އެފްއޭއެމްގެ ރައީސް ބައްސާމް ކޮންގްރެސްގެ ރިޔާސަތުގައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެފްއޭއެމް

ވިކްޓްރީ އާއި ނިއު އެނބުރި އަންނާތީ އުފާވޭ، ފޯރިގަދަވާނެ: ބައްސާމް

މި ދެ ކްލަބް އަނބުރާ ގެންނަން އެފްއޭއެމުން އަންނަނީ އެހީވަމުން

ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ ވަރުގަދަ ދެ ކްލަބް ކަމަށްވާ ވިކްޓްރީ އާއި ނިއު ރޭޑިއަންޓް އެނބުރި އެ ކުޅިވަރުގެ ތެރެއަށް އަންނާތީ އުފާވާ ކަމަށާއި މީގެ ސަބަބުން ސަޕޯޓަރުން ދަނޑަށް ވަންނަ މިންވަރު އިތުރުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ވިކްޓްރީ އާއި ނިއު އަކީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން ސަސްޕެންޑްކޮށްފައި އޮތް ދެ ކްލަބެވެ. އެކަމަކު މީގެ ތެރެއިން ވިކްޓްރީ ދަރަނި ދައްކާފައިވާތީ އިއްޔެ އޮތް އެފްއޭއެމް ކޮންގްރެސްގައި ވަނީ ސަސްޕެންޝަން އުވާލައިފަ އެވެ. ނިއު އިން ވެސް ދަރަނި ދައްކަން މަސައްކަތްކުރަމުން އަންނައިރު، އިއްޔެގެ ކޮންގްރެސްގައި ވަނީ އެ ކްލަބުން ދަރަނި ދެއްކުމާ އެކު ސަސްޕެންޝަން އުވާލުމުގެ ބާރު އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް ދީފަ އެވެ.

ވިކްޓްރީ އާއި ނިއު އިން ވެސް ކުރިން ތުހުމަތުކުރި ގޮތުގައި އެފްއޭއެމުން އެ ދެ ކްލަބް ސަސްޕެންޑްކުރީ ބައްސާމް އާއި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުންނެވެ.

އެކަމަކު ދެ ކްލަބާ ވެސް ފަހުން ހަވާލުވި މެނޭޖްމަންޓުން މަސައްކަތްކުރަނީ އެފްއޭއެމްއާ ގުޅިގެންނެވެ.

ކޮންގްރެސް އަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ ބޮޑެތި ކްލަބްތައް ފުޓްބޯޅައިގައި ބައިވެރިވާތަން ފެންނަން ބޭނުންވާ ކަމަށާއި އޭގެ ހެއްކަކީ ދަރަނި ނުދައްކަނީސް ނިއު އަށް އިއްޔެ ލުއިތަކެއް ދިނުން ކަމަށެވެ.

ބައްސާމް ވިދާޅުވީ ނިއު އިން އަންނަނީ މައްސަލަތައް ހައްލުކުރަން އެފްއޭއެމްއާ މަޝްވަރާކުރަމުން ކަމަށާއި ނިއުގެ ޕްލޭން ވެސް އެ އެސޯސިއޭޝަނާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ ކްލަބުން އަންނަނީ މުސާރަ ނުދީ ހުރި ބޭރުގެ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންނާ މަޝްވަރާކުރަމުން ކަމަށާއި އެކަމުގައި އެފްއޭއެމް ވެސް ބައިވެރިކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ އާއްމު އުސޫލުން ނަމަ އިއްޔެގެ ކޮންގްރެސްއާ ހަމަޔަށް ނިއު އިން ދަރަނި ދައްކާފައިނުވާތީ ސަސްޕެންޝަން އަންނަ އަހަރުގެ ކޮންގްރެސްއާ ހަމަޔަށް ދެމި އޮންނާނެ ކަމަށެވެ. އެކަމަކު ނިއު އިން ދަރަނި ދެއްކުމުގެ މަސައްކަތްކުރަމުން އަންނާތީވެ، ސަސްޕެންޝަން ވީ އެންމެ އަވަހަކަށް އުވާލުމުގެ ފުރުސަތު ހޯދައިދޭން އެ ބާރު އެގްޒެކެޓިވް ކޮމިޓީ އަށް ދޭން ފާސްކުރުމަކީ އެ ބޭފުޅުން އިސްކުރި ވިސްނުމެއް ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ނިއު އެނބުރި އަންނަން ކުރާ މަސައްކަތް ވަރަށް އުޖާލާކޮށް ފެންނަނީ،" ބައްސާމް ވިދާޅުވި އެވެ.

ވިކްޓްރީ އާއި ނިއު އަލުން ހަރަކާތްތެރިވާން ކުރާ މަސައްކަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

ވިކްޓްރީ އާއި ނިއު 2016 ވަނަ އަހަރު ވާދަކުރި މެޗެއްގެ ތެރެއިން.،

ވިކްޓްރީގެ ރައީސަކަށް އިންތިހާބުކޮށްފައިވަނީ އެމަނިކުފާނުގެ ރަސްމީ ގެކޮޅު މުލިއާގޭގެ ޗީފް އޮފް ސްޓާފް ހުސެއިން އާދަމް އެވެ. އެ ކްލަބުގެ ބޯޑު މެމްބަރުންގެ ތެރޭގައި އެމަނިކުފާނުގެ ކޮއްކޮއެއް ކަމަށްވާ ހުޅުމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަލީ ނިޔާޒް ހިމެނެ އެވެ.

ރައީސް ސޯލިހަކީ ކުރިން ވިކްޓްރީގެ ކްރިކެޓް ޓީމަށް ކުޅުއްވި އަދި އެ ކްލަބުގެ ބޯޑުގައި ވެސް މަސައްކަތްކުރެއްވި ބޭފުޅެކެވެ.

ރައީސް ވަނީ ނިއު އަލުން ހަރަކާތްތެރިކުރަން ކުރާ މަސައްކަތް އެމަނިކުފާނުގެ ފަރާތުން ވިލަރެސްކުރެއްވުމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އައްޔަންކުރައްވައިފަ އެވެ.

ބައްސާމް ވިދާޅުވީ އެކަމުގައި އެފްއޭއެމުން ސަރުކާރާ އެކު މަޝްވަރާކުރި ކަމަށާއި ސަރުކާރު އޮތީ ކްލަބްތަކަށް ދިމާވާ މިފަދަ ދަތިތަކުން އަރައިގަތުމަށް އެހީވުމުގެ ވިސްނުމުގައި ކަމަށެވެ.

"އޭގެ މާނައަކީ ފައިސާތަކެއް ދޭ ވާހަކައެއް ނޫން. އެކަމަކު މަގުތަކެއް ކޮށައިދޭން ތައްޔާރަށް ތިބިތަން ފެނުނީ،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްލަބްތަކުގެ މެދުގައި ފޯރި އޮތަސް ދަނޑަށް ސަޕޯޓަރުން ވައްދަން އުނދަގޫ ކަމަށާއި ނިއު އާއި ވިކްޓްރީ ފަދަ ވަކި ސަރަހައްދުތަކަށް ނިސްބަތްވާ، ދުވަސްވީ އަދި ސަޕޯޓަރުން ގިނަ ކްލަބްތައް އެނބުރި އައުމުން ސަޕޯޓަރުން ދަނޑަށް ވަންނަ އަދަދު މަޑުމަޑުން އިތުރުކުރެވޭނެ ކަމަށެވެ.

"އޭރުން ދެން ހުރި ކްލަބްތަކަށް ވެސް ފޯސްކުރެވޭ ސަޕޯޓަރުން ވައްދަން މަސައްކަތްކުރަން. ދުވަސްވީ ކްލަބްތައް އައިސްފިއްޔާ ފޯރި ގެނެވޭނެ މަޑުމަޑުން،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްއޭއެމްގެ ވިސްނުމަކީ މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކުރުން ކަމަށާއި އެގޮތުން އަލަށް ފަށާ ހުރިހާ އަތޮޅެއް ބައިވެރިވާ ޕްރިމިއާ ލީގާ އެކު ފޯރި އިތުރަށް ގަދަވާނެ ކަމަށެވެ.

"އޭގެ ހެއްކެއް އަލިފުށީގައި އޮތް ޕްރެޒިޑެންޓްސް ކަޕް ފައިނަލަކީ،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުޓްބޯޅަ އިތުރަށް ވަރުގަދަ ކުރެވޭނީ ކްލަބްތަކުން ޕްލޭން ހަދައި، މެނޭޖްމަންޓް ވަރުގަދަކޮށް ގިނަ ބަޔަކު ބައިވެރިކޮށްގެން ކްލަބްތައް ހިންގައިގެން ކަމަށާއި އެ ފުރުސަތު ދޭން އެފްއޭއެމްގެ އެހީގައި ކްލަބްތައް މި އަހަރު ބިޒްނަސް މޮޑެލަކަށް ހިންގަން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް