Majlis 2024

(ފޮޓޯ/ ގެޓީ އިމޭޖެސް)

އިންސްޓަގްރާމުން ކަސްޓަމަރުންގެ އުމުރު ޔަގީން ކުރާނެ އާ ގޮތްތަކެއް ޓެސްޓުކުރަނީ

ޒުވާން އުމުރުފުރައިގެ ކުދިންނަށް އިންސްޓަގްރާމުގެ ސަބަބުން ނަފްސާނީ ގިނަ ގެއްލުންތަކެއް ލިބޭ ކަމަށް ބައެއް ދިރާސާތަކުން ވަނީ ދައްކާފައި

އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކުގެ އުމުރު ޔަގީން ކުރާނެ އާ ގޮތްތަކެއް އެމެރިކާގައި ޓެސްޓުކުރަމުންދާ ކަމަށް އެ ކުންފުނިން މިދިޔަ ބުރާސްފަތި ދުވަހު ބުނެފި އެވެ.

އިންސްޓަގްރާމުން މިހާރު އުމުރު ޔަގީން ކުރަނީ ކަސްޓަމަރުން ހުށައަޅާ އައިޑީކާޑު ނުވަތަ ޕާސްޕޯޓު ފަދަ ރަސްމީ ލިޔެކިޔުމެއް ބޭނުންކޮށްގެންނެވެ. އޭގެ އިތުރުން އުމުރު ޔަގީން ކުރެވޭނެ އިތުރު ދެ ގޮތެއް ޓެސްޓުކުރަމުން އަންނަ ކަމަށް މެޓަ ކުންފުނިން ވަނީ ބުނެފަ އެވެ.

"ބޭނުންކުރާ ފަރާތަކީ 17-13 އަހަރާ ދެމެދުގެ ކުއްޖެއް ނަމަ އެ ކުއްޖަކަށް އިންސްޓަގްރާމުން ލިބިގަނެވޭނެ ހިދުމަތްތައް ހަނިވެގެންދާނެ. މިސާލަކަށް ދޮށީ އުމުރުގެ ނުދަންނަ މީހުން އެ ކުދިން މެސެޖު ފޮނުވޭނެ ގޮތްތައް ބަންދުވުމާއި އެ އުމުރުފުރައިގެ ކުދިންނަށް ފޯރާނެ އިސްތިހާރުތައް މަދުވެގެން ދިޔުން،" މެޓަގެ ގަވަނަންސްއާ ބެހޭ ޑައިރެކްޓަރު އެރިކާ ފިންކަލް ލިޔުއްވި ބްލޮގް ޕޯސްޓެއްގައިވެ އެވެ.

ކަސްޓަމަރުންގެ އުމުރު ދެނެގަތުމަށް 'ޔޯޓީ'ގެ ނަން ދީފައިވާ އުމުރު ދެނެގަތުމުގެ މަސައްކަތްތައް ކުރާ ކުންފުންޏަކާއި ބައިވެރިވެފައިވާ ކަމަށް އިންސްޓަގްރާމުން ބުނެފައިވެ އެވެ.

'ޔޯޓީ'އާ އެކު އިންސްޓަގްރާމުން މިހާރު އުމުރު ދެނެގަތުމަށް ޓެސްޓު ކުރަމުންދާ ދެ ގޮތުން އެއް ގޮތަކީ ކަސްޓަމަރުން ވީޑިއޯ ސެލްފީއެއް ފޮނުވުމުން މޫނުމަތީގައިވާ ތަފްސީލުތަކަށް ބަލާ، ކަސްޓަމަރެއްގެ އުމުރު ޓެކްނޮލޮޖީ މެދުވެރިކޮށް ދެނެގަތުމެވެ. އަދި އަނެއް ގޮތަކީ ކަސްޓަމަރެއްގެ ފޮލޯވަރުންގެ ތެރެއިން އުމުރުން 18 އަހަރުން މަތީގެ ތިން މީހަކު ކަސްޓަމަރުގެ އުމުރު ޔަގީން ކޮށްދިނުމެވެ.

އިންސްޓަގްރާމުން ކަސްޓަމަރުންގެ އުމުރު ޔަގީން ކުރުމުގެ އިތުރު ގޮތްތަކެއް ޓެސްޓުކުރަމުން މި ދަނީ ކުޑަކުދިންނަށް އަމާޒުކޮށް އިންސްޓަގްރާމުން ލޯންޗުކުރަން އުޅުނު އިންސްޓަގްރާމް ކިޑްސް ލޯންޗުކުރުން މިދިޔަ އަހަރު މުއްދަތެއް ނެތް ގޮތަށް މަޑުޖައްސާލާފައި ވަނިކޮށެވެ.

މި ހިދުމަތް ނުފަށާ އިންސްޓަގްރާމުން މަޑުޖައްސާލީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުންނާއި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ހިއްސާކުރުމާ ގުޅިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް