އިސްލާމީ މަރުކަޒު: ކަމާލުއްދީންގެ ގައުމީ ހިދުމަތުގެ އެންމެ ބޮޑު އުފާ

އިސްލާމީ މަރުކަޒުގެ މަޝްރޫއުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ކަމާލުއްދީން
5 ޖުލައި 2022

މުހިންމު ނުކުތާތައް

ސާމާނު ނެތް ދުވަސްވަރެއްގައި ބޮޑެތި އިމާރާތްތަކެއް ތަޅައި، ބިން ސާފުކުރުމަކީ ވެސް ބޮޑު މަސައްކަތެއް

އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ސްރީ ލަންކާއިން މީހުން ގެނެސް ސިމެންތި ޖެހުން

މިހާރު ވެސް އެންމެ އުފާވެރި ގިނަ ހަނދާންތައް ގުޅިފައި އޮތީ އިސްލާމީ މަރުކަޒާ

ސުވާލު: ގައުމީ ހިދުމަތްތަކުގެ ތެރެއިން އެންމެ ބޮޑު އުފަލެއް ލިބިވަޑައިގަންނަވަނީ ކޮން ކަމަކާ ގުޅިގެންތޯ؟

ޖަވާބު: [އިސްލާމީ މަރުކަޒު] އެއީ އަޅުގަނޑަށް ކުރެވުނު މަސއްކަތްތަކުގެ ތެރެއިން އެންމެ ބޮޑު ހިތްހަމެޖެހުން ލިބުނު [ކަންތައް].

މިއީ އަބްދުﷲ ކަމާލުއްދީންގެ ވާހަކަ އެވެ. ގައުމީ ހިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ކުރީގެ މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާލޭގެ މެމްބަރުކަން ވެސް ކުރެއްވި ކަމާލުއްދީނަށް އިސްލާމީ މަރުކަޒުގެ މަޝްރޫއު ވަރަށް ހާއްސަ އެވެ. އޭގެ ކުރިންނާއި ފަހުން ވެސް ގައުމީ ވަރަށް ބޮޑެތި މަޝްރޫއުތަކުގެ އިސް ވެރިއެއްގެ ގޮތުން ނެންގެވި ޒިންމާތައް މަދެއް ނޫނެވެ. އެކަމަކު އެ ރީތި އިސްލާމީ މަރުކަޒާ ގުޅޭ ހަނދާންތައް މުޅިން ތަފާތެވެ. 

ހިދުމަތްތެރިންގެ ހަޔާތާ ގުޅިފައި އޮންނަ އެންމެ ހިތްގައިމު ކަމަކީ ހިތްވަރެވެ. ބޭނުންވާ ސާމާނު ލިބެން ނެތް، މާލީ ތަނަވަސްކަން ވެސް އެހާމެ ކުޑަ އަދި ތަރައްގީގެ ބޮޑެތި މަސައްކަތްތަކުގެ ތަޖުރިބާ ހޯދަމުން ދިޔަ ދުވަސްވަރެއްގައި އެ އުފުލި ބުރަ އެވެ. ކަމާލުއްދީންގެ ހިދުމަތްތަކުގައި އެކަހަލަ ކިތައްމެ ހިތްގައިމުކަމެއް ފެންނަން އެބަ ހުއްޓެވެ. އޭނާގެ ހަނދާންތައް މާޒީގެ ތެރެއަށް ދޫކޮށްލައްވައި ކިޔައިދެއްވާ ކޮންމެ ވާހަކައަކުން، އެ އަޑުއަހާ ބައެއްގެ ހިތުގައި އަގުވަޒަންކުރުމުގެ އިހުސާސްތަކެއް ނުހިނގައި ނުދާނެ އެވެ.

އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ދިޔަ އިރު 1984 ގައި މެލޭޝިއާގެ އާކިޓެކްޓް ހާޖީދާރު އަބްދުލް މާޖިދު (ވ) އާއި އޭރުގެ ޓްރޭޑް މިނިސްޓަރު އިލްޔާސް އިބްރާހިމް އަދި ޕަބްލިކް ވޯކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު އަބްދުﷲ ކަމާލުއްދީން

އެ މާޒީގެ އެއް ސަފުހާއަށް ޖެހިލާ އިރު ފެންނަނީ ލިބެން ހުރި އެއްޗެއް ހިއްޕަވައިގެން، ތިބި ބަޔަކު ވިއްޔާ ގޮވައިގެން، ޝަކުވާއެއް ނެތި، ކަންކަން ނިންމަވަމުން، ފުރިހަމަކުރައްވަމުން ގެންދެވި، ގައުމީ ބޮޑު މަޝްރޫއުއެކެވެ. އޭނާއަކީ އޭރު ޕަބްލިކް ވޯކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރެވެ. ތަން ހިންގެވުމުގެ އެންމެ އިސް ވެރިޔާ އެވެ. ރައީސް އޮފީހުން އެންގީ އެ ބިން ސާފުކުރާށެވެ. އޭރު އެތަނުގެ ދެ ފަރާތު ދެ ކޮޅުގައި ދެ މިސްކިތް ހުއްޓެވެ. މާލޭ ޖަލު ހިންގި އިމާރާތް ހުއްޓެވެ. އެސްޓީއޯއިން ގެންނަ ކާޑު ރައްކާކުރާ ގުދަންތައް ވެސް ހުރީ އެ ސަރަހައްދުގަ އެވެ.

ސިމެންތި ޖެހުމުގެ ބައިތައް އޮތީ މެއިން ކޮންޓްރެކްޓުން އުނިކުރައްވާފައި. އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ ކަމަށް ބައްލަވާފައި އުނިކުރައްވާފައި އޮތީ

އަބްދުﷲ ކަމާލުއްދީން، އިސްލާމީ މަރުކަޒު ހެދިއިރު ޕަބްލިކް ވޯކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު

އިސްލާމީ މަރުކަޒު އިމާރާތް ހަދަން އެ ބޮޑު ބިން ހުސްކުރުމުގެ މަސައްކަތަކީ އޭރު ކަމާލުއްދީންގެ އިސްތަށިފުޅުގައި ވެސް އެޅުނު ވަރަށް ބޮޑު ޒިންމާއަކަށް ވި އެވެ.

"އެ ޒަމާނަށް ބަލާއިރު، އޭރު ޕަބްލިކް ވޯކްސްގައި ވެސް އޮންނާނީ އެންމެ އެކްސްކަވޭޓަރެއް، އެންމެ ލޯޑަރެއް، ދެތިން ލޮރީ އޮންނާނީ،" އެ ހުރިހާ ކަމަކަށް ލިބެން ހުރި މަދު ވަސީލަތްތަކުގެ ކުރުކުރު މައުލޫމާތުކޮޅެއް ހިއްސާކުރައްވަމުން، ކަމާލުއްދީން ވިދާޅުވި އެވެ.

އެއީ ޕަބްލިކް ވޯކްސް ނޫން އެހެން ތަނަކުން އޭގެ ސާމާނު ލިބެން ވެސް ހުރި ޒަމާނެއް ނޫނެވެ. އެހެންކަމުން 1982ގެ ފަހުކޮޅު ހަވާލުވެވަޑައިގެންނެވި މަސައްކަތް އޭނާ ސިފަކުރެއްވީ "އޭރަށް ބަލާއިރު ވަރަށް ބޮޑު މަސައްކަތެއް"ގެ ގޮތުގަ އެވެ.

އަވަސް އަދި އެހާމެ ފުރިހަމަ ބިނާއެއް

މަޖީދިއްޔާ ސްކޫލުން 1972 ގައި އޯ ލެވެލް ހެދި ބެޗުގައި ހިމެނިވަޑައިގަންނަވާ ކަމާލުއްދީނަކީ، އުމުރުން 20 އަހަރު ވުމުގެ ކުރިން ސަރުކާރުގެ ޚިދުމަތުގެ ތެރެއަށް ވެންނެވި ބޭފުޅެކެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހުޅުލޭ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފަދަ،  އޭގެ ފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލޭގެ ބިން ހިއްކުން ފަދަ، އޭރު ރާއްޖޭގައި ހިންގި އެންމެ ބޮޑެތި މަސައްކަތްތަކުގެ ކުރީގައި އޭނާ ހުންނެވި އެވެ.

އޭގެ ތެރެއިން ވެސް އިސްލާމީ މަރުކަޒު ހާއްސަ އެވެ. އެއީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅާ ނިންމި އޭރަށް ވެސް އަދި މިހާރަށް ބެލިކަމުގައި ވިޔަސް، ނަމޫނާ މަސައްކަތެކެވެ. ހިތްގައިމު ތަނެކެވެ. އިސްލާމް ދީނާ ގުޅިފައި އޮތް ބިނާއެއް ކަމުން، އެ މަސައްކަތުގައި އަމަލީ ގޮތުން އުޅުއްވުން ކަމާލުއްދީން ނަންގަވަނީ، ޝަރަފެއްގެ އިތުރުން ނަސީބެއްގެ ވެސް ގޮތުގަ އެވެ.

މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރި ނަމަވެސް، އެކަމުގައި 'އަތް ގާތްކޮށްލަދިނުމު'ގެ ޒިންމާއަކީ އޭރަށް ބަލާ ނަމަ ވަރަށް ވެސް ބޮޑު މަސްއޫލިއްޔަތެކެވެ. 'އަތް ގާތްކޮށްލަދިނުމު'ގެ ތެރެއަށް އިމާރާތުގެ ސިމެންތި ޖެހުމުގެ މަސައްކަތް ހިމެނުމުން އެކަން ވީ މުޅިން އާ ތަޖުރިބާއަކަށް ވެސް މެ އެވެ. 

އިސްލާމީ މަރުކަޒުގެ ފައުންޑޭޝަން އެޅިއިރު ކޮލީ ޢަލީ ޢުމަރު މަނިކު އާއި ކޮންސަލްޓެންޓް ހާޖީދާރާއި އަބްދުﷲ ކަމާލުއްދީން، މަސައްކަތުގެ އިސް ބައެއް މީހުންނާ އެކު

"ސިމެންތި ޖެހުމުގެ ބައިތައް އޮތީ މެއިން ކޮންޓްރެކްޓުން އުނިކުރައްވާފައި. އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ ކަމަށް ބައްލަވާފައި އުނިކުރައްވާފައި އޮތީ،" ކަމާލުއްދީން ވިދާޅުވި އެވެ.

އެކަމަކު "އެވަރުގެ އިމާރާތެއްގައި ޖަހަން ޖެހޭ ސިމެންތި، ފަށުއިކަމާ އެކީގައި އެހާ އޮމާންކޮށް ޖެހުމުގެ މަސައްކަތަށް އޭރު ރާއްޖެއަކުން މީހުންނެއް ނުލިބުނު." 

އޭރު ރާއްޖެއަށް އެފަދަ މަސައްކަތްތަކަށް އާންމުކޮށް ބޭރުން މީހުން ގެންނާކަށް ވެސް ނުފަށަ އެވެ. އެހެންކަމުން ދެން ކުރައްވަން ޖެހިވަޑައިގަތީ ވެސް އާ ކަމެކެވެ. ޕަބްލިކް ވޯކްސްއަށް މަގާމުތަކެއް އިތުރުކޮށް ސްރީ ލަންކާއިން މީހުން ގެނައުމެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްލާމީ މަރުކަޒުގައި ސިމެންތި ޖަހަން ސްރީ ލަންކާ އިން ގާތްގަނޑަކަށް 50 މީހުން ގެނަ އެވެ.

"އެވަރުގެ ބޮޑު ލޭބަ ފޯސްއެއް ގެނެސް އެމީހުން ބަލަހައްޓައި ކާންދީ ގެންގުޅުމާއި އަނެއްކާ އެމީހުންގެ މަސައްކަތް ސްޕަވައިޒްކުރުމާއި އެކަންތައް އެއީ ވަރަށް ބޮޑު ކަމެއް،" ކަމާލުއްދީން ވިދާޅުވި އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްލާމީ މަރުކަޒުގެ ލައިބްރަރީ ހުޅުއްވާ ދެއްވާއިރު، މަރުކަޒުގެ ޑިރެކްޓަރު ކަމާލުއްދީން ވާތް ފަރާތުގައި: ކަމާލުއްދީނަކީ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގައި ސަރުކާރުގެ އެންމެ އިސް އެއް ބައިވެރިޔާ

ސިމެންތި ޖެހުމުގެ މަސައްކަތް ބުރަވީ އިސްލާމީ މަރުކަޒަކީ އޭރު ރާއްޖޭގައި ހެދި އެންމެ އުސް އިމާރާތަށް ވެފައި މައްޗަށް މީހުން އަރުވައިގެން އެކަން ކުރަން އުޅެން ޖެހުނު ގޮތެވެ. މަސައްކަތް ނިންމަން އޮތް ޝެޑިއުލް ވެސް އެހާމެ ތާއްޓެވެ. އެ ބޮޑު އިމާރާތް ނިންމީ ގާތްގަނޑަކަށް 10 މަސް ދުވަހުންނެވެ. އިސްލާމީ މަރަކަޒު ހުޅުވަން ހަމަޖައްސާފައި އޮތީ 11 ނޮވެމްބަރު 1984 ގައި ކަމުން އެ ދުވަހަށް ވާ އިރަށް ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މަސައްކަތުން އަތް ދޫކޮށްލަން ޖެހެ އެވެ.

"އެމީހުން ލައްވާ އެކަން ކުރުވައި ނިންމަން ޖެހޭ ދުވަހަށް ނިންމުން އެއީ ވަރަށް ބޮޑު ކަމަކަށް ވެގެން ދިޔައީ،" ކަމާލުއްދީން ވިދާޅުވި އެވެ.

އެކަމަކު އެއްވެސް ކަމެއް ފަހަށް ބޭއްވުމަކީ އޭރުގެ ހިދުމަތްތެރިންގެ ސިފައެއް ނޫނެވެ. އަބަދުވެސް ގަޑިއަށް ކަންކަން ނިންމުމުގެ ރީތި އާދައިން ތަރުބިއްޔަތު ވެފައި ތިބި ކަމާލުއްދީން ފަދަ ބޭފުޅުންނަށް މީހުން ލައްވާ މަސައްކަތްކުރުވާނެ ގޮތް ވަރަށް ބޮޑަށް އޮންނަނީ ދަސްވެފަ އެވެ. އެހެންކަމުން މުޅި އިސްލާމީ މަރުކަޒުގައި ސިމެންތި ޖަހާ ނިންމީ ވެސް އާންމުންގެ ތައުރީފް ލިބޭ ފަދަ ރީތިކަމާ އެކު އަވަހަށެވެ.

އިސްލާމީ މަރުކަޒަށް މިހާރު ނަޒަރު ހުއްޓާލިޔަސް އެ ކުރި މަސައްކަތުގެ ފެންވަރު ވަޒަންކޮށްލެވޭނެ އެވެ. އެތަނުގެ ކިތައްމެ ކުޑަ ކަމެއް ވެސް ފުރިހަމަނުކޮށް ދޫކޮށްލާފައެއް ނުވެ އެވެ.

އިސްލާމީ މަރުކަޒުގެ ފުރަތަމަ ޑިރެކްޓަރު

މަޝްރޫއުގެ މެއިން އާކިޓެކްޓް އަދި ފަހުން ކަމާލުއްދީންގެ ވެސް ވަރަށް ގާތް ބޭފުޅަކަށް ވި މެލޭޝިއާގެ ހާޖީދާރު އަބްދުލް މާޖިދު ވިދާޅުވި ގޮތުގައި 10 މަސް ދުވަހަކީ އޭރު މެލޭޝިއާގައި އެފަދަ އިމާރާތްތައް ހެދުމުގެ ގާބިލްކަމަށް ބެލިކަމުގައި ވިޔަސް އަވަސް މުއްދަތެކެވެ.

މެލޭޝިއާގައި ނަމަ އިމާރާތްކުރަން ބޭނުންވާ ހުރިހާ އެއްޗެއް ލިބެން ހުރެ އެވެ. އެކަމަކު ރާއްޖެ ތަފާތެވެ. ހުރިހާ އެއްޗެއް ޖެހުނީ އެތެރެކުރާށެވެ. އެހެންކަމުން އެންމެ 10 މަސް ދުވަހުން އެ އިމާރާތް ނިންމާލުމަކީ ނަމޫނާއެކެވެ.

ކަމާލުއްދީން ވިދާޅުވި ގޮތުގައި އެކަމުގައި ކޮލި އަލިމަނިކުގެ ދައުރު ވަރަށް ބޮޑެވެ. ބޭރުން ގެންނަން ޖެހޭ ހުރިހާ އެއްޗެއް ހޯދުމާއި އެ އެއްޗެހި ރާއްޖެއަށް ގެނައުމުގެ ޒިންމާ އުފުއްލެވީ ސަރުކާރުގެ އެފަދަ ބޮޑެތި މަޝްރޫއުތަކެއްގެ ފަހަތުގައި އަބަދުވެސް ހުންނެވި އަލިމަނިކެވެ.

އިސްލާމީ މަރުކަޒު އިމާރާތްކުރި އިރު މަޝްރޫއުގެ ކޮންސަލްޓެންޓް އަދި އާކިޓެކްޓް ހާޖީދާރު ބިން ޢަބްދުލްމާޖިދު (އަބްދުﷲ ކަމާލުއްދީންގެ ވާތް ފަރާތުގައި)، ކޮންޓިޓީ ސާވެޔާ ނިކް ފަރީދު، ކަނާތް ފަރާތުގައި، މެލޭޝިއާގައި

"އަލިމަނިިކު މާލެ ވަޑައިގަންނަވާ ފަހަރު ކުއެންޓިޓީ ސާވޭޔަރާއި އަޅުގަނޑާއި ހާދީޖާރާ ތިން މިހުން ގެންދާނެ އަލިމަނިކު އޮފީހަށް. ބޭނުންވާ އެއްޗެހީގެ ލިސްޓް ނަންގަވާފައި އެ ހިއްޕަވައިގެން ވަޑައިގެން އެ އޮންނަ އުސޫލަކުން ހޯއްދަވައި މި ކޮޅަށް ފޮނުއްވައިދެއްވާނީ،" ކަމާލުއްދީން ވިދާޅުވި އެވެ.

މަސައްކަތް ފެށުމާ އެކު، އޭނާ ވިދާޅުވި ގޮތުގައި، ދުވަހުން ދުވަހަށް ދިޔައީ "އިމާރާތުގެ ސިފަ ޖެހެމުންނެ"ވެ. ކަމާލުއްދީންގެ ބަހުން ނަމަ މަޝްރޫއުގެ އެންމެން "އެ މަސައްކަތްކުރީ އެހާވެސް ރަނގަޅަށެ"ވެ.

"އެއް ދުވަހު ފެނުނީ [ތަން] ނިމިފައި ހުއްޓާ،" ތަން ހަދަމުން ދިޔަލެއް އަވަސްކަމުގެ މިސާލެއް ޖައްސަވަމުން އޭނާ ވިދާޅުވި އެވެ.

"ހުރިހާ ގަޑިއެއްގައި ވެސް ކުޅިބަލަން މީހުން ތިބޭނެ. އޭގެ ތެރޭގައި [އޭރު] ރާއްޖޭގެ މަޝްހުރު ކޮންޓްރެކްޓަރުން ވެސް ތިއްބަވާ ބައްލަވަން."

މަޖީދިއްޔާ ސްކޫލުން 1972 ގައި އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން ބައެއް ބޭފުޅުން: ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު، ޕަބްލިކް ވޯކްސް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން (ވާތް ފަރާތުން ތިންވަނަ) އަދި ޑިފެންސް މިނިސްޓަރު އިސްމާއިލް ޝަފީއު (ވ)

އިސްލާމީ މަރުކަޒު ހުޅުވުމާ އެކު ކަމާލުއްދީންގެ ޒިންމާ ނިމުނީއެއް ނޫނެވެ. ތަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ވެސް، ރައީސް މައުމޫން ހަވާލުކުރެއްވީ އޭނާއާ އެވެ. އެއީ އިސްލާމީ މަރުކަޒުގެ ފުރަތަމަ ޑިރެކްޓަރެވެ. އޭނާ ވަނީ 1984 އިން 1993އާ ހަމައަށް، ސަރުކާރުގެ ރަސްމީ ވަޒީފާގެ އިތުރުން، އެ މަގާމުގައި ދެމިހުންނަވައިފަ އެވެ.

"އަޅުގަނޑަކީ ދީނީ ބެކްގްރައުންޑްގެ މީހެއް ވެސް ނޫން. [އެކަމަކު] އެވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ކަމާލުއްދީން ވިދާޅުވި އެވެ.

"ކޮންމެ ހުކުރުދުވަހަކު ހުކުރު ނަމާދަށް މިސްކިތް ސާފުކުރުމާއި ރޯދަމަހުގެ ރޭތައް އިހުޔާކުރުމުގެ ޖަލްސާތައް ވެސް އޮންނާނެ. ރައީސް މައުމޫންގެ ދައުރުގައި [އިސްލާމީ މަރުކަޒުގައި] ވަރަށް ގިނަ [ހަރަކާތްތައް] އޮވޭ." 

މިއަދު ކަމާލުއްދީން ހުންނެވީ މަސައްކަތްތަކާ ދުރުގަ އެވެ. އެކަމަކު އޭނާގެ ގައުމީ ޚިދުމަތުގެ ސަފުހާތަކުގެ މުއްސަނދިކަން ބޮޑެވެ. ޒަމާނީ ސާމާނާއި ފަސޭހަތައް ނެތް ދުވަސްވަރެއްގައި އެ އުފުއްލެވި ބުރަ އާއި ރޭވުންތެރިކަމާއި ހިންގުންތެރިކަން ފާހަގަކުރެވެ އެވެ. ފާހަގަކުރަން ވެސް ޖެހެ އެވެ.

އެކަމަކު، ދީނަށް ބަހައްޓަވާ ލޯތްބެއްގެ ބޮޑުކަމާއި މަޝްރޫއުގެ މުހިންމުކަމުގެ ސަބަބުން، މިހާރު ވެސް ކަމާލުއްދީންގެ ހަނދާންތަކުގެ ކުރީގައި އޮތީ އިސްލާމީ މަރުކަޒެވެ.

"އެ ހަނދާންތަކުން ވަރަށް އާދަޔާ ހިލާފު އިހުސާސްތަކެއް ވަނީ،" އޭނާ ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒުގެ ފުރިހަމަކަމާ މެދު އަދިވެސް ތައުރީފް އޮހެ އެވެ. އެކަމަކު ބުރުނާއީ އާއި ސައުދީ އަރަބިއްޔާ އަދި މެލޭޝިއާ ފަދަ އިސްލާމީ ގައުމުތަކުގެ މާލީ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު އެތަން ހެދި އިރު މައުމޫން ބޭނުންފުޅުވި ބައެއް ކަންކަން ނުކޮށް ދޫކޮށްލަން ވެސް ޖެހުނެވެ. އެގޮތުން އަތްނުލެވި ދިޔަ އެއް ކަންތައް ކަމާލުއްދީން ކިޔައިދެއްވި އެވެ.

"އަސްލުގައި ރައީސް މައުމޫންގެ ވިސްނުމުގައި އޮތް އެއަށް ވުރެ ބޮޑަށް އެ މަސައްކަތް ކުރިއަށް ގެންދަން. ވަރަށް ގިނަ ތަނބުތައް ހުނނާނެތާ މިސްކިތް ތެރޭގައި. ބައެއް ތަނބުތަކުގައި ޤުރުއާނުގެ އާޔަތްތައް ލިއުއްވަން ބޭނުންފުޅުވި،" ކަމާލުއްދީން ވިދާޅުވި އެވެ.

"އެ ވާހަކަފުޅު ދެއްކެވި އޭރު. އެކަމަކު ފަހުން އެކަން މާ ބޮޑަށް ނުގޮސް އޮތީ."

އޭގެ ސަބަބަކީ، ކަމާލުއްދީން ގަބޫލުކުރައްވާ ގޮތުގައި، އެކަމަށް ބޭނުންވާ ފައިސާ އޭރު ނެތުމެވެ.

މަޖީދިއްޔާ ނިންމެވުމަށް ފަހު ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވައި، ގިނަ މަޝްރޫއުތަކެއްގެ އިސް މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކަމާލުއްދީން ދެއްކެވީ ޝަކުވާއެއް ނެތި ކަންކަން ފުރިހަމަކުރުމުގެ ނަމޫނާ އެވެ. އެ މާޒީގައި ހަގީގަތުގައި އޮތީ ވަރަށް އުފާވެރި މަންޒަރުތަކެވެ. ޚާއްސަކޮށް އިސްލާމީ މަރުކަޒެވެ. އެތަން ފެނިވަޑައިގަންނަވާ ކޮންމެ ފަހަރަކު ލިބިވަޑައިގަންނަވަނީ އެހާމެ ބޮޑު އުފަލެކެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް