރާށެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ކްލަބުގައި މަޑުކުރަން ބޭނުން ނޫން ކުޅުންތެރިން ހިފަހައްޓަން ބޭނުން ނޫން ކަމަށް ބުނެ އޭނާ ވިއްކާލަން ހުއްދަ ދީފަ އެވެ. ސިޓީން ވަނީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް ފޯވާޑް އާލިން ހާލަންޑް ގެނެސްފަ އެވެ.

މި ޓްރާންސްފާގައި ސިޓީން ސްޓާލިން ވިއްކާނުލައިފި ނަމަ އަންނަ ސީޒަނަށް ފަހު އޭނާ އަށް ހިލޭ ކްލަބް ދޫކޮށްލެވޭނެ އެވެ.

ސްޓާލިން ގެންދިއުމަށް ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް ވެސް ޝައުގުވެރިވި އެވެ. އެކަމަކު އޭނާ ބޭނުންވީ ޗެލްސީ އަށް ބަދަލުވާށެވެ.

ލިވަޕޫލުން ވިދާލި ސްޓާލިން އަކީ ކާމިޔާބީ ހޯދަން ކަމަށް ބުނެ 2015 ވަނަ އަހަރު ސިޓީއާ ގުޅުނު ކުޅުންތެރިޔެކެވެ. އެކަމަކު އޭނާ އަށް ސިޓީއާ އެކު އަދި ޗެމްޕިއަންސް ލީގެއް ނުހޯދެ އެވެ. ލިވަޕޫލް ވަނީ އޭގެ ފަހުން ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް