Majlis 2024

ގަތަރުގެ ލޫސައިލް ސްޓޭޑިއަމްގައި އޮތް ވޯލްޑް ކަޕްގެ ފައނަލްގައި ޕެނެލްޓީ ޖަހައިގެން ފްރާންސް 4-2 އިން ބަލިކޮށް އާޖެންޓީނާގެ ޓީމު ތައްޓާ އެކު އުފާ ފާޅުކުރަނީ

އާޖެންޓީނާއަށް ތައްޓާ އެކު 42 މިލިއަން ޑޮލަރު

މިފަހަރުގެ ވޯލްޑް ކަޕްގެ ފައިސާގެ އިނާމުގެ ގޮތުގައި ފީފާ އިން ޖުމްލަ 440 މިލިއަން ޑޮލަރު ކަނޑައެޅި
20 ޑިސެމްބަރު 2022

ގަތަރު ވޯލްޑް ކަޕްގެ ޗެމްޕިއަން އާޖެންޓީނާއަށް އެއީ 36 އަހަރުގެ ތެރޭގައި ކާމިޔާބުކުރި ފުރަތަމަ ވޯލްޑް ކަޕަށް ވުން އެކަންޏެއް ނޫނެވެ. އެހާ ބޮޑު ފައިސާގެ އިނާމެއް ވެސް އެއާ އެކު ވަނީ ލިބިފަ އެވެ.

ވޯލްޑް ކަޕް ޗެމްޕިއަނުންގެ ގޮތުން ލިއޮނެލް މެސީގެ ޓީމަށް 42 މިލިއަން ޑޮލަރު (645 މިލިއަން ރުފިޔާ) ލިބުނެވެ. މިއީ މުޅި މުބާރާތަށް ފީފާއިން ހާއްސަކުރި 440 މިލިއަން ޑޮލަރު (6.7 ބިލިއަން ރުފިޔާ)ގެ ތެރެއިން އެއް ޓީމަކަށް އެންމެ ގިނައިން ލިބުނު ވަރެވެ. 

ފީފާއިން މިފަހަރު ކަނޑައެޅި ވަރަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ބޮޑު އަދަދެވެ.

އާޖެންޓީނާއަށް ލިބުނު 42 މިިލިއަން ޑޮލަރަކީ 2018 ގައި ތަށި ހޯދި ފްރާންސަށް ލިބުނު އެފަހަރު މިންވަރަށް ވުރެ 4 މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) ގިނަ އަދަދެކެވެ.

ފޯރިގަދަ އަދި މިހާތަނަށް ނުފެންވަރުގެ ވަރުގަދަ ވާދައެއްގެ ތެރެއިން ނިމުނު ފައިނަލް މެޗުގައި ޕެނެލްޓީ ޖަހައިގެން އާޖެންޓީނާ އަތުން ބަލިވި ފްރާންސަށް މިފަހަރު 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ލިބުނެވެ.

ތިން ވަނަ ހޮވާ މެޗަކީ ބޭކާރު މެޗެއް ކަމަށް ހީވިޔަސް، ތިން ވަނަ ޓީމަށް ލިބޭ ފައިސާގެ މިންވަރު ހަތަރު ވަނަ ޓީމަށް ވުރެ 2 މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) އިތުރެވެ.

ވޯލްޑް ކަޕްގެ ފައިސާ ބެހުނު ގޮތް

  • 42 މިލިއަން ޑޮލަރު: އާޖެންޓީނާ، ޗެމްޕިއަން

  • 30 މިލިއަން ޑޮލަރު: ފްރާންސް، ދެވަނަ ޓީމު

  • 27 މިލިއަން ޑޮލަރު: ކްރޮއޭޝިއާ، ތިން ވަނަ ޓީމު

  • 25 މިލިއަން ޑޮލަރު: މޮރޮކޯ، ހަތަރު ވަނަ ޓީމު

  • 17 މިލިއަން ޑޮލަރު: ކްއާޓާ ފައިނަލްގައި ބަލިވި ހަތަރު ޓީމުން ކޮންމެ ޓީމަކަށް

  • 13 މިލިއަން ޑޮލަރު: ގަދަ 16ގައި ބަލިވި އަށް ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް

  • 9 މިލިއަން ޑޮލަރު: ދެން ވާދަކުރި އަނެއް 16 ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް

މި ފައިސާގެ ތެރެއިން ކޮންމެ ޓީމެއްގެ ކުޅުންތެރިންނަށް ލިބޭ މިންވަރު ކަނޑައެޅުމުގެ އިހުތިޔާރު ދެނީ އެ ގައުމަކަށެވެ. ގިނަ ގައުމުތަކުން މުބާރާތުގެ ކުރިން އޮންނަނީ ފައިސާ ބަހާނެ ގޮތް ކަނޑައަޅައިފަ އެވެ.

އެންމެ ފަހު ވޯލްޑް ކަޕްގައި ފްރާންސަށް ލިބުނު 38 މިލިއަން ޑޮލަރުގެ ތެރެއިން ކުޅުންތެރިންނަށް ބެހީ %30 އެވެ. އެގޮތުން ކޮންމެ ކުޅުންތެރިޔަކަށް 350،000 ޑޮލަރު (5.3 މިލިއަން ރުފިޔާ) ލިބުނެވެ.

ވޯލްޑް ކަޕްގައި ފައިސާގެ އިނާމު އެންމެ ފުރަތަމަ ދޭން ފެށީ 1982 ގައި ސްޕެއިންގައި އޮތް މުބާޜާތުގަ އެވެ. އެފަހަރުގެ ޗެމްޕިއަން ޓީމު، އިޓަލީއަށް ލިބުނީ، މިދިއަ އާދިއްތަދުވަހު ނިމުނު މުބާރާތަށް ބަލާއިރު ވަރަށް ކުޑަ އެއްޗެކެވެ: އެންމެ 2.2 މިލިއަން ޑޮލަރު (މިހާރުގެ އަގުން ނަމަ 33 މިލިއަން ރުފިޔާ) އެވެ.

ފައިސާގެ އިނާމަށް އެންމެ ބޮޑު ތަފާތެއް އައީ 2006ގެ ވޯލްޑް ކަޕުން ފެށިގެންނެވެ.

އިޓަލީ ޓީމު 1982ގެ ވޯލްޑް ކަޕް ކާމިޔާބުކޮށް ތައްޓާ އެކު އުފާ ފާޅުކުރަނީ

ވޯލްޑް ކަޕްގެ ޗެމްޕިއަނުންގެ ފައިސާގެ އިނާމު 1982 އިން ފެށިގެން

  • 1982: އިޓަލީ - 2.2 މިލިއަން ޑޮލަރު 

  • 1986: އާޖެންޓީނާ - 2.8 މިލިއަން ޑޮލަރު

  • 1990: ވެސްޓް ޖަރުމަން - 3.5 މިލިއަން ޑޮލަރު

  • 1994: ބްރެޒިލް - 4 މިލިއަން ޑޮލަރު

  • 1998: ފްރާންސް - 6 މިލިއަން ޑޮލަރު

  • 2002: ބްރެޒިލް - 8 މިލިއަން ޑޮލަރު

  • 2006: އިޓަލީ - 20 މިލިއަން ޑޮލަރު

  • 2010: ސްޕެއިން - 30 މިލިއަން ޑޮލަރު

  • 2014: ޖަރުމަން - 35 މިލިއަން ޑޮލަރު

  • 2018: ފްރާންސް - 28 މިލިއަން ޑޮލަރު

  • 2022: އާޖެންޓީނާ - 42 މިލިއަން ޑޮލަރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް