Majlis 2024

ކޮރޯނާވައިރަަސް ލޮކްޑައުންތަކާ ދެކޮޅަށް އުރުމްޗީގައި މުޒާހަރާ ކުރަމުންދާ ވީޑިއޯތައް ދައުރުވާން ފަށާފައި ވަނީ ހުކުރު ދުވަހު (ފޮޓޯ/ރޮއިޓާސް)

ޗައިނާ

ޗައިނާގެ ޝިންޖިއާންގައި ކޮވިޑު ލޮކްޑައުންތަކާ ދެކޮޅަށް މުޒާހަރާތަކެއް

ކޮވިޑު ލޮކްޑައުންތަކާ ދެކޮޅަށް ޗައިނާގެ ގިނަ ސަރަހައްދުތަކެއްގައި މުޒާހަރާތަކެއް ދަނީ ކުރަމުން
27 ނޮވެމްބަރު 2022

ޗައިނާގެ ޝިންޖިއާންގްގެ ވެރިރަށް އުރުމްޗީގެ އެޕާޓްމަންޓް ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހުން މަރުވުމާ ގުޅިގެން އެ ސިޓީގައި ކޮވިޑު ލޮކްޑައުންތަކާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރިއަށްދާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ. 

މުޒާހަރާ ކުރާ މީހުން އޮފިޝަލުންނާ ކުރިމަތިލާ، ބެރިކޭޑުތައް ވައްޓާލާ "ކޮވިޑު ލޮކްޑައުން ހުއްޓާލުމަށް" ގޮވާލާ މަންޒަރު މި ވީޑިއޯތަކުން ފެނެ އެވެ.

ޗައިނާގެ ސަރުކާރުން ހަރުކަށި 'ޒީރޯ ކޮވިޑު' ސިޔާސަތެއް ތަންފީޒު ކުރަމުން އައި ކަމުގައިވީ ނަމަވެސް އެ ގައުމުގައި ކޮވިޑު ޖެހޭ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. 

ކޮވިޑާ ގުޅޭގޮތުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލާނެ ކަމަށް އުރުމްޗީގެ ސަރުކާރުން މިހާރު ވަނީ ވައުދުވެފަ އެވެ. ނަމަވެސް ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި މީހުން ސަލާމަތްވުމަށް، މި ފިޔަވަޅުތަކުގެ ސަބަބުން ހުރަސް އެޅުނު ކަމަށް ކުރެވޭ ތުހުމަތު އިދާރާތަކުން ދޮގު ކުރެ އެވެ. 

ޗައިނާގެ ހުޅަނގުގައި އޮންނަ ޝިންޖާންގް ސަަރަހައްދުގެ ވެރިރަށް އުރުމްޗީގައި ދިރިއުޅޭ މީހުންގެ މައްޗަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނީ އޮގަސްޓު މަހުގެ ކުރީކޮޅުން ފެށިގެނެވެ. 

ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއިން ސަލާމަތްވުމަށް އެތަނުން ބޭރަށް ނުކުތުމަށް އިދާރާތަކުން ހުރަސް އެޅި ކަމަށް އެ އެޕާޓްމަންޓު ބްލޮކުގައި ދިރިއުޅެމުން އަންނަ މީހަކު ވަނީ ބީބީސީއަށް ކިޔައިދީފަ އެވެ. 

ނަމަވެސް ޗައިނާ ސަރުކާރުގެ މީޑިއާއިން މި ތުހުމަތުތައް ވަނީ ދޮގުކޮށްފަ އެވެ. 

އުރުމްޗީގައި ހުކުރު ދުވަހުގެ ރޭ ކުރިއަށް ދިޔަ މުޒާހަރާތަކުގައި އާންމުންގެ ގިނަ ބަޔަކު މޫނުމަތީ މާސްކު އަޅައިގެން މަގުތަކަށް ނުކުންނަމުންދާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ. އެމީހުން އޮފިޝަލުންނާ ޒުވާބުކޮށް، އަޑުއުފުލާ ހަދަ އެވެ. ރޮއިޓާސް އިން ވަނީ މިއީ އުރުމްޗީގައި ނަގާފައިވާ ވީޑިއޯތަކެއް ކަން ކަށަވަރުކޮށްދީފަ އެވެ. 

ސަރުކާރާ ދެކޮޅަށް އިންޓަނެޓުގައި ކުރާ ހުރިހާ މުއާމަލާތްތައް ބެއިޖިންގްގެ ސަރުކާރުން މުޅިން ސެންސަރު ކުރެ އެވެ. އެހެންކަމުން އުރުމްޗީގައި ހިނގި މި މުޒާހަރާއާ ގުޅޭގޮތުން އިންޓަނެޓުގައި އާއްމުކޮށްފައިވާ ގިނަ ފޮޓޯތަކާއި ވީޑިއޯތައް ހޮނިހިރު ދުވަހު ވަނީ ގެއްލިފަ އެވެ.

ކޮވިޑު ގަވާއިދުތަކާ ހެދި ބުރާސްފަތި ދުވަހުގެ އަލިފާންގަނޑު ނިއްވާލުމަށް ފަޔާފައިޓަރުންނަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް އިންޓަނެޓުގައި ބައެއް މީހުން ކިޔައިދީފައިވެ އެވެ. ނަމަވެސް މި ހުރަސްތައް ދިމާވީ ޕާކުކޮށްފައި ހުރި ވެހިކަލްތަކުގެ ސަބަބުން ކަމަށް އިދާރާތަކުން ވަނީ ބުނެފަ އެވެ. 

ކޮވިޑުގެ ހަރުކަށި ގަވާއިދުތަކާ ދެކޮޅަށް ޗައިނާގައި ކުރަމުން އަންނަ މުޒާހަރާތަކާ ގުޅޭ (ވީޑިއޯ/ ޑީޑަބްލިއު ނިއުސް)

ސަރުކާރާ ދެކޮޅަށް ޗައިނާގައި ގިނަ ބަޔަކު އަޑުއުފުލާ މުޒާހަރާ ކުރާ މަންޒަރު ފެނުމަކީ މަދުން ނޫނީ ނުވާ ކަމެކެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ޗައިނާ ސަރުކާރުން އަމަލުކުރަމުންދާ ސިޔާސަތުތަކަށް ފާޅުގައި ގިނަ ބަޔަކު އަންނަނީ މިހާރު ދެކޮޅު ހަދަމުންނެވެ. އެގޮތުން ހޮނިހިރު ދުވަހު ޝިއާން، ޗަންގްޗިންގް އަދި ނަންޖިންގްގައި ވެސް މުޒާހަރާތަކެއް ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް