އިޒްރޭލުން ފަލަސްތީނަށް ދިން ވައިގެ ހަމަލާއެއްގައި ރޯވެފައިވާ އަލިފާންގަނޑު. (ފޮޓޯ/ ރޮއިޓާސް)

ފަލަސްތީން

އިޒުރޭލުން އަނެއްކާ ވެސް ގާޒާ ސުންނާފަތިކުރަން ފަށައިފި

އަލްއަގްސޯ މިސްކިތުގެ މައްސަލާގައި ދެ ފަރާތުން ތަޅާފޮޅާތާ މަސްތަކެއް ވަނީ ވެފައި

އިޒްރޭލުގެ މަތިންދާބޯޓުތަކުން ވައިގެ ހަމަލާތައް ދީ ފަލަސްތީނުގެ ގާޒާ ސުންނާފަތިކުރުމުގެ މަސައްކަތް އިޒުރޭލުން ފަށައިފި އެވެ. 

އިޒްރޭލުން ބުނަނީ އެ ހަމަލާތަކުގެ ފަހަތުގައި އޮތީ، ހަމާސް ޖަމާއަތުގެ ހަތިޔާރު އުފައްދާ ކާރުހާނާތައް ނެތިކޮށްލުން ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކު މަރުވެ އަދި ޒަހަމްވި ކަމެއް ފަލަސްތީނަކުން ނުބުނެ އެވެ.

ހަމާސްގެ އަސްކަރީ ގޮފި، އިއްޒުއްދީން ގަސަމް ބްރިގޭޑުގެ ފަރާތުން އަލްޖަޒީރާއާ ވާހަކަދެއްކެވި އޮފިޝަލަކު ވިިދާޅުވީ އިޒްރޭލުގެ ބޯޓުތަކަށް ބިމުން ހަމަލާދެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ހަމާސްގެ ދިފާއީ ނިޒާމުން ޒަޔަނިސްޓުންގެ ބޯޓުތަކަށް ހަމަލާދޭނެ ކަމަށެވެ. 

މި މައްސަލަ ފެށުނީ ހަމާސް ޖަމާއަތުން އިއްޔެ އިޒްރޭލުގެ ދެކުނަށް ފޮނުވާލި ރޮކެޓް ހަމަލާއަކާ ގުޅިގެންނެވެ. އިޒްރޭލުން ވަނީ އެ ރޮކެޓް މައިތިރިކޮށްފަ އެވެ. އެ ހަމަލާ ދިނީ ގުދުސުގެ އަލްއަގްސޯ މިސްކިތުގެ މައްސަލާގައި ދެ ފަރާތުން ތަޅާފޮޅާތާ މަސްތަކެއް ވުމަށް ފަހު އެވެ.

އެ ރޮކެޓް ހަމަލާގައި އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއްވި ކަމެއް ނޭނގެ އެވެ. އަދި ރޮކެޓް ފޮނުވާލިކަމުގެ ޒިންމާ ފަލަސްތީނުގެ އެއްވެސް ފަރާތަކުން އުފުލާފައެއް ވެސް ނުވެ އެވެ. އިޒުރޭލުން ބުނަނީ އެ މީހުންގެ ދިފާއީ ނިޒާމުގެ އެހީގައި އެ ރޮކެޓް ހުއްޓުވާފައިވާ ކަމަށެވެ.

ހަމާސް ޖަމާއަތުން ބުނަނީ ވޭތުވެދިޔަ ދުވަސްތަކުގައި އަލްއަގްސޯ މިސްކިތުގެ ބިމުން ރަތް ރޮނގު ހުރަސްކޮށް އިޒްރޭލުގެ ސިފައިން އެތައް ފަހަރަކު އެ މިސްކިތަށް ވަދެގަނެ، އެތައް ބަޔަކު ޒަހަމުކޮށްލައި އަދި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފަލަސްތީން މީހުން ތުހުމަތުކުރަނީ މި ރޯދަ މަހު މުސްލިމުން އަގްސޯ މިސްކިތުގައި ނަމާދާއި އަޅުކަމުގައި ތިއްބައި އެ މީހުންގެ އަޅުކަމަށް އިޒްރޭލުން ހުރަސްއަޅާ ކަމަށެވެ. އިޒުރޭލުން ބުނަނީ ފަލަސްތީން މީހުން އަޅުކަމުގައި ތިއްބައި ހަޅުތާލުކުރާ މީހުން ސިޔާސީ ބޭނުމުގައި އެ މީހުންނަށް ހުރަސްއަޅާ ކަމަށެވެ. އަދި ޔަހޫދީންގެ އަޅުކަމަށް ހުރަސްއަޅާ ކަމަށެވެ.

އިޒުރޭލު ސިފައިން ބުނަނީ ކޮންމެ ދީނެއްގެ މީހަކަށް ވެސް އެ މީހެއްގެ ދީނީ އަޅުކަން އަދާކުރުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަކީ އިޒުރޭލު ސިފައިން ކުރާނެ ކަމެއް ކަމަށެވެ.

ރޮކެޓް ހަމަލާގެ ކުރިން އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލް ބެނެޓް ވިދާޅުވެފައި ވަނީ ހަމާސް ޖަމާއަތުން އިޒުރޭލާ ދެކޮޅު ކެމްޕޭނެއް ފަށަން އުޅޭކަން އެނގިފައިވާ ކަމަށެވެ.

މިސްރާއި އުރުދުނުން ވަނީ އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށްފަ އެވެ. އެ ދެ ގައުމުން ވަނީ މީގެ އެތައް އަހަރެއް ކުރިން އިޒްރޭލާ އެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. 

އުރުދުނުން ވަނީ އެ ގައުމުގައި ހުންނަ އިޒްރޭލުގެ ހާރިޖީ އެންމެ އިސް އޮފިޝަލް އިއްޔެ ހާޒިރުކޮށް އެ ހަމަލާ ކުށްވެރިކުރާ ކަމުގެ މެސެޖު ދީފަ އެވެ.

އުރުދުންގެ ރަސްގެފާނު އަބްދުﷲ ހުސައިން ވިދާޅުވީ މުސްލިމުން އަލްއަގްސޯ މިސްކިތުގައި އަޅުކަމުގައި ތިއްބައި އެ މީހުންނަށް ހުރަސްއެޅޭ ގޮތަށް އަމަލުތައް ބެހެއްޓުމުން ސަރަހައްދީ އެއްބައިވަންތަކަމަށް ހުރަސްއެޅޭ ކަމަށެވެ. 

އިޒުރޭލު ސިފައިން ހުކުރު ދުވަހު މިސްކިތުގެ ގޯތިތެރޭގައި ހިންގި ހަރަކާތްތަކުގެ ސަބަބުން މަދުވެގެން ފަލަސްތީންގެ 152 މީހަކަށް ވަނީ އަނިޔާވެފަ އެވެ. އަދި ފަހުން އުފެދުނު ހަމަނުޖެހުމާ އެކު ދެ ފަރާތުގެ ތަޅާފޮޅުން އިތުރަށް ގޯސްވެ، މަސްލަހަތު ގެއްލިދާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް