ވާހަކަ

ވާހަކަ: ކަތި ފިޔަވަޅު

ކަތި ފިޔަވަޅުތަކެއްގެ މަތީގައި ފެށި ދިރިއުޅުމުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް ސާނިޔާއަށް އުންމީދު ކުރެވުމީ ސާނިޔާއަށް ނުވިސްނޭ ކަމެވެ. ނުރަނގަޅު އާދަތަކެއް އަށަގެންނުވި ދަރިން ބޮޑެތި ވެގެން ހަރުދަނާ ބަޔަކަށް ވުމަކީ ވެސް ދުރު ކަމެކެވެ.

އެޕިސޯޑް 15

"ތި ކޯއްޗެއް؟" ރޮވިފައި ހުރި ސާނިޔާ އެހިއެވެ. ވީ ގޮތެއް ނޭނގުނު ކަމުގައި ވިޔަސް ސިފައިން އައުމުން ކަމަކީ ކުޑަ ކަމެއް ނޫންކަން ވިސްނުނެވެ.

"މިއީ މަސްތުވާތަކެތި. ޝާމްއަކީ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ މީހެއްކަން ވަނީ ސާބިތުވެފައި،" ތަނުގައި ތިބި ދެ ސިފައިން ކުރެ އެކަކު ބުންޏެވެ. ސާނިޔާއަށް ހީވީ ހިނދުކޮޅަކަށް ދުނިޔެ ހުއްޓުނު ހެންނެވެ. ބުނާނެ އެއްޗެއް ނޭނގިގެން ފަހަތަށް ޖެހެމުން ގޮސް އަރި އަޅާލިއެވެ. ތޯރިގުގެ ހުށިޔާރު ކަމުން ސާނިޔާ ނުވެއްޓި ސަލާމަތްވިއެވެ.

"އަޅުގަނޑުމެންނާ އެކު ޝާމް ޖެހޭނީ ގެންދަން،" މިހެން ބުނެފައި ދެ ސިފައިން ތިރިއަށް އައެވެ. އަދި ޝާމް ގޮވައިގެން ނުކުތުމަށް ހިނގައިގަތެވެ. ތޯރިގު އާއި ސާނިޔާގެ އާދޭހަށް ބީރު ކަންފަތެއް ދެމުންނެވެ. ސާނިޔާގެ ރުއިން އިތުރުވިއެވެ.

ޝާމް ގޮވައިގެން ސިފައިން ދިޔަ މަންޒަރު ތަންގަނޑުގެ ގިނަ ބަޔަކަށް ފެނުނެވެ. އެ ވަގުތަކީ ހައުލާ ގެއަށް ވަން ވަގުތެވެ.

"މަންމަ ބުނީ ރުފިޔާއެއް ދޭށޯ،" ވެގެން އުޅޭ އެއްވެސް ކަމަކަށް ސަމާލުކަން ނުދީ ހައުލާ ބުންޏެވެ.

"ރުފިޔާއޭ. ތިއީ ހާދަ އަމިއްލަ އެދުން ބޮޑު ދެމައިންނޭ ދޯ؟ އަހަރެމެން މިއުޅެނީ ކޮން ފަދަ މުސީބާތެއް ޖެހިގެންތޯ ވެސް އަހާވެސް ނުލާ ބަލާ ވެސް ނުލައި ރުފިޔާއަށް ކިޔަން ތިޔަ އައީ." ތޯރިގު ރުޅި ގަދަވިއެވެ.

"ތިއީ އަހަރެން ބަލަން ބޭނުން ކަމެއް ނޫން. މަންމަ ބުނެގެން އަހަރެން މި އައީ. އަހަރެން ވެސް މާ ކުރާ ހިތްވާ ކަމެއް ނޫން މިއީ މީހުން ގާތު ސަލާން ޖެހުން. އެކަމަކު އަހަރެންގެ ހައްގެއް ހޯދަން މި އައީ. ދެންޏާ ދޭނަމޭ ނުދެންޏާ ނުދޭނަމޭ ބުނޭ." ހައުލާގެ ވާހަކަ ދެއްކުމުގައި އެއްވެސް އިހުތިރާމެއް ނެތެވެ. ފޫހި ވެފައި ހުރެ މިހެން ބުނީ ތޯރިގުއަށް ފުރަގަސް ދެމުންނެވެ.

ރޮވެމުން ގިސްލަމުން ދިޔަ ސާނިޔާއަށް ކެތްކުރަން އުނދަގޫވިއެވެ. ހައުލާގެ ގާތަށް ގޮސް އަތުގައި ހިފާފައި ގެއިން ބޭރަށް ނެރުނެވެ. އެ ވަގުތު މަގުގެ އެއް ފަރާތުގައި ފަރީސާ ހުއްޓެވެ. ހައުލާ ނެރުމުން ފަރީސާ ގާތަށް ރުޅި އައެވެ. އަދި ހައުލާގެ އަތުގައި ހިފައިގެން އައިސް ގެއަށް ވަނެވެ.

"ބުނަން ވާހަކައެއް. ކަލޭގެ ހަތަރު ދަރިންނަށް މި ގޭގައި އުޅެވެންޏާ މަގޭ ދަރީގެ ހައްގު ވެސް އޮންނަން ވާނެ. އެއީ ވެސް ތޯރިގުގެ ދަރިއެއް. އަދިވެސް އެއް ދަރި އެބަ ހުރި. އެންމެ ދޮށީ ފިރިހެން ދަރި." ފަރީސާ އެންމެ ފަހުން އެ ބުނި ޖުމްލައިން ސާނިޔާގެ ދެ ލޯ ބޮޑު ވެގެން ދިޔައެވެ. ތޯރިގު އައިސް ފަރީސާ ގާތަށް ހުއްޓުނެވެ.

"ހެޔޮނުވާނެ. ފަރީސާ އަހަރެމެން އުޅުނަ ދީބަލަ. ކިހިނެއް ވެގެންތަ ތި އުޅެނީ؟" ތޯރިގުގެ މޫނުމަތިން ފެންނަމުން ދިޔައީ ޖެހިލުންވުމެވެ. ތޯރިގުގެ ކޮނޑުގައި ހިފާފައި ސާނިޔާ ތޯރިގު ދުރަށް ކޮއްޕާލިއެވެ.

"ކީކޭ އޭނަ އެ ކިޔަނީ؟ މިއަދު އަހަރެން އަޑު އަހަން ބޭނުން ވަނީ ތޯރިގުގެ އަނގައިން. ﷲއަށް ބިރުވެތި ވަންޏާ އެއްވެސް ދޮގެއް ނުހަދާ ތެދަށް ބުނެބަލަ. އޭނަ އެ ކިޔަނީ ހަގީގަތެއްތަ؟ ކޮބާ އެ ބުނާ ދޮށީ ދަރިއަކީ؟" ތޯރިގަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ.

"އޭނަ ކީކޭތަ ބުނާނީ؟ އަހަރެން ގާތު އަހާބަލަ. އޭނަގެ ހުރޭ އެހެން ބަނޑަކަށް އަދިވެސް ދަރިއެއް. ކަލޭގެ ހަތަރު ދަރިންނާ އެކު މުޅި އެކު ހަ ކުދިން. އަދި ބުނަން. އަހަރެންގެ ކުރިން ވެސް އަހަރެންނަށް އެނގިގެން ފަސް މީހުންނާ އިނދެ ވަރިކުރި. އަހަރެންގެ ފަހުން ނޭނގެ. މިހާރު ވެސް ނޭނގެ އިތުރު މީހަކާ އިނދެގެން ނޫން ކަމެއް އެ އުޅެނީ." ފޫހިވެފައި ހުރި ފަރީސާގެ ވާހަކައެއް ނުހުއްޓުނެވެ.

"އެއް ފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ވެސް ފުންމާލާނެ. އަހަރެން އަޖައިބު ވީ ކަލެއާ އެކު މިހާ ގިނަ ދުވަހު ވަރި ނުވެ އުޅެވުނީމަ. އޭނައަށް ކަލޭ ކިބައިން ކޮންމެވެސް ފަސޭހައެއް ވާތީ މިހާ ދުވަހު އެ އުޅެވުނީ. އެހެންޏާ އޭނައަށް ކޮންމެ މީހަކާ އެކު ވެސް  އުޅެވެނީ ގިނަ ވެގެން އެއް އަހަރު. ބުނެބަލަ މަ މި ހަދަނީ ދޮގޭ. ނުކެރޭނެ އޭނައަށް ބުނާކަށް،" އެއް ފަހަރު ސާނިޔާއަށް ބަލާލާފައި އަނެއް ފަހަރު ތޯރިގަށް ބަލާލަމުން ބުންޏެވެ. ސާނިޔާ އިނީ ހުއްޓިފައެވެ. ދަރިފުޅު ހައްޔަރު ކުރުމަށް ވުރެ ލިބުނު ހިތާމަ މާ ބޮޑުވިއެވެ. ބޮލަށް ބަރުވެ ހަށިގަނޑު ފިތޭ ކަމުގެ އިހުސާސް ވާން ފެށިއެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް ތޯރިގު ގާތަށް ދިޔައެވެ. އަދި ވަރި ކުރުމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ނަމަވެސް ތޯރިގުގެ އަނގައިން އެންމެ ބަހެއް ވެސް ބޭރެއް ނުވިއެވެ.

އަޒްނާ އައިސް ސާނިޔާ ގާތަށް ހުއްޓުނެވެ.

"މަންމާ. އަހަރެން މި ވަގުތު ބޭނުމެއް ނޫން މަންމަ ދެރަކޮށް ރޮއްވާކަށް. ބަދަލުގައި ހިތްވަރު ދޭން ބޭނުން. އެކަމަކު މަންމަ ހަނދާން ކޮށްބަލަ. އަހަރެމެން އެންމެ ކުޑަ އިރުއްސުރެ ފެށިގެން ނަސޭހަތް ދެމުން އައީ ކޮން ކަހަލަ ގޮތަކަށް؟ އަހަރެމެންނަށް ދަސްކޮށްދިނީ އަމިއްލަ އެދުން އިސް ކުރަން. މީހުންނަށް ދޮގު ހަދައި އޮޅުވާލަން. ކޮއްކޮމެން ވެސް މަންމަ ކުރިމަތީ ވާހަކަ އެ ދައްކަނީ އެއްވެސް އިހުތިރާމެއް ނެތި. ޝާމް ވެސް ކޮން ފަދަ މަގަކުން އެ ދިޔައީ؟ މަންމަ އާއި ބައްޕަގެ އަޅާލުން ކުޑަ ވެގެން، ދޭން ޖެހޭ ސަމާލުކަން ކުޑަވެގެން. މަންމަ ހަނދާކޮށްފައި ބުނެބަލަ. އެންމެ ފަހަރަކު ވެސް ނަމާދެއް ކުރިންތޯ ގުރުއާނުގެ މިންވަރެއް ކިޔަވާލިންތޯ ނާހާ. ސުކޫލުގައި މަތީ މާކްސް ހޯދަން ހިތްވަރެއް ނުދޭ." އަޒްނާ ބޭނުންވީ އެތަނުން ނުކުމެގެން ދާށެވެ. ނަމަވެސް ވަންނާނެ އިތުރު ތަނެއް ނެތުމުން އެ ހިޔާލު ދޫކޮށްލިއެވެ. އެ ވަގުތު ފަރީސާގެ ދެމައިން ގެއިން ނުކުމެގެން ދިޔައެވެ.

"މަންމާ. މަންމަ ވެސް ބައްޕަ ވެސް ބޭނުން ވަނީ މީހުންގެ ނާޖާއިޒު ފައިދާ ނަގަން. ތަފާތަކީ ބައްޕަ އެކަން ކުރަމުން އަންނަތާ ކިތަންމެ ދުވަހެއް ވެއްޖެކަން. ތަފާތަކީ ބައްޕަ އެކަން ކުރާކަން މަންމައަށް ނޭނގި ސިއްރު ވެފައި އޮތް ކަން. މަންމަ އާއި ބައްޕައާ ދިމާލަށް އެއްޗެހި ކިޔާކަށް ބޭނުމެއް ނޫން. އެކަމަކު އަހަރެމެންނަށް މަންމަ ނަގައިދިން ފިލާވަޅަކީ އެއީ. މީހުންގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެ މީހުންނަށް އޮޅުވާލުން. މަންމަ އެންމެ ފަހަރަކު ވެސް ވިސްނާނުލައި އެ ކަމުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުން ބައްޓަން ވެދާނެ ގޮތަކާ މެދު. އަހަރެން އެންމެ ކުޑަ އިރުން ފެށިގެން ވެސް ބައްޕަގެ ޒިންމާ އަދާ ކުރާ ތަނެއް ނުދެކެން. މިއަދު މިހާލަތަށް އަންނަން މި ޖެހުނީ ބައްޕަގެ ޒިންމާދާރުކަން ކުޑަކަމުން. އަހަރެންނަށް މި އެއްޗެހި ވިސްނެން ފެށީ އަދުހަމްއާ ދިމާވި ފަހުން. ދިރިއުޅުމަކީ ކިހާ ރީތި، ކިހާ މުހިންމު އެއްޗެއްކަން ވިސްނައިދިނީ އޭނަ. ދީނީ ކަންކަމަށް އިސްކަން ދިނުމާއި ހަޔާތެއް ފެށުމުގައި ދެ މީހުންގެ އެއްބާރުލުމާއި އެކަކު އަނެކަކަށް ކުރާ އިތުބާރާއި ވާ ލޯތްބަކީ ކޮބާކަން ބުނެދިނީ ވެސް އޭނަ. ކައިވެނި ކުރުމަށް ފަހު ދެމަފިރިންގެ ވާޖިބުތަކާއި ޒިންމާތަކަކީ ވެސް ކިހާ މުހިންމު ކަންތަކެއްކަން ވިސްނާ ދިނީ ވެސް އަދުހަމް. އެކަމަކު މަންމައަށް އޭނަ ކަމުނުދިޔައީ ރާއްޖެތެރޭ މީހަކަށް ވުމުން. މާލޭގައި ގެދޮރު ނެތިފައި މުއްސަންޖަކަށް ނުވުމުން. މަންމާ ދެރަ ނުވާތި. އެކަމަކު މަންމަ ދުވީ މުއްސަނދިކަމުގެ ފަހަތުން. މަންމައަށް އެކަމުން ލިބުނީ ކޮން ކަމެއް؟ އަހަރެން ދެކޭ ގޮތުގައި މުއްސަނދިކަމަކީ ރިވެތި ސިފަތަކުން މީހާ ޒީނަތްތެރިވުން. ހުލްގު ހެޔޮ، އަހުލާގު ރަނގަޅުވުން." އަޒްނާ ފުން ނޭވައެއް ލިއެވެ.

ސާނިޔާގެ ރުއިން އިތުރުވިއެވެ. މި ފަހަރު ރޮވުނީ ހިތުގައި ޖެހިގެންނެވެ. ހަޔާތުގައި އެޅުނު އެންމެ ކަތި ފިޔަވަޅަކުން މުޅި އުމުރަށް ރޯން ޖެހުނެވެ. ދަރިންނަށް ނަގައި ދެވުނު ފިލާވަޅުން ހިތާމަ ކުރަން ޖެހުނެވެ. މުއްސަނދި، ފައިސާވެރި ދިރިއުޅުމެއް ހޯދަން ނުކުތް މީހާއަށް ލިބުނީ ކެއްސާއި މަކަރުވެރިކަމެވެ. ފިރިއެއްގެ ފަރާތުން ލިބުނީ އޮޅުވާލުމާއި ބޭވަފާތެރިކަމެވެ.

ދުވަސްތައް މާޒީވެ ދިޔައެވެ. ދަރިންތައް މީހުންނާ އިނދެ ސާނިޔާ އާއި ތޯރިގު މާމަ އާއި ކާފަވިއެވެ. ސާނިޔާ ތޯރިގަކަށް މައާފެއް ނުކުރެއެވެ. ނަމަވެސް ދެ މީހުން ވަތްކެއް ނުވެއެވެ. ދިރިއުޅެމުން ދަނީ އެއް ފުރާޅެއްގެ ދަށުގައެވެ. ބަސް މަދެވެ. ދައްކާނެ މާ ގިނަ ވާހަކައެއް ނޯންނާތީއެވެ. ތޯރިގުގެ ކަންނެތްކަމަށް އަދިވެސް ބަދަލެއް ނާދެއެވެ. ސާނިޔާ ޝަކުވާއެއް ނުކުރެއެވެ. ދިރިއުޅުން ކުރިއަށް ދަނީ ހިތްހަމަޖެހުމެއް ނުލިބިއެވެ. ކަންމަތީ ފިހާރައަށް ދާން ވިޔަސް ތޯރިގު ގާތުގައި ރުފިޔާ ދޭން ބުނަން ޖެހެއެވެ. ދަރިން މީހުންނާ އިނދެގެން އުޅުނު ކަމުގައި ވިޔަސް ދަރިންގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބެއެވެ. ކޮންމެ ކުއްޖަކު ވެސް ބަލަނީ އެ ކުއްޖެއްގެ ދިރިއުޅުމާއިގެން އުޅެވޭތޯއެވެ. ސާނިޔާ އާއި ތޯރިގުއަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ.

- ނިމުނީ -

އެހެން ބައެއް ވާހަކަ

ކޮމެންޓް

Placeholder

ވާހަކަ

ވާހަކަ